ސުވަދުންމަތީ ދިރާސާގެ ހޯދުންތައް ހުށަހަޅަމުން މިދަނީ ޚިޔާލީ ދެ ޝަޚުޞިއްޔަތު ކަމަށްވާ މާފައާއި ކަނބުލޮގެ ވާހަކަ ބޭނުންކޮށްގެންނެވެ. މީގެއިތުރުން، މި ދިރާސާގެ ބައިވެރިންގެ ބައެއް ބުނުންތަކާއި އަދި ތާރީޚީ ޞަފުހާތަކުން މި ލިޔުމަށް ބާރުދޭ އިތުރު ތަފުސީލުތައް ދިރާސީ ނޯޓްގެ ގޮތުގައި ހިމަނާލާފައިވާނެކަން ކިއުންތެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. ދިރާސާގެ ބައިވެރިންގެ އަސްލު ނަމުގެ ބަދަލުގައި ބޭނުންކޮށްފައިވާނީ ޚިޔާލީ ނަންތަކެކެވެ. ދިވެހިންނާއި އިނގިރޭސިންގެ ތެރެއިން މި ހާދިސާގައި އިސްކޮށް އުޅުއްވި ބޭބޭފުޅުންގެ އަސްލު ނަންފުޅުތައް ނުވަތަ ނަންނަން ހިމަނާފައިވާނަމަ، އެއީ އެކި ފަތްފުށްތަކުގައި ޝާއިޢުކުރެވި އާންމުކުރެވިފައިވާ ނަންފުޅުތަކެވެ. ނުވަތަ ނަންނަމެވެ. އެއްވެސް ހާލެއްގައި މިއިން ނަންފުޅެއް ނުވަތަ ނަމެއް ބޭނުންކޮށްފައިވަނީ، ދިރާސާވެރިޔާގެ ހައިސިއްޔަތުން، ވަކި ކަމެއް ވަކި ބޭފުޅެއްގެ އިސްތަށިފުޅުގައި ނުވަތަ ބޮލުގައި އަޅުވާކަށެއް ވެސް ނުމެ ނޫންމެއެވެ. އޭގެ ބަދަލުގައި އަޅުގަނޑުގެ މަޤުޞަދަކީ، ވީހާވެސް ތަފުސީލުކޮށް މި ހާދިސާ ހުށަހަޅައިދިނުމެވެ. އެހެންކަމުން ދިރާސާގެ ބައިވެރިން، ވާހަކަތައް ކިޔައިދިނުމުގައި ބޭނުންކޮށްފައިވާ ބަސްކޮށާރާއި ބަސްމަގު، އަސްލާ އެއްގޮތަށް ގެނެސް ދިނުމަށް ވަރަށް ބޮޑަށް އިސްކަންދީފައިވާނެ ވާހަކަ ވެސް މަޢުލޫމާތަށް ޓަކައި ދަންނަވަމެވެ. މިއީ އެތައް ބަޔެއްގެ އިހުސާސާ ގުޅިފައިވާ ޙަޤީޤީ ހާދިސާތަކެއް ގެނެސްދެވޭ ކޮލަމަކަށް ވާތީ މި ހާދިސާތަކުން އަސަރުކޮށްފައިވާ، ނަފުސާނީ ދުޅަހެޔޮކަން ނެތް މީހުން މި ލިޔުން ވިދާޅުވުމުގައި އެހެން ފަރާތެއްގެ އެހީތެރިކަން ހޯދުން ރަނގަޅުވާނެ ވާހަކަ ހަނދުމަފުޅުކޮށް އަރުވަމެވެ.
މިއަދުގެ ކޮލަމު މި ޚާއްޞަކޮށްލަނީ އެރޭގެ ހަނދާންތަކަށެވެ. އެނގިވަޑައިގަންނަވާނެ ފަދައިން ކުރީ ހަފުތާގެ ކޮލަމު ނިންމާލި އިރު 1958 ވަނަ އަހަރުގެ އެންމެ ފަހު ދުވަހުގެ އެންމެ ފަހު ވަގުތުކޮޅު ގުނަމުން ދަނީއެވެ. އެއީ ޑިސެންބަރު 31 ވަނަ ދުވަހުގެ ރޭގެ އިރާކޮޅު ހިތަދޫ ރައްޔިތުންނަށް އިއްވުނު އެ ތާރީޚީ ސިޓީއާ ގުޅިގެން ފެށުނު ހަމަނުޖެހުންތައް ކުރިއަށް ދިޔަ ވަގުތެވެ. ދެންވާނީ ކިހިނެއްކަން ނުވަތަ ވާންވީ ކިހިނެއްކަން ނޭނގި އާންމު ރައްޔިތު ތިބީ ހިތްނުތަނަވަސްވެފައެވެ. އެއްވި މީހުންގެ ތެރެއިން އެކަކު ވެސް ގެއަށް ދާތަނެއް ނުފެނެއެވެ. އެންމެން ވެސް ތިބީ އެ މޫނިމާ ގަސްދޮށުގައެވެ. އެއް ބަޔަކު ހެނދުނު ވަންދެން މަޑުކުރުމަށް ޚިޔާލު ހުށަހަޅަމުން ދިޔައިރު، ގިނަ ބަޔަކު ތާއީދުކުރީ އެރެއިން އެރެއަށް ގަމަށް ދިޔުމަށެވެ. ކޮންމެއަކަސް ކަން ހިނގީ ގިނަ މީހުންގެ ރައުޔާ އެއްގޮތަށެވެ.
މި ކޮލަމުގެ ޚިޔާލީ ދެ ބައިވެރިންގެ ވާހަކައިން މިއަދުގެ ބައި ވެސް ފަށާނަމެވެ.
މާފަ: ދޮންކަނބުލޮ. މިއަދު ހާދަ އަވަހަކަށް ތިޔަ އައީ ވާހަކަ އަޑުއަހަން.
ދޮންކަނބުލޮ: މާފާ އެހެންނުން ވާނީ، ކުރީ ދުވަހު ނިންމާލި އިރު ހިތަދޫގެ ރައްޔިތުން ތިބީ މުޒާހަރާ ކުރަން.. އެހެންވީމާ، އެ މުޒާހަރާގައި ދެން ވީ ކިހިނެއްތޯ އަޑުއަހާ ހިތުން ކެތްކުރެވެނީއެއް ވެސް ނޫން.. މާފާ މިއަދު ހިނގާ އަވަހަށް ފަށަމާ.
މާފަ: އާނ! ދެން ތިހާ އަޑުއަހާ ހިތްވަންޏާ މާފަ މި ފަށަނީ އިނގޭ... ކިހާ ހިސާބަކުންތަ ފަށަންވީ؟
ދޮންކަނބުލޮ: މާފާ! ޢަފީފުދީދީ ވިދާޅުވަމުން ދިޔަ ސިޓީ ވީދާލާފައި ބިގަރު ތަޅާލާލައި ދެން ކިހިނެކޭ ވީ؟
މާފަ: ދެން ހަމަ އެރެއިން އެރެއަށް ހިތަދޫ ރައްޔިތުން ނިންމީ ގަމަށް ދާން
ދޮންކަނބުލޮ: އެއީ ކީއްކުރަން؟ ކިހިނެއްތަ އޭރު ހިތަދޫއިން ގަމަށް ދަނީ؟ އޭރު އައްޑޫ ލިންކް ރޯޑެއް ނޯންނާނެނުން.
މާފަ: އާނ! އޭރު އެއްގަމު އުޅަނދުފަހަރެއް ވެސް ނުހުރޭ. އަނެއްކާ ދެރަށް ދޭތެރޭގައި މޫދު ވެސް އޮވޭ... އެކަމަކު ފައިމަގުގައި ސިޓީ ހިފައިގެން ދިޔަ ވާހަކައަކީ، ތާރީޚީ ފަތްފުށްތަކުން ފާހަގަކުރެވޭ ވާހަކައެއް.
ދޮންކަނބުލޮ: ހަމަ އެރޭ އެ ދަންވަރުތަ މާފާ؟ ބިރެއް ވެސް ނުގަނޭތަ؟
މާފަ: އެއަށް ވުރެ މާ ބޮޑު ކަމެއްނުން ދިމާވީ؟ ވީ ގޮތަކީ، ކުރީ ދުވަހުގެ ވާހަކައިން އެނގުނެއްނު ޢަފީފުދީދީ ސަލާމަތްކޮށްގެން ހެޔޮއެދޭ ބަޔަކު ގެއަށް ގެންދިޔަ ވާހަކަދޯ.. އެއީ ޢަފީފުދީދީގެ ގެ ހިތަދޫ ފިނިފެންމާގެ.. އެރޭ އެ ގޭގައި އާރް.އޭ.އެފްގެ ޔުނިފޯމުގައި ތިބި ފުލުހުން ފޯރިމަރަމުން ދިޔަ.
ދޮންކަނބުލޮ: އާނ! އެހެންތަ؟ ދެން.. ޢަފީފުދީދީ އިސްތިޢުފާ ވެސް ދެއްވީނުން. (ދޮންކަނބުލޮއަށް ނީނދެވިގެން އަނެއްކާ އެހި) ދެން ކިހިނެއްވީ؟
މާފަ: ދެން ޢަފީފުދީދީ ގެއަށް ވަޑައިގެން އަވަސްއަވަހަށް ދެ ސިޓީ ލިޔުއްވީ...
ދޮންކަނބުލޮ: (ވާހަކަ އަޑުއަހާ ހިތުން އިނދެ) ކޮން ސިޓީއެއްތަ މާފާ؟ އިސްތިޢުފާ ދެއްވި ވާހަކަދޯ؟
މާފަ: (ހީނލާފައި) މާފަގެ ކަނބުލޯ... ވާހަކައިގެ ކުރި މަރާނުލާ... އަޑުއަހާ އިނގޭ.... މާ ބޮޑަށް ދޯ މިއަދު ވާހަކަ އަޑުއަހާ ހިތްވަނީ؟... ބުނަން އެއީ އެރޭ ހިތަދޫގައި ކަން ވީ ގޮތް މަރަދޫގައި ހުންނެވި އަތޮޅުވެރިންނަށާއި ގަމުގައި ހުންނެވި އަލްފާޟިލް އަޙުމަދު ޒަކީއަށް ދަންނަވަން ލިޔުއްވި ދެ ސިޓީ.. މި ސިޓީތައް ދެއްވީ ހިތަދޫ މީހެއްގެ އަތަށް ކަމަށް ލިޔުންތަކުން މާފައަށް ފެންނަން އޮތީ.. އެކި ލިޔުމުގައި މި މީހެއްގެ ނަން ތަފާތުކޮށް ލިޔެފައި ވަނީ... ކޮންމެ މީހަކަށް ވިޔަސް އެ ވާނީ ވަރަށް ހިތްވަރުގަދަ މީހަކަށް.. އޭނާ ހިތަދޫން ފެށިގެން މަރަދޫއަށް ހިނގާފައި ދާނީ ވެސް ކިހިނެއް.... އޭރު ދެ ރަށް ދޭތެރޭ މޫދު ވެސް އޮވޭ... އެހެންވީމާ، ހިނގަމުން ފަތަމުން ގޮސް މަރަދޫގައި ހުންނެވި އަތޮޅުވެރިންނަށް އެ ސިޓީތައް ރައްދުކުރާނީދޯ.. ޢަފީފުދީދީ ވިދާޅުވެއްޖެއްޔާ ކޮންމެ ކަމެއް ވެސް ކުރަން ތައްޔާރަށް ތިބި މީހުން ތިބިކަން މިކަމުން ވެސް ދޭހަވޭނުން؟
ދޮންކަނބުލޮ: އާނ! މިހާރު ވެސް އެ އޮތީ ހިތަދޫއާއި ފޭދޫއާ ދޭތެރޭގައި ވާ އޮންނަ ވަރު ވެސް ދޯ މާފާ... އޭރު އަދި މިހާރަށް ވުރެ ވެސް ގަސްތައް ގިނަވާނެތާ ދޯ... މިހާރު ވެސް މީހުން ކިޔާނުން އެތަންތަނުގެ ނާމާން ވާހަކަތައް ވެސް...
ދިރާސީ ނޯޓު: ޢަލީ ފަހުމީ އަޙުމަދު (2012) ވިދާޅުވަނީ ޢަފީފުދީދީ ދެއްވި ދެ ސިޓީ ގެންދިޔަ ހިތްވަރުގަދަ މީހަކީ ހިތަދޫ ބިއްދަރިގޭ ދޮންމަނިކު ކަމަށެވެ. ނަމަވެސް ޢަބްދުﷲ ޞާދިޤު (2016) ވިދާޅުވަނީ މި ސިޓީ ހިފައިގެން ދިޔަ މީހާގެ ނަން ތަފާތު ގޮތްގޮތަށް ކިޔުނު ކަމުގައި ވިޔަސް، ދެ ސިޓީ ހިފައިގެން އެ ބިރުވެރި ރޭ، ބައެއް ފަހަރު އެއްގަމުގައި ހިނގާފައި ބައެއް ފަހަރު މޫދުގައި ފަތާފައި ގޮސް މަރަދޫގައި ހުންނެވި އަތޮޅުވެރިންނަށް ހަވާލުކޮށްދިނީ ހިތަދޫ ހަސަންތަކުރު ކިޔާ މީހަކުކަމަށެވެ. ކޮންމެއަކަސް، މި ކިޔައިދެވުން މަގުން މިކަންތައް ކޮށްފައި މި މީހާ އެނބުރި ހިތަދޫއަށް ދިޔުމުން ރުޅިއައިސްފައި ތިބި ހިތަދޫ މީހުން އޭނާ ފިނިފެންމާ ގެއަށް ވަދެފައި ދިޔައީ ކޮން ތަނަކަށްތޯ ސުވާލުކުރަން ފެށުމުން، އޭނާ އެނބުރި މަރަދޫއަށް ދިޔަ ގޮތަށް މަރުދުވަހަށް ވެސް ދިރިއުޅުނީ މަރަދޫގައި ކަމަށް ވެސް ޢަބްދުﷲ ޞާދިޤު ވިދާޅުވެފައިވެއެވެ. މި ހަސަންތަކުރަކީ މުންޑު އަނދެ ފޮށާއަޅާފައި ހުންނަ ކުރު ފަލަ މީހެއް ކަމަށާއި އުނަގަނޑުގައި ފަލަ ކަމަރެއް އަޅާފައި އޮންނަ ކަމަށް ވެސް ޢަބްދުﷲ ޞާދިޤު ވިދާޅުވެއެވެ. މި މީހާއަކީ އާދަކޮށް ވެސް ވަރަށް ބާރަށް ހިނގާ މީހެއްކަމަށް ވެއެވެ. މި މީހާ ހޯދާން ޢަފީފުދީދީއަށް އެހީތެރިވީ ތުއްބީގެ ޢަލިދީދީއެވެ. މި ހަމަނުޖެހުން ފެށެން މެދުވެރިވި ސިޓީ ޢަފީފުދީދީއަށް ގެނެސްދެއްވީ ވެސް ތުއްބީގެ ޢަލިދީދީއެވެ. މިހާ ތަފުސީލުކޮށް މި މީހާގެ ވާހަކަ ލިޔުއްވާފައިވާތީ، މި ޙާލަތުގައި ޢަބްދުﷲ ޞާދިޤަށް ބުރަވެވެއެވެ. މި ސިޓީތަކުގެ ހާދިސާއަށް ބަލާއިރު، މި ހަމަނުޖެހުންތަކުގެ ތެރޭގައި ޢަފީފުދީދީ، އިސްތިޢުފާ ދެއްވި ނަމަވެސް ދިވެހި ސަރުކާރުގެ ވެރިންނަށް ޚަބަރު ދެއްވަމުން ގެންދެވިކަން ހާމަވެއެވެ. ނަމަވެސް މިއިން ޢަފީފުދީދީ ހުންނެވީ ދިވެހި ސަރުކާރާ އެއްކޮޅަށް ކަމެއް ކަނޑައެޅިގެން ދަންނަވާކަށެއް ނޭނގެއެވެ. އަދި ދެކޮޅަށް ހުންނެވިކަމެއް ވެސް ސާބިތެއް ނުމެވޭމެއެވެ.
ދޮންކަނބުލޮ: ދެން ސިޓީ ލިބުމުން ކިހިނެއްތަ އަތޮޅުވެރިން ކަންތައް ކުރެއްވީ؟
މާފަ: ހަމަ ވަގުތުން އަޙުމަދު ޒަކީގެ ސިޓީ ގަމަށް ފޮނުއްވީ...
ދޮންކަނބުލޮ: ދެން ރައްޔިތުން ގަމަށް ދިޔުމުގެ ކުރިން ޒަކީއަށް ސިޓީ ލިބިވަޑައިގަތްތަ؟ ޒަކީ ވެސް ...
މާފަ: އާނ! ކަނބުލޯ... ޒަކީ އިނގިރޭސިންގެ ހިމާޔަތް ހޯއްދެވީ... ހުންނެވީ ގަމު ބަނދަރުގައި އޮތް އާގުބޯޓެއްގައި...
ދޮންކަނބުލޮ: އެހެންވީމާ، ޢަފީފުދީދީ ދޯ އަތޮޅުވެރިންނާއި ޒަކީ ތިޔަ ސަލާމަތްކޮށްދެއްވީ؟ އެހެން ނޫންނަމަ ވާނެ ގޮތެއް ވެސް ނޭނގޭނުން... ރައްޔިތުން އެހާ ވަރަށް ރުޅިއައިސްގެން އައިމާ... ދެން ކިހިނެއްވީ މާފާ؟
މާފަ: ހިތަދޫ ރައްޔިތުން ދޯނިފަހަރުގައި ގަމަށް ދާން ފުރީ އެހެން ރަށްރަށުގެ މީހުން ބަލައި އެ ރަށްރަށަށް ދޯނިފަހަރު ފޮނުވާފައި
ދޮންކަނބުލޮ: ދެން ކިހިނެއްތަ ރައްޔިތުން ކަންތައްކުރީ؟
މާފަ: ރައްޔިތުން ދިޔައީ ޒަކީއާ ބައްދަލުކުރަން... ގަމަށް... ދެވުނު އިރު، އެރޭ ފަތިހު 4 ވެސް ޖަހައިފި. ދެން އެކި ރަށްރަށުން މީހުން އަންނަންދެން ހިތަދޫ ދޯނިފަހަރު އެތެރެވަރީގައި މަޑުކޮށްގެން ތިބެފައި ހުރިހާ ރަށެއްގެ ދޯނިފަހަރު އައުމުން ދެން ގަމަށް އެރީ.. އެއް ބަޔަކު ގޮސް ދިމާކުރީ ދިވެހި ސަރުކާރުގެ ވެރިން ތިއްބަވާ ލިއޭޒަން އޮފީހާ... މި އޮފީސް ހުންނަނީ ގަމުގެ ގަދީމީ ޢިމާރާތް މާރަނގައިގައި. އަނެއް ބަޔަކު ޒަކީ ހޯދަން މަސައްކަތްކުރީ...
ދޮންކަނބުލޮ: އޭރު ކޮބައިތަ އިނގިރޭސިން؟ އިނގިރޭސި ސިފައިން ވެސް ތިބޭނެނުން ގަމުގައި
މާފަ: އާނ! އިނގިރޭސި ފުލުހުންނާއި ސިފައިން ވެސް ތިބި.. އެކަމަކު ތާރީޚީ ލިޔުންތަކުން ސާބިތުވާ ގޮތުގައި އިނގިރޭސިން ތިބީ ބަލަން... މިކަން ހުއްޓުވާކަށް އެއްވެސް ކަމެއް ނުކުރޭ... ހަތިޔާރެއް ބާރެއް ވެސް ބޭނުމެއް ނުކުރޭ...
ދިރާސީ ނޯޓު: "އޭރު އިނގިރޭސި ފުލުހުން އަތިރިމަތީގައި ތިބި... އިރުކޮޅެއް ނުވަނީސް އަލިފާން ނިއްވާން ގެންގުޅޭ ފެން ލޯރިއެއް ގެނެސްގެން ފެން ވެސް ޖެހި" (ޢަބްދުﷲ ޞާދިޤު، 2016، ޞ49). އެރޭ ހިނގި ކަންކަމާ ބެހޭ ގޮތުން އަލީ ފަހުމީ އަހުމަދު (2012) ވިދާޅުވަނީ "އިނގިރޭސި ސިފައިންނާއި ފުލުހުން އެކި ދިމަދިމާގައި ބަލާން ތިބީއެވެ. އެއްވެސް ކަމަކާ ނުބެހެއެވެ. އެމީހުން ތިބީ ޕޮލިސް ޖިޕުތަކުން މީހުންގެ ތެރެއަށާއި މާރަނގައާ ދިމާއަށް އަލިކޮށްގެންނެވެ" (ޞ.97). އޭނާ އިތުރަށް ބަޔާންކުރެއްވީ ގަމުގެ ރައްޔިތުން މި ހާދިސާއާ ނުރުހިގެން ހިތަދޫ ރައްޔިތުންނާ ދެބަސްވުން ވެސް ހިނގިކަމަށެވެ. ނަމަވެސް އިނގިރޭސިން ތިބީ ކޮން ކޮޅަކަށް ކަން ނޭނގޭތީ މާ ބޮޑު ދެކޮޅުވެރިކަމެއް ފާޅުކުރަން ނުކުރުނީ ކަމަށެވެ. ވީމާ، މި ދެންނެވުނު ވާހަކަތަކަށް ބަލާއިރު، ފާޅުގައި މި ހަމަނުޖެހުމުގައި އިނގިރޭސިން ބައިވެރިވުން ނުދެއްކި ނަމަވެސް މިކަމަށް ވާގިވެރިވަމުން ދިޔަކަމަށް ބެލެވެއެވެ. އެހެނީ މިކަން ހުއްޓުވުމުގެ އާރާބާރު، ހަތިޔާރާއި ހުރިހާ ވަސީލަތެއް ހުރި އިރު، ހަމަނުޖެހުން ކޮންޓްރޯލްކުރަން އެއްވެސް ކަމެއް ނުކޮށް އަދި އޭގެ ބަދަލުގައި ވާގިވެރިވިކަން ދޭހަވާ ބީދައަކުން އިނގިރޭސިން ކަންކުރިކަން ސާބިތުވެއެވެ. މި ވާހަކައަށް ބާރުލިބޭ ފަދަ ބީދައަކުން ދިރާސާގެ ބައިވެރިޔަކު ކަމަށްވާ (އިބްރާހީމްބެ، (އަސްލު ނަމެއް ނޫން)، އައްޑޫ) އެރޭގެ ހާދިސާ ސިފަކޮށްދެމުން "އެއީ ގަމުގެ މާރަނގަ ކިޔާ ތަން، އެތާނގައި ދިވެހި ސަރުކާރުގެ ވެރިން ތިއްބެވީ... ލިއޭޒަން އޮފިސަރަކަށް... އޭރު ތިއްބެވި ވައިޖެހޭގެ އަޙްމަދު ރަޝީދާއި، އުމަރު ޒާހިރާ... އެބޭފުޅުން ވެސް ތިއްބެވި. އެހެންނަމަވެސް އެންމެ އިސް ބޭފުޅަކަށް ހުންނެވީ ލުޠުފީއޭ ހަނދާންވަނީ. ހުއްޓައި މިވާގޮތަކީ... ދިވެހި ސަރުކާރު ދެކެ ރުޅި އައިއްސަ މީހުން މިތިބީ. ތިއްބާ މި މީހުން ބޭނުންވީ ބަދަލުކުރުވަން. ކުރީމަ އެއްކަލަ މާލޭގެ ވެރިކަން ދިޔައިމަ ދެން އެހެން ވެރިކަމެއް އައިމަ މި މީހުންނަށް އަމުރު ލިބޭނެތާ ދެން އެ ތަނުގެ މަސައްކަތް ކުރިއަށް ގެންދަން." މިހެން ބުންޏެވެ. އެހެންކަމުން ތާރީޚީ ފަތްފުށްތަކުންނާއި ދިރާސާގެ ބައިވެރިންގެ ބުނުންތަކުން ވެސް ފާހަގަވާ ގޮތުގައި ދިވެހި ސަރުކާރުގެ ދަށުން ވަކިވެ އާ ސަރުކާރެއް އައްޑު އަތޮޅުގައި ފެށުމަކީ އިނގިރޭސިން ބޭނުންވި ގޮތެވެ. އެއީ، ދިވެހި ސަރުކާރުން ގަމުގައި އިނގިރޭސިން ކުރަމުން ދިޔަ މަސައްކަތަށް ހުރަސް އަޅަމުން ދިއުމާ ގުޅިގެން ކަން ވެސް ސާބިތުވެއެވެ.
ދޮންކަނބުލޮ: މާފާ ދެން އެހެންވިއްޔާ އިނގިރޭސިން ކީއްވެ އަޙުމަދު ޒަކީއަށް ހިމާޔަތްދިނީ؟
މާފަ: ދޮންކަނބުލޯ... އޭރުން ދޯ އިނގިރޭސިންނަށް ބުނެވޭނީ ތިމަންނަމެން ދިވެހިސަރުކާރަށް އެހީތެރިވީމޭ.. ރައްޔިތުން ދެކޮޅު ހެދީ ތިމަންމެން ބުނެގެނެއް ނޫނޭ...
ދޮންކަނބުލޮ: (ބޯޖަހާލަމުން..) އޯހ.. އެހެންދޯ؟ ދެން ޒަކީއާ ބައްދަލުވިތަ ރައްޔިތުންނާ؟
މާފަ: ރައްޔިތުން ހޯދާހޯދާ ވެސް ޒަކީއެއް ނުފެނުނު...ދެން މާރަނގަ ކުރިމަތީގައި ތިބެ ޒަކީ ކޮބައިހޭ؟ އޭނާ އަތުލާށޭ ގޮވަމުން ދިޔަ. އަދި ގަމުގައި މަސައްކަތްކުރާ މީހުންގެ މުސާރަ ކޮބައިހޭ؟... ފައިސާ ކޮބައިހޭ؟ ދިވެހިސަރުކާރުން އައްޑޫ ރައްޔިތުންނާ މެދު އިހާނެތިކޮށް ކަންތައްނުކުރުމަށް ވެސް ގޮވަމުންދިޔަ... އެންމެފަހުން މާރަނގައިގެ ދޮރުތައް ހަލާކުކޮށް އެތަނަށް ވަދެ އެތަނުގައި ހުރި ދިވެހި ސަރުކާރުގެ ތަކެއްޗަށް ގެއްލުންދިނީ... ރޯކުރަން ވެސްއުޅުނު... އެކަމަކު މި ހަޅުތާލުކުރުމާ ދެކޮޅު ބަޔަކު މިކަން ހުއްޓުވީ ކަމަށް ވަނީ... އެކަމަކު މާރަނގައަށް ވަރަށް ގެއްލުންދީ އެތަނުގައި ހުރި ދިވެހިސަރުކާރުގެ ދިދަ ވެސް ވައްޓާލި..
ދިރާސީ ނޯޓު: އެރޭ މި ހާދިސާ ވަރަށް ގާތުން ފެނުނު ދިރާސާގެ ބައިވެރިޔަކު ކިޔައިދިނީ "ގަމު އިނގިރޭސީންގެ އެންމެބޮޑު ވެރިއަކަށް ހުރި މީހާގެ ރޫމްބޯއިއަކަށް ބޭބެ ހުރީ. ހުއްޓާ... މީހުން ގޮސް ގަމަށް އަރައި ގަމުގައި ހުރި މާރަނގައިގައި ހުރި ދިވެހިރާއްޖޭގެ ސަރުކާރުގެ ދިދަ ވައްޓާލައިފި. ވައްޓާލާފައި އެ ދިދަ ހިފައިގެން ދިޔައިރު ބޭބެ ހުރީ މިބުނި ވެރިމީހާގެ ގޭގެ ފެންޑާގަ. ހުއްޓާ މި ދިދަ ގެންދިޔަ މީހާ ބޭބެ އަތަށް މި ދިދަ ދިނީ... ތިމަންނަމެން ދިވެހިރާއްޖޭގެ ވެރިކަން ބޭނުމެއް ނޫނޭ... އިނގިރޭސި ވެރިމީހާގެ ގާތު މިހެން ބުނާށޭ. ބުނީމަ ބޭބެ އެ ދިދަ ހިފައިގެން ގޮސް ދިއްކޮށްލީމަ... އޭނަ އަހަނީ މިއީ ކޮން ކަމެއްހެއްޔޭ؟ ބުނީމަ ބޭބެ ބުނިން މިއީ އައްޑުއަތޮޅުގެ މީހުން ދިވެހި ސަރުކާރާ ދެކޮޅު ހަދައިގެން އުޅެނީއޭ... ދިވެހިރާއްޖޭގެ ވެރިކަން ބޭނުން ނޫންކަމުގައި ބުނެ... ދިދަ އެމީހުން ދޫކޮށްލާފައި އިނގިރޭސި ސަރުކާރާ ޙަވާލުކުރީއޭ. އެހެންވީމާ، ކަލެއާ މީތި ޙަވާލުކުރީއޭ. ބުނީމަ އޭނަ އޭތި އަތުލައިފި. އަތުލައިގެން ދެން އެމީހުންގެ މީހުން ތިބެފައި އެއް ބަޔަކު ހިނގައްޖެ. ދެން އައްޑުއަތޮޅުން ދިވެހި ސަރުކާރުގެ ވެރިކަން ނިމުނީ. ދެން ވެރިކަމުގައި ހުރީ އަފީފް." (ހުސައިނު ބޭބޭ، (އަސްލު ނަމެއް ނޫން)، އައްޑޫ). އެހެންވީމާ ހުސައިނުބޭބެގެ ވާހަކައިން މި އެނގުނީ އެރޭ ދިވެހި ސަރުކާރުގެ ދިދަ އައްޑޫ މީހުން ދޫކޮށްލިކަމެވެ.
މުޙައްމަދު އަޙުމަދު މަނިކު (2009) ވިދާޅުވަނީ "އެއްވެފައިވާ ޢަދަދު ނުކުރެވޭހާ ގިނަ މީހުންގެ ތެރެއިން ފުރޭނިގެން ކުރިއަށް ނުކުމެ ކަން ހިނގާ ގޮތެއް ބަލާން އަހަރެން ހުރީމެވެ" (ޞ.10). އޭނާ މި މަންޒަރު ސިފަކޮށްދެއްވަމުން ވިދާޅުވާ ގޮތުގައި އެދުވަހު އަތޮޅުގެ ހުރިހާ ފިރިހެނުން ގަމަށް އައިސްއުޅުނެވެ. އެބައިމީހުންގެ އަޑުފަށްގަނޑު ވަރަށް ގަދައެވެ. ހެޅޭއްލަވަމުން ކޮޅޮކޮޅުމައްޗަށް ދުވެދުވެ ތިބި މީހުންގެ ރުޅިވެރިކަން ހުރީ ވަރަށް މަތީދަރަޖައަކަށް ގޮސްފައި ކަމަށް ވެސް އޭނާ ސިފަކުރައްވައެވެ. މާރަނގައިގައި ހުރި ހުރިހާ އެއްޗެއް ހަލާކުކޮށްލި ކަމަށާއި ތިޖޫރި ހަލާކުނުކުރެވިގެން، ތިޖޫރި ހިތަދޫއަށް ގެންދިޔަ ކަމަށް ވެސް އޭނާ ވިދާޅުވެއެވެ. އަދި މާރަނގައާ ވަރަށް ކައިރީގައި ހުރި ހޮޓަލެއް ވެސް މުޅީން ސުންނާފަތި ކޮލިކަމަށް ވެސް އޭނާ ވިދާޅުވެއެވެ. އަދި ލިއޭޒަން އޮފީހުގެ ބައެއް މުވައްޒަފުންނަށް ވެސް ކޮންމެވެސް ވަރަކަށް އަނިޔާވި ކަމަށާ އެކަމަކު އެންމެ ބޮޑު އަނިޔާއެއް ލިބުނީ އަންވަރު ޙިލްމީއަށް ކަމަށް އޭނާ ވިދާޅުވެއެވެ. އަންވަރު ޙިލްމީއަށް އަނިޔާލިބުނު ކަމަށް ޢަބްދުﷲ ޞާދިޤު (2016) އަދި އަލީ ފަހުމީ އަހުމަދު (2012) ވެސް ވިދާޅުވެއެވެ. ނަމަވެސް މި ދެ ބޭފުޅުންގެ ވާހަކަތަކުން ހާމަވާގޮތުގައި އެހެން އެއްވެސް ބޭފުޅަކަށް އެފަދަ އެއްވެސް އަނިއާއެއް ނުވެއެވެ. މި ބީދައިން ވާހަކަދައްކަވަމުން އަލީ ފަހުމީ އަހުމަދު (2012) ވިދާޅުވަނީ، ލިއޭޒަން އޮފީހުގެ ބައެއް ބޭފުޅުން (އަލްފާޟިލް އިބްރާހީމް ޝިހާބު، އަލްފާޟިލް ފާރޫޤު އިސްމާޢީލް އަދި އަލްފާޟިލް ޢުމަރު ޒާހިރު) ތިއްބެވީ ގާތް ގުޅުން އޮތް ގަމުގެ އަހުލުވެރިންގެ ރައްކާތެރިކަމުގައި ކަމަށެވެ. އަދި މި ބޭފުޅުން ތިއްބެވީ ވަރަށް ބިރުފުޅުން ކަމަށް ވެސް އޭނާ ހާމަކުރައްވައެވެ. ވީމާ އިސްވެ ދެންނެވުނު ތިން ބޭފުޅުންގެ ބުނުންތަކުން ވެސް ހާމަވަނީ އަންވަރު ޙިލްމީއަށް އަނިޔާތަކެއް ލިބިވަޑައިގެންނެވިކަމެވެ.
ދޮންކަނބުލޮ: ދެން އެއްވެސް މީހަކަށް އަނިޔާވިތަ މާފާ؟
މާފަ: އާނ. ވަރަށް ދެރަ ގޮތެއް އަންވަރު ޙިލްމީއަށް ދިމާވީ...
ދޮންކަނބުލޮ: މާފާ ކިހިނެއް އަންވަރު ޙިލްމީއަށް ވީ؟
މާފަ: މިކަން ހިނގިއިރު އަންވަރު ޙިލްމީ ހުންނެވީ ސަރުކާރުގެ ދަތުރުފުޅެއްގައި ވަޑައިގެން މަރަދޫގައި ކަމަށް ބައެއް ލިޔުންތަކުން ފެންނަނީ.. އަނެއް ބައި ބޭފުޅުން ވިދާޅުވަނީ އަމިއްލަ ދަތުރުފުޅެއްގައި އައްޑު އަތޮޅު ބައްލަވައިލައްވަން ވަޑައިގެން ހުންނެވީކަމަށް... ކޮންމެއަކަސް ހުންނެވީ މަރަދޫގައި... ދެން މި ހަމަނުޖެހުމެއް ހިނގާކަން ޢަފީފުދީދީގެ ސިޓީއިން މަރަދޫގައި ހުންނެވި އަތޮޅުވެރިންނަށް އެނގިވަޑައިގަތުމާ އެކު، އަންވަރު ޙިލްމީ ގަމަށް ފޮނުވާލެއްވީ...
ދިރާސީ ނޯޓު: އަލީ ފަހުމީ އަހުމަދު (2012) ވިދާޅުވަނީ، ކޮންމެއަކަސް އަންވަރު ހިލްމީ ގަމަށް ވަޑައިގެން، މާރަނގައަށް ވަޑައިގެންނެވިއިރު އެތަނުން މާލޭގެ އެއްވެސް ބޭފުޅަކު ފެނިވަޑައިނުގަތުމުން ބިރުފުޅުން އުޅުއްވަނިކޮށް، ލިއޭޒަން އޮފީހުގައި މަސައްކަތްކުރާ މީހެއްގެ ގެއަށް ގެންދެވުނު ކަމަށާއި، މި މީހާގެ އަންހެނުން އަންވަރު ހިލްމީ ފޮރުވީ އެ ގޭގެ ބަދިގޭގައި ކަމަށެވެ. ދެން ވެސް ބިރުފުޅުން އުޅުއްވަން ފެއްޓެވީމާ، ގަމުގައި މަސައްކަތްކުރާ ޕާކިސްތާނު މީހުންގެ ކޭންޕަށް ގެންދެވުނުކަމަށާއި އެތާ ވެސް ހުންނަވަން ކެރިވަޑައިނުގެން ރަށުތެރެއަށް ނުކުމެވަޑައިގެން އުޅުއްވަނިކޮށް، ބަޔަކު ދިމާކޮށް ހާނިއްކަކޮށް، އެއަރޕޯޓު ހަދަން ކޮނެފައިވާ ވަޅުގަނޑަކަށް ވައްޓާލިކަމަށް ވެސް ވިދާޅުވެއެވެ. ބަޔަކުމީހުން އިނގިރޭސިންނަށް މި ޚަބަރު ދިނުމުން އިނގިރޭސިން އަންވަރު ޙިލްމީ ސަލާމަތްކޮށް ހިމާޔަތްދިނީއެވެ. ޢަބުދުﷲ ޞާދިޤު (2016) ވިދާޅުވަނީ ޒަކީ ހޯދަން ރަށުތެރޭގައި އުޅުނު މީހުންނަށް އަންވަރު ޙިލްމީ ފެނިގެން ޒަކީ ކަމަށް ހީކޮށް އަނިޔާކުރީ ކަމަށެވެ.
ދޮންކަނބުލޮ: ގަމަށް ވަޑައިގަތުމުން ދޯ އަންވަރު ހިލްމީއަށް އެ އަނިޔާ ލިބުނީ؟
މާފަ: ދޮންކަނބުލޯ... ރައްޔިތުންނަށް އޮޅުނީއޭ... އަންވަރު ޙިލްމީއަކީ ޒަކީ ކަމަށް ހީކޮށް އެ އަނިޔާކުރީ.. ދެރަ ދޯ؟
ދޮންކަނބުލޮ: އެހެންވީމާ، ރައްޔިތުންނަށް މި ފެނުނީ ހަމައެކަނި އަންވަރު ޙިލްމީ ދޯ؟ ދެން އެހެން އެއްވެސް މީހަކު ވީ ތަނެއް ނޭނގުނުދޯ؟
މާފަ: ނޫނޭ ފަހުން އެނގުނު... ޒަކީ ހުންނެވީ އާގު ބޯޓުގައިކަން... އޭރު ހެނދު 10 ވެސް ޖަހައިފި. އެކަމަކު މިއަދު ދެން މިހިސާބަށް ނިންމާލަމާ... އަދިވެސް ބައިވަރު ކަންކަން އެދުވަހު ހިނގި.. އެހެންވީމާ ދެން ބާކީބައި އަންނަ ހާފުތާގައި ކިޔައިދޭނަން
ދޮންކަނބުލޮ: އާނ! ވަރަށް ބޮޑަށް ޝުކުރިއްޔާ!
އެއީ 1959 ވަނަ އަހަރުގެ ފުރަތަމަ ދުވަހުގެ އިރު އައްޑު އަތޮޅަށް މަރުޙަބާ ކީ ވަގުތެވެ. އައްޑޫ ހުރިހާ ފިރިހެނުން ތިބީ ގަމަށް ޖަމާވެފައެވެ. ޙައްޤު ހޯދުމަށް އަޑުހަރުކޮށް ގޮވަމުން ދިޔަ ގޮވެލީގެ އަޑުން މުޅި ގަމުގެ ފަޒާ ގުގުމަމުން ދިޔައެވެ. މިކަމާ ނުރުހި ތިބި މަދު ބަޔަކު ވެސް އެ ހަރަކާތުގައި ގަމަށް ޖަމާވެ ތިއްބެވެ. ގަމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކާއި އެހެން ރަށްރަށުން އައި މަދު ބަޔަކު، ގަމުގެ ތަންތަނުގައި ހުޅުޖެހުން ހުއްޓުވިއެވެ. އަދި ދިވެހި ސަރުކާރުގެ ވެރިންނަށް ހިމާޔަތްދީ ވެސް ހެދިއެވެ. މި ހަމަނުޖެހުމޮގެ ހުރިހާ މަންޒަރެއް ބަލަން ތިބީ މުޅި ދުނިޔެއަށް މަޝްހޫރު އިނގިރޭސިންނެވެ. ފުރިހަމަ އާރާ ބާރާއެކުގައި ގަމުގައި ތިބި އިނގިރޭސިން ތިބީ ކުޅި ބަލާ ބަޔެއްގެ ގޮތުގައެވެ. މި ހަމަނުޖެހުމަށް އަޑިއަޑިން ވާގިދީ ފޯރިދިނީ ވެސް އެމީހުންނެވެ. ދިވެހި ސަރުކާރުގެ އޮފިޝަލުންނަށް ހިމާޔަތްދީ އައްޑޫ ރައްޔިތުންގެ ކިބައިން އެ ބޭފުޅުންނަށް ރައްކާތެރިކަން ހޯދައިދިނީ ވެސް އިނގިރޭސިންނެވެ. ހިނގަމުން ދިޔަ ހަމަނުޖެހުން ހައްލުކޮށް އައްޑޫ ރައްޔިތުންނާ ވާހަކަދައްކަވާކަށް ދިވެހިސަރުކާރުގެ އެއްވެސް ބޭފުޅަކު ނެތެވެ. ދިވެހި ސަރުކާރުގެ ފަރާތުން އެންގެވި ހަރުކަށި އަމުރު ރައްޔިތުން ބަލައިނުގަތުމުން ދެން ދިވެހި ސަރުކާރުން ވިސްނުންތެރިކަމާ އެކު ރަނގަޅު ފިޔަވަޅެއް ނޭޅުއްވީ ކީއްވެބާއެވެ؟
މިއަދުގެ ކޮލަމު މިހާ ހިސާބުން މި ނިންމާލަނީ، 1959 ވަނަ އަހަރުގެ ޖަނަވަރީ 1 ވީ ބުރާސްފަތި ދުވަހު އައްޑޫގެ މަސްރަޙުގައި ކަންކަން ހިނގި ގޮތް އަންނަ ހަފުތާގެ ކޮލަމުގައި ގެނެސްދިނުމުގެ އުންމީދުގައެވެ. އަންނަ ހަފުތާއަށް އިންތިޒާރުކޮށްލައްވާށެވެ.
ދިރާސާގެ ބަސްދީގަތުންތަކުގެ އިތުރުން، މި ލިޔުން އެކުލަވައިލުމަށް ބޭނުންކުރި ރެފަރެންސް:
އަލީ ފަހުމީ އަހުމަދު. (2012). "ދިވެހިންނާއި އިނގިރޭސިންގެ ކޯޅުން" ސުވާދީބު. މާލެ: ކޮރޯނާ ޕްރެސް
ޢަބްދުﷲ ޞާދިޤު. (2016). ސުވާދީބާއި ހަވަރުތިނަދޫ. މާލެ: މުސައްނިފު.
މުޙައްމަދު އަޙުމަދު މަނިކު. (2009). ދެކުނު ތިން އަތޮޅުގެ ސިޔާސީ ގަޑުބަޑުގެ ބައެއް ވާހަކަ 1. މާލެ: ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރސް.
މި ބައިން ވެސް ވަރަށް ގިނަ މައުލޫމާތުތަކެއް ލިބިއްޖެ. ސާބަސް ??????