
ކޮރޯނާ ވައިރަސްޖެހިގެން ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާ ދެމުންދިޔަ ފިލްމް ސްޓާރ އަމީތާބް ބައްޗަން 77އ ބައްޔަށް ނައްސިވުމުން ގެއަށް ފޮނުވާލައިފިއެވެ.
އަމީތާބް ވެސް ވަނީ އޭނާ ގެއަށް ބަދަލުވިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ހެއުއެދޭ މީހުންނަށް އަންގާފައެވެ. އޭނާގެ ހަށިގަނޑުގައި ވައިރަސް ނެތްކަން ޔަގީންވީ ހޮސްޕިޓަލުގައި ފަރުވާދެމުންދާތާ 23 ދުވަސް ފަހުންނެވެ.
އަމީތާބުގެ ދަރިފުޅު އަބީޝޭކް ބައްޗަން ކޮރޯނާ ވައިރަހަށް އެންމެ ފަހުން ހެދި ޓެސްޓު ވެސް ފައްސިވެފައިވާތީ އޭނާ އަދިވެސް އޮތީ ހޮސްޕިޓަލުގައެވެ.
އަބީޝޭކް ބައްޗަންގެ އަންހެނުން އައިޝްވާރިޔާއާއި ދަރިފުޅަށް ވެސް ކޮރޯނާ ވައިރަސް ޖެހުނެވެ. އެ ދެ މައިންނަށް ވައިރަސް ޖެހުމުން ފުރަތަމަ ފަރުވާދެމުން ދިޔައީ ގޭގައި ކަރަންޓީނުކޮށްގެންނެވެ. ނަމަވެސް ފަހުން ހޮސްޕިޓަލަށް ބަދަލު ކުރިއެވެ.
އައިޝްވާރިޔާއާއި ދަރިފު ބަލިން ރަނގަޅުވުމުން މިހާރު ވަނީ ގެއަށް ދޫކޮށްލާފައެވެ.

އަމީތާބާއި އޭނާގެ ދަރިފުޅު އަބީޝޭކް ބައްޗަންއަށް ފަރުވާދެމުން ދެމުން ދިޔައީ ބޮމްބޭގެ ނާނާވަތީ ހޮސްޕިޓަލުގެ އެކަހެރި ވާޑެއްގައި އެނދުމަތިކޮށްގެންނެވެ.
އަމީތާބަށާއި އޭނާގެ އާއިލާގެ މީހުންނަށް ކޮރޯނާވައިރަސް ޖެހުމާ ގުޅިގެން ހެއު އެދުމާއި ހެއު ދުއާކޮށް މެސެޖު ފޮނުވި ހުރިހާ ފަރާތްތަކަށް އަމީތާބު ވަނީ ޝުކުރު އަދާކޮށް މެސެޖު ފޮނުވާފައެވެ.