ރާއްޖޭގެ ސަރަޙައްދުން އަތުލައިގަތް ބޯޓުގައި 59 މިލިއަން ރުފިޔާގެ މަސްތުވާތަކެތި

އެމްއެންޑީއެފާއި ޕޮލިސް ގުޅިގެން ކަނޑުމަތީގައި ހިންގި ޚާއްސަ އޮޕަރޭޝަނުގައި އަތުލައިގަތް ބޭރު ބޯޓުން ފެނިފައިވާ މަސްތުވާތަކެތީގެ މަގުމަތީ އަގު 59.2 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވެއްޖެއެވެ.

ކޮމިނަރއޮފް ޕޮލިސް މުޙައްމަދު ޙަމީދު މިކަން ހާމަކުރެއްވި މިއަދު ކުރެއްވި ޓުވީޓެއްގައެވެ. ކޮމިޝަނަރ ވިދާޅުވެފައިވަނީ އެބޯޓުން 150 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އެހެންނަމަވެސް ފެނިފައިވަނީ ކޮންވައްތަރު ތަކެއް ނުވަތަ ކޮންވައްތަރެއް ކަމަށް ހާމަކޮށްފައެއް ނުވެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ޙަމީދު ވިދާޅުވެފައިވަނީ ފުލުހުންނާއި ސިފައިން ގުޅިގެން ކަނޑުމަތީގައި ހިންގި މި އޮޕަރޭޝަނަކީ ކާމިޔާބު އޮޕަރޭޝަނެއް ކަމަށެވެ. އެ އޮޕަރޭޝަނުގައި ބައިވެރިވި ފުލުހުންނާއި ސިފައިންނަށް ސީޕީވަނީ ތަޢުރީފް ކުރައްވައިފިއެވެ.
މަސްތުވާތަކެތި އުފުލާ ބޯޓެއް ރާއްޖޭގެ ސަރަޙައްދުގައި ޙަރަކަތްތެރިވާ ކަމުގެ މަޢުލޫމާތު ރާއްޖެއަށް ފޯރުކޮށްދީފައިވަނީ އިންޑިއާއިންނެވެ.

މި އޮޕަރޭޝަނުގައި އަތުލައިގެންފައިވަނީ އީރާނުގެ ދިދަ ނަގާފައިވާ ބޯޓެކެވެ. އެހެންނަމަވެސް އެއީ ކޮން ޤައުމެއްގެ ބޯޓެއް ކަމެއް އަދި ކަށަވަރު ވެފައެއް ނުވެއެވެ. ކޮންބައެއްކަން ނޭނގޭ 6 މީހަކުވެސް އެބޯޓުގައި ތިބި ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި ބޯޓާއެކު ރާއްޖޭގެ ދޯންޏެއް ވެސް ވަނީ އަތުލައިގެންފައެވެ. "ހެދޭކުރި 7" ނަމަކަށް ކިޔާ ދޯނީގެ ދައުރަކަށް ވެފައިއޮތީ ބޯޓުން މަސްތުވާތަކެތި ދޯންޏަށް ނެގުމެވެ. އެ ދޯނީގައި ދެ ދިވެހީންނާއި 2 ބިދޭސީން ތިއްބެވެ.

މި ބޯޓް އަތުލައިގަތީ މިމަހު ފަސްވަނަ ދުވަހުގެ ރޭ، ހއ.ތުރާކުނުގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 172 ނޯޓިކަލް މޭލު ބޭރުން، ރާއްޖޭގެ  ކަނޑުގެ ސަރަޙައްދުނެވެ.

މިހާރު ގެންދަނީ ބޯޓު މާލެ ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.