އިހަވަންދިއްޕޮޅަކީ، އާގުބޯޓް ދަތުރުކުރާ މައި މަގެއްގެ ގާތްގަނޑަކަށް މެދެއްހާ ހިސާބުގައި އޮތް ވަރަށް މުހިއްމު ތަނެއްގެ ގޮތުގައި އެންމެ ފުރަތަމަ ފާހަގަކުރެވިފައި ވަނީ، މީލާދީން 1836 ވަނަ އަހަރުގައެވެ. އެއީ ޖިއޮގްރަފީ ގޮތުން އިހަވަންދިއްޕޮޅު އަތޮޅު އޮތް މުހިއްމު މަގާމު ނުވަތަ ލޮކޭޝަނުގެ ގޮތުންނެވެ. އެ ގޮތުން އެ މަގުން ދަތުރުކުރާ ބޯޓުފަހަރަށް ރިފިއުލިން ޚިދުމަތް ދިނުމަށްޓަކައި، އިހަވަންދިއްޕޮޅުގައި ބޯޓުދެލި ސްޓޭޝަނެއްގެ ނަމުގައި ބަނދަރެއް ހެދުމުގެ ޚިޔާލު އެންމެ ފުރަތަމަ އިނގިރޭސި ސަރުކާރަށް ހުށަހެޅުއްވީ، އިނގިރޭސި ކަނޑުގެ ސިފައިންގެ އޮފިސަރެއް ކަމަށްވާ ލެފްޓަނަންޓް އެފް.ޓީ ފޯވެލްއެވެ. އިނގިރޭސި ސަރުކާރަށް އެފް.ޓީ ފޯވެލް މި ޚިޔާލު ހުށަހެޅުއްވީ މީލާދީން އަށާރަ ސަތޭކަ ތިރީސް ހަ ވަނަ އަހަރުގައެވެ. ފޯވަލްލް ފާހަގަކުރި ގޮތުގައި އިހަވަންދިއްޕޮޅަކީ، އާގުބޯޓް ދަތުރުކުރާ މައި މަގެއްގައި ހިމެނިފައިވާ ވަރަށް މުހިއްމު ތަނެކެވެ. އާދެ، ޕޮއިންޓް ޑިގޯލް (ސިލޯނުގެ ގޯލް) އާއި އެފްރިކާގެ ސުއްކަތުރާ ޖަޒީރާ އާއި ދެމެދުގެ ސީދާ މަގުގައިވާ، ދެ މޫސުމަށް ވެސް ރަނގަޅު ތަނެކެވެ. އެހެންކަމުން އިހަވަންދިއްޕޮޅުގައި ރަނގަޅު ބަނދަރެއް ހެދުމަކީ، އިނގިރޭސި މަނަވަރު ފަހަރާއި އާގުބޯޓްފަހަރުގެ ދަތުރުތަކަށް ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެ ކަމަށެވެ.
ކޮންމެއަކަސް ލެފްޓަނަންޓް ފޯވެލް ހުށަހެޅުއްވި ޚިޔާލަށް އަމަލީ ސިފައެއް ނައައިސް ގިނަ އަހަރު ތަކެއް ވިއެވެ. އެހެންނަމަވެސް އިހަވަންދިއްޕޮޅުގައި ބޯޓުދެލި ސްޓޭޝަނެއް ހެދުމަށް އިނގިރޭސި ސަރުކާރުގެ ފަރާތުން ދިވެހިސަރުކާރަށް، 1883 ވަނަ އަހަރުގެ ތެރޭގައި ރަސްމީކޮށް ހުށަހެޅިއެވެ. އެ ގޮތުން އެ އަހަރު ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު، އޭރު ސިލޯނުގައި ހުރި އިނގިރޭސި ގަވަރުނަރ ސަރ، ޖޭމްސް ރޮބަރޓް ލޮންގްޑެން، ދިވެހިރާއްޖޭގެ ރަދުންނަށް ސިޓީއެއް ފޮނުއްވިއެވެ. އެއީ ސުލްޠާން އިބްރާހީމް ނޫރައްދީންގެ ރަސްކަމުގެ ދުވަސްވަރެވެ. މި ފަހަރު އެކަމާ ގުޅޭ ކަންކަމުގައި އިނގިރޭސި ސަރުކާރުގެ ފަރާތުން އިސްކޮށް މަސައްކަތްކޮށްފައިވަނީ، ޖޯން މޮރިސަން ކިޔާ މީހެކެވެ. މި ދެންނެވި ޖޯން މޮރިސަން ތަޢާރަފުކޮށް، އިނގިރޭސި ގަވަރުނަރު، ރަދުންނަށް ލިޔުއްވި ސިޓީގައި ވަނީ، އިނގިރޭސި މަނަވަރު ފަހަރާއި އާގުބޯޓުފަހަރަށް ވަރަށް ބޭނުން ބޮޑު ކަމަކަށް ވާތީ، ދިވެހިރާއްޖޭގެ އިހަވަންދިއްޕޮޅު ސަރަހައްދުގައި، ބޯޓްދެލި އިސްޓޭޝަނެއް ހަދަން އިނގިރޭސި ސަރުކާރަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

އެހެންނަމަވެސް ދިވެހި ބޮޑުންނާއި ރަދުންނަކަށް އެފަދަ އިސްޓޭޝަނެއް ރާއްޖޭގައި ހަދާކަށް ނުފެނުނެވެ. އެ ދުވަސްވަރަކީ، ދިވެހިރާއްޖޭގައި ބޭރުގެ ވިޔަފާރިވެރިން (ވޯރާވިޔަފާރިވެރިން) ދާއިމީ ގޮތެއްގައި ތިބުމުގެ ހުއްދަ ދިނުމުގެ ސަބަބުން މެދުވެރިވި ކަންތައް ތަކުގެ ހިތި ނަތީޖާ ދިވެހީން ދެކެމުން އައި ދުވަސްވަރަށް ވާތީއެވެ. އާދެ، ދިވެހި ސަރުކާރާއި އާންމުންގެ ތެރެއިން އެތައް ބަޔަކު އެ ވިޔަފާރިވެރިންނަށް ދެރުމުގެ ސަބަބުން ދިމާވި ދަތިތައް ތަޖްރިބާކުރަމުން އައި ދުވަސްވަރެވެ. އެހެންކަމުން ވިޔަފާރީގެ ބޭނުމަކަށް ބޭރުގެ އިތުރު ބަޔަކު ރާއްޖޭގައި މަރުކަޒު ހެދުމަށް ދިވެހި ރަދުންނާއި ރަސްކަމުގެ ބޮޑުން އެއްގޮތަކަށް ވެސް ނުރުހުނީއެވެ. އަދި އެހެންމެ ސިލޯނުގައި ހުންނަ އިނގިރޭސި ގަވަރނަރާއި ލަންޑަނުން ވެސް މި މައްސަލާގައި ދިވެހި ރަދުންނަށް މާބޮޑަށް ފިއްތައިގެން ނުވަތަ ބިރުދައްކައިގެން އެކަން ކުރާން ބޭނުން ނުވީއެވެ.
ޓްރާންސްޝިޕްމެންޓް ބަނދަރެއް ހެދުމަށް ފުރަތަމަ ފަހަރަށް ދިވެހި ސަރުކާރުން ނިންމުން
އިހަވަންދިއްޕޮޅުގައި ޓްރާންޝިޕްމެންޓް ބަނދަރެއް ތަރައްގީކުރުމުގެ މުހިއްމު ކަމުގެ ވާހަކައަކީ، ނަވާރަ ސަތޭކަ ނުވަދިހައިގެ ފަހުކޮޅުން ފެށިގެން ވެސް ރައީސް މައުމޫނުގެ ސަރުކާރު ތެރޭގައި، އެކި ފެންވަރުގައި ދެކެވި، މަޝްވަރާ ކުރެވެމުން އައި މައްސަލައެކެވެ. އެ ގޮތުން 2001 އިން 2005 ވަނަ އަހަރަށް ތައްޔާރުކުރި ނޭޝަނަލް ޑިވޮލޮޕްމެންޓް މާސްޓަރޕްލޭން ގައި އެ މަޝްރޫޢް ހިމަނާފައިވެއެވެ. ނޭޝަނަލް ޑިވެލޮޕްމެންޓް ޕްލޭންތައް އެކުލަވާލުމާއި މަޝްރޫޢް ތައް ހިންގުމުގެ އެންމެ އިސް ދައުރެއް އަދާކުރީ އޭރުގެ މިނިސްޓަރީ އޮފް ޕްލޭނިން އެންޑް ނޭޝަނަލް ޑިވެލޮޕްމެންޓުންނެވެ. ކޮންމެއަކަސް "އިހަވަންދިއްޕޮޅު އަތޮޅު ޓްރާންސްޝިޕްމެންޓް ޕޯރޓް މަޝްރޫޢު" ގެ ނަމުގައި ބަނދަރެއް ތަރައްގީކުރުމަށް ދެ ހާސް ތިންވަނަ އަހަރުގެ ތެރޭގައި ދިވެހި ސަރުކާރުން ފުރަތަމަ ފަހަރަށް ނިންމެވިއެވެ.
މި މަޝްރޫޢުގެ ފީސިބިލިޓީ ސްޓަޑީސް ހެދުމަށް ދިވެހި ސަރުކާރުން ހަވާލުކުރީ ނެދަރލޭންޑުގެ ރޯޔަލް ބޮސްކާލިސް ވެސްޓްމިނިސްޓަރ ކުންފުންޏާއެވެ. ބޮސްކާލިސް އިން އެ މަސައްކަތް ހަވާލުކުރީ ނެދަރލޭންޑުގެ މަޝްހޫރު ޔުނިވަރސިޓީއެއް ކަމަށްވާ ޑެލްފުޓް ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީ އާއެވެ. އާދެ، އެ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ސިވިލް އިންޖިނިއަރިން އެންޑް ޖިއޯ ސައެންސް އާއެވެ. މި ފީސިބިލިޓީ ސްޓަޑީސް ހަދާފައިވަނީ އެ ފެކަލްޓީގައި މާސްޓަރ އޮފް ސިވިލް އިންޖިނިއަރިންގ އަށް ކިޔަވަމުންދިޔަ ދަރިވަރެކެވެ. ޕޯޓް ޕްލޭނިން އެންޑް ކޮންސްޓްރަކްޝަން އަށް ސްޕެޝެލައިޒް ވުމަށް އެ ދަރިވަރު ލިޔަންޖެހޭ ތީސިސްގެ ރިސަރޗް ޕްރޮޖެކުޓެއްގެ ގޮތުގައެވެ. ނުވަ މަސް ދުވަހުގެ މުއްދަތައް މި ރިސަރޗް ކުރިއަށް ގެންގޮސްފައިވަނީ އެ ޔުނިވަރސިޓީގެ ތިން ޕްރޮފެސަރެއްގެ ބެލުމުގެ ދަށުންނެވެ. ރިސަރޗަށް ބޭނުންވާ ޓެކްނިކަލް ސަޕޯރޓް ދީފައިވަނީ ބޮސްކާލިސް ކުންފުންޏާއި ދިވެހި ސަރުކާރުންނެވެ. ފީސިބިލިޓީ ސްޓަޑީސްގެ ފައިނަލް ރިޕޯޓް އެކުލަވައި ނިމުނީ ދެ ހާސް ހަތަރު ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ. އެއަށް ފަހު ސަރުރުން ނިންމާފައި އޮތީ 2005 ގެ ކުރީ ކޮޅުގައި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށެވެ. އަދި ދެ އަހަރު ތެރޭގައި ޕްރޮޖެކުޓުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމުމަށެވެ. އަދި ދެ ހާސް ހަތެއްގައި ބަނދަރުން ޚިދުމަތްދޭން ފެށުމަށެވެ. އެހެން ނަމަވެސް ތަފާތު ސަބަބުތަކާހުރެ ޕްލޭނާ އެއްގޮތަށް އަމަލީ މަސައްކަތް ނުފެށި ލަސްވިއެވެ. ޚާއްސަކޮށް، ސުނާމީގެ ސަބަބުންނާއި، ދެ ހާސް ފަސްވަނަ އަހަރުން ފެށިގެން ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވުމެވެ. ކޮންމެއަކަސް މަޝްރޫޢު ނުފެށި އޮތްވައި 2008 މ. ގައި ރައީސް މައުމޫނުގެ ވެރިކަން ނިމިއްޖެއެވެ. އެއަށް ފަހު ފެށުނު ރައީސް ނަޝިދުގެ ސަރުކާރުން އެ މަޝްރޫޢު ކުރިއަށް ގެންދިއުން ހުއްޓާލިއެވެ. އިހަވަންދިއްޕޮޅުގައި އެ ފަދަ ޕޯޓެއް ތަރައްގީކުރުމަކީ ސަރަހައްދީ ޖިއޯޕޮލިޓިކުސްގައި ނުފޫޒު ގަދަ ގައުމުން ރުހޭނެ ކަމެއް ނޫން ކަމަށް ދެކިގެންނެވެ.

އެއިގެ ފަހުން ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން، 2014 ވަނަ އަހަރުގައި، އައިހެވަންގެ ނަމުގައި ބައިނަލްއަގުވާމީ ޕޯޓަކާއެކު ވިޔަފާރި މަރުކަޒެއް އިހަވަންދިއްޕޮޅުގައި ތަރައްގީކުރުމަށް އިއުލާނުކުރެއްވިއެވެ. އަދި 2016 ވަނަ އަހަރުގެ ފަހުކޮޅުގައި، އެ މަޝްރޫޢުގެ މާސްޓަރ ޕްލޭންގެ މަސައްކަތް ސިންގަޕޫރުގެ ސުރުބަނާ ޖުރޮންގް ކުންފުންޏާ ހަވާލުކޮށްގެން ހައްދާފައިވެއެވެ. އެއަށް ފަހު މަޝްރޫޢުގެ ފީސިބިލިޓީ ސްޓަޑީސް، އެެމެރިކާގެ ބޮސްޓަން ކޮންސަލްޓެންސީ ގްރޫޕް (ބީސީޖީ) އިން ހައްދާފައިވެއެވެ. އެހެން ނަމަވެސް، ރައީސް ޔާމީންގެ ސަރުކާރު ނިމުނު އިރުވެސް މި މަޝްރޫޢުގެ އެއްވެސް އަމަލީ މަސައްކަތެއް ފެށިފައިނުވެއެވެ. އަދި އެއިގެ ފަހުން އައި ރައީސް އިބްރާހީ މުހައްމަދު ސާލިހުގެ ވެރިކަމުގައި ވެސް އެ މަޝްރޫޢު ކުރިއަށް ގެންދިއުމުގެ އެއްވެސް މަސައްކަތެއް ކޮށްފައިނުވެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިހަވަންދިއްޕޮޅު ބަނދަރު މަޝްރޫޢު
"މޯލްޑިވްސް އިކޮނޮމިކް ގޭޓުވޭ ޕްރޮޖެކްޓު"ގެ ނަމުގައި، އިހަވަންދިއްޕޮޅުގައި ބައިނަލްއގުވާމީ ބަންކަރިން ބަނދަރަކާއެކު ވިޔަފާރި މަރުކަޒެއް ތަރައްގީކުރުމަށް، 2024 ވަނަ އަހަރުގެ ކުރީ ކޮޅުގައި ރައީސް މުއިއްޒުގެ ސަރުކާރުން ނިންމެވިއެވެ. އަދި ޕޯޓް ތަރައްޤީކުރުމާއި، މަޝްރޫޢާ ގުޅުންހުރި އިތުރު މަސައްކަތްތައް ކުރުމަށް ސިންގަޕޫރުގެ ކެޕިޓަލް އޭޝިއާ އިންވެސްޓުމަންޓު ކުންފުންޏާއެކު ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކުރިއެވެ. އެއިގެ ދުވަސްކޮޅެއްގެ ފަހުން، އޮފްޝޯ ބަންކަރިން ނުވަތަ ބޯޓުތަކަށް ތެޔޮ ފޯރުކޮށްދިނުމުގެ ޚިދުމަތް ފުރަތަމަ ފަހަރަށް މުޅިން އާ ސިނާއަތެއްގެ ގޮތުގައި ދިވެހިރާއްޖޭގައި ފެށުނެވެ. އިހަވަންދިއްޕޮޅުގެ އެތެރެވަރީގައި ބަންކަރިންގެ ޚިދުމަތް އިފްތިތާހުކޮށްފައި ވަނީ، ސެޕްޓެމްބަރު 19، 2024، ގައި ހއ. ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ޚިދުމަތް ފަށައި ދެއްވީ ހއ. އަތޮޅުގެ ފަސް މަޖިލިސް މެމްބަރުންނެވެ. އޮފްޝޯ ބަންކަރިން ނުވަތަ ބޯޓުތަކަށް ތެޔޮ ފޯރުކޮށްދިނުމުގެ ޚިދުމަތް އެސްޓީއޯއިން ދޭ ގޮތަށެވެ. އަދި ޕައިލަޓޭޖާއި މެރިޓައިމްގެ އެހެން ހިދުމަތްތައް އެމްޕީއެލްއިން ދޭ ގޮތަށެވެ.
މި ދެންނެވިހެން، ކުޑަ ސްކޭލެއްގައި ނަމަވެސް މި މުހިއްމު ސިނާއަތުގެ ޚިދުމަތްތައް އެކި ގޮތްގޮތަށް ދެމުން އައިސްފައިވަނިކޮށް، 16 ނޮވެމްބަރ 2026 ވަނަ ދުވަހު ވަނީ، އެ މަޝްރޫޢު ތަރައްގީކުރުމަށް އާ ޕާޓްނަރަކާ އެކު ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. އިހަވަންދިއްޕޮޅުގައި ތަރައްޤީކުރާ "މޯލްޑިވްސް އިކޮނޮމިކް ގޭޓުވޭ ޕްރޮޖެކްޓު" ގެ ޕޯޓު ތަރައްޤީކުރުމާއި، މަޝްރޫޢާއި ގުޅުންހުރި އިތުރު މަސައްކަތްތައް ކުރުމަށް ފަހުމުނާމާއެއް ގައި ސޮއިކޮށްފައިވަނީ އެކުވެރި އަރަބި އިމާރާތުގެ ސާޙް ގުރޫޕާ އެކުގައެވެ. މިމަޝްރޫޢު ކުރިއަށް ގެންދަން ނިންމާފައިވަނީ އެސްޓީއޯއާ ގުޅިގެންނެވެ.
މި އައު ފެށުމާއެކު، އިހަވަންދިއްޕޮޅު ބައިނަލްއަގުވާމީ ބަނދަރުގެ ދިގުމުއްދަތެއްގެ ވިސްނުމާއި ތަޞައްވުރު އެންމެ ފަހުން ޙަޤީޤަތަކަށް ހެދިދާނެ ކަމަށް އުއްމީދުކުރެވެއެވެ. މި ބަނދަރު ތަރައްގީކުރުމުގައި ތިމާވެށްޓަށާއި ދިވެހި ގައުމުގެ މަޞްލަޙަތުތައް ހިމާޔަތްވާނެހެން މަޝްރޫޢު ކުރިއަށް ގެންދިއުމަކީ މުހިއްމު ކަމެއް ކަމުގައި ދެކެމެވެ. މި ފަދަ ބަނދަރެއް އިހަންވަންދިއްޕޮޅުގައި ތަރައްގީކުރެވިއްޖެ ނަމަ، ކާމިޔާބުކަމާއެކު ބަނދަރު ހިންގޭނެ ކަމާމެދު ޝައްކެތް ވެސް ނެތެވެ. ކައިރީގައި އެ ފަދަ ދެ ތިން ބަނދަރެއް އޮތަސް ވެސް މެއެވެ. މިހާރު ވެސް އެ ބަނދަރު ތައް އޮތީ ތޮއްޖެހި ފުރިބާރުވެފައެވެ. އެއިގެ ސަބަބުން އެ ބަނދަރުތައް މެދުވެރިކޮށް ސަރަހައްދުގެ އެހެން ގައުމުތަކަށް މުދާ ޝިޕިން ކުރުމުގައި ގިނަ ދަތިތަކާ ކުރިމަތިލާންޖެހި މުދާ ސަޕްލައި ބޮޑުތަނުން ލަސްވެއެވެ. އެހެންކަމުން އިހަވަންދިއްޕޮޅު ބަނދަރުގެ މަޝްރުޢު ހަގީގަތަކަށް ހެދުމަކީ، ދިވެހިރާއްޖެއަށް އެއިގެ މަންފާ ވަރަށް ބޮޑަށް ނެގެން އޮތް ފުރުޞަތެކެވެ. އެތައް ހާސް އާ ވަޒީފާތައް އުފެދިގެންދާނެއެވެ. ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އަށް ބަލާއިރު، މިހާރު ޓޫރިޒަމް އިންޑަސްޓްރީން ލިބޭ އާމްދަނީ އަށް ވުރެން ބޮޑު އާމްދަނީއެއް، މާ ދުރުނޫން މަސްތަގުބަލެއްގައި ލިބުމަކީ އެކަށީގެންވާ ކަމެކެވެ. އިހަވަންދިއްޕޮޅު ބަނދަރާއެކު، މި ޒަމާނުގެ މެރިޓައިމް ޓްރޭޑް އިންޑަސްޓްރީގައި ދިވެހިރާއްޖޭގެ ދައުރު ފުޅާވެގެންދާނެއެވެ.
ރިފަރެންސް:
https://archive.org/details/dli.csl.7635/page/n19/mode/2up
https://share.google/eXnRGoWz3Q0nYsRTz
ސަރުކާރުގެ މީޑިއާ އަދި އާއްމު މީޑިއާ ރިޕޯޓްތައް.
