މިއަދާއި މާދަމާ ކަޝްމީރުގައި ވަރަށް ހަރުކަށިކޮށް ކާފިއު ހިންގައިފި

އިންޑިއާއިން ކަޝްމީރުގައި މިއަދާއި މާދަމާ ވަރަށް ހަރުކަށިކޮށް ކާފިއުހިންގައިފިއެވެ.

މާދަމައަކީ (5 އޮގަސްޓު) ކަޝްމީރަށް އިންޑިއާގެ ގާނޫނު އަސާސީން ލިބިދޭ ޚާއްޞަ އިމްތިޔާޒުތައް ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން އުވާލައި ކަޝްމީރު އިންޑިއާގެ މައިސަރުކާރުގެ ދަށަށް ގެންދިޔަތާ އަހަރެއް ފުރޭ ދުވަހެވެ. އަދި އަޔޯދިޔާގައި ހުރި މުސްލިމުންގެ އެތައް ސަތޭކަ އަހަރެއްވީ މިސްކިތެއް ތަޅާލުމަށްފަހު އެތަނުގައި ފައްޅިއެއް އަޅަން ބޮޑުވަޒީރު ނަރެންދުރަ މޯދީ ބިންގައު އަޅުއްވާ ދުވަސްވެސް މެއެވެ.

ކަޝްމީރާއި ކަޝްމީރު ވާދީގެ 10 ސަރަހައްދެއްގައި މިއަދާއި މާދަމާ ކާފިއު ހިންގާފައިވާކަން ރަސްމީކޮށް މިހާރު ވަނީ އިއުލާންކޮށްފައެވެ.

ސަރުކާރުން ބުނީ ކާފިއު ހިންގަން ޖެހުނީ އޮގަސްޓު މަހުގެ ފަސްވަނަ ދުވަހު ކަޝްމީރުގައި ފުޅާ ދާއިރާގައި ނުރައްކާތެރި ގޮތްގޮތަށް މުޒާހަރާކުރަން ރައްޔިތުން ރާވާފައިވާތީ އެކަން ހުއްޓުވުމަށް ކަމަށެވެ.

ފުލުހުންގެ އިސް މީހަކު ބުނިގޮތުގައި ކަޝްމީރަށް މިނިވަންކަން ހޯދައިދޭން މަސައްކަތް ކުރާ ޖަމާއަތްތަކުންނާއި ޕާކިސްތާނުގެ އެހީތެރިކަން ލިބިފައިވާ ގުރޫޕުތަކުން ސަރަހައްދުގައި ހަމަނުޖެހުން ހިންގަން ރާވާފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

ކަޝްމީރުގައި ކާފިއު ހިންގުމާއި ގުޅިގެން މުޅި ސަރަހައްދަށް ވަނީ ނާމާންކަމާއި ބިރުވެރިކަން ވެރިވެފައެވެ. މަގުތަކުން ފެންނަމުންދަނީ މަގުތައް ބަންދުކޮށް ކަށިނަރުދަމައި ފުލުހުން ހަތިޔާރާއެކު ފޯރީމަރަމުންދާ ތަނެވެ. އަދި އިރުއިރުކޮޅުން ހަނގުރާމަމަތީ މަތިންދާ ބޯޓު އުދުހުމުގެ ބިރުވެރިއަޑު އިވެމުން ދެއެވެ.

އިންޑިއާގެ ޤާނޫނު އަސާސީގެ 370 ވަނަ މައްދާއިން ކަޝްމީރަށް ލިބިދީފައިވާ ޚާއްޞަ އިމްތިޔާޒުތައް އުވާލުމަށްފަހު ބޮޑުވަޒީރު މޯދީގެ ސަރުކާރުން ގެންދަނީ ކަޝްމީރުގައި ހިންދޫން ވަޒަންވެރި ކުރުމުގެ މަޝްރޫޢެއް ފަށައިގެންނެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.