އައްޒަގެ ދިރާސީ ބަސް: އައްޑޫގެ އުދަރެސް ބަނަކުރި ވިލާގަނޑުން ވެހުނު ވާރޭ

ރޯޔަލް އެއަރ ފޯސް (އާރް.އޭ.އެފް) ގަން: މެޑިކަލް ސެންޓަރ- ފޮޓޯ: ރާއްޖެ.އެމްވީ

މި ހަފުތާގެ ކޮލަމު މި ޚާއްޞަކޮށްލަނީ، ފާއިތުވި ހަފުތާގައި ހުށަހެޅި އައްޑޫގެ އުދަރެސް ބަނަވެ ނެގި ބޯވިލާގަނޑުން ވެހުނު ވާރޭފެނުގެ މައްޗަށެވެ. އާނއެކެވެ. "ނަގާހާ ވިލަޔަކުން ފެނެއް ނާންނާނެއެވެ. ޖަހާހާ ގުގުރިއަކުން ހޮނެއް ނާޅާނެއެވެ." ނަމަވެސް އައްޑޫގެ އުދަރެސް ސިޔާސީ ވިލާގަނޑުން ބަނަވަމުން ދިޔަދިޔަހެން، އެ ވިލާގަނޑުން ވެހެނު ވާރެއިން އިޖުތިމާޢީ ގޮތުން އާރޯކަމާއި ތާޒާކަން ދިޔައީ ލިބެމުންނެވެ. މީހުންގެ ދިރިއުޅުން ކުރިޔަށްވުރެ ތިޔާގިވެ ފުދުންތެރިކަން ދިޔައީ އިތުރުވަމުންނެވެ. ދުޅަހެޔޮ ޞިއްޙަތު ލިބި، ހިތްތަކަށް އުފާވެރިކަން ދިޔައީ ވެރިވަމުންނެވެ. ނަތީޖާއެއްގެ ގޮތުން، އައްޑު އަތޮޅު މީހުންނަށް އަމާންކަން އިޙުސާސްވާން ފެށިއެވެ. މިއީ ހައްތާވެސް ސިޔާސީ ބޯ ވިލާގަނޑުން ވެހުނު ވާރޭފެނުން ލިބުނު މަންފާއެވެ.

މި ކޮލަމަކީ، އެތައް ބަޔެއްގެ އިހުސާސާ ގުޅިފައިވާ ޙަޤީޤީ ހާދިސާތަކެއް ގެނެސްދެވޭ ކޮލަމަކަށް ވާތީ މި ހާދިސާތަކުން އަސަރުކޮށްފައިވާ، ނަފުސާނީ ދުޅަހެޔޮކަން ނެތް މީހުން މި ލިޔުން ވިދާޅުވުމުގައި އެހެން ފަރާތެއްގެ އެހީތެރިކަން ހޯދުން ރަނގަޅުވާނެ ވާހަކަ ހަނދުމަފުޅުކޮށް އަރުވަމެވެ. މީގެ އިތުރުން، މި ދިރާސާގެ ބައިވެރިންގެ ބައެއް ބުނުންތަކާއި އަދި ތާރީޚީ ޞަފުހާތަކުން މި ލިޔުމަށް ބާރުދޭ އިތުރު ތަފުސީލުތައް ދިރާސީ ނޯޓްގެ ގޮތުގައި ހިމަނާލާފައިވާނެކަން ކިއުންތެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. ދިރާސާގެ ބައިވެރިންގެ އަސްލު ނަމުގެ ބަދަލުގައި ބޭނުންކޮށްފައިވާނީ ޚިޔާލީ ނަންތަކެކެވެ. ދިވެހިންނާއި އިނގިރޭސިންގެ ތެރެއިން މި ހާދިސާގައި އިސްކޮށް އުޅުއްވި ބޭބޭފުޅުންގެ އަސްލު ނަންފުޅުތައް ނުވަތަ ނަންނަން ހިމަނާފައިވާނަމަ، އެއީ އެކި ފަތްފުށްފަކުގައި ޝާއިޢުކުރެވި އާންމުކުރެވިފައިވާ ނަންފުޅުތަކެވެ. ނުވަތަ ނަންނަމެވެ. އެއްވެސް ހާލެއްގައި މިއިން ނަންފުޅެއް ނުވަތަ ނަމެއް ބޭނުންކޮށްފައިވަނީ، ދިރާސާވެރިޔާގެ ހައިސިއްޔަތުން، ވަކި ކަމެއް ވަކި ބޭފުޅެއްގެ އިސްތަށިފުޅުގައި ނުވަތަ ބޮލުގައި އަޅުވާކަށެއް ވެސް ނުމެ ނޫންމެއެވެ. އޭގެ ބަދަލުގައި އަޅުގަނޑުގެ މަޤުޞަދަކީ، ވީހާ ވެސް ތަފުސީލުކޮށް މި ހާދިސާ ހުށަހަޅައިދިނުމެވެ. އެހެންކަމުން ދިރާސާގެ ބައިވެރިން، ވާހަކަތައް ކިޔައިދިނުމުގައި ބޭނުންކޮށްފައިވާ ބަސްކޮށާރާއި ބަސްމަގު، އަސްލާ އެއްގޮތަށް ގެނެސް ދިނުމަށް ވަރަށް ބޮޑަށް އިސްކަންދީފައިވާނެ ވާހަކަ ވެސް މަޢުލޫމާތަށް ޓަކައި ދަންނަވަމެވެ.

މިއަދުގެ ކޮލަމް ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ވެސް އޭރުގެ އައްޑޫގެ ޙާލަތާ ގުޅޭ ގޮތުން ޝާއިޢު ކުރެވިފައިވާ ލިޔުންކޮޅަކަށް ބަލައިލާނަމެވެ. މި ލިޔުންކޮޅަކީ އޭރުގެ ސުވާދީބު ސަރުކާރުގެ ރައީސް ޢަބުދުﷲ ޢަފީފުދީދީ 25 މެއި 1959 ގައި އިނގިރޭސިވިލާތުގެ ޓައިމްސް އޮފް ލަންޑަން ނޫހުގެ އެޑިޓަރަށް ފޮނުއްވި ސިޓީފުޅެއްގައިވާ ވާހަކަކޮޅެކެވެ. އެ ވާހަކަކޮޅުގެ ޚުލާޞާ ތަރުޖަމާގައި ވަނީ، "އަޅުގަނޑުމެންގެ ރަށްތަކުގައި ދިރިއުޅޭ މީސްކޮޅަށް ކޮންމެހެން ވެސް ބޭނުންވާ އަސާސީ ކަންތައްތައް ފުރިހަމަކޮށްދިނުމުގައި މާލޭ ސަރުކާރުން ވަނީ ފުރަގަސް ދީފައެވެ. ކާބޯތަކެއްޗާއި އަންނައުނު އަދި ބޭސް ފަރުވާއާއި ތަޢުލީމު ކަހަލަ ކަންތައްތަކުން އަޅުގަނޑުމެން ވަނީ މަހުރޫމް ކުރެވިފައެވެ. ފާއިތުވި ދުވަސްތަކުގައި އަޅުގަނޑުމެން ބައިތިއްބާފައިވަނީ އިންތިހާދަރަޖައިގެ ފަގީރުކަމާއި ވޭނުގައެވެ. އަޅުގަނޑުމެންގެ މަސައްކަތުން ހޯދޭ އެއްޗަކަށް ވުރެ މާލޭ ސަރުކާރަށް އަޅުގަނޑުމެން ދައްކަން ޖެހޭ ޓެކުސް ބޮޑެވެ. ފޭރުމަކާ ދާދި އެއްކަހަލަ ގޮތަކަށް އަޅުގަނޑުމެންގެ އަތުން އެކި ސިފަސިފައިގައި އެމީހުން ދިޔައީ ތަކެތި އަތުލަމުންނެވެ. މިއަހަރު ފެށިގެން އައިއިރު މިދެންނެވި ޓެކްސް އިހުނަށްވުރެ ވެސް ހަރުކަށިކޮށް އިތުރު ދާއިރާތަކުން ވާރު އަތުލުމުގެ ގަވާއިދެއް ވަނީ ނެރެފައެވެ. އަޅުގަނޑުމެންގެ މިރަށްތަކުގައި ދިރިއުޅޭ މީސްތަކުންގެ މައްޗަށް ދުނިޔެ ދަތިވެ، މާލޭ ސަރުކާރަށް ދައްކާނޭ އިތުރު ލޯ ލާރިއެއް ވެސް ނެތިއްޖެ ހިނދު އަޅުގަނޑުމެންގެ މީސްތަކުން ތެދުވެ، މާލޭ ސަރުކާރާ ދެކޮޅުވެރި ވެއްޖައޫއެވެ" (ޙުސައިން ޒަހީނު، 2015، ޕެރެގް.2).

މިހިސާބުން މި ކޮލަމުގެ ޚިޔާލީ ދެ ޝަޚުޞިއްޔަތާ އެކު ކުރިއަށް ދަމާތޯއެވެ؟

ދޮންކަނބުލޮ: މާފާ! މިއަދު، ވާހަކަ ފަށާނީ ކޮން ހިސާބަކުންތަ؟

މާފަ: މިއަދުގެ ވާހަކަދޯ؟ (ކުޑަކޮށް ވިސްނަން އިނދެފައި) ކުރީ ދުވަހުގެ ވާހަކަ ނިންމާލިއިރު، އައްޑޫގެ އުދަރެހުން، ބޯ ވިލާގަނޑެއް ނަގައި ބޯމަތިވިކަން ހަނދާން އެބަހުރިތަ؟

ދޮންކަނބުލޮ: އާނ! މާފަ ތިބުނަނީ އައްޑޫ މީހުން ގަމުގައި މަސައްކަތްކުރުމުން އިނގިރޭސިން ދޭ އުޖޫރަ ދިވެހި ސަރުކާރުން ނަގާފައި އެ މީހުންނަށް މާކުޑަ މުސާރައެއް ދިން ވާހަކައެއްނުން. އެހެންވެ ދިވެހި ސަރުކާރާ މެދު އައްޑޫ ރައްޔިތުން ހިތްހަމަނުޖެހުނު ވާހަކައެއްނުން. މިހާރު މާފަގެ ވާހަކައިން ހުރިހާ ކަމެއް މިދަނީ އެނގެމުން އޮޅުންފިލަމުންނޭ.. (ކަނބުލޮ ހިނިތުންވެލިޔެއެވެ.)

މާފަ: މާޝާﷲ ކަނބުލޮ ވަރަށް ވިސްނުންތޫނު. ދެން ބުނަންތަ؟ ކަނބުލޮ.. އެ ވިލާގަނޑުން ވާރޭވެހޭކަށް މާ ގިނަ ދުވަހެއް ނުނަގާ.

ދޮންކަނބުލޮ: މާފަ ތިބުނީ ކީކޭ؟ ވާރޭ ވެހުނީއޭ.. ދެންވީ ކިހިނެއްތަ؟

މާފަ: އާނ! ކަނބުލޮ. ދެން އެ ވާރޭފެން ލިބި މުޅި ރަށް ތިޔާގިވީ. ވިލާ ނަގަމުން ދާއިރު، ކިތަންމެ ވަރަކަށް ވިދާ ގުގުރާ ވައިބާރުވެ، ކޮޅިގަނޑުގައި ބައެއް ތަކެތި ރޫޅި ވެއްޓި ބިމާ ހަމަވިޔަސް، ވާރޭފެން ލިބި ގަސްތައް ރޯވެ ހެދި މޭވާ އަޅަން ފެށުމުން ކުރިން ހިނގި ކަންކަން މީހުން ހަނދާންނެތޭ. ދެން ފެންނާނީ އުފާވެރިކަން. އެންމެން އުފާއުފަލުން ނަށައި ލަވަކިޔާނެ. އައްޑޫގައި ވެސް ކަން ހިނގީ މި ބީދައިން.

ދިރާސީ ނޯޓު: "ގަމުން މީހުން ބޭލުމާއި ފޭދުން މީހުން ބޭލުމުގެ ކަންކަމުގައި އޭރުގެ ވަޒީރުލް އަޢުޒަމް އިބްރާހީމް ފާމުލަދޭރިކިލެގެފާނު ވަޑައިގެން ހުންނެވި... މި އަތޮޅުގެ މަޝްވަރާކޮމިޓީއާއި މާލެއިން ވަޑައިގެންނެވި ބޭފުޅުންނާއެކު ވަކި ގޮތަކަށް ނުނިމި ތިން ދުވަސް ވަންދެން ބަހުސްތައް ހިނގި. އެންމެ ފަހުން މިކަންކަމުގެ ތެރޭގައި ވަޒީރުލް އަޢުޒަމަށް އެއްޗެހިކިޔާ ވެސް ހެދި، މިހެން އެއްޗެހި ކީ މީހުން އަތޮޅުގެ ރަށްރަށަށް އަރުވާ ވެސްލި.. އަންހެނަކު ވެސް ވަޒީރުލް އަޢުޒަމާ ދިމާއަށް "އޭ މިހިރަ މުސްކުޅި މީހާއޭ" ބުނެގެން އޭނާ ވެސް އަރުވާލި..." (މަނިކުފާނުބެއްޔާ (އަސްލު ނަމެއް ނޫން). އައްޑޫ). ވީމާ، މަނިކުފާނު ބެއްޔާގެ ވާހަކައިން މި އެނގުނީ، އިބްރާހީމް ފާމުލަދޭރި ކިލެގެފާނު ވަޒީރުލް އަޢުޒަމަކަށް ހުންނެވި އިރުއްސުރެ ވެސް އައްޑޫގައި ހަމަނުޖެހުންތައް ހިނގަން ފެށިކަމެވެ.

"ވަޒީރުލް އަޢުޒަމުގެ ވިސްނުންފުޅަކީ މި ގަމުގެ ރައްޔިތުން އަތޮޅުން ބޭރުނުކުރުން. އެހެންނަމަވެސް ގަމުގެ ރައްޔިތުން ބޭނުންވީ ގދ.ގަމަށް ބަދަލުވާން. މި އަތޮޅުގައި ތިބޭނަމަ އޮޑައްސާ، ހިތަދޫ އުތުރުކޮޅު، ދެން މާމެންދޫއަށް ދާން ބޭނުންވީ.. އެކަމަކު އެތަންތަން ލިޔުއްވައިގެން އުޅުނީ ވަރަށް ނުފޫޒުގަދަ ބައެއް. އަދި ސަރުކާރުގައި ވެސް އިތުބާރު ބޮޑު ބައެއް އެހެންވީމާ، އެ މީހުން ބޭނުމެއް ނުވި އެތަންތަން ދޫކޮށްލަން" (މަނިކުފާނުބެއްޔާ، އައްޑޫ). ކޮންމެއަކަސް، މަނިކުފާނުބެއްޔާ މި ވިދާޅުވި ތަންތަން (ގދ.ގަމާއި ހިތަދޫ އޮޑައްސާއާއި މާމެންދޫ) ލިޔުއްވައިގެން އުޅުއްވީ މުޅި ހިތަދޫގައި ވެސް ހުންނެވި އެންމެ މުއްސަނދި މަހުޖަނު، ޢަބްދުﷲ ޢަފީފުގެ ބައްޕަ، އެޅަދީދީގެ އަލިދީދީގެ ޢާއިލާއިންނެވެ (ޢަލީ ފަހުމީ އަޙުމަދު، 2006). މިހާ ހިސާބުން ފާހަގަކުރެވުނު ކަމަކީ، އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ވެރިކަމުގައި ޢަބްދުﷲ ޢަފީފާއި އެ ޢާއިލާގެ ބާރު ގަދަކަމެވެ. މިކަން މިހެން އޮތް އިރު، އިނގިރޭސިންގެ ގާތުގައި ވެސް އެންމެ އަރިސް ޢާއިލާއަކަށް ވީ މި ޢާއިލާއެވެ. "ޢަބްދުﷲ ޢަފީފަކީ އިނގިރޭސިންގެ ޚާއްޞަ ތަރުޖަމާނެވެ. އިނގިރޭސިންގެ މަސައްކަތު ދާ ދިވެހިންގެ މުސާރައިގެ ގޮތުގައި ދޭން ގެނެސްފައިވާ ކާޑު ރައްކާކުރެވިފައިވަނީ އެދީދީގެ ގުދަންތަކުގައެވެ. ހިތަދޫ ވަޤުފުގެ ނާޒިރަކީ ވެސް އެބޭފުޅާއެވެ (ޢަލީ ފަހުމީ އަޙުމަދު، 2006، ޞ.49). މި ވާހަކަތައް ނަކަލުކުރުމުގައި އަޅުގަނޑުގެ ބޭނުމަކީ އެއްގޮތަކަށް ވެސް ޢަބުދުﷲ ޢަފީފުކީ ޚިޔާނާތެރިއެކޭ ދެންނެވުމެއް ނޫނެވެ. އަޅުގަނޑުގެ ބޭނުމަކީ ޢަބުދުﷲ ޢަފީފާއި އިނގިރޭސިންނާ އޮތް ގާތް ގުޅުން ހާމަކުރުމެވެ. އެހެނީ އެޅަދީދީގެ އަލިދީދީގެ ޢަބްދުﷲ ޢަފީފު ނުވަތަ ޢަބްދުﷲ ޢަފީފުދީދީ އަކީ އައްޑޫގެ ގިނަ ރައްޔިތުންގެ ރުހުމާއި ލޯބި ހާޞިލުކުރައްވައިގެން ވެރިކަން ކުރެއްވި ބޭފުޅެއްކަން ދިރާސާގެ ހުރިހާ ބައިވެރިން ވެސް ފާހަގަކުރެއްވިއެވެ. ކޮންމެއަކަސް އިނގިރޭސިންނާއި އައްޑޫ ރައްޔިތުންނާ ދެމެދު ކުރެވޭ މުއާޞަލާތުގެ "ދުލަކީ" ޢަބްދުﷲ ޢަފީފުދީދީއެވެ.

ދޮންކަނބުލޮ: މާފާ ކޮބައިތަ އިނގިރޭސިން ގަމަށް އައުމުން ލިބުނު ފައިދާތަކަކީ؟ އައްޑޫ މީހުންނަށް އެކަނިތަ ފައިދާވީ؟

މާފަ: ދޮންކަނބުލޯ ދިވެހި ސަރުކާރުގައި އޭރު އެއްވެސް ފުދުންތެރިކަމެއް ނެތް. ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދައިދެވޭކަށް ނޯވޭ. އެންމެ ކުޑަމިން ބަލިވީމާ ބޭސްކުރެވޭކަށް ވެސް ނޯވޭ... ތަޢުލީމު ވެސް ހަމަ އެފަދަ.... ވަރަށް މަދު ރަށެއްގައި މެނުވީ ހެޔޮނުބައި ވަކިވާވަރަކަށް ވެސް އެއްޗެއް ކިޔައިދޭނެ މީހަކު ވެސް ނުހުރޭ... މާފަ މިހެން ބުންޏަސް ސުވަދުންމަތި ރާއްޖޭގެ އެހެން ތަންތަނާ ތަފާތު... ތަޢުލީމީ ގޮތުން ވެސް ބޭސްވެރިކަމުގެ ގޮތުން ވެސް... މިހެން މި އުޅެމުން އައީ.. ދެން އިގިރޭސިންގެ ފަރާތުން ލިބުނު އެންމެ ބޮޑު ފައިދާއަކީ ރާއްޖޭގެ އެންމެނަށް ހިލޭ ބޭސްފަރުވާ ކުރެވުން..

ދޮންކަނބުލޮ: (ވަރަށް ބޮޑަށް ހައިރާންވެފައި) އަސްތާ މާފާ...! މުޅި ރާއްޖޭގެ އެންމެނަށްތަ؟ އިނގިރޭސީންގެ ޚަރަދުގައިތަ؟

މާފަ: އާނ! ދޮންކަނބުލޮ... އެކަން އޮންނަ ގޮތަކީ، ރާއްޖޭގެ ކޮންމެ ރަށަކުން ވެސް އައްޑޫއަށް އައިސް އައްޑޫގެ ގެއެއްގައި ރަޖިސްޓްރީ ވާން މި ޖެހެނީ. ދެން...

ދޮންކަނބުލޮ: އެހެންވީމާ އަސްލު އިނގިރޭސިން ބޭސްކޮށްދެނީ އައްޑޫ މީހުންނަށް ދޯ؟

ދިރާސީ ނޯޓު: "އޭރު މިތަނުން (އައްޑު އަތޮޅު ގަމުން) އެންމެ މަތީ  ފެންވަރުގެ ފަރުވާ ލިބޭ ހިލޭ. އެމީހުން ބޭސްފަރުވާ ދެނީ މި އަތޮޅު މީހުންނަށް. އެހެންވީމާ އެހެން މީހުން އައިސް ގޭގޭގައި ރަޖިސްޓަރީވަނީ. ދެން ރަށު އޮފީހަށް ދިޔައީމާ އެމީހާއަށް ދޭނެ ހުއްދައެއް. މި ހުއްދަ ހިފައިގެން ގަމަށް ދިޔައީމާ  ބޭސްކުރެވެނީ މުޅިން ހިލޭ (ހަސަންބެ، އަސްލު ނަމެއް ނޫން)، އައްޑޫ). ތާރީޚީ ފަތްފުށްތަކުންނާއި ދިރާސާގެ ހުރިހާ ބައިވެރިންގެ ވާހަކަތަކުން ވެސް ފާހަގަކުރެވުނު ގޮތުގައި އައްޑޫއަށް ބޭހަށް އަންނަ ކޮންމެ މީހަކު ވެސް އައްޑޫގެ ކޮންމެވެސް ގެއެއްގެ ރަޖިސްޓަރީ ވުމުން، އިނގިރޭސިން ހިލޭ ބޭސްފަރުވާކޮށްދެއެވެ. މިއީ ވަކި ސުވާދީބު މީހުންނަށް އެކަނި އޮތް ކަމެއް ނޫނެވެ. ވެރިރަށް މާލެއިން ވިޔަސް ރާއްޖޭގެ އުތުރާއި ދެކުނުގެ ކޮންމެ ރަށަކުން ވިޔަސް ކެރިފޯރުންތެރިކަން ހުރީ ވިއްޔާ ދަތުރުކޮށްފައި އައްޑޫއަށް ދާންވީއެވެ. އެ ބަޔަކަށް ބޭސްފަރުވާ ކުރެވެއެވެ.

އޭރު އައްޑު އަތޮޅު ގަމުގައި މަސައްކަތްކުރެއްވި ޑޮކްޓަރަކު، އޭނާގެ މާޒީން ހިތްހަމަޖެހުން ގެނުވާ ހަނދާންތައް އިނގިރޭސި ވިލާތުގައި ކިޔަވަން ހުރި ދިވެއްސަކާ ހިއްސާކުރެއްވި ވާހަކަ ސިފަކުރައްވަމުން މުޙައްމަދު އާދަމް ސަލީމް (25 މާރިޗު، 2020) ވިދާޅުވަނީ "ޑރ.ސުލައިމާނުގެ ފެންޑާއިން، ފެންނަމުން އެދާ، ދިވެހި އުފެއްދުންތަކާއި ރާއްޖޭގެ މަޝްހޫރު ބޮލިތަކަކީ، އައްޑޫ ގަމުގައި އިނގިރޭސިން ހިންގި، 'އާރު.އޭ.އެފް މެޑިކަލް ސެންޓަރ' ގައި، އޭނާ އެތައް، ދިވެއްސަކު އޮޕަރޭޝަން ކޮށްދީ، ފުރާނަ ސަލާމަތް ކޮށްދިނީތީ، ދިވެހިން އެޒަމާނުގައި، ޝުކުރު އަދާކުރުމުގެ ގޮތުން ދީ އުޅުނު ހަދިޔާއެވެ" އޭނާ އިތުރަށް ވިދާޅުވާ ގޮތުގައި އާރު.އޭ.އެފް މެޑިކަލްސެންޓަރުގައި، ތިއޭޓަރަކާއި، އެކްސްރޭ ރޫމަކާއި، ލެބޯޓަރީއަކާއި، ފާމަސީއެއް ހުރެއެވެ. މީގެއިތުރުން، ސާޖަނުންނާއި ފިޒިޝަނުންނާއި، އަދި ހޭނައްތާ ޑޮކްޓަރުން ވެސް ތިއްބެވިއެވެ. މި ފެންވަރުގެ ބޭސްވެރިކަމުގެ ޚިދުމަތެއް ރާއްޖޭގެ އެއްވެސް ރަށެއްގައި އޭރު ނެތް ކަމަށާއި މި މެޑިކަލް ސެންޓަރުން ދުވާލަކަށް ދޫކުރި 18 ނަންބަރުގެ ހައްގުވެރިންގެ ގޮތުގައި މުޅި ރާއްޖޭގެ އެންމެން ވީ އައްޑޫ ރައްޔިތުންގެ އޯގާތެރިކަމާއި އިޚްލާޞްތެރި މެހެމާންދާރީއާ އެކުގައި ކަމަށް ވެސް މުޙައްމަދު އާދަމް ސަލީމް ބަޔާންކުރައްވައެވެ.

ދޮންކަނބުލޮ: މާފާ...! އެހެންވީމާ އައްޑޫ މީހުން ހާދަ ރަނގަޅޭ ދޯ؟ ވަރަށް ގިނަ މީހުން ދިޔަދޯ ބޭސްކުރަން؟ (ބޯޖަހާލަމުން.... ވިސްނަންއިނދެފައި) ކިހިނެއް އެމީހުން ކަނީ؟ ނިދަނީ ކޮން ތާކު؟ އޭރު ވެސް ގެސްޓުހައުސް ހުރޭތަ؟

މާފަ: ކަނބުލޯ...! (ހީނލަމުން...) އާނ! ވަރަށް ގިނައިން ވެސް މީހުން ދޭ...! އެކަމަކު އޭރަކު ގެސްޓްހައުސްއެއް ނުހުރޭ.. ބުނަން ކަނބުލޯ... މާ ފަހަކުން ރާއްޖެއަށް އައިސްގެން އުޅޭ ކަމެކޭތީ... ގެސްޓްހައުސްއާއި ގޭގެ ކުއްޔަށް ދިނުމާއި މިކަންކަންކަމެއް އޭރަކު ނޯވޭ... އޭރު އޮންނަނީ އެއަށް ވުރެ މާ ވަރުގަދަ ގުޅުމެއް... އަޚުވަންތަކަން... އައްޑޫއަށް ބޭސްފަރުވާ ކުރުމަށް އަންނަ ކޮންމެ ބަޔަކަށް އައްޑޫގެ ރައްޔިތުން ފުރިހަމައަށް މަރުޙަބާ ކިޔާ...! އެ މީހުންގެ ގޭގޭގައި އެ މީހުން ކާއެއްޗެއް ކައިގެން ވަރަށް އެކުވެރިކަމާ އެކު ދިރިއުޅެމުން ދިޔައީ....

ދޮންކަނބުލޮ: (ހައިރާންކަމާ އެކު ފެންކަޅިވެފައި އިނދެ) ހަމަ ރަނގަޅަށްތަ މާފާ...! އަހަރެމެންނަށް ތިޔަ ކަންކަން ކިހިނެއް ގަބޫލު ވެސް ކުރެވޭނީ...؟

މާފަ: (ވަރަށް ޔަގީންކަމާ އެކު)... ކަނބުލޯ މިއީ މިކަން ހިނގި ގޮތް... ދެން ހަދިޔާބަދިޔާ ބަދަލުކުރުން އޮންނާނެ... މިއީ ވެސް އެކުވެރިކަމާއި ގާތް ގުޅުން ވަރަށް ބޮޑަށް އިތުރުވި ކަމެއް. އަދި ކަނބުލޮއަށް އެނގޭތަ ހަމައެކަނި އިނގިރޭސިން ލައްވާ ބޭސްކުރުވާކަށް ނޫން މީހުން އައީ...

ދޮންކަނބުލޮ: ދެން ކީއްކުރަން...؟

މާފަ: އައްޑު އަތޮޅު މީހުންނަކީ އޭރު ދިވެހިބޭސް ނުވަތަ ހަކީމީ ބޭސްވެރިކަމަށް ވެސް އަރާ ތިބި ބައެއް... އަދި ފަންޑިތަވެރިކަމަށް ވެސް އެހާ ކުޅަދާނަ ބައެއް..

ދޮންކަނބުލޮ: އެހެންވީމާ މާފަ ތި ބުނަނީ ދިވެހިބޭސްކުރާށާއި ފަންޑިތަ ހައްދަން ވެސް މީހުން އައްޑު އޮތަޅަށް އައޭދޯ؟

މާފަ: އާނ! ކަނބުލޯ.

ދޮންކަނބުލޮ: ދެން ބުނެދީބަލަ! މާފަ ކުރީ ދުވަހު ބުނީމެއްނުން (ހަނދާނަށް ގެންނަމުން ވިސްނަމުން) އިނގިރޭސިންނަށް މަސައްކަތް ކޮށްދޭން އައްޑޫ މީހުން ދާ ވާހަކަ... އެހެން ރަށްރަށުގެ މީހުންނަކަށް ގަމަށް މަސައްކަތު ނުދެވޭތަ؟

މާފަ: ކަނބުލޮ ވަރަށް ރަނގަޅު ސުވާލެއްތީ... ކޮންމެވެސް ވަރަކަށް... ވަރަށް މަދު ބަޔަކު އައްޑުއަށް ގޮސް ގަމަށް މަސައްކަތު ވެސް ދިޔަ... ގިނަ މީހުން މަސައްކަތްކޮށްދިނީ އައްޑޫ މީހުންނަށް.

ދޮންކަނބުލޮ: ކޮން ކަހަލަ މަސައްކަތްތަކެއް އެމީހުން ކުރީ؟

މާފަ: އުޖޫރައަށް ގޭގޭގެ ހުރިހާ މަސައްކަތެއް ވެސް ކޮށްދީ އުޅުނު. ރޭނުމާއި، ވަޑާންކުރުމާއި، މިހެން ގޮސް ގޭގޭގެ ވަޅުދިޔަހިއްކުމުން ފެށިގެން ހުރިހާ ބާވަތެއްގެ މަސައްކަތް ވެސް ކުރި. ހުވަދު އަތޮޅު މީހުންނަށް ވުރެ ގިނައިން އައްޑޫގެ ގޭގޭގައި މަސައްކަތްކުރީ ފުވައްމުލަކު މީހުން..

ދޮންކަނބުލޮ:  ދެން ގަމަށް ދިޔަ މީހުން ކޮން ކަހަލަ މަސައްކަތްތަކެއް ކުރީ؟

މާފަ: މާފަ ކުރިން ވެސް ބުނި ހަނދާނެއްވޭ... ފަންނީ މަސައްކަތް ކުރަން އުޅުނީ ޕާކިސްތާނު މީހުން... އައްޑޫ މީހުންނާއި އެހެން ރަށްރަށުން އައި މީހުން ވެސް ކުރީ އާދައިގެ މަސައްކަތް.

ދިރާސީ ނޯޓު: "އަޅުގަނޑު އުޅުނީ އިނގިރޭސިންގެ ކޮމާންޑިންގ އޮފިސަރ ޑޭވީ ގާތު... ދުވާލަކަށް ލިބޭ 2 ޕައުންޑް 10 ޝިލިންގު. މިއީ ވަރަށް ބައިވަރު ރުފިޔާ. ބޭބެ ދިޔަ ދުވަހުއްސުރެ ލިބެނީ އިނގިރޭސި ފައިސާ... ބައެއް މީހުންނަށް ލިބުނީ ދިވެހި ފައިސާއިން" (ޙުސައިނުބޭބެ (އަސްލު ނަމެއް ނޫން)، އައްޑޫ). މި ދިރާސާގެ ހުރިހާ ބައިވެރިންނާއި ތާރީޚީ ފަތްފުށްތަކުން ވެސް ފާހަގަކުރެވުނު ގޮތުގައި ގަމަށް މަސައްކަތު ދިޔަ މީހުންގެ މުސާރައަށް ވާ ފައިސާ އިނގިރޭސިން ދިނީ ދިވެހި ސަރުކާރަށެވެ. އަދި ދިވެހި ސަރުކާރުން، ގަމަށް މަސައްކަތު ދިޔަ މީހުންނަށް އުޖޫރައަކަށް ދިނީ ދުވާލަކަށް ދެ ރުފިޔާ ބައި ނުވަތަ ތިން ރުފިޔާއާއި ހަނޑޫ ނާޅިއެކެވެ. މީއި އިނގިރޭސިން ދޭ މުސާރައާ އަޅައިބަލާ އިރު ވަރަށް ކުޑަ މިންވަރެއްކަން ދިރާސާގެ ބައިވެރިން ހާމަކުރިއެވެ. ނަމަވެސް އިނގިރޭސިންނާއި ދިވެހިސަރުކާރާ މައްސަލަ ޖެހެންދެން މިކަން އޮތީ ބޮޑު ސިއްރެއްގެ ގޮތުގައެވެ. ދިރާސާގައި ޙުސައިނުބޭބެގެ ވާހަކައިން މި އެނގުނީ، ފެށުނީއްސުރެ ބައެއް މީހުންނަށް އިނގިރޭސި ފައިސާއިން މުސާރަ ލިބުނުކަމެވެ. އެހެންވީމާ، އެންމެ އާދައިގެ ވަޒީފާތަކަށް ދިޔަ އާންމުންނަށް ލިބެންވާ ޙައްޤު ނުލިބި ބައެއް މީހުންނަށް ފުރިހަމަ މުސާރަ ލިބެމުން ދިޔަކަން ފާހަގަކުރަމެވެ.

ދޮންކަނބުލޮ: މަސައްކަތު ދާ މީހުންނާ އިނގިރޭސިންނާ ދެމެދު ގުޅުން އޮތީ ކިހިނެއް؟

މާފަ: ކަނބުލޯ...! އެނގޭތަ އައްޑޫ މީހުން ސިފަކުރާ ގޮތުގައި... އިނގިރޭސިންނަކީ މީހުންނަށް ވަރަށް ހެޔޮ ބައެއް... އެ މީހުން ތިބޭނީ އަބަދު ޖީބަށް މެޓާ އަޅައިފުރައިލައިގެން... ދިމާވާ މީހުންނަށާއި ކުދިންނަށް ވެސް މެޓާ ބަހާނެ.

ދޮންކަނބުލޮ: (ވިސްނަން އިނދެފައި) ކިހިނެއް ކުދިންނާ އެމީހުން ދިމާވަނީ؟ މަސައްކަތު ދާ މީހުން ދަނީ ކުދިން ވެސް ގޮވައިގެންތަ؟

މާފަ: (ދޮންކަނބުލޮއަށް ބަލާފައި ހިނލަމުން) ދޮންކަނބުލޯ... ކުޑަކުދިން ދެކެ އެންމެން ވެސް ލޯބިވާނެއެއްނުން... މަސައްކަތު ދަނީ ފިރިހެނުން... އެމީހުންގެ ދަރިން ގޮވައިގެން މަސައްކަތު ނުދާނެދޯ...؟ އިނގިރޭސިން ބައެއް ފަހަރު މީހުން އުޅޭ ރަށް ރަށަށް ގޮސް އުޅޭ... އެ ދާ އިރު މެޓާ ހިފައިގެން ދާ ވާހަކަ މި ބުނީ.

ދޮންކަނބުލޮ: އެހެންދޯ މާފާ... އެ ކުދިން ވަރަށް އުފާވާނެ ދޯ މެޓާ ލިބޭތީ

ދިރާސީ ނޯޓު: އޭރުގެ ކުޑަ އަންހެންކުދިން (މިހާރުގެ ދުވަސްވީ މީހުން) އިނގިރޭސިންގެ މެޓާ ބެހުމުގެ ވާހަކަ ވަރަށް ގިނައި ކިޔައިދެއެވެ. އެ މީހުންގެ ފަރާތުން ވަރަށް ހަދިޔާ ލިބޭ ވާހަކައާއި ގޭގެއަށް އައިސް އުޅޭ އިރު މައިންބައިން އެ މީހުންނަށް ވަރަށް ކަމޭހިތައި ކާންދޭ ވާހަކަ ވެސް ދިރާސާގެ ބައިވެރިން ބުނެއެވެ. ދިރާސާގެ ބައިވެރިން ކިޔައިދިން ގޮތުގައި މީހުން އުޅޭ ރަށްރަށަށް އިނގިރޭސިން ގޮސް އުޅޭއިރު ވަރަށް ހަދިޔާ ގެންދެއެވެ. އަދި ގަމުގައި މަސައްކަތު ދާ މީހުންގެ ގޭގެއަށް ގޮސް އެ ގޭގޭގެ މީހުންނާ އެކު ކައިބޮއި ވެސް ހަދައެވެ. ބައެއް އަންހެނުން ކިޔައިދޭ ގޮތުގައި އެމީހުން ތެލި ދޮންނަން އަތިރިމަތީގައި ތިބޭ އިރު، އިނގިރޭސިން އަންނަ ތަން ފެނުމުން ބިރުން ވަލަށް ވަދެ ފިލަނީއެވެ. އަދި މަގުމަތިން އެ މީހުން ފެނުނީމާ ރޮމުންރޮމުން ގެއަށް ދާ ވާހަކަ ވެސް ބައެއް މީހުން ބުނެފައި އެބަ ހުއްޓެވެ. ނަމަވެސް މީގެ އިތުރުން އެ އަތޮޅުގައި ހިނގި ކަންކަން އެނގޭ އަންހެނުން މަދުކަން ވެސް ފާހަގަކުރެވެއެވެ.

އިނގިރޭސިންގެ ކޮމާންޑިންގ އޮފިސަރ ޑޭވީ ގާތު މަސައްކަތްކުރި ޙުސައިނުބޭބެ ޑޭވީ ސިފަކުރަމުން ބުނީ، "ވަރަށް ރަނގަޅު މީހެއް. ރަނގަޅުކަމުގެ ހައްދެއް ނެތް... ނުފޫޒުގަދަ މީހެއްނޫން. މަޑުމައިތިރި އަމުރެއް ހިންގާ މީހެއް... އޭނާގެ އަމުރުގައި ޙަރަކާތްތެރިކަން ހުންނާނެ. އެކަމަކު ހަރުކަށިކަމެއް ނުހުންނާނެ. މަޑުމަޑުން ވާހަކަދައްކައި ސުލްޙަކުރާނީ. އޭނަ ބުނާގޮތް ހަދާނެ. އަފީފު ވެސް އޭނަ ބުނާގޮތް ހަދާނެ." މިއިން އެނގެނީ އިނގިރޭސިންގެ އެންމެ މަތީ ފެންވަރުގެ ބޭފުޅުންނާ ހަމައިން ވެސް ދިވެހިންނާ ގާތް ގުޅުން ބޭއްވިކަމެވެ.

ދޮންކަނބުލޮ: މާފާ..! މިއަދު މި އެނގުނީ.. އައްޑޫ މީހުންނަކީ މީހުންނަށް ވަރަށް ހެޔޮ ބައެއްކަން... އަދި އިނގިރޭސިންނާ އައްޑޫ މީހުންނާ ވަރަށް ގުޅުން ރަނގަޅުކަން ދޯ؟

މާފަ: އާނ ކަނބުލޯ... ސިޔާސީ ގޮތުން ކިތަންމެ ކަމެއް ހިނގި ކަމުގައި ވިޔަސް އާންމު ރައްޔިތުންނަށް ފެންނަމުން ދިޔައީ އެމީހުންނަށް ލިބެމުން ދިޔަ ތަނަވަސްކަމާއި ފަސޭހަތައް.. އެއާ އެކު މުޅި ރާއްޖޭގެ އެންމެނާ ގުޅި އިޖުތިމާޢީ ގުޅުން ބަދަހިވަމުން ދިޔަ ތަން... އެހެންވީމާ، އާންމު ރައްޔިތުން ދިރިއުޅެމުން ދިޔައީ ވަރަށް އުފަލުން... ދެން ސުވާދީބު އުފަންވުމުން އަދި މާ ބޮޑަށް ވެސް ތިޔާގިވި... ވިޔަފާރި ވެސް އިތުރަށް ފުޅާވި... މި ވާހަކަތައް ދެން އެހެންދުވަހަކުން ދޯ ކަނބުލޯ...؟

ދޮންކަނބުލޮ: ވަރަށް ބޮޑަށް ޝުކުރިއްޔާ! މާފާ...!

މިއަދުގެ ކޮލަމު މި ނިންމާލަނީ، އައްޑޫގެ އިޖުތިމާޢީ ހާލަތު ކޮންމެވެސް ވަރަކަށް ވަޒަންކުރެއްވޭނެ ވަރުގެ މަޢުލޫމާތުކޮޅެއް ގެނެސްދެވުނުކަމުގެ އުންމީދުގައެވެ. އަންނަ ހަފުތާގެ ކޮލަމުގައި އައްޑޫގެ އައު ޞަފާއެއް ގެނެސްދިނުމަށް މަސައްކަތްކުރާނަމެވެ. އިންތިޒާރުކޮށްލައްވާށެވެ.


ލިޔުމުގައި ހިމެނުނު ދޭހަވުމަށް ދަތިވެދާނެ ބައެއް ބަސްކޮށާރު

ހެޔޮނުބައި: ކޮންމެ މުސްލިމަކަށް ދީނީ ގޮތުން ކޮންމެހެން އެނގެންވާ މިންވަރު

އަޚުވަންތަކަން: އެއްބަނޑު އެއްބަފާ ގޮތް ބަހައްޓާކަން

ވާރު: އިހުގައި މީހުން އުފައްދާ ތަކެތިން، ނުވަތަ ކުރާ މަސައްކަތުން ނުވަތަ މީހުންގެ ބޯބޯމަތިން ސަރުކާރަށް ނަގާ ބައި

ދިޔަހިއްކުން: އޮޑިދޯނިފަހަރާއި ވެވާއި ވަޅު ފަދަ ތަންތަނުން ފެންގަނޑު ހުސްކޮށްލުމަށް ނުވަތަ މަދުކޮށްލުމަށް ފެންނެގުން


ދިރާސާގެ ބަސްދީގަތުންތަކުގެ އިތުރުން، މި ލިޔުން އެކުލަވައިލުމަށް ބޭނުންކުރި ރެފަރެންސް:

ޙުސައިން ޒަހީން. (2015). ސުވާދީބު ޖުމުހޫރިއްޔާގެ ހަނދާންތައް: އަފީފުދީދީ ލިޔުއްވި ސިޓީ. ނެގީ: 22 އޮގަސްޓް 2015 އިން https://www.addulive.com/38428

އަލީ ފަހުމީ އަހުމަދު. (2012). "ދިވެހިންނާއި އިނގިރޭސިންގެ ކޯޅުން" ސުވާދީބު. މާލެ: ކޮރޯނާ ޕްރެސް

މުޙައްމަދު އާދަމް ސަލީމް. (25 މާރިޗު، 2020). ފަރުވާއަށް އައީ ކޮންރަށެއްގެ ކާކުތޯ ނާހައި މެހުމާންދާރީގައިހުރެ، ހިލޭ ބޭސްކޮށްގެންދާށެވެ! ނެގީ: (30 އޮގަސްޓު، 2020) https://raajje.mv/73969

ޢަޒީޒާ ޢަފީފު (އައްޒަ)
އަލްފާޟިލާ ޢަޒީޒާ ޢަފީފު (އައްޒަ) ވަނީ، މާސްޓަރސް އިން ދިވެހި ލެންގުއޭޖް އެންޑް ކަލްޗަރ ފުރިހަމަކުރައްވާފައެވެ. މިހާރު އައްޒައަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ބަހަވީ ޢިލްމާއި ދިވެހިބަހުގެ އަދަބިއްޔާތު ފަދަ ބަހާ ގުޅުން ހުރި ތަފާތު މާއްދާތައް ކިޔަވައިދެއްވާ ދާރިސެކެވެ. އޭނާގެ ދިރާސީ މަސައްކަތްތަކުގެ ތެރޭގައި ދިވެހި ބަހުގެ ޤަވާޢިދުގެ އިތުރުން، ދިވެހިރާއްޖޭގެ ތާރީޚު، މިންތީ ތަފާތު، ދިވެހިރާއްޖޭގެ ފޯކްލޯ އަދި އަދަބިއްޔާތު ފަދަ ދިވެހި ބަހާއި ތާރީޚާއި ސަޤާފަތާ ގުޅުން ހުރި ތަފާތު ދާއިރާތައް ފާހަގަކޮށްލެވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.