މުޞްޙަފް - 39

(10 ޖޫން 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ފަރިޝްތޭ ވަރުބަލިވެފައިވާ ކަހަލަ ގޮތަކަށް މިހެން ބުނެފައި ކުރިއަށް ހިނގައިގެންފިއެވެ. އޭނާ ދާތަން ބަލައިލާން އެނބުރިލާކަށްވެސް މެހެމަލަކަށް ނުކެރުނެވެ. ހީވަނީ ހުރިތަނަށް ގަނޑުވެފައި ހުރީ ހެންނެވެ. ކުރިމަތީން ފެންނާން ހުރި ހުރިހައި ތަނެއް ފުސްވާން ފަށައިފިއެވެ.

"ފަރިޝްތޭ އިބްރާހީމް."

"އާޣާ އިބްރާހީމްގެ ދަރިއެއް."

އޭނާގެ ވަށައިގެން މި ދެ ޢިބާރާތް އެނބުރެނީއެވެ.

* * *

މަރުކަޒުގެ ދޮރާށްޓާ ހަމައަށް ހިނގައިފައި އާދެވުނީ ކިހިނެއް ކަމެއްވެސް މެހެމަލަކަށް ނޭނގެއެވެ. ދިމާ ތެދަށް ކަށްޓެއްހެން ހުރެގެން އޭނާ ހިނގަމުން ދަނީއެވެ. ދަބަހާއި ފޮތްތައް ހުރީ ކުލާހުގައެވެ. އެއިން އެއްވެސް އެއްޗެއް ގެންނާނޭ ހޭވަރިކަމެއް އޭނާގެ ކިބަޔަކު ނެތެވެ. ވަރަށް ގިނަ އެއްޗެހި މިސްކިތުގެ ކޮންމެވެސް ތަނަކަށް ދޫވެ ގެއްލިއްޖެ ކަމުގައި އިހުސާސް ކުރެވޭން ފަށައިފިއެވެ. އެހެންވީމާ ހިފައިގެން އަންނާން ހުންނާނީ ކޮން އެއްޗެއް ހެއްޔެވެ؟

ޖެހިގެން ހުރި ގޭގެ ފާރާ ހަމައަށް ދެވުނުތަނާ އޭނާ ނުވެއްޓުނީ ކިރިޔާއެވެ.

"އާޣާ އިބްރާހީމްގެ ދަރިފުޅު... ފަރިޝްތޭ އިބްރާހީމް."

އޭނާގެ ސިކުނޑީގައި ގުގުމަމުން ދަނީ މި ދެ ޖުމުލައެވެ. އިތުރު އެއްވެސް އެއްޗެއް ބޮލަކަށް ނުވަދެއެވެ.

އޭނާގެ ހަނދާނަށް ކުއްލިއަކަށް އައީ އާޣާ ކަރީމް ދެއްކި ވާހަކައެވެ.

"އެ އަންހެން ކުއްޖާގެ ފުށުން ސަލާމަތެއް ނުވެވުނު. މިއަދު އަނެއްކާ އޮފީހަށް އަތުވެއްޖެ."

"އަނެއްކާ އޮފީހަށް އަތުވެއްޖެ." އޭނާގެ ސިކުނޑި ހަލުވިކަމާއެކު މަސައްކަތް ކުރަނީއެވެ. އަނެއްކާވެސްގެ މާނައަކީ ކޮބައި ހެއްޔެވެ؟ އޭނާ އޭގެ ކުރީންވެސް ދަނީ ހެއްޔެވެ؟ އެންމެން އޭނާ ދަނެއެވެ. އެމީހުން ތިބެނީ އޭނާ ދެކެ ރުޅި އައިސްފައި ކަމުގައިވެސް ވެދާނެއެވެ. އެއީ ހަމަ ހަގީގަތުގައިވެސް އާޣާ އިބްރާހީމްގެ ދަރިއެއް ހެއްޔެވެ؟

"ނޫނެކެވެ." އޭނާ ބޯ ހަލުވައިލިއެވެ. "އާޣާ އިބްރާހީމްގެ ހުންނަނީ އެންމެ ދަރިއެކެވެ. އެއީ މެހެމަލް އިބްރާހީމެވެ. އަހަރެންގެ ދައްތައަކު ނުހުންނާނެއެވެ. އަހަރެން ގަބޫލެއް ނުކުރާނަމެވެ."

އޭނާ ބާރަށް ބޯ ހޫރަމުން ގެންދިޔައެވެ. ސިކުނޑި ހީވަނީ ފަޅައިގެން ހިނގައިދާނޭ ހެންނެވެ. އެތެރޭގައި އުފެދި ހުޅުރޯވަމުން އަންނަނީ ރުޅީގެ ވަރުގަދަ ޠޫފާނެކެވެ.

"އެއީ ހަމަ ހަގީގަތުގައިވެސް ބައްޕަގެ ދަރިއެއް ހެއްޔެވެ؟ އޭނާގެ މަންމައަކީ ކާކު ހެއްޔެވެ؟ އަހަރެންގެ މަންމަ ހެއްޔެވެ؟ ނޫނެކެވެ. އަހަންނަށް ތެދު މައުލޫމާތެއް ދޭނީ ކާކު ހެއްޔެވެ؟ އެކަން ރަނގަޅަށް އެނގޭނީ ކާކަށް ހެއްޔެވެ؟ އާޣާޖާނާއި ކުޑައަންމަ ނުބުނާނޭކަން ކަށަވަރެވެ. މަންމައަކަށް ތަނެއްދޮރެއް ނޭނގޭނެއެވެ. ދެން... އަހަރެން އަހާނީ ކާކު ގާތުހެއްޔެވެ؟"

އޭނާ ބޮލުގައި ދެއަތުން ހިފަހައްޓައިގެން އުޑަފައިން އިށީނދެއްޖެއެވެ. އެކަމަކު ދެވަނަ ސިކުންތުގެ ތެރޭގައި އިސް އުފުލައިލިއެވެ.

"ހުމާޔޫން." އޭގެ ފަހަކުން އޭނާ އެއްވެސް ކަމަކާ މެދަކު ނުވިސްނައެވެ. އެ ގޭގެ ދޮރާ ދިމާއަށް ހިނގައިގެންފިއެވެ.

ބާރަ

"ކަލޭގެ ވެރިމީހާ ގޭގައި އެބައުޅޭތަ؟ އަހަރެން އެތެރެއަށް ވަންނާން ބޭނުން."

"އާދެ. އެބައުޅުއްވާ. ވަޑައިގަނޭ." ވޮޗަރު ވަގުތުން ކުރިމަތިން ދުރަށް ޖެހިލައި ތަން ދައްކައިފިއެވެ. އޭނާ ގެޔާ ދިމާއަށް ދިޔައީ ދުވެފައެވެ. ގޭތެރެއަށް ވަދެ އެކި ދިމަދިމާއަށް ކަޅި އުކަމުން ހިނގައިގެންފިއެވެ. ކުއްލިއަކަށް ވަކި އެއްޗެއް ވިސްނިގެން ކަހަލަ ގޮތަކަށް ގޮސް ބަދިގެއަށް ވަދެއްޖެއެވެ.

ބަދިގެއަކު މީހަކު ނެތެވެ. ކުރިމަތީގައި ފެންނާން ހުރީ ސަމުސާހަރާއި ވަޅިހަރެވެ. އޭނާ އެތަނުން އަތަށް ހެޔޮވަރު ވަޅިއެއް ނަގައި ހެދުމުގެ ފަސްބައިގައި ފޮރުވައިފިއެވެ.

"ހުމާޔޫން." އޭނާ ބޮޑު ކޮޓަރިތެރޭގައި ހުރެގެން ވަރަށް ބާރަށް ގޮވައިލިއެވެ. ގޭތެރޭގައި އޭނާގެ އަޑު ގުގުމައިލިއެވެ. ހުމާޔޫންގެ ކޮޓަރި ހުންނަނީ މަތީގައެވެ. މެހެމަލަށް އެކަން އެނގެއެވެ. އެހެންވީމާ ހަލުވި ފިޔަވަޅުތަކެއް އަޅަމުން ސިޑިން އަރާން ފަށައިފިއެވެ. ފުރަތަމަ ބުރީގައި ހުމާޔޫނަށް ގޮވަމުން ހިނގުމަށް ފަހު ޖެހިގެން ހުރި ބުރިއަށް އަރައިފިއެވެ. ދެން އެރީ ތިންވަނަ ބުރިއަށެވެ. އެ ވަގުތު ކުރިމަތީގައި ހުރި ކޮޓަރިން ހުމާޔޫންގެ އަޑު އިވުނެވެ.

"ބިލްގީސް..." އޭނާ އެ ގޮވަނީ ގޭގައި ގެންގުޅޭ މީހާއަށެވެ.

މެހެމަލް ގޮސް އެ ކޮޓަރީގެ ދޮރުމައްޗަށް ހުއްޓިއްޖެއެވެ.

"ދޮރު ހުޅުވާ." އޭނާ ދޮރުގައި ތަޅައިގެންފިއެވެ.

"ކާކު؟" ހުމާޔޫން ދޮރު ހުޅުވައިލިއެވެ. އޭނާ ފެނުނީމާ ހައިރާން ވެފައި އަހައިލިއެވެ. "މެހެމަލް؟ ކިހިނެއްވީ؟"

"އަހަރެން މި އައީ ސުވާލެއް ކުރަން ވެގެން. ސީދާ ތެދަށް ޖަވާބު ދޭންވާނެ. އެހެން ނޫނީ އަހަރެންގެ ނުލަފާކަން ދައްކައިލާނަން."

މެހެމަލްގެ އަޑާއި ކުލަވަރު ފެނުނީމާ ހުމާޔޫން ކުޑަކޮށް ކަންބޮޑުވާގޮތް ވެއްޖެއެވެ. "ކިހިނެއްތަވީ މެހެމަލް؟"

"އަހަރެންގެ ސުވާލަށް ޖަވާބުދީ."

"އެންމެ ރަނގަޅު. އެތެރެއަށް ވަދޭ." ހުމާޔޫން ފަހަތަށް ޖެހިލުމަށް ފަހު އޭނާ ކޮޓަރިތެރެއަށް ވަންނާން ތަން ދެއްކިއެވެ. ހުމާޔޫން ހުރީ ކަޅު ކުލައިގެ ފަޓުލޫނަކާއި އަޅި ކުލައިގެން ގަމީހެއް ލައިގެންނެވެ. އަތުގައި ތުވާއްޔެއް އޮތެވެ.

މެހެމަލް ދެ ފިޔަވަޅެއް ކުރިއަށް ޖެހިލިއެވެ. މިހާރު އޭނާ އެހެރީ ދޮރުއޮޅިމަތީގައެވެ.

"ހުމާޔޫނާއި ފަރިޝްތޭއާ ދެބެއިންގެ ދެދަރިތަ؟"

"އާނ... ކިހިނެއްވީ؟"

"ފަރިޝްތޭއަކީ ކާކުގެ ދަރިއެއް؟ ހުމާޔޫންގެ ބައްޕައަކީ ކާކު؟"

"ބައްޕައޭ؟" ހުމާޔޫން ސިހުނެވެ. "މީހަކު މެހެމަލް ގާތު އެއްޗެކޭ ބުނީތަ؟"

"އަހަރެން މި އަހަނީ ފަރިޝްތޭއަކީ ކާކުގެ ދަރިއެއްހޭ!" އޭނާ ކަރުތެރެއިން އަޑު ނެރެގެން ބުނެލިއެވެ.

"އާދޭ... މިތާ އިށީނދޭ. ހަމަޖެހިލައިގެން ތިބެ ވާހަކަ ދެއްކިދާނެއެއްނު؟" ހުމާޔޫން ކުޑަކޮށް ކައިރިއަށް ޖެހިލިއެވެ.

"އަހަރެން އައީ އިށީންނާކަށް ނޫން. އަހަރެންގެ ސުވާލަށް ޖަވާބެއް ދީ."

"އާދޭ... ފުރަތަމަ އިށީނދެ ހަމަޖެހިލާ. ހަމަޖެހިލައިގެން އިނދެ އަހަރެންގެ ވާހަކަ އަޑުއަހާ." ހުމާޔޫން ކުޑަކުއްޖަކު މަސަލަސް ކުރާން އުޅޭ ކަހަލަ ގޮތަކަށް ބުނެލިއެވެ. އަދި ކުރިއަށް ޖެހިލައި އޭނާގެ އަތުގައި ހިފަހައްޓާން އުޅުނެވެ.

"އަހަރެންގެ ގައިގައި އަތް ނުލާތި." އޭނާ ފަހަތަށް ޖެހިލިއެވެ.

"މެހެމަލް. އާދޭ." ހުމާޔޫން އަނެއްކާވެސް ކައިރިއަށް ޖެހިލިއެވެ. އެ ވަގުތު އޭނާ ފަސްބައިގައި ފޮރުވައިގެން ގެންގުޅުނު ވަޅި ނެރެފިއެވެ.

"އަހަރެން ހުމާޔޫނަކަށް އިތުބާރެއް ނުކުރަން." އޭނާ ވަޅި ދިއްކޮށްލަމުން ބުނެލިއެވެ.

"ކީއްކުރަން ގެނައި ވަޅިއެއް؟ އަހަރެން މަރައިލާންތަ؟" ހުމާޔޫން ލޮލުން ރުޅިވެރިކަމުގެ އަސަރު ފެންނާން ފަށައިފިއެވެ. އަދި ދިގު ފިޔަވަޅެއް އެޅުމަށް ފަހު ކައިރިއަށް ޖެހިލައި ވަޅި އޮތް އަތުގައި ބާރަށް ހިފަހައްޓައި އަނބުރައިލިއެވެ.

"ދޫކޮށްލާ. އެހެން ނޫނީ ވަޅި ޖަހައިފާނަން." މެހެމަލް މަސައްކަތް ކުރަމުން ދިޔައީ ހުމާޔޫންގެ އަތު ތެރެއިން ވީއްލިގަންނާށެވެ. ތެޅިފޮޅިގަތް ވަގުތު ވީ ގޮތެއްވެސް ނޭނގުނެވެ. ފެނުނީ ލޭ ފައިބާން ފެށި ތަނެވެ.

ތިމަން މި އުޅެނީ މަރުވާށޭ މެހެމަލްގެ ހިތަށް އެރިއެވެ. ހޯސްލާފައި ލޭ ފައިބައިގެންފިއެވެ. އޭނާއަށް ބާރަށް ހަޅޭއް ލަވައިގަނެވިއްޖެއެވެ. ނޫނެކެވެ... އޭނާގެ ގަޔަކަށް ވަޅިއެއް ނުވަދެއެވެ. އެހެން ވެއްޖެއްޔާ؟

ހުމާޔޫން ފަހަތަށް ޖެހިލިއެވެ. މެހެމަލް މިނިވަން ވެއްޖެއެވެ. ހުމާޔޫންގެ ފައިގެ ފަލަމަސްގަނޑުން ލޭ ފައިބަނީއެވެ. ފަހަށް ވަދެފައި ހުރި ވަޅީގައި އަތް ޖައްސައިލުމަށް ފަހު ވެއްޓެމުން ކަހަލަ ގޮތަކަށް އޭނާ ފަހަތަށް ޖެހިލައިފިއެވެ.

"ޔާރައްބީ... އަހަރެން މި ކުރީ ކީއް؟" ގަތް ބިރުން އޭނާ ތުރުތުރު އަޅާން ފަށައިފިއެވެ.

ހުމާޔޫންގެ އަތް ލެއިން ތެމިއްޖެއެވެ. ފާރުގައި ލެނގިލުމަށް ފަހު މަޑުމަޑުން ބުރަކަށި ކާއްތަމުން ގޮސް ބިންމަތީގައި އޭނާއަށް އިށީނދެވިއްޖެއެވެ. އޭނާގެ ލޯ މެރެމުން ދަނީއެވެ.

މެހެމަލް ދެލޯ ބޮޑުކޮށްގެން ބަލަހައްޓައިގެން ހުރީއެވެ. އޭނާއަށް މި ކުރެވުނީ ކޮން ކަހަލަ ކަމެއް ހެއްޔެވެ؟

އޭނާ ކުޑަކޮށް ފަހަތަށް ޖެހިލުމަށް ފަހު ކުއްލިއަކަށް ސިޑިއާ ދިމާއަށް ދުއްވައިގެންފިއެވެ. ހަލުވިކަމާެކު ފައިބައިގެން ގޮސް ގެއިން ނުކުމެއްޖެއެވެ.

ވޮޗަރު ފެންނާކަށް ނެތެވެ. އޭނާ އެކަމަކާ ނުވިސްނައެވެ. ދުވެވުނުހައި ބާރަކަށް މިސްކިތާ ދިމާއަށް ދުއްވައިގެންފިއެވެ.

"ފަރިޝްތޭ... ފަރިޝްތޭ ކޮބާ؟" އޭނާ މޭޒުދޮށުގައި ހުރި ކުއްޖާ ގާތު އަހައިލިއެވެ. އޭރު އޭނާއަށް މާނޭވާ ލެވެނީއެވެ.

"ކުތުބުޚާނާގައި... ނޫނީ..."

ވާހަކަ ނިމެންދެން އޭނާ މަޑެއް ނުކުރެއެވެ. ކުތުބުޚާނާއާ ދިމާއަށް ދުއްވައިގެންފިއެވެ.

ފަރިޝްތޭ އިނީ ކުތުބުޚާނާގެ އެއް ކަނެއްގައި އިށީނދެގެން ދެއަތްތިލައިން މޫނު ފޮރުވައިގެންނެވެ. މެހެމަލް ދުވެފައި ގޮސް އޭނާގެ ކުރިމައްޗަށް ހުއްޓިއްޖެއެވެ.

އޭނާ ހުއްޓުނު އަޑު އިވިގެން ފަރިޝްތޭ މޫނުމަތީން އަތް ނަގައިފިއެވެ. އަދި ބިންމައްޗަށް ބަލަހައްޓައިގެން އިނދެ މަޑުމަޑުން ބުނެލިއެވެ. "މެހެމަލްގެ ހިތުގައި ޖެހުނުކަން އަހަންނަށް އެނގޭ." އޭނާ ފުން ނޭވައެއް ލިއެވެ. "އަހަރެން އެ ވާހަކަ ނުދައްކައި ހުރީވެސް އެހެން ވެގެން. އަހަރެން..." ވާހަކަ ދައްކަމުން ގޮސް އިސް އުފުލައި މެހެމަލާ ދިމާއަށް ބަލައިލިއެވެ. އޭނާ ދައްކަމުން ދިޔަ ވާހަކަ ހުއްޓިއްޖެއެވެ.

މެހެމަލްގެ މޫނުމަތީން ފެންނަނީ ކަންބޮޑުވުމުގެ އަސަރެވެ.

"މެހެމަލް. ކިހިނެއްވީ؟" ފަރިޝްތޭ ކޮޅަށް ތެދުވެއްޖެއެވެ.

"ފަރިޝްތޭ... ފަރިޝްތޭ... ހުމަ... ހުމާޔޫން..." މެހެމަލަށް ރޮވިއްޖެއެވެ.

"ހުމާޔޫނަށް ކިހިނެއްވީ؟ މެހެމަލް. ބުނެބަލަ." އޭނާ ފިކުރު ބޮޑުވެފައި މެހެމަލް ކޮނޑުގައި ދެއަތުން ހިފަހައްޓައިލިއެވެ.

"ހުމާޔޫން... ހުމާޔޫން މަރުވެއްޖެ."

ފަރިޝްތޭގެ އަތް މެހެމަލްގެ ކޮނޑުމަތީން ކައްސާލައިފިއެވެ. ގައިން ބާރު ދޫވީ ކަމުގައި އިހުސާސް ކުރެވުނެވެ.

"ކީކޭ ތިޔަ ކިޔަނީ؟"

"އަހަ... އަހަރެން... ގަސްތުގައި ކުރި ކަމެއް ނޫން. ހުމާޔޫންގެ ގަޔަށް ވަޅި... އަހަރެން ގަސްތުގައި ކުރި ކަމެއް ނޫން... އަހަރެން..."

"މިހާރު އޭނާ ކޮބާ؟" ފަރީޝްތޭ އޭނާގެ ވާހަކަ މެދުކަނޑައިލިއެވެ.

"އޭނާގެ ގޭގައި... ކޮޓަރީގައި..."

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.