އައްޒަގެ ދިރާސީ ބަސް: ސުވަދުންމަތީ މީހުންގެ ނުތަނަވަސްކަމުގެ ފެށުން

މިއަދުގެ ކޮލަމް މި ޚާއްޞަކޮށްލަނީ، ސުވަދުންމަތީ ރައްޔިތުންގެ ފިކުރު ބަދަލުވާން ފެށި ގޮތުގެ މައްޗަށެވެ. މިއަދުގެ ބައި ފެށުމުގެ ކުރިން މުހިންމު މަޢުލޫމާތުކޮޅެއް ކިޔުންތެރިންނާ ހިއްސާކޮށްލާނަމެވެ. މި ލިޔުން ވިދާޅުވުމުގެ ކުރިން މިއީ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ލިޔެވޭ ދިރާސީ ލިޔުމެއްކަން ހަނދުމަފުޅުކުރެއްވުން އެދެމެވެ. މި ހާދިސާއިން އަސަރުކޮށްފައިވާ ބޭފުޅުންނަށް މި ލިޔުމުން ނޭދެވޭ އަސަރެއް ކޮށްފާނެއެވެ. ވީމާ، ނަފުސާނީ ދުޅަހެޔޮކަން ނެތްނަމަ، މި ލިޔުން ވިދާޅުވުން ރަނގަޅެއް ނުވާނެއެވެ. ބައިވެރިން ހިއްސާކުރެއްވި ވާހަކަތައް އޭގެ އަސްލު ނުގެއްލޭނެހެން ހިއްސާކުރި ގޮތަށް ދިރާސީ ނޯޓްގެ ގޮތުގައި ލިޔުމުގެ ތެރެއިން ފާހަގަކުރެއްވޭނެކަން ކިއުންތެރިންގެ މަޢުލޫމާތަށް ޓަކައި ދަންނަވާލަމެވެ. މީގެ އިތުރުން ދިރާސީ ނޯޓްގައި މިކަމާބެހޭ ގޮތުން އެހެން ފޮތްތަކުގައި ލިޔެވިފައިވާ ލިޔުންތަކަށް ވެސް ހަވާލާދެވި ކޮންމެވެސް މިންވަރެއް ހިމެނިފައިވާނެއެވެ. މީގެ އެންމެ ބޮޑު ބޭނުމަކީ މި ހާދިސާތަކާ ބެހޭގޮތުން ނިއުޅެމުންދާ ބައިތަކަށް ކިއުންތެރިންނަށް ބޭނުންވެދާނެ އިތުރު ދޭހަ އަދި ތަފުސީލުތައް ހިމަނާލުމެވެ.

މި ކޮލަމުގެ ޚިޔާލީ ދެ ޝަޚުޞިއްޔަތު، މާފައާއި ދޮންކަނބުލޮގެ ވާހަކަ މިދިޔަ ހަފުތާގައި ނިންމާލި އިރު، އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް ޞަރީޙަކޮށް ސުވަދުންމަތީގެ މީހުންގެ އޭރުގެ ތަނަވަސްކަމާއި ތިޔާގިކަމުގެ އަސްލަކީ އެބައިމީހުން އަރުމާދު އޮޑިފަހަރުގައި ކުރި މިނިވަން ވިޔަފާރި ދަތުރުތައްކަން އެނގުނެވެ. އަރުމާދު އޮޑިފަހަރު ރަށަށް އަންނަ ކޮންމެ ދުވަހަކީ އެބައިމީހުންނަށް ޢީދެއް ކަމުގައި ވިއެވެ. ކަންމިހެން އޮތް އިރު، ސަރުކާރުން އޮޑިދޯނިފަހަރު ރަޖިސްޓަރީކުރައްވައި، އަރުމާދު އޮޑިފަހަރުގައި ކަރަކަރައަށް ކުރި ދަތުރުތަކަށް ބޮޑެތި ބަދަލުތައް ގެންނަވަން ފެށްޓެވިއެވެ.  އެއާއެކު ދެން ކަންތައް ވަމުން ދިޔަ ގޮތް މާފައާއި ދޮންކަނބުލޮގެ ވާހަކައާ އެކު ކުރިއަށް ދަމާތޯއެވެ؟

ދޮންކަނބުލޮ: ކޮބާ މާފާ މަޢުމޫލެއް (ޓެކުހެއް) ނެތި މިނިވަންކަމާ އެކު ވިޔަފާރިކުރަމުން އަންނަނިކޮށް ކިހިނެކޭ އެ ވިޔަފާރިއަށް ވީ؟

މާފަ: އާނ! ދޮންކަނބުލޯ... ތިޔައީ އަހަރެމެން އެންމެންނަށް ލިބުނު ބޮޑު ހިތްދަތިކަމެއް... އެއްވެސް މީހަކަށް ހަޖަމުނުކުރެވުނު އަރަތެއް...؟ ކިހިނެއް ދޯ ބަލައިގަނެވޭނީ ވެސް މި ޒަމާނުގައި މި ނަގާ ގޮތަށް އޭރު މަޢުމޫލު (ޓެކުސް) ނަގަންޖެހޭނެ ކަމަށް. އެންމެންގެ ވެސް ސުވާލަކީ ކީއްވެހޭ އަހަރެމެން އެތައް ބުރަ މަސައްކަތެއް ކޮށްގެން ހޯދާ ހަލާލު މުދާ ކަމަކާ ނުލާ ސަރުކާރަށް ދޭންވީ؟

ދޮންކަނބުލޮ: ސަރުކާރު ހިންގޭނީ ޓެކުސް ވެސް ނަގައިގެންނުން މާފާ!

މާފަ: ދޮންކަނބުލޯ އެނގޭތަ؟ އޭރު ޓެކުސް ނަގައިގެން ސަރުކާރުން ރައްޔިތުންނަށް ކޮށްދޭ އެއް ކަމެއް ވެސް ނޯވޭ. އެންމެ ކުޑަމިނުން ރަށުގެ ވެރިންނަށް މުސާރަދެނީ ވެސް އޮޑިވެރިން. ކޮންމެ ދޯންޏަކުން މަސްބައެއް ވެރިންނަށް ދޭ ގޮތަށް އޮންނަނީ.

ދޮންކަނބުލޮ: ކޮބައިތަ މަސްބަޔަކީ؟

މާފަ: މަސްބަޔަކީ މަސްބަހާއިރު އަޅާ ބައިތަކުގެ ތެރެއިން ބައެއް. ހަވަރުތިނަދޫގައި މިކަން ކުރި ގޮތަކީ، ކޮންމެ ދޯންޏަކުން ވެސް  ބާނާ ކޮންމެ ސަތޭކަ މަހަކުން ހަ މަސް، ވެރިންގެ ބަޔަށް ނަގާނީ. ބާކީ މަސް ބަހާނީ ދޯނިވެރިޔާއަށާއި މި މަސައްކަތުގައި އުޅޭ އެހެނިހެން މީހުންނަށް. މި ރަށުގައި ކަތީބަކާއި ހަތަރު ކުޑަކަތީބުންގެ އިތުރުން މުދިމެއް ހުންނަވާނެ. އެހެންވީމާ، ރަށުގެ ވެރިންގެ ގޮތުގައި ތިއްބަވަނީ މި ހަ ބޭފުޅުން. ކޮންމެ ދުވަހަކު ވެސް މިގޮތަށް ނަގާ މަސްބައިތައް އެއްކޮށްފައި މި ހަ ބޭފުޅުންނަށް ބަހާނެ.

ދޮންކަނބުލޮ: މާފާ އެހެންވިއްޔާ މި ރަށުގެ ވެރިންނަށް ހާދަ ގިނަ މަހެއް ލިބޭނެޔޭ.

މާފަ: އާނ! ކަނބުލޯ! މިއީ އެންމެ ގިނަ ދޯނިފަހަރު ދުއްވި ރަށް... ދެން އަޑުއަހާ ކަނބުލޯ! ސަރުކާރުން ބޭނުންވީ މިކަން ބަދަލުކޮށް ވެރިންނަށް މުސާރަދޭން. މި މުސާރަ ދެވޭނީ ޓެކުސް ނަގައިގެން ކަމަކަށް ކާކު އޭރު ގަބޫލުކުރާނީ؟ މިހާރު ވެސް މިކަން ގަބޫލުކުރާނެ މީހަކު ހުންނާނެ ހެނެއް މާފައަކަށް ހިއެއްނުވޭ. އެއީ ދޭން ނިންމީ ނުލާހިކު ކުޑަ މުސާރައެއް. އެހެންވީމާ، ވެރިންނަށް ލިބޭ އެއްޗެއް ވެސް ކުޑައެއްނުން ވާނީ. ދެން ކޮބާ؟  އޮޑިވެރިންނާއި ވިޔަފާރިވެރިން ސަރުކާރަށް ދައްކަން ޖެހުނު ފައިސާ އިންތިހާއަށް ބޮޑު. ޚާއްޞަކޮށް އޭރު ވިޔަފާރިކުރީ ބާޓާ ސިސްޓަމަށް ކަމަށް ވާއިރު، ފައިސާ ހޯދުން ވެސް އޮތީ ދަތިކަމަކަށް ވެފައި.

ދިރާސީ ނޯޓު: ސަރުކާރުން ރަށްރަށުގެ ވެރިންނަށް މުސާރަ ދެއްވާ ގޮތަށް ކަނޑައެޅުއްވީ 1 ޖަނަވަރީ 1959 ގައި އަދި އޮޑިފަހަރު ރަޖިސްޓަރީކުރަން ފެށްޓެވީ 15 އޮކްޓޯބަރު 1958 ގައެވެ (ކަށިމާ އަޙުމަދު ޝާކިރު، 2004). ކުއްލިއަކަށް ސަރުކާރުން މި ގެންނެވި ބަދަލުތަކާ އެކު ދިވެހި ސަރުކާރާ މެދު ރައްޔިތުން ހިތްހަމަނުޖެހޭން ފެށިއެވެ. ޚާއްޞަކޮށް އޮޑިވެރިންނާއި ވިޔަފާރިވެރިންނެވެ. އޮޑިދޯނިފަހަރު ރަޖިސްޓަރީކޮށް އަހަރުން އަހަރަށް ސަރުކާރަށް ބޮޑު ފީއެއް ދައްކަން ޖެހުން ވީ އޮޑިވެރިންނަށް ކުޅަދާނަ ނުވާ ވަރުގެ ކަމަކަށެވެ. އެންމެ ބޮޑު ފީއެއް ދައްކަން ޖެހުނީ ވެސް އަރުމާދު އޮޑިފަހަރުންނެވެ. މިކަން މިހެން އޮތް އިރު، އަރުމާދު އޮޑިއާއި އެހެނިހެން އުޅަނދުފަހަރު ވެސް އެންމެ ގިނައީ ވެސް ސުވަދުންމަތީގައެވެ. ޚާއްޞަކޮށް ގ.ހަވަރުތިނަދޫއަކީ އެންމެ ގިނަ އުޅަނދުފަހަރު ހުރި ރަށެވެ. ވީމާ، މުޅި ސަރުކާރު ހިންގާފައި ބާކީވެ އިތުރު ވެސް ވާ މިންވަރަށް، ސުވަދުންމަތީގެ އޮޑިވެރިން އަތުން ލާރި ނަގަން އޭރު ސަރުކާރުން އޮތީ ހަމަޖައްސަވާފައެވެ. ހަމައެހެންމެ ރާއްޖެއިން ބޭރުކުރާ މުދަލުގެ އަގު ކޮންޓްރޯލްކޮށް، އެތެރެކުރާ މުދަލުން ސަރުކާރަށް ޓެކުސް ނަގަން ފެށުމުން، ވިޔަފާރިވެރިންނަށް އިންތިހާއަށް ގެއްލުންވާން ފެށިއެވެ. ދިރާސާގެ ބައިވެރިންނާއި ތާރީޚީ ލިޔުއްވުންތަކުން ވެސް ފާހަގަވާ ގޮތުގައި ސަރުކާރަށް ވަރަށް ބޮޑު ޢަދަދުތަކަކުން ޓެކުސް ދައްކަންޖެހުނެވެ. މިގޮތުން 25 އިންސައްތައިން ފެށިގެން 50 އިންސައްތައާ ދެމެދުގެ ޓެކުސް ނަގަމުން ދިޔަކަން ތާރީޚީ ފަތްފުއްތަކުންނާއި ބަސްދީގަތުންތަކުން ފާހަގަކުރެވެއެވެ. މިއީ މިޒަމާނަށް ބެލިކަމުގައި ވިޔަސް ޓެކުސް ނަގަން ބޮޑު ޢަދަދެއް ކަމަށް ދިރާސާގެ ބައިވެރިން ވެސް ފާހަގަކުރެއްވިއެވެ. އަދި އެންމެ ބޮޑުކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ ޓެކްސް ނުނަގާ އެއްވެސް މުދަލެއް ނެތްކަމެވެ. ކުޑަކުދިން ކާއެއްޗަކަށް ވިޔަސް ފޮތަކަސް ފަންސުރަކަސް ދަރިފުޅު ކުޅޭން ގެންނަ ކުޅޭ އެއްޗަކަށް ވިޔަސް ޓެކުސް ނަގައެވެ. ދެން ކަންހިނގި މަގީ އޮޑިދޯނިފަހަރު ބެހެން ފެށީއެވެ. މި ކަން ތަފުސީލުކޮށްދެއްވަމުން އައްޑޫ އެޅެބެއްޔާ (އަސްލުނަމެއް ނޫން) ބުނީ

"ދެން އޮޑިފަހަރު ހުވަދޫ ކަނޑުގަ ބެހެންފެށީ. އެ ބެހިގެން ދަނީ އެ މީހުން ދާނެތަނަކަށް އެހެންވީމާ އެއީ ބެހުމެއް ނޫންތާ؟ (އެޅެބެއްޔާ).

ދޮންކަނބުލޮ: (ހިނިތުން ވަމުން ހައިރާންކަމާ އެކު) މާފާ ކިހިނެއް އެހެންވާނީ؟ މާފަ ބުނީމެއްނުން... އަރުމާދު އޮޑީގެ މާލިމީން ފިލާއަޅައިގެން ޓަފުލައިގެން ފައްސިޔައިގައި ސީދާ ކޮޅުނބަށް ދެތިން ދުވަހުން ދާ ވާހަކަ. އެހެންވީމާ އެހާ މޮޅު މާލިމީން ކީއްވެ...؟

މާފަ: ދޮންކަނބޮލޮ މޮޔަދޯ؟ ބަލަ... އެއީ ބަހަނާއެއް.

ދިރާސީ ނޯޓު: އެހެންވީމާ، އެއީ އަސްލު މާލިމީކަން ކުރަން ނޭނގިގެން އޮޑީގެ މިސްރާބު އޮޅިގެން ވާކަމެއްނޫނެވެ. މާލެ ނުދާން ދައްކާ ބަހަނާއެވެ. ރާއްޖެއިން ބޭރަށް ވެސް ދަނީ މިގޮތަށް ބެހިގެންނެވެ. އަދި އަނބުރާ އަންނަ އިރު ވެސް ބެހިގެން މާލެއަށް ނުދެވި ރަށަށް އާދެވެނީއެވެ. މިހެން ވާން ފެށުމުން، ރަށްރަށުގެ ވެރިން އެ އޮޑިއަކުން ގެންނަ މުދާ ބޭލިޔަކަ ނުދެއެވެ. އަދި އޮޑި އަނބުރާ މާލެ ދާން އަންގައެވެ. ދެން ވިސްނަވާށެވެ. ދަތުރުކުރެވެނީ ފައްސިޔައިގައެވެ. ރަށަށް އައިސްފައި އަލުން މާލެއަށް ދާން ޖެހުމުން އެ އޮޑި ދަތުރުކުރަން ޖެހޭނީ ވާޔާ ދެކޮޅަށެވެ. މިހެން ވުމުން އޮޑިއަށް މާލެ ނުދެވި އެތައް ދުވަހެއް ވާކަން ވެސް ތާރީޚީ ފަތްފުއްތަކުން ފާހަގަކުރެވެއެވެ (ޢަބްދުﷲ ޞާދިޤު، 2016).

ދޮންކަނބުލޮ: އެހެންދޯ؟ ދެން މާފަ ކިޔައިދީބަލަ! ޓެކްސް ނެގީ ކިހިނެއް؟ އަދި މުދަލުގެ އަގު ކޮންޓްރޯލްކުރީ ކިހިނެއް؟

މާފަ: އާނ! އެގޮތަށް ކުރިން ދަތުރުކުރީ... ކޮޅުނބުގެ އިތުރުން ގާލީއާއި އިންޑިއާގެ ކޮއްޗޭ ފަދަ ތަންތަނަށް ވެސް އޭރު ދާނެ. އެކަމަކު ސަރުކާރުން އެންގީ، ރާއްޖޭން ބޭރަށް ދާއިރު ވެސް އަދި އަނބުރާ އަންނަ އިރު ވެސް ކޮންމެ އޮޑިއެއް ވެސް މާލެ ދާން ޖެހޭނެ ކަމަށް.

ދިރާސާ ނޯޓު: މިކަމާ ގުޅިގެން ގދ.ތިނަދޫ ދަލެކާއްތަ (އަސްލު ނަމެއް ނޫން) ފާޅުކޮށްފައިވާ ޚިޔާލަކީ

"މިރަށުމީހުންނަކީ އަމިއްލަޔަށް ވިޔަފާރިކޮށްގެން އަމިއްލަ މުއްސަނދިކަމުގައި އުޅުނުބަޔެއް. މިހެން އުޅެނިކޮށް ޓެކުސް ނަގަންފެށީ. ތިންބައިކުޅަ ދެބައިކަންނޭގެ ސަރުކާރަށް ނަގަންފެށީ. އޭގެ ކުރިން ލަންކާއިން ވިޔަފާރި މުދާ ހިފައިގެން ސީދާ ރަށަށް އައިބައެއް. އެމީހުންނަށް ޖެހުނީ ލަންކާއިން މާލެއަށްދާން. މާލެ ގޮއްސަ މިރަށަށް އަންނައިރު އެއީ ކިހާ ޚަރަދެއް. ހިންދަމާނުލާ މައްސައްކަތްކޮށްގެން ހޯދާ ހަލާލު ލާރިވިއްޔާ. (ދަލެކާއްތަ).

ދޮންކަނބުލޮ: (ގިހެއް ލަމުން... ކުރަކިވެފައި އަޑަކުން) ދަލެކާއްތަމެން ހާދަ ދެރައެއް ވާނެއޭ... ދޯ މާފާ... މުދަލުގެ ތިންބައިކުޅަ ދެބައި ސަރުކާރަށް ނެގީތަ؟

މާފަ: ކަނބުލޯ ދަލެކާއްތަ ބުނަން އެ އުޅެނީ ތިންބައިކުޅަ ދެ ބައި ޓެކުސް ނެގި ވާހަކައެއް ނޫނޭ. މިކަން ވީ ގޮތަކީ، މާލެ ނުގޮސް، ކޮޅުނބަށް ދިޔަ މީހުން ވެސް މަސްކިރުވަން ޖެހުނީ ގައުމީ ކުންފުންޏަށް. ދެން... ކިރުވާ މަހުގެ ތިންބައިކުޅަ ދެ ބަޔަށްވާ ފައިސާ ސަރުކާރުގައި ޑިޕޮސިޓްކުރަނީ. މިއީ ދަލެކާއްތަ އެ ބުނާ ތިންބައިކުޅަ ދެބަޔަކީ... ތިންބައިކުޅަ އެއްބަޔަށް ވާ ފައިސާ ވިޔަފާރިވެރިންނަށް ދެނީ. ވީމާ ކޮޅުނބުން ވިޔަފާރިކުރުމަށް މި ލިބުނީ ވަރަށް ކުޑަ ފައިސާކޮޅެއްނުން. ދެން ބާކީ މުދާ، ޚާއްޞަކޮށް ކާޑު ލިބޭނީ މާލެއިން... އެ ތަނުގައި ހުންނަ ދިވެހި ސަރުކާރުގެ މަރައްކާރުގެ ބެލުމުގެ ދަށުން މިކަން ހިނގަނީ.

ދޮންކަނބުލޮ: މާފާ މަރައްކާރު އެއީ މީހެއްތަ؟ ތަނެއްތަ؟

މާފަ: މަރައްކާރު އެއީ އޮޅުދޫކަރައިގައި ހުންނަ ދިވެހި ސަރުކާރުގެ އެޖެންޓް. މަރައްކާރު މި އަންގަނީ މާލެދާން. ދެން މާލެ އައުމުން އެއްކަލަ ކޮޅުނބުން ގަނެގެން ގެންނަ މުދަލުން ޓެކްސް ނަގަނީ... އަދި ކޮޅުނބުން ލިބޭ ވަރަށް ވުރެ އެތައް ގުނައެއް އަގުބޮޑުކޮށް މާލެއިން ކާޑު ލިބެނީ... ދެން ވިސްނާލާ ވިޔަފާރިވެރިންނަށް ވާނެ ގެއްލުން...

ދިރާސާ ނޯޓު: މިކަމާ ގުޅިން އޭރުގެ ސަރުކާރުގެ ވެރިޔަކު ވިދާޅުވެފައި ވަނީ

"ނާޞިރު ގަވައިދެއް ހެއްދެވީ... ހުރިހާ މީހުން އެއްޗެހި ގެންނަން ޖެހޭނީ މާލެއަށޭ... ބޮޑު އިސްޓޯރަށޭ ކިރުވަންޖެހޭނީ... ދެން މިވީގޮތަކީ އެއްކަލަ ބައިމީހުން ބައިބައިވެގެންދާނެއެއްނު... އެވީގޮތުން..؟ އެއްބައި މީހުން ނުކިޔަމަންތެރިވި... ނުކިޔަމަންތެރިވި މީހުން މި ދިޔައީ ސިލޯނަށް. ދިޔައިމަ ދެން ނާޞިރު މި އެންގެވީ ދެން މަސްވިއްކަންޖެހޭނީ އެމް.އެން.ޓީ.ސީއަށޭ (މޯލްޑިވްސް ނެޝަނަލް ޓްރޭޑިންގ ކޯޕަރޭޝަން). އެއީ... ޤައުމީ ކުންފުންޏޭ ދިވެހިން ކިޔާނީ. އޭގެ ލަންކާ ގޮތްޕެއް... ކޮލި އަލިމަނިކު ވެސް އޭރު އެތާ ހުންނަވާނެ... އެތަނަށޭ އެއްޗެހި ވިއްކަންޖެހޭނީ... އެތަކެތި ވިއްކާފައި އެ ލާރި ހިފައިގެން މާލެއަށް އައިސްފައި މާލެއިން މުދާ ނަގާށޭ... ކާޑު އެއްޗެހި ހިފައިގެން ދާށޭ. އެހެން އެންގެވީ. އޭރު ހުވަދުއަތޮޅުގެ ވަރަށް ގިނަ އޮޑިދޯނިފަހަރު ގޮސް މިއޮތީ ސިލޯނު ބަނދަރުތެރޭގައި ހުއްޓާ މިކަމެއް މިހިނގަނީ.

ދޮންކަނބުލޮ: މަރައްކާރުތަ އަގު ކޮންޓްރޯލްކުރީ؟

މާފަ: މަރައްކާރަކީ ސިލޯނުގައި ހުންނަ ދިވެހިސަރުކާރުގެ އެޖެންޓޭ މާފަ ބުނެފީމެއްނުން.. އޭނާއަކަށް އަގު ކޮންޓްރޯލުކުރުމުގެ ބާރެއް ނޯންނާނެދޯ. އަގު ކަނޑައަޅަނީ ދިވެހި ސަރުކާރުން...މާލޭގައި ޚާއްޞަކޮށް ސަރުކާރުގެ ކުންފުނިތަކުގައި މި އުސޫލު ބޭނުންކުރެވެމުން ދިޔައީ... ކޮންޓްރޯލް އަގުގައި ސުވަދުންމަތީގެ މީހުންނަށް ތަކެތި ވިއްކަން ޖެހުނީ ސަރުކާރުން ސުވަދުންމަތީ މީހުންގެ މިނިވަން ވިޔަފާރި ހުއްޓުވުމުން.

ދިރާސީ ނޯޓު: ރާއްޖެއިން ބޭރަށް ގެންދާ ތަކެތީގެ އަގު ސަރުކާރުން ކަނޑައެޅުއްވީ 25 ސެޕްޓެންބަރު 1956 ގައި ބޭއްވުނު ވިޔަފާރިވެރިންގެ ޚާއްޞަ ޖަލްސާއެއްގައެވެ (އަލީ ފަހުމީ އަހުމަދު، 2012). ސަރުކާރުން ހަމަޖައްސާފައި އޮންނަނީ، އޮޑިފަހަރު މާލެއަށް އައުމުން، އެ ގެންނަ މަސް، ބޮޑުއިސްޓޯރަށް (ކޮންޓްރޯލްޑް އަގުގައި) ގަންނަ ގޮތަށެވެ. ދެން ހަމަ އެ މަސް އެ ގަތް އަގަށް ވުރެ ބޮޑުކޮށް ވިޔަފާރިވެރިންނަށް ވިއްކަނީއެވެ. ދެން އެ ގަނެގެން ގޮސް އަނެއްކާ ކޮޅުނބުގައި ހުންނަ ގައުމީ ކުންފުންޏަށް ކިރުވަނީއެވެ. ގައުމީ ކުންފުންޏަށް ގަންނަނީ އޭރު ސިލޯނަށް މަސް ހަންދަރެއް ވިއްކޭ އަގަށް ވުރެ މާ ކުޑަ އަގަކަށެވެ. ވީމާ، ސުވަދުންމަތީ ވިޔަފާރިވެރިން އެ މީހުންގެ އަމިއްލަ މުދާ ދުކު އަގުގައި (ނުއަގުގައި) ވިއްކާފައި އެ އަގަށް ވާ  ފައިސާކޮޅު ވެސް އަތަކަށް ނުލިބެއެވެ. ލިބެނީ ގެންދާ މުދަލުގެ ތިންބައިކުޅަ އެއްބަޔަށް ވާ ފައިސާއެވެ (ޢަބްދުﷲ ޞާދިޤު).

މިހުރިހާ ކަމެއް މިހެން ހަމަޖެހިގެން ދިޔައިރު، ހަމަ މިއާ އެކު އިތުރު ތަކުލީފުތަކެއް ވެސް ކުރިމަތިވިއެވެ. ދިވެހިންނަކީ ޕާސްޕޯޓު ހަދައިގެން ދަތުރުކުރި ބައެއް ނޫނެވެ. ނަމަވެސް މި ދަނޑިވަޅާ ދިމާކޮށް، ސަރުކާރުން، އިމިގްރޭޝަން ގާނޫނުތައް ހަދައި ތަންފީޒުކުރައްވަން ވެސް ފެއްޓެވީއެވެ. ފައިސާ ވެސް އެހާ ވަރަކަށް ގެންގުޅުނީއެއް ނޫނެވެ. މުދަލަށް މުދާ ވިއްކަމުން ދިޔަ ބަޔެކެވެ. ވީމާ، ދެން އޮޑިދޯނިފަހަރުގެ އަހަރީ ފީއާއި މުދަލުގެ ޓެކުސް ދައްކަން ލާރި ހޯދަން އުޅޭނެ ގޮތް ވެސް ހިތްޕުޅަށް ގެންނަވާށެވެ. މާލެއަށް އެއްވެސް ވަރަކަށް ބަރޯސާ ނުވެ ސަރުކާރުން ކުރާ ކަމަކާ ވެސް ނުބެހި މިނިވަންކަމާ އެކު އުޅެމުން ދިޔަ ބަޔެއްގެ ދިރިއުޅުމަށް މި ދިމާވި ދަތިތައް އެބައިމީހުން ތަޙައްމަލުކުރާނެ ގޮތް އެތަން ދުށް، އެ ތަޖުރިބާކުރި ބަޔަކަށް ނޫނީ އެ އިހުސާސާ އެކު ސިފައެއް ނުކުރެވޭނެއެވެ. ސިކުނޑީގެ އިސްކިރީނުން ބަލައެއް ނުލެވޭނެއެވެ.

ދޮންކަނބުލޮ: އެހެންވީމާ، ކޮޅުނބަށް ގޮސް މާފަމެން ވަރަށް ދެރަވިދޯ؟ ބޭނުންވާ އެއްޗެހި ނުގަނެވޭތީ...

މާފަ: އާނ! ކަނބުލޯ... މިކަމުގެ ތެރޭގައި މީހުން ވަރަށް ގިނަ ގޮތްގޮތުން މުދާކޮޅެއް އަތުޖެއްސޭތޯ ބަލާ.

ދޮންކަނބުލޮ: ކިހިނެއް މާފަމެން ކަންތައްކުރީ؟

މާފަ: މާފައެއް ނޫން... މާފަ އޭރު ވަރަށް ކުޑަ... ބައެއް މީހުން ހަދާ ގޮތަކީ... ކޮޅުނބުގެ ބަނދަރުގައި ތިބޭ އިރު. ކޮޅުނބަށް ފައިބާނެތާދޯ.. މިގޮތަށް ފައިބާ އިރު ހަދާ ގޮތަކީ.... ގައިގައި މަސް ބަނދެގެން އޭގެ މަތިން ހެދުން ލައިގެން ފައިބާނީ... ދެން މިގޮތަށް ގެންދާ މަސްކޮޅަށް ވަރަށް ރަނގަޅު އަގު ލިބޭ...

ދޮންކަނބުލޮ: މާފާ ތިއީ ރަނގަޅު ކަމަކަށް ނުވާނެދޯ؟ ތިހެން އުޅޭއިރު ފަޅައެއްނާރާތަ؟

މާފަ: އާނ ރަނގަޅު ކަމެއް ނޫން. އެކަމަކު، މުދާކޮޅެއް ނުގަނެވެންޏާ ދެން.... މިކަހަލަ ކަންކަން ވެސް ކުރާނެތާ... އެތަނުގައި ފޯރިމަރަން ތިބޭނީ ކޮޅުނބު ސިފައިން. އެމީހުން ސުވާލެއް ކޮށްފިއްޔާ ހަދާ ގޮތަކީ، އެމީހުންނަށް މަސްކޮޅެއް ދިއްކޮށްލަނީ... ދެން އެމީހުން ވަރަށް އުފާވާނެ. "ޔަންނޭ... ޔަންނޭ" މިހެން ކިޔާފައި ދާން ހުއްދަ ދޭނެ.

ދޮންކަނބުލޮ: (ހީނލާފައި) މާފާ ކީކޭ؟ "ޔަންނޭ... ޔަންނޭ" އޭ އެއީ ކީކޭ؟

މާފަ: (ހެމުން ހެމުން) މާފަގެ ދޮންކަނބުލޮ ސުވާލު ނުކުރާނެ ކަމަކަށް އެންމެ ލަފުޒެއް ވެސް ނުބުނެވޭނެދޯ؟ ކަނބުލޯ އެއީ ސިންގަޅަބަހުން "ދާށޭ... ދާށޭ" އެ ބުނަނީ.. އާނ...! ދެން ބައެއް ފަހަރު ކޮޅުނބު ހާބަރުގައި ތިބޭ އިރު، އެތަނުގައި ހުންނާނެނުން އެހެން ތަންތަނުގެ އުޅަނދުތައް. އެމީހުނަށް މަސްކޮޅު ވިއްކާފައި ވެސް ތަކެތި ގަނޭ.

ދިރާސީ ނޯޓު: ވިޔަފާރިވެރިންނާއި އޮޑިވެރިންގެ އަތުން ނަގަން ފެށި ބޮޑުފީތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި ހަމަނުޖެހުންތައް ދިޔައީ އިތުރުވަމުންނެވެ. ކޮޅުނބު އޮޑިފަހަރު އައުން ޢީދެއް ފަދައިން ފާހަގަކުރަމުން އައި މީހުން ކަރުއެލި ހިތްދަތިކަން އިހުސާސްކުރަން ފެށިއެވެ. ހުވަދޫއާއި ފުވައްމުލަކުގެ މީހުން މިކަމާ ކަންބޮޑުވަމުން ދިޔައިރު، އައްޑޫ މީހުން ވެސް ދިޔައީ މި ކަންބޮޑުވުން އިހުސާސްކުރަމުންނެވެ. ނަމަވެސް ފަރުދާގެ ފުރަގަހުގައި ތިބެ އައްޑޫ ރައްޔިތުންނަށް އިނގިރޭސިން ދައްކަމުން ދިޔައީ އަދި މުޅިން އެހެން ކުލަތަކެކެވެ. އައްޑޫ ރަހާބެއްޔާ (އަސްލު ނަމެއް ނޫން) ވެސް އެއްބަސްވާ ގޮތުގައި މަޢުމޫލު ނެގުން ވީ މި މައްސަލައިގެ މައިގަނޑު އަސްލަށެވެ.

"އަސްލު މައްސަލައަކީ ޓެކްސްގެ ނިޒާމު މާ މަތިން ފުރަތަމަ ފެށުން... މިއީ އެންމެ ކުރުކޮށް ދެންނެވޭނެ ގޮތް... މިނިވަން އިޤްތިޞާދުގެ ތެރެއަށް ވަރަށް ބޮޑު ޓެކްސްއެއް ދިއުން... އެއީ ދައުލަތަށް ވެސް އާމްދަނީ ހޯދުމަށް ކުރި ކަމެއް... އެއީ ދައުލަތަށް އާމްދަނީ ލިބިގެންތާ ދައުލަތް ވެސް ހިންގޭނީ... އެކަމަކު ކުއްލިއަކަށް މާ ބޮޑުވީ. މިއީ އަސްލު މައްސަލައަކީ... (އައްޑޫ ރަހާބެއްޔާ)

އާދޭހެވެ! ސަރުކާރުން ވިޔަފާރި ކޮންޓްރޯލްކޮށް، ޓެކުސްނަގަން ނިންމެވި ނިންމެވުމަކީ ހަމަ ޔަގީނުން ވެސް ސުވަދުންމަތީ މީހުންގެ ވިސްނުމާއި ފިކުރަށް އެރި ވަރަށް ބޮޑު ލޮޅުމެކެވެ. ހިތްހަމަޖެހުމާއި އުފަލާއެކު އުޅެމުން ދިޔަ ތަނަވަސް ދިރިއުޅުމަށް ބިންދާލި ސުނާމީއެއް ފަދަ ބޮޑު ރާޅެއްކަމުގައި ނޫނީ ނުވެއެވެ.

މިއަދުގެ ކޮލަމުގައި މި ހުށަހަޅާލެވުނު ވާހަކަކޮޅުން ވެސް ސުވަދުންމަތީގެ އާ ޞަފުޙާއެއް ހުޅުވައިލެވުނުކަމުގެ ހިތްހަމަޖެހުމާ އެކު، އަންނަ ހަފުތާއަށް އިންތިޒާރުކުރައްވާނެ ކަމުގެ އުންމީދުގައި ވަކިވެލަމެވެ.


ލިޔުމުގައި ހިމެނުނު ދޭހަވުމަށް ދަތިވެދާނެ ބައެއް ބަސްކޮށާރު

ކަރަ: ރާއްޖޭން ބޭރު ބޮޑެތި ބައްރުބަރަށް ކިޔައި އުޅޭ ނަމެއް. މިސާލަކަށް އޮޅުދޫކަރަ، އަސޭކަރަ

ކޮޅުނބު: ސިލޯނުގެ ކޮލަންބޯ، ކުރީ ޒަމާނުގައި ސިލޯނޭ ބުނަން ވެސް ކޮޅުނބު ކިޔާ

އޮޅުދޫކަރަ: ސިލޯނު، ސްރީލަންކާ، ސަރަންދީބު

މަރައްކާރު: އިހުގައި އޮޅުދޫ ކަރައިގައި ހުންނަ ދިވެހިރާއްޖޭގެ ވިޔަފާރިއާ ބެހޭ އެޖެންޓް

މަސްބައި: މަސްބަހާއިރު އަޅާ ބައިތަކުގެ ތެރެއިން ބައެއް

ދުކު އަގު: ނުއަގު

ގާލީ: ސިލޯނުގެ ގޯލް

ދިރާސާގެ ބަސްދީގަތުންތަކުގެ އިތުރުން، މި ލިޔުން އެކުލަވައިލުމަށް ބޭނުންކުރި ރެފަރެންސް:

ކަށިމާ އަޙުމަދު ޝާކިރު. (2004). ދިވެހިރާއްޖެ 1. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު

އަލީ ފަހުމީ އަހުމަދު. (2012). "ދިވެހިންނާއި އިނގިރޭސިންގެ ކޯޅުން" ސުވާދީބު. މާލެ: ކޮރޯނާ ޕްރެސް

ޢަބްދުﷲ ޞާދިގު. (2016). ސުވާދީވް އާއި ހަވަރުތިނަދޫ. މުސައްނިފު

ޢަޒީޒާ ޢަފީފު (އައްޒަ)
އަލްފާޟިލާ ޢަޒީޒާ ޢަފީފު (އައްޒަ) ވަނީ، މާސްޓަރސް އިން ދިވެހި ލެންގުއޭޖް އެންޑް ކަލްޗަރ ފުރިހަމަކުރައްވާފައެވެ. މިހާރު އައްޒައަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ބަހަވީ ޢިލްމާއި ދިވެހިބަހުގެ އަދަބިއްޔާތު ފަދަ ބަހާ ގުޅުން ހުރި ތަފާތު މާއްދާތައް ކިޔަވައިދެއްވާ ދާރިސެކެވެ. އޭނާގެ ދިރާސީ މަސައްކަތްތަކުގެ ތެރޭގައި ދިވެހި ބަހުގެ ޤަވާޢިދުގެ އިތުރުން، ދިވެހިރާއްޖޭގެ ތާރީޚު، މިންތީ ތަފާތު، ދިވެހިރާއްޖޭގެ ފޯކްލޯ އަދި އަދަބިއްޔާތު ފަދަ ދިވެހި ބަހާއި ތާރީޚާއި ސަޤާފަތާ ގުޅުން ހުރި ތަފާތު ދާއިރާތައް ފާހަގަކޮށްލެވެއެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.