ރައީސް ޔާމީނަށް އިސްތިއުނާފުގެ ޙައްޤު ގެއްލޭ ގޮތަށް ދަށު ކޯޓުގެ ޙުކުމުގައިވާ ފައިސާ ހޯދަން މަސައްކަތް ކުރުމަކީ ލާއިންސާނީ ޢަމަލެއް: ވަކީލުން

ކުރީގެ ރައީސް ޢަބްދުﷲ ޔާމީނަށް ދަށުކޯޓުން ކޮށްފައިވާ ޙުކުމް އިސްތިޢުނާފް ކުރުމުގެ ޙައްޤު ގެއްލޭ ގޮތަށް، ދަށު ކޯޓްގެ ޙުކުމްގައިވާ ޖުރިމަނާ ފައިސާ ހޯދަން މަސައްކަތްކުރުމަކީ ލާއިންސާނީ ޢަމަލެއްގެ ގޮތުގައި އެމަނިކުފާނުގެ ވަކީލުން ވިދާޅުވެއްޖެއެވެ.

ކްރިމިނަލް ކޯޓުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް ކުރި ފަސް އަހަރު ދުވަހުގެ ޖަލު ޙުކުމާއެކު ފަސް މިލިއަން އެމެރިކާ ޑޮލަރުން ޖުރިމަނާކޮށް އެފައިސާ މަދުވެގެން ހަމަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓިއަށް ދެއްކުމަށް 28 ނޮވެމްބަރުގައި ޙުކުމް ކޮށްފައިވީ ނަމަވެސް އެފައިސާ ދައްކާފައި ނުވާތީ، އެފައިސާ ހޯދުމަށް ސަރުކާރުގެ ޓެކްސް އިދާރާއާ ޙަވާލުކޮށްފައިވާ ކަމަށް ބަންޑާރަ ނާއިބް އޮފީހުން މިއަދު ނެރުއްވި ބަޔާނެއް ގައި ބުނެފައި ވެއެވެ. މިފައިސާ ހޯދުމަށް މަސައްކަތް ކުރައްވަމުން ގެނަދަނީ ޓެކްސް ނެގުމުގެ އިދާރީ ޤާނޫނުގެ 50 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ކަމަށްވެސް ބަންޑާރަ ނާއިބް އޮފީހުން ނެރުއްވި ބަޔާނުގައި ވެއެވެ.

މިޔަނާ ގުޅިގެން ރައީސް ޔާމީންގެ ދިފާޢީ ވަކީލުންގެ ޓީމުން ވެސް ވަނީ ބަންޑާރަނާއިބްގެ އެނިމުން ކުށްވެރި ކުރައްވައި ބަޔާނެއް ނެރުއްވައިފައެވެ. ޤާނޫނޫ އަސާސިގެ 56 ވަނަ މާއްދާއާ ޙަވާލާ ދެއްވައި ވަކީލުންގެ ނޫސްބަޔާނުގައި ވަނީ  ޖިނާޢީ މައްސަލަތަކާއި  މަދަނީ  މައްސަލަތަކުގައި އިއްވާ ޙުކުމްތަކާއި ނެރޭ ކޯޓް އަމުރުތައް އިސްތިޢުނާފަށް ހުށަހެޅުމުގެ ޙައްޤު ، މައްސަލައާ ގުޅުންހުރި  ކޮންމެ މީހަކަށް ލިބިގެންވާކަމަށެވެ. އެގޮތުން ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން އިއްވި ޙުކުމް ހައިކޯޓަށް އިސްތިޢުނާފުކުރުމަށް ހުށަހަޅައިފައިވާކަމަށެވެ. ހައިކޯޓުން އެމައްސަލައިގައި ޙުކުމެއް ނެރުއްވާއިރު ކްރިމިނަލް ކޯޓުގެ ޙުކުމް ބާޠިލް ކުރުމުގެ ފުރުޞަތު އޮތް ކަމަށެވެ. އިސްތިއުނާފު ކުރުމުގެ ޙައްޤު ލިބިފައި އޮތުމުގެ ބޭނުމަކީވެސް  ދަށު ކޯޓުން ނިންމި ނިންމުން އަލުން ބަލައި އެނިންމުމެއް ބަދަލު ކުރުމަށް މަސައްކަތް ކުރުމުގެ ޙައްޤު ލިބިދިނުންކަން ވެސް ފާހަގަ ކުރައްވައިފައިވެއެވެ. އެ ޙައްޤު ރައީސް ޔާމީނަށް ގެއްލޭ ގޮތަށް ދައުލަތުން ޢަމަލުކުރެއްވުމަކީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއްކަމަށް ޤާނޫނީ ވަކީލުންގެ ބަޔާނުގައި ވެއެވެ.

އިސްތިއުނާފީ އެންމެހާ މަރުޙަލާތަކެއް ނިމި ނުވަތަ އެނޫންވެސް ގޮތަކުން ނަމަވެސް އެ ޙުކުމެއް ނިހާއީ ޙުކުމަކަށް ބަދަލު ވުމުގެ ކުރިން އެފަރާތަކުން ފައިސާއެއް ހޯދުމަށް މަސައްކަތް ކުރުމަކީ ދައުލަތުން މިހާތަނަށް ވެސް ޢަމަލުކުރަމުން އައިސްފައިވާ ގޮތެއް ނޫންކަމަށްވެސް ބަޔާނުގައި ވެއެވެ. އަދި ޤާނޫނޫއަސާސީގެ 20 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ހަމަހަމަކަމުގެ ޙައްޤާވެސް ޚިލާފަށް އަދި ޢަދުލުއިންސާފުގެ ހަމަތަކާ ވެސް ޚިލާފަށް ރައީސް ޔާމީނަށް ވަކިޚާއްޞަ އިޖްރާތެއްގެ ދަށުން ތަފާތުކުރެވިގެން ޢަމަލު ކުރެވިގެން ދިއުމަކީ ދައުލަތުން ރާވައިގެން ރާއީސް ޔާމީނާއި އެމަނިކުފާނުގެ އާޢިލާއަށް ގެއްލުން ދިނުމުގެ ނިޔަތުގައި ހިންގާ ޤާނޫނާ ޚިލާފު އަދި ލާއިންސާނީ ޢަމަލެއް ކަމަށް ވަކީލުން ވަނީ ވިދާޅުވެފައެވެ.

"ޤާނޫނީ ނިޒާމް ބޭނުންކޮށްގެން އެއްވެސް ފަރާތަކަށް ގެއްލުމެއް ދިނުމަށް ނުވަތަ ޒާތީ ވުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ލިބިގެން ނުވާއިރު ދައުލަތުގެ ބަންޑާރަނާއިބްގެ މި ޢަމަލަކީ، ޤާނޫނީގޮތުން އެއްވެސް ބުރަދަނެއް ނެތް ސިޔާސީ ގޮތުން ބިރުދެއްކުމުގެ ގޮތުން ކުރާ، ވަރަށް ފިނޑި ޢަމަލެއްކަމުގައި ދަންނަވަމެވެ." ރައިސް ޔާމީންގެ ދިފާޢީ ވަކީލުންގެ  ބަޔާނުގައި ވެއެވެ.

ޖިނާޢީ މައްސަލަތަކުގައި ބަންޑާރަނާއިބްގެ ދައުރު އޮންނަ މިންވަރާމެދު ޤާނޫނު އަސާސީގެ 133 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންކޮށްފައިވާ އިންތިކާއި މިންތަކުގެ ބޭރުން ބަންޑާރަނާއިބް ޢަމަލުކުރައްވަމުންގެންދިއުމަކީ ޤާނޫނުއަސާސީ އާއި ޤާނޫނުގެ ބާރު ނެގެހެއްޓުމުގައި މިއަދުގެ ސަރުކާރު ފެއިލްވެފައިވާ މިންވަރު ދައްކުވައިދޭ ރަމްޒެއް ކަމަށް ބަޔާންނިންމާލަމުން ވިދާޅުވެފައިވެއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.