(19 ޖުލައި 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"އަހަރެންގެ ބޮޑުބޭބެގެ ދަރިއެކޭ؟ މަޑުކޮށްލާ... މި ފޮޓޯ ބަލާބަލަ." މެހެމަލް އަވަސްއަވަހަށް ގަނޑުތައް އުކަން ފަށައިފިއެވެ. އަދި ޙަސަންގެ ފޮޓޯ ދައްކައިލިއެވެ.
"މީނާތަ؟"
"ނޫން. މެޑަމް. ތިޔައީ ބޮޑެތި މީހުން ނޫންތޯ؟ އެއީ ތަންކޮޅެއް ޅަ ކުއްޖެއް."
"ކީކޭ؟ ޅަ ކުއްޖެކޭ؟" މެހެމަލް ވިސްނައިލިއެވެ. ބިލްގީސް ބަލަހައްޓައިގެން އިނެވެ. އަހަރެން މި ބުނަނީ ތެދަށޭ ބުނާ ކަހަލަ ގޮތަކަށެވެ.
"މިއީތަ އެމީހަކީ؟" އޭނާ ދެން ހުރި ވަސީމްގެ ފޮޓޯއަށް އިޝާރާތް ކޮށްލިއެވެ.
ބިލްގީސް ފުރަތަމަ ނޫނެކޭ ބުނާ ކަހަލަ ގޮތަކަށް ބޯ ހޫރައިލިއެވެ. އެކަމަކު ދެވަނަ ސިކުންތުގައި އަނެއްކާވެސް ފުންކޮށް ބަލައިލިއެވެ. އިރުކޮޅަކު ބަލަން ހުރުމަށް ފަހު ބުންޏެވެ.
"އާދެ... މިއީ. މިހިރީ އޭނާ."
ވަސީމް؟ މެހެމަލަކަށް ހައިރާން ވާކަށްވެސް ވަގުތެއް ނުލިބުނެވެ. ބިލްގީސް އިނގިލި ޖައްސައިލީ މުޢީޒުގެ ފޮޓޯގައެވެ. އޭނާ ހުރީ ވަސީމާ ޖެހިގެން އެއް ފޮޓޯއެއްގައެވެ. އެއީ ސިދްރާގެ އެންގޭޖުމަންޓު ޕާޓީގެ ފޮޓޯއެކެވެ.
"މުޢީޒު؟ އެއީ މުޢީޒު؟ މި ގެއަށް އައީ މުޢީޒު؟" މެހެމަލް ހައިރާންވެ އަންތަރީސް ވެއްޖެއެވެ.
"މެޑަމް. މިއީ އެ ކުއްޖަކީ. އަޅުގަނޑު ރަނގަަޅަށް ހަނދާން އެބަހުރި. ފޮޓޯއިން ތިޔަ ފެންނަނީ ތަންކޮޅެއް ޅަކޮށް. މިގެއަށް އައި ދުވަހު ތަންކޮޅެއް ބޮޑު. ތުބުނޅި މަތިމަސްވެސް ހުރީ ފަޅައިފައި. އިސްކޮޅުންވެސް ތަންކޮޅެއް ދިގު. އަޅުގަނޑު ދެންނެވީމެއް ނޫންތޯ ތަންކޮޅެއް ޅަ ކުއްޖެކޭ."
މެހެމަލަކަށް ބުނާނޭ އެއްޗެއް ނޭނގުނެވެ. ފޮޓޯއިން އެ ފެންނަ މުޢީޒަށް އޭރު ބާރަ އަހަރެވެ. މިހާރު ވިހި އަހަރު ވެދާނެއެވެ. މިގެއަށް އޭނާ އައި އިރު ވާނީ ސަތާރަ ވަރަކަށް އަހަރެވެ. އެކަމަކު އޭނާ އައީ ކީއްކުރަން ހެއްޔެވެ؟ ހުމާޔޫނާއި މުޢީޒާ ދެމީހުން ޒުވާބުކުރީ ކީއްވެގެން ބާވައެވެ؟
ވަރަށް ގިނަ ސުވާލު އެބަހުއްޓެވެ. އެކަމަކު އެއްވެސް ސުވާލަކަށް ޖަވާބެއް ނެތެވެ. ބިލްގީސާ ސުވާލު ކުރުމުގެ ބޭނުމެއް ނެތެވެ. މީގެ ކުރިން އޭނާ ވާހަކަ ދެއްކިއިރުވެސް ބިލްގީސް ވާހަކަދެއްކީ އޭނާއޭ މީނާއޭ، އެހެންވިއޭ މިހެންވިއޭ ކިޔައިގެންނެވެ. އެއްވެސް ކަމެއް ޔަގީންކޮށް ބުނާކަށް ނޭނގުނެވެ. އެހެންވީމާ މެހެމަލަށް ބިލްގީސްގެ ވާހަކަ ވިސްނުނީ މުޅީން ނުބައިކޮށެވެ. އެކަމަކު އެއީ ބިލްގީސްގެ ކުށެއްވެސް ނޫނެވެ. ކާކުގެ ކުށެއް ކަމެއް ނޭނގެއެވެ.
މެހެމަލް އަލްބަމް ލައްޕައިފައި މޭޒުމަތީގައި ބާއްވައިލިއެވެ.
* * *
ހެނދުނުގެ ހިތްފަސޭހަ ވަގުތެވެ. ބިލްގީސް ހޮޅިއަކުން ފެން ޖަހަމުން ފެންޑާގެ ތަޅުންގަނޑު ދޮންނަނީއެވެ.
އެއީ ހެނދުނުގެ ނާސްތާގެ ވަގުތެވެ. ބިލްގީސް އައިސް އެހެރީ ހުމާޔޫންގެ ނާސްތާ ކޮޓަރިއަށް ގެންގޮސް ދީފައެވެ. ތައިމޫރް ވީތަނެއް މެހެމަލަކަށް ނޭނގެއެވެ. ރޭ ފަތިހު އޭނާއަކަށް ނުއެއް ކިޔެވުނެވެ. އެހެންވީމާ އޭނާ ބޭނުންވީ ބޭރުގައި ގޮނޑީގައި އިނދެގެން ކިޔަވާށެވެ. އެކަމަކު އެއްގޮތަކަށްވެސް ކިޔެވުމަށް ސަމާލުކަން ދެވޭވަރެއް ނުވިއެވެ.
ބިލްގީސް ފެންޑާއިން ފައިބައި ގޯތިތެރޭގައި ހިނގަން ގާއަތުރާފައި އޮންނަ މަގަށް ފެން ޖަހާން ފަށައިފިއެވެ.
އެ ވަގުތު ކުއްލިއަކަށް ދޮރު ހުޅުވިއްޖެއެވެ.
ގަމީހުގެ އަތުކުރީ ގޮށް އަޅުވަމުން ބޭރަށް ނުކުތީ ހުމާޔޫނެވެ. މެހެމަލާ ދިމާއަކަށް އޭނާ ބަލައެއް ނުލައެވެ. އިންކަން ނުވެސް އެނގެނީ ކަމަށް ވެދާނެއެވެ. އޭނާގެ ހަރަކާތުން އެކަން ދެނެގަތުން ފަސޭހައެއް ނޫނެވެ. ނުކުތް ގޮތަށް ސީދާ ދިޔައީ ކާރާ ދިމާއަށެވެ.
ބިލްގީސް ދުވެފައި ގޮސް ކުރިމަތީގައި އޮތް ހޮޅި ދުރަށް ލައިފިއެވެ. ދޮރުވާނު ވިނަކޮށަން ހުރެފައި ދުވެފައި ގޮސް ދޮރާށީގެ ދެފަޅިވެސް ހުޅުވައިފިއެވެ.
ހުމާޔޫން ކާރަށް އަރައި ދޮރު ލެއްޕުމަށްފަހު ފަހަތަށް ކުޑަކޮށް ބަލައިލާފައި ކާރު ދުއްވައިފައި އެ ދިޔަ ގޮތަށް ނުކުމެގެން ހިނގައްޖެއެވެ.
ދޮރާށި ހުރީ ތަންމިނަށް ހުޅުވައިފައެވެ. ދޮރުވާނު ދޮރާށި ނުއެއް ލައްޕައެވެ. އެހެން ބަހައްޓައިފައި އައިސް އަނެއްކާވެސް ވިނަ ކޮށާން ފަށައިފިއެވެ.
ބިލްގީސް އަނެއްކާވެސް ފެން ޖަހާން ފަށައިފިއެވެ. މެހެމަލް އިސް ޖަހައިލުމަށް ފަހު ކިޔެވޭތޯ މަސައްކަތް ކުރާން ފަށައިފިއެވެ.
ކިޔަވަކިޔަވައި ހުރެފައި އޭނާއަށް ނިޔަފަތިތަކާ ދިމާއަށް ބަލައިލެވިއްޖެއެވެ. ދެން ބަލައިލެވުނީ އަތަށެވެ. ދެން ފަޔަށެވެ. އޭގެ ފަހުން އަނެއްކާވެސް ފެންޖަހާ ހޮޅިއާ ދިމާއަށެވެ.
ހުޅުވިފައި ހުރި ދޮރާށިން ބޭރަށް ބަލައިލީމާ ފެންނަނީ ކުރިމަތީގައި ހުރި ގޭގެ ދޮރާށިވެސް ހުޅުވައިފައި ހުރި ތަނެވެ. ވިސްނުމެއްގެ ތެރޭގައި ހުރެގެން އޭނާ އެ ދިމާއަށް ބަލަނީއެވެ. އެގޭގެ ދޮރާށިން އެތެރޭގައި ކުޑަކުއްޖަކު އުރައިގެން އަންހެނަކު ހުއްޓެވެ. ކާރުގެ ދޮރު ހުޅުވައިގެން، އަދި ކާރަށް ނާރައި ހުރެ ފިރިހެނަކު އެ އަންހެމީހާޔާ ވާހަކަ ދައްކަނީއެވެ. އަންހެންމީހާ ހެނީއެވެ. އެއީ ދެމަފިރިންހެން ހީވެއެވެ. އިރުކޮޅަކު އެހެން ހުރުމަށް ފަހު ފިރިހެންމީހާ ކާރަށް އަރައިފިއެވެ. އަންހެންމީހާ އުރުގައި ހުރި ކުޑަކުއްޖާގެ އަތުގައި ހިފައިފައި ފިރިހެންމީހާއާ ދިމާއަށް ހަލުވައިލިއެވެ. ކުޑަކުއްޖާ ހެނީއެވެ. ފިރިހެންމީހާ ހިނިތުންވެލައިފައި ކާރު އިސްޓާޓު ކޮށްލިއެވެ.
އެއީ ފުރިހަމަ އާއިލާއެއްގެ މިސާލެކެވެ.
މެހެމަލް ހިމޭނުން އިނދެގެން އެ ދިމާއަށް ބަލަނީއެވެ. ކާރު ނުކުމެގެން ދިޔައީމާ އަންހެންމީހާ ދޮރާށި ލައްޕައިފިއެވެ.
އޭނާ މޮޅިވެރިގޮތަކަށް ބަލަހައްޓައިގެން އިނދެފައި އަނެއްކާވެސް ކިޔަވަން ފަށައިފިއެވެ.
"އަދި އެއުރެންގެ ތެރެއިން ބަޔަކަށް ދުނިޔަވީ ޙަޔާތުގެ ޒީނަތްތެރިކަމުގެ ގޮތުން ތިމަންރަސްކަލާނގެ އެތަކެއްޗާމެދު އެއުރެން އިމްތިޙާނު ކުރެއްވުމަށްޓަކައި، ދެއްވި ތަކެއްޗަށް އެދިވަޑައިގެން، ކަލޭގެފާނު ނުބައްލަވާށެވެ!" (ޠާހާ ސޫރަތުގެ 131 ވަނަ އާޔަތް)
މެހެމަލަށް ބޭއިޚްތިޔާރުގައި ފިނި ނޭވައެއް ލެވުނެވެ. އޭނާ އިސްއުފުލައިލިއެވެ. ވަށައިގެން ހޯދައި ބަލައިލިއެވެ. ބިލްގީސާއި ދޮރުވާނާ ދެމީހުން ތިބީ މަސައްކަތުގެ ތެރެއަށް ގެއްލިފައެވެ. އެއްވެސް މީހަކު އޭނާޔާ ދިމާއަށް ނުބަލައެވެ. އެކަމަކު...
އޭނާ އުޑާ ދިމާއަށް ބަލައިލިއެވެ.
އޭނާއަށް ބައްލަވައިވޮޑިގެންވާ ފަރާތެއް އެބަވެއެވެ. އޭނާގެ ކިތަންމެ ކުޑަ ހަރަކާތެއް ވިޔަސް އަދި ކިތަންމެ ހަނި ވިސްނުމަކަށް ވިޔަސް އެ ފަރާތަކުން ދޫކޮށެއް ނުލައްވައެވެ. އޭނާއަށް މަގު ދައްކަވައެވެ. ވިސްނަވައި ދެއްވައެވެ. އެފަރާތުގެ އިހުސާންތެރިކަން ހާދަހައި ބޮޑެވެ. ކިތަންމެ ވަރަކަށް ޝުކުރުވެރި ވިޔަސް ފުދޭ ވަރެއް ނުވާނެއެވެ.
"ބިލްގީސް. މިއަދަކީ ކޮން ދުވަހެއްތަ؟" އޭނާ އަހައިލިއެވެ.
"ހުކުރު ދުވަސް... މެޑަމް." އޭނާ ފެންޖަހާ ނިމިގެން މިހާރު ހޮޅި އޮޅަނީއެވެ.
"އެހެންތަ؟" އޭނާއަށް ހަނދާން ވެއްޖެއެވެ. މިއަދަކީ އޭނާ ކަހުފު ސޫރަތް ކިޔަވާ ދުވަހެވެ. ހަނދާން ނެތުނީ ކީއްވެގެން ބާވައެވެ؟ އޭނާ ޚަތިމުގެ ގަނޑުތައް އުކާން ފަށައިފިއެވެ.
ދޮރުވާނު ދޮރާށި ލައްޕާފައި އޭނާގެ ކޮޓަރިއަށް ހިނގައްޖެއެވެ. ބިލްގީސް ވަނީ ގޭތެރެއަށެވެ. ފެންޑާގައި މިހާރު އެހެރީ އޭނާ އެކަންޏެވެ. ފުރަތަމަ އޭނާ އުޅުނީ ފޮތް ބަލައިގެން ކިޔަވާށެވެ. އެކަމަކު ކަހުފު ސޫރަތް ހިތުދަސް ވެފައި ވުމާއެކު ޚަތިމު ބާއްވައިފައި ގޮނޑީގެ ލެނގޭތާގައި ފުއްކިބަ ޖައްސައިލުމަށް ފަހު ލޯ މަރައިލިއެވެ.
ބައެއް ފަހަރަށް އޭނާއަށް ހީކުރެވޭ ގޮތުގައި އޭނާގެ މުޅި ދިރިއުޅުން އެނބުރެނީ މުޞްޙަފްގެ ވަށައިގެންނެވެ. އެ ފޮތުގެ ކޮންމެވެސް ކަމަކާއި އޭނާޔާ ގުޅުމެއް ނުއުފެދޭ އެންމެ ދުވަހެއްވެސް ފާއިތު ވެގެންނެއް ނުދެއެވެ. އޭނާގެ އަތުގައި އަބަދުވެސް އެ ފޮތް އޮވެއެވެ. އެފޮތާ ނުލައި މިހާރަކު އޭނާއަކަށް ދިރިއެއް ނޫޅެވޭނެއެވެ.
އޭނާ ބިސްމި ކިޔައިފައި ކަހުފު ސޫރަތް ކިޔަވާން ފަށައިފިއެވެ.
ހެނދުނުގެ ފިނިކަން އޮތީ ޖައްވަށް ފެތުރިފައެވެ. އޭނާ ލޯ މަރައިލައިގެން އިނދެ ކިޔަވަނީއެވެ.
"أم حسبت ان اصحاب الكهف..."
"والرّقيم..."
އޭނާ "اصحاب الكهف..." އާ ހަމައަށް ކިޔެވުމާއެކު ޖެހިގެން އޮތް ލަފުޒު "والرّقيم" ކިޔައިލީ އަޑު އިވިއްޖެއެވެ.
އޭނާ ކިޔެވުން ހުއްޓައިލިއެވެ. ހައިރާން ވެފައި ލޯ ހުޅުވައި ބަލައިލިއެވެ.
ކުރިމަތީގައި ހުރި ދޮރު ހުރީ ހުޅުވިފައެވެ. ދޮރުމަތީގައި ނިދާ ހެދުން ލައިގެން ނިދި މޫނާއެކު އެހެރީ ތައިމޫރެވެ.
މެހެމަލްގެ ނޭވާ ހުއްޓުނު ކަހަލައެވެ.
ކުޑަ ހިނދުކޮޅަކަށް ހިމޭންކަން ވެރިވެފައި އޮތެވެ. މެހެމަލް އޭނާގެ ދަރިފުޅާ ދިމާއަށް ބަލަނީއެވެ. ތައިމޫރް އޭނާގެ މަންމަޔާ ދިމާއަށް ބަލަނީއެވެ.
މެހެމަލް އަނެއްކާވެސް ކިޔަވާން ފަށައިފިއެވެ. ހަމަ ކުރީގެ އާޔަތެވެ.
"أم حسبت ان اصحاب الكهف..."
އެޔާއެކު ތައިމޫރްގެ ތުއްތު ތުންފަތް ހަރަކާތް ކުރަން ފެށިއެވެ.
"والرّقيم..."
"كانو من آياتنا عجبا" މެހެމަލް އާޔަތް ފުރިހަމަ ކޮށްލިއެވެ.
ތައިމޫރް އެއްވެސް ހަރަކާތެއް ނުކޮށް ހުރި ގޮތަށް ހުރީއެވެ.
"މިކޮޅަށް އާދެބަލަ." މެހެމަލްވެސް އެއްވެސް ހަރަކާތެއް ނުކޮށް ބުނެލިއެވެ. ތައިމޫރް ކުދިފިޔަވަޅު އަޅަމުން މަޑުމަޑުން މެހެމަލްގެ ކައިރިއަށް އަތުވެއްޖެއެވެ.
މެހެމަލް ދެއަތް ދިއްކޮށްލިއެވެ. ތައިމޫރް އޭނާގެ ތުއްތު ދެއަތް އޭނާގެ މަންމަގެ އަތަށް ދިނެވެ.
"اصحاب الكهف ގެ ފަހުން އޮންނަނީ والرّقيم ކަން ދަރިފުޅަށް އެނގުނީ ކިހިނެއް؟"
ތައިމޫރް އަނގަޔަކުން ނުބުނެއެވެ. ހީވަނީ އޭނާއަށްވެސް އެ ސުވާލުގެ ޖަވާބު ނޭނގެނީ ހެންނެވެ.
"ދަރިފުޅަށް ކަހުފު ސޫރަތް އެނގޭތަ؟" ތައިމޫރްގެ އަތުގައި ހިފަހައްޓައިގެން އިނދެ އޭނާ އަހައިލިއެވެ.
ތައިމޫރް ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރައިލިއެވެ.
"އެހެން ވެއްޖެއްޔާ ދަރިފުޅަށް އެނގުނީ ކިހިނެއް؟"
"ނޭނގޭ... އެނގުނީ..." ތައިމޫރް އަޅައަޅައިގެންފައި ބުނެލިއެވެ. އަދިވެސް ކަޅި ހުއްޓިފައި ހުރީ މެހެމަލްގެ މޫނަށެވެ.
މެހެމަލަށް ހަނދާން ވާން ފަށައިފިއެވެ. ކޮންމެ ހުކުރު ދުވަހަކު އޭނާ ތައިމޫރް އުނގުގައި ބައިންދައިގެން ކަހުފު ސޫރަތް ބާރަށް އެތައް ފަހަރަކު ކިޔެވިއެވެ. ބަނޑުގައި އަށަގަތީއްސުރެ ތައިމޫރަށް އިވޭނީ ޤުރްއާނުގެ އަޑެވެ. އެހެންވީމާ ދަސްވީ ކަމުގައި ވެދާނެއެވެ. ހަތް އަހަރަށް ފަހު މިހާރު ކުއްލިއަކަށް ހަނދާނަށް އައީއެވެ.
"ދަރިފުޅަށް އެހެން ސޫރަތެއް އެނގޭތަ؟"
ތައިމޫރް ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރައިލިއެވެ. އަދިވެސް އޭނާގެ ކުޑަކުޑަ އަތް އޮތީ މެހެމަލްގެ އަތުގެ ތެރޭގައެވެ.
"ޤުރްއާން ކިޔަވަން ދަންނަންތަ؟"
އޭނާ ބޯ ޖަހައިލިއެވެ.
"މިސްކިތަށް ދަންތަ؟"
"ނުދަން. ބައްޕަ ގެއަށް ޤާރީއަކު ގެނެސްގެން ދަސްކޮށްދެނީ."
"ކިތައް ފަހަރު ޚަތިމުކޮށްފިން؟"
"ދެފަހަރު."
"އެހެންތަ؟ ޤާރީވެސް ކިޔަވަނީ މަންމަ ކިޔަވާ ގޮތަށްތަ؟"
"ނޫން. އޭނާ ކިޔަނީ ހަޑިކޮށް. އެއީ ހަޑި މީހެއް."
"މަންމަޔޯ؟"
"މަން... މަންމަ ކިޔަނީ ރީތިކޮށް." އަދިވެސް އޭނާ ވާހަކަ ދައްކަނީ އަޅައަޅައިގެންފައެވެ.
"ދައްތަ... ފަރިޝްތޭޔޯ؟"
"ބޮޑުދައިތަ ނުކިޔާ."
ކިޔެވުމުގެ ބަދަލުގައި ތައިމޫރް މުޅީންވެސް ބޭނުން ކުރަނީ "ކިޔަނީ" އެވެ. އެކަމަކު މިއީ އެ ކުއްޖާގެ ކުށް ރަނގަޅު ކުރުމުގެ ވަގުތެއް ނޫނެވެ. މިއީ ނަގައިލައިގެން ވާނެ ކަހަލަ ވަގުތުކޮޅެއް ނޫނެވެ. އޭނާގެ ދިރިއުޅުމުގައި އައި އަގުހުރި ވަގުތުކޮޅެކެވެ.
"މަންމަ ކިޔަވާ ގޮތަށް ކިޔަވަން ދަރިފުޅަށް އެނގޭތަ؟"
"ނޭނގޭ."
"އެހެން ކިޔަވަން ބޭނުންތަ؟"
ތައިމޫރް އަނގަޔަކުން ނުބުންޏެވެ. ބަލަހައްޓައިގެން ހުރީއެވެ.
މެހެމަލް މަޑުމަޑުން އޭނާގެ އަތުން ދޫކޮށްލައިފިއެވެ.
"އެންމެ ރަނގަޅު. މާދަމާ ހެނދުނު ކިޔަވާނީ." މެހެމަލް އަނެއްކާވެސް ކުޑަކޮށް ލެނގިލުމަށް ފަހު ލޯ މަރައިލިއެވެ. ތައިމޫރަށް އުނދަގޫ ނުކޮށް ދޫކޮށްލާފައި ބެހެއްޓުމަކީ އެންމެ ރަނގަޅު ގޮތެވެ. އޭނާގެ ދަރިފުޅު އޭނާއަށް ލިބެން މިންވަރުފުޅުގައި ހުރިއްޔާ އަންނާނެއެވެ. އެހެން ނޫނީ ނާންނާނެއެވެ.
އެހެން އެތައް އިރަކު އިނުމަށް ފަހު ލޯ ހުޅުވައިލީއިރު ތައިމޫރެއް ނެތެވެ. ތަޅުގަނޑުމަތީގައި ހުރި ފެން ހިކިއްޖެއެވެ. ދޫނިތައް އުދުހިގެން ހިނގައްޖެއެވެ. ހުދު ބުޅާވެސް ފެންނާކަށް ނެތެވެ.
ﷲ އާ ދިމާއަށް މީހަކު ލަންބައިލާ ވާހަކައަށްވުރެ ރީތި ވާހަކައެއް އޮންނާނޭ ހެއްޔެވެ؟
އޭނާ ވިސްނަމުން ދިޔައެވެ. ދެކޮޅުވެރިޔަކު އެކުވެރިއަކަށް ހަދާނޭ "ރިވެތިވެގެންވާ ގޮތް" މި އާޔަތުން އެ އަންގަވަނީއެވެ. އޭނާއަށް އެކަން ވިސްނުނީ މާ ފަހުންނެވެ.
ވިހި
އަނެއް ދުވަހުގެ ހެނދުނެވެ. އޭނާ އިނީ ބަގީޗާ ތެރޭގައެވެ. ފެންޑާގެ ކުޑަދޮރުތައް ހުރީ ހުޅުވައިފައެވެ. އޭނާގެ ކުރިމަތީން ފެންނާން އެހެރީ ތައިމޫރްގެ ކޮޓަރިއެވެ.
އިއްޔެއާއި ރޭގެ އެއްވެސް ވަގުތަކު އޭނާ ތައިމޫރެއް ނުދެކެއެވެ. އޭނާ ކޮޓަރިއަކުން ނުވެސް ނުކުމެއެވެ. މިއީ އިސްކޫލުގެ ޗުއްޓީގެ ދުވަސްވަރު ކަމުގައި ވާތީ ތައިމޫރް ބޭރަކަށް ނުގެންދެއެވެ. އިއްޔެ ޤުރްއާން ކިޔަވައި ދިނީމާ ތައިމޫރަށް ހުންނާނީ އުނދަގޫ ވެފައިކަން އޭނާއަށް އެނގެއެވެ. ޅަ ސިކުނޑިއަކަށް އެހައި ބޮޑު ބުރައެއް ޖައްސާކަށް ނުވާނެއެވެ. ތައިމޫރް ޤުރްއާން ކިޔަވާ ހިތްވާ ކަމުގައި ވަނީނަމަ އެ ޝައުގުވެރިކަން ހިތުގައި އުފެދިގެން އަމިއްލައަށް އަންނާނެއެވެ. ގަރުބަގަތީއްސުރެ އެކުއްޖާފުޅު ޤުރްއާން އަޑު އަހާނެއެވެ. ހަތް އަހަރުން ހަނދާން ނެތޭނީ ކިހިނެއް ހެއްޔެވެ؟
ބިލްގީސް ހުރީ އޭނާގެ ޓޭޕް ރިކޯޑަރު ފެންޑާއަށް ގެނެސްދީފައެވެ. އޭނާ އޭގެ ފިތަކަށް އޮބައިލިއެވެ. ތައިމޫރް ހޭލިކަމެއް އޭނާއަކަށް ޔަގީނެއް ނޫނެވެ. އެކަމަކު އޭނާ އަޑު ބާރު ކޮށްލިއެވެ.
ޤާރީ އަލްމިޝާރީ ކަހުފު ސޫރަތް ކިޔަވަނީއެވެ. ގިނަ ޤާރީން ވަރަށް ރީތިކޮށް ކިޔަވައެވެ. އެކަމަކު މިޝާރީގެ އަޑުގައި އެ ހުންނަ އަސަރަކާއި ފޮނިކަމެއް އެހެން މީހެއްގެ އަޑަކުން މެހެމަލަކަށް ފާހަގައެއް ނުކުރެވެއެވެ. ކަހުފު ސޫރަތުގެ އަޑު ޖެހުމާއެކު އޭނާގެ ލޮލުން ކަރުނަ ފައިބާން ފަށައިފިއެވެ.
ފުރުތަމަ ރުކޫޢު ނުނިމެނީސް ތައިމޫރް ދުވެފައި އައިސް ބަގީޗާ ތެރެއަށް ނުކުމެއްޖެއެވެ. މެހެމަލް ފެނުނީމާ ކުއްލިއަކަށް ހުއްޓިއްޖެއެވެ. އޭނާގެ އަތާއި ފަޔާއި މޫނު ހުރީ ތެމިފައެވެ. ހަރުވާޅުގެ ފައިކުރި ހުރީ އޮޅައިފައެވެ. އެ އައީ ވުޟޫކޮށްގެންހެން ހީވެއެވެ.
މެހެމަލް ހިނިތުން ވެލުމަށް ފަހު ތައިމޫރަށް އިށީންނަން އިޝާރާތް ކޮށްލިއެވެ. އޭނާ މަޑުމަޑުން އައިސް ކުރިމަތީގައި ހުރި ގޮނޑީގައި އިށީނދެއްޖެއެވެ.
(ނުނިމޭ)
Visnaa fikurukuraa konme Aalhakah keh therikah ALLAH dhevvaanekan yageeneve
v. furihama
ވަރަށް ރީތި?
.ބަރުދާސްތު ކުރަން އިންތިހާއަށް އުނދަގޫ ކަންކަމަށް , މިފަދަ ރިވެތި ކެތްތެރިވުމަކުން ކެތްތެރިވެއްޖެ މީހާ ހަމަކަށަވަރުން ކާމިޔާބު ޔަގީންކޮށްފި .