
ރާއްޖެއަލުން ބަންދު ކޮށްފިނަމަ ރައްޔިތުންނަށް ލިބޭ ގެއްލުން ބޮޑުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެވެ.
ކޮވިޑް-19 ގައި ޕޮޒިޓިވްވާ ދިވެހިންގެ ޢަދަދު ރެކޯރޑް މިންވަރަކަށް އިރުވެފައިވާ މިދަނޑިވަޅުގައި ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ އަލުން އަނބުރާ ބަންދުކުރުމުގެ ވިސްނުމަކީ ދިވެހިންނަށް އެންމެ ފައިދާ ހުރި ގޮތްކަމަށް ދެކެވޭކަށް ނެތްކަމަށެވެ. ކޮވިޑް ރޯގާއާއެކު އުޅެވޭނެގޮތް ހޯދަން ޖެހޭކަމަށެވެ.
"ރޯގާއިން ސަލާމަތްވުމަށްޓަކައި ޤައުމު ބަންދުކޮށް ރައްޔިތުން ބަނގުރޫޓްވުމަށް ޖާގަދީފިނަމަ، ރައްޔިތުންނަށް ލިބޭ ގެއްލުން ބޮޑުވާނެ." ރައީސް ނަޝީދުގެ ޓްވީޓްގައި ވިދާޅުވިއެވެ.
އައު އާއްމު ޙާލަތުގެ ލުއިތަކާ އެކު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ވަނީ ވަރަށް ބޮޑުތަން އިތުރުވެފައެވެ. ލުއިދިން ފަހުން އެންމެ ގިނަ ބަޔަކު އެއް ދުވަހު ކޮވިޑަށް ޕޮޒިޓިވްވީ އިއްޔެއެވެ. އިއްޔެ އެކަނިވެސް 137 މިހުން ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އޭގެތެރެއިން 92 މީހުންނަކީ ދިވެހިންނެވެ.