
ނުރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު އިނގިރޭސި ވިލާތަށް ފުރާވަޑައިގެންފިއެވެ. މިކަން ހާމަކޮށްފައިވަނީ އެމަނިކުފާނުގެ ޕާޓީ އެމްޑީޕީ ސެކްރެޓޭރިއަޓުން ކުރެއްވި ޓްވީޓެއްގައެވެ.
ރައްޔިތުންގެ މަޖިލީސް އިއްޔެ އިންފެށިގެން ޗުއްޓީއަށް ދިއުމަށް ކުރިން ނިންމެވި ނަމަވެސް ޗުއްޓީއަށް ދިއުން މިމަހުގެ ނިޔަލަށް ދައްމާލުމަށް ވަނީ ނިންމަވައިފައެވެ. ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ހަފްތާގެ އެންމެ ފަހު ޖަލްސާ ނިންމަވާ ލައްވަމުން މަޖިލީހުގެ ނާއިބް ރައީސް އީވާ ޢަބްދުﷲ ވިދާޅުވީ ޤަވާއިދު ތަންދޭތީ މިމަހުގެ އެންމެ ފަހު ހޯމަ ދުވަހާ ހަމައަށް މިދައުރު ދައްމާލުމަށް މަޖިލީހުގެ ޤަވާއިދު ތަންދޭކަމަށެވެ. އެހެންކަމުން މަޖިލީސް މިދައުރު ނިންމާލައްވާނީ އަންނަ ހޯމަދުވަހުގެ ޖަލްސާއަށް ފަހުގައި ކަމަށެވެ. އެގޮތަށް ނިންމެވުމުން އަށް ބިލެއްގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ވެސް އިވާ ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރަށްފަހު ވެސް މެމްބަރުން މަސައްކަތްކުރެއްވީ ޗުއްޓީއަށް ވަޑައި ނުގެންނެވެ.