(28 މޭ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"އާ... އާޣާޖާން..؟"
އާޣާ ކަރީމް އިރުކޮޅަކު ދޮރުމަތީގައި ހުރެގެން ކޮޓަރި ތެރެ ބަލައިލިއެވެ. އެޔަށް ފަހު ހަށަން ބަނދެގެން ހުރެ އެތެރެއަށް ވަދެއްޖެއެވެ.
"އާޣާޖާން. އިށީ... އިށީންނަވާ." އެއީ ކުޑަކުޑަ ކޮޓަރިއެކެވެ. އެހެންވީމާ އިށީންނާން ދައްކާނޭ ތަނެއްވެސް މެހެމަލަކަށް ނޭނގުނެވެ. އެހެންވީމާ އެނދުގެ ފޮތިގަނޑު ރަނގަޅު ކޮށްލުމަށް ފަހު ދުރަށް ޖެހިލިއެވެ.
އާޣާ ކަރީމް މަޑުމަޑުން ގޮސް އެނދުގައި އިށީނދެއްޖެއެވެ. "ދަރިފުޅާ. މިތަނަށް އާދޭ. ވަރަށް މުހިއްމު ވާހަކައެއް ދައްކައިލާން ބޭނުން."
މިއީ ފަވާދް ހައްޔަރު ކުރި ދުވަހުގެ ފަހުން އާޣާ ކަރީމް އޭނާޔާ ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ. އަޑުގައި ހުރީ މަޑުމައިތިރިކަމެވެ.
މެހެމަލް އައިސް އޭނާގެ ކުރިމަތީގައި އިށީނދެއްޖެއެވެ. "ލައްބަ. ކީކޭތޯ؟"
"މެހެމަލް." އޭނާ މެހެމަލްގެ މޫނަށް ފުންކޮށް ބަލައިލިއެވެ.
މެހެމަލްގެ ނޭވާ ހީވަނީ އުތުރި އަރައިދާނޭހެންނެވެ.
"ފަވާދް ދަރިފުޅާ މެދު ކަންތައް ކުރީއަކީ ރަނގަޅަކަށް ނޫން. ވަރަށް ނުބައިކޮށް. އޭނާގެ ނަމުގައި އަހަރެން މަޢާފަށް އެދެން."
"ނޫނޭ... އާޣާޖާން. ތިޔަހެން ނުބުނުއްވާ." އާޣާ ކަރީމް އޭނާގެ ކުރިމަތީގައި ދެއަތް ޖޯޑުކޮށްލީމާ އޭނާ އުށް ވިރޭހެން ވިރިގެން ހިނގައްޖެއެވެ. އެއްވެސް އިޚްތިޔާރަކާ ނުލައި އާޣާ ކަރީމްގެ އަތުގައި ހިފަހައްޓައިލެވިއްޖެއެވެ.
"މެހެމަލާ މެދު ކަންތައް ހިނގައި ދިޔައީއަކީ ރަނގަޅަށް ނޫން. އެކަން އަހަރެން ދެނަހުރިން. އެކަމުގެ ބަދަލު ދޭން އަހަރެން ބޭނުން."
"ކީކޭތޯ؟" އޭނާއަކަށް އެ ވާހަކަތަކެއްް ރަނގަޅަކަށް ވިސްނޭ ގޮތެއް ނުވިއެވެ.
"އަހަރެން ގަސްތު ކުރަނީ މުދަލުން ދަރިފުޅަށްވާ ހިއްސާ ދޭން. ދަރިފުޅަކީ މުދަލާއި ފައިސާގެ ދެބައިކުޅަ އެއްބައިގެ ހިއްސާދާރެއް. އަމިއްލައަށް އެބައި ބަލަހައްޓާ. ލިޔުންތައް ތައްޔާރު ކުރަން އަހަރެން މިހާރު ވަކީލަށް އަންގައިފިން."
މެހެމަލް ހައިރާން ވެފައި އާޣާ ކަރީމްގެ މޫނަށް ބަލަހައްޓައިގެން އިނީއެވެ.
"ހިއްސާ ބޭނުންތަ؟"
"ލަ... ލައްބަ. އާޣާޖާން ބުނުއްވި ގޮތެއް." އަމިއްލަ ހައްގެއްގެ ވާހަކަ އެކަނި ހުރެގެން ދެއްކުމަކީ އެހައި އުނދަގޫ ކަމެއް ނޫނެވެ. އެކަމަކު ދެކޮޅުވެރިއެއްގެ ކުރިމަތީގައި ނުވަތަ ހައްގަކަށް އަރައިގެންފައި ހުންނަ މީހެއްގެ ކުރިމަތީގައި އެ ވާހަކަ ދެއްކުމަކީ ފަސޭހަ ކަމަކަށް ނުވެ ހިނގައިދެއެވެ. މެހެމަލަކަށްވެސް އިތުރު ވާހަކައެއް ނުދެއްކުނެވެ. ބަލަހައްޓައިގެން އިނީއެވެ.
"މުދަލުގެ ލިޔުމުގައި އަހަރެން މިއަދު ސޮއި ކޮށްލާނަން. އެކަމަކު މެހެމަލް... އަހަރެންގެ ޝަރުތެއް އެބައޮތް." އޭނާ މެހެމަލްގެ މޫނަށް ބަލަހައްޓައިގެން ކުޑަ އިރުކޮޅަކު އަނގައިން ނުބުނެ އިނެވެ. އެސްފިޔަވެސް ޖަހައެއް ނުލައެވެ. މެހެމަލްގެ ހަރަކާތަކަށް ނުވަތަ މޫނުގެ ކުލަވަރަކަށް ބަދަލެއް އާދޭތޯ ބަލަނީ ކަހަލައެވެ. "ފަވާދާ ދެކޮޅަށް ކޯޓުގައި ބަޔާން ދީގެން ނުވާނެ. އެ އެސްޕީއާ ދެކޮޅަށް އަހަރެން ބުނާ ގޮތަކަށް ބަޔާން ދޭން ވާނެ."
މެހެމަލްގެ އަނގަ ހުޅުވިއްޖެއެވެ. އަޑެއް ނުނުކުތެވެ. ހަމަ ބަލަހައްޓައިގެން އިނީއެވެ.
"ޝަރީއަތް ބާއްވާނޭ ދުވަހެއް މިހާރު ކޯޓުން އަންގައިފި. ދާން އޮތީ އަންނަ މަހުގެ ދުވަހަކު. ކޯޓަށް ގޮސް އަހަރެން ބުނާ ގޮތަށް ބަޔާންދީ. ބަޔާން ދީ ނިމުމާއެކު މުދަލުގެ ލިޔުން އަހަރެން މެހެމަލާ ހަވާލު ކުރާނަން. ބަޔާން ދޭ ވަގުތު އަހަރެން ލިޔުމުގައި ސޮއި ކުރާނަން."
އާޣާ ކަރީމް ތެދުވެއްޖެއެވެ. މެހެމަލް އޭނާޔާ ދިމާއަށް ބަލައިލާކަށް އިސްވެސް އުފުލައެއް ނުލައެވެ. ކަނދުރާގައި ވާގި ނެތީ ކަހަލައެވެ.
"ދަރިފުޅަށް ވަގުތު އެބަ އޮތް. ރަނގަޅަށް ވިސްނައިލާ. މިއީ ވިޔަފާރީގެ މުއާމަލާތެއް ކަމަށް ހީކުރިޔަސް އެންމެ ރަނގަޅު. މިއީ އިބްރާހީމްބޭބެގެ ވިޔަފާރި ހިންގަން މެހެމަލަށް ލިބޭ ރަނުގެ ފުރުސަތެއް." އޭނާ ދޮރާ ދިމާއަށް ހިނގައިގެންފިއެވެ.
"އަޅުގަނޑު ގަބޫލު." އޭނާ އަވަސްއަވަހަށް ބުނެލިއެވެ. ފައިސަލާ ކުރާން ހޭދަވީ ދެތިން ސިކުންތެވެ. "އަހަރެން ބަންދުކޮށްގެން ގެންގުޅުނު ހުމާޔޫން ޖަހަންމައަށް އެކޮޅުކޮޅުން ވެއްޓުނަސް މައްސަލައެއް ނެތެވެ." އޭނާ ހިތާހިތާ ކިޔައިލިއެވެ.
އާޣާ ކަރީމްގެ ތުންފަތް މައްޗަށް ފަތަހައިގެ ހިނިތުންވުމެއް ވެރިވިއެވެ.
"ދަރިފުޅު ކާމިޔާބު ވިޔަފާރިވެރިއަކަށް ވާނެ." އޭނާ ދޮރު ހުޅުވައިލާފައި ބޭރަށް ނުކުމެއްޖެއެވެ.
ފުލުހުން ހުމާޔޫން ހައްޔަރު ކުރާނެ ހެއްޔެވެ؟ އަދި... އަދި ފަވާދް... އޭނާ ގެއަށް އަންނާނެ ހެއްޔެވެ؟ ނޫނެކެވެ... އެކަމަކު މުދަލާއި ފައިސާ... އަމިއްލަ ހައިސިއްޔަތާއި މަގާމަށް އެދިގެން މަސައްކަތް ކުރުމަކީ ނުބައި ކަމެއް ނޫނެވެ. ކުޑައަންމައާއި ބޮޑުދައިތައިންނާއި ބޮޑުބޭބެއިންނަށް އަމުރު ކުރުމުގެ ފުރުސަތު އޭނާއަށް ލިބޭނެއެވެ. ދަންނަހައި ބައެއްގެ ގަދަރާއި އިހުތިރާމް ލިބޭނެއެވެ. ގޭގެ ހުރިހައި ކަމެއް ހިނގާނީ އޭނާ ބުނާ ގޮތަކަށެވެ. އެންމެން ކިޔަމަންތެރި ވާނީ އޭނާއަށެވެ. ކޮންމެ ތަނަކަށް ދިޔަ ނަމަވެސް އޭނާއަކީ ވަރަށް ޚާއްސަ މީހަކު ކަމުގައި ބަލާނެއެވެ.
މެހެމަލްގެ ސިކުނޑި ސުމަކަށް ހިނގައްޖެއެވެ.
މި ކުރެވެނީ ރަނގަޅު ކަމެއް ހެއްޔެވެ؟ އޭނާގެ ސުވާލަކަށް އެދެވޭ ޖަވާބެއް ނުލިބުނެވެ.
ނުވައެއް
ހެނދުނު އަށެއް ޖެހިއިރު މެހެމަލް ހުރީ މިސްކިތު ދޮރުމަތީގައެވެ. އެތެރެއަށް ވަނުމުގެ ކުރީން އޭނާ ޖެހިގެން ހުރި ގެޔާ ދިމާއަށް ބަލައިލިއެވެ. މިހާރުވެސް އެއްކަލަ ގޮނޑި ހުރީ ފަޅަށެވެ.
"ބޭބޭ. ވެރިމީހާ އެބައުޅުއްވާތަ؟" އޭނާ ކުޑަކޮށް ވިސްނައިލުމަށް ފަހު ވޮޗަރާ ސުވާލު ކޮށްލިއެވެ.
"ވެރިމީހާ ވަޑައިގެންވީ ރަށުން ބޭރުގައި."
"އެނބުރި ވަޑައިގަންނަވާނީ ކޮން ދުވަހަކު؟"
"ނޭނގޭ."
"އެހެންތަ؟" އޭނާ ދޮރާށި މަތިން ބޯދީ އެތެރެ ބަލައިލިއެވެ. ހުމާޔޫންގެ ކާރު ގޭ ދޮރުމަތީގައި އޮތެވެ.
"އެ... އެ... ވެރިމީހާ ވަޑައިގަތީ މަތިންދާބޯޓުގައި." ވޮޗަރު ހާސްވީކަން އޭނާއަށް އެނގުނެވެ.
"އަހަންނަށް ހެޔޮ އޭނާ ޖަމަލެއްގައި ދިޔަޔަސް. މުޅި ބޯ ނުރައަށް ވީމާވެސް ކޮން ދޮގެއް ތިޔަ ހަދަނީ؟ އަހަންނާ ބައްދަލު ކުރަން ބޭނުން ނޫނިއްޔާ ސީދާ އެހެން ބުނީމާ އޮންނާނީ ނިމިފައި. ދޮގު ހެދުމަކީ މުނާފިގުކަމުގެ އަލާމާތެއް. އީމާންވާ މީހުން ކުރާ ކަމެއް ނޫން. ﷲ އަށް ބިރުވެތިވޭ." އޭނާ އެންމެ ފަހުގެ ޖުމުލަ ބުނެލީ ނަސޭހަތުގެ ރާގެއްގައެވެ. މިހެން ބުނެފައި މަރުކަޒަށް ވަންނާން ހުންނަ ދޮރާ ދިމާއަށް ހިނގައިގެންފިއެވެ. ތިމަން ގެޔަކު ނޫޅެއޭ ބުނާށޭ ހުމާޔޫން ބުނީ ކީއްވެގެން ބާވައެވެ؟
އޭނާގެ ހިތަށް އެރިއެވެ. އަހަރެން ކުރާން މި އުޅެނީ ރަނގަޅު ކަމެއް ބާވައެވެ؟ އެކަމަކު މިހެން ނުހަދައެއް އެމީހުން އަހަރެންގެ މުދާ ނުއެއް ދޭނެއެވެ. އެހެންވީމާ ފިކުރު ކުރާންވީ ކޮން ކަމަކާ ހެއްޔެވެ؟
އޭނާ ދަބަސް ހިފައިގެން ފިކުރެއްގެ ތެރެއަށް ގެއްލިފައި ހުރެގެން ފެންޑާއާ ދިމާއަށް ހިނގަމުން ދިޔައެވެ.
އޭނާ އަހަރެން ތަނެއްގައި ބަންދުކޮށްގެން ގެންގުޅުނެވެ. އެއީ ދޮގެއް ނޫނެވެ.
އޭނާ ފައިވާން ބާލައި ހަރަށް ލުމަށް ފަހު ސިޑިން ތިރިއަށް ފައިބާން ފަށައިފިއެވެ.
އެކަމަކު އޭނާ އަހަރެން ވަގަކަށް ނުނަގައެވެ. އެގެއަށް އަހަރެން ދިޔައީ އަމިއްލަ އިޚްތިޔާރުގައެވެ. މީހަކު މަޖުބޫރު ކޮށްގެންނެއް ނޫނެވެ. އެހެންވީމާ އޭނާ އަހަރެން ވަގަށް ނަގައިގެން ގެންދިޔައީއޭ ބުނުން ދޮގަކަށް ނުވާނެ ހެއްޔެވެ؟
އޭނާ އިސް ޖަހައިލައިގެން ހުރެ ސިޑިން ފައިބަމުން ދިޔައެވެ.
ނޫނެކެވެ. އެއީ ދޮގެއް ނޫނެވެ. އޭނާ ހުރީ ފަވާދްބޭބެޔާއެކު ވިޔާނުދާ އެއްބަސްވުމެއް ހަދައިގެން ނޫންހެއްޔެވެ؟ ގަތުމާއި ވަގަށް ނެގުމާ އެއީ ދާދި އެއް ކަމެކެވެ. ލަފުޒެއްގެ ތަފާތެއް ގެނައުމަކީ މައްސަލައަކަށް ނުވާނެއެވެ.
އޭނާ އިށީނދެ ފޮތްތައް އެއް އަރިމަތީގައި ބަހައްޓައިފިއެވެ. އަދި ޖެހިގެން ހުރި ކުއްޖާގެ އަތުގައި އޮތް ފޮތަށް ބަލައިލާފައި އޭނާގެ ފޮތުން އެތަން ހުޅުވައިލިއެވެ. ތަފުސީރު ކުލާސް ފެށިއްޖެއެވެ. މިއަދުވެސް އޭނާއަށް އާދެވުނީ ލަހުންނެވެ.
ފަވާދާ ދެކޮޅަށް އޭނާ ބަޔާން ނުދިނަސް ފަވާދަށް އަދަބު ލިބޭނެއެވެ. ހުމާޔޫނަކީ ނުލާހިކު ބޮޑު މީހެކެވެ. ފުލުހުންގެ އެސްޕީއެކެވެ. ސުުޕްރިންޓެންޑަންޓް އޮފް ޕޮލިސް އެއީ ކުޑަ މަގާމެއް ނޫނެވެ. އަހަރެން ދޭ ބަޔާނަކުން އެ ވަރުގެ ބޮޑު މީހަކަށް ވާނޭ ގެއްލުމެއް ނޯންނާނެއެވެ. ދެތިން ލަފުޒެއްގެ އުނިއިތުރަކީ މައްސަލައެއް ނޫނެވެ. އަހަރެން ނިޔަތް ސާފެވެ.
އޭނާ ފޮތް ހުޅުވައިލުމަށް ފަހު މިއަދުގެ ތާރީޚު ޖަހައިލިއެވެ.
"އަދި ތިޔަބައިމީހުން ޙައްޤާއި ބާޠިލް އޮޅުވައިނުލާށެވެ! އަދި ތިޔަބައިމީހުން ދެނެތިބި ހާލުގައި ޙައްޤު ވަންހަނާ ނުކުރާށެވެ!"
މެޑަމް މިޞްބާޙްގެ އަޑު އިވުނީމާ އޭނާ ކަރަންޓުގައި ޖެހުނު ކަހަލައެވެ. މެޑަމް ކިޔަމުން ގެންދިޔައީ މޭޒުމަތީގައި އޮތް ފޮތަކުންނެވެ. މެހެމަލް އޭނާގެ ފޮތަށް ބަލައިލިއެވެ. ފޮތުގެ ހުޅުވައިފައި އޮތް ގަނޑުގެ އެންމެ މަތީގައި އޮތީ އެ އާޔަތެވެ.
"އަދި ތިމަންރަސްކަލާނގެ އާޔަތްތަކަށް، ކުޑައަގެއް ތިޔަބައިމީހުން ނުގަންނާށެވެ! (އެބަހީ: ދުންޔަވީ އުފާތަކުގެ ތެރެއިން ތިމަންރަސްކަލާނގެ ޙަރާމް ކުރެއްވި ކަންތައްތައްފަދަ އެއްޗަކަށް ނުވާކަހަލަ އެއްޗަކަށްޓަކައި، ތިމަންރަސްކަލާނގެ އަންގަވާފައިވާ އެންގެވުންތަކަށް ފުރަގަސްނުދޭށެވެ!) އަދި ހަމައެކަނި ތިމަންރަސްކަލާނގެއަށް ތަޤްވާވެރިވާށެވެ! އަދި ތިޔަބައިމީހުން ޙައްޤާއި ބާޠިލް އޮޅުވައިނުލާށެވެ! އަދި ތިޔަބައިމީހުން ދެނެތިބި ހާލުގައި ޙައްޤު ވަންހަނާ ނުކުރާށެވެ!" (ބަޤަރާ ސޫރަތުގެ 41 ވަނަ އާޔަތުގެ ބަޔަކާއި 42 ވަނަ އާޔަތް)
އޭނާ ގަނޑުވީ ކަހަލައެވެ. ދެލޯ ބޮޑު ކޮށްގެން އެ އާޔަތާ ދިމާއަށް ބަލަހައްޓައިގެން އިނީއެވެ. މެޑަމް ފިލާވަޅު ކުރިއަށް ގެންދިޔައެވެ. އެކަމަކު އޭނާއަކަށް އަޑެއް ނީވެއެވެ. ހުރިހައި އަޑެއް ކެނޑި ހިމޭން ވެއްޖެ ކަހަލައެވެ. އޭނާ ކަޅިވެސް ޖަހައި ނުލައި އެ ލަފުޒުތަކާ ދިމާއަށް ބަލަނީއެވެ.
"ތިޔަބައިމީހުން ފޮތް ކިޔަވަކިޔަވައި ތިބޭ ޙާލުގައި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކުގެމަތިން ހަނދާން ނައްތާލައި، މީސްތަކުންނަށް ހެޔޮކަންތަކަށް އަމުރު ކުރަނީ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން ނުވިސްނަނީ ހެއްޔެވެ؟" (ބަޤަރާ ސޫރަތުގެ 44 ވަނަ އާޔަތް)
އޭނާ ދާ ހިއްލާން ފަށައިފިއެވެ. ހަށިގަނޑަށް ފިނިވާން ފަށައިފިއެވެ. މީގެ އިރުކޮޅެއް ކުރީން ވޮޗަރަށް އޭނާ ދިން ނަސޭހަތް ކަންފަތްދޮށުގައި ތަކުރާރުވާން ފަށައިފިއެވެ. އޭނާގެ ހިތަށް އެރިއެވެ. މި ފޮތަށް ހުރިހައި ކަމެއް އެބަ އެނގެއެވެ.
ދެން... ދެން... ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އޭނާގެ ހިތް ބާރަށް ތެޅެނީއެވެ. އޭނާ ބޭނުންވީ ވައު ފަށުގައި ހިފާށެވެ. ކަލާމުގެ ވައުފަށުގައެވެ. އެ ވައުފަށުގެ އަނެއް ކޮޅުގައި ހުރީ ކާކު ކަމެއް އޭނާއަކަށް ނޭނގެއެވެ. އެކަމަކު އަނެއް ކޮޅުގައި ކޮންމެވެސް ބާރެއް އެބަހުރި ކަމުގައި އިހުސާސް ކުރެވޭން ފަށައިފިއެވެ.
"އަދި ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގިހޯދާށެވެ! ބިރުވެތިވެ މަޑުމައިތިރިވާ މީހުންނަށް މެނުވީ، ހަމަކަށަވަރުން، އެއީ ވަރަށް ބޮޑުކަމެކެވެ. (އެބަހީ: ދަތި އުނދަގޫ ކަމެކެވެ.)" (ބަޤަރާ ސޫރަތުގެ 45 ވަނަ އާޔަތް)
މެހެމަލް ބިރުން ތުރުތުރުއަޅާ ހާލު އިސް އުފުލައިލިއެވެ. ހުރިހައި ކުދިން ތިބީ ފޮތާ ދިމާއަށް ބަލަހައްޓައިގެންނެވެ. އެކަކުވެސް އޭނާއަކާ ދިމާއަކަށް ނުބަލައެވެ.
އޭނާ އަނެއްކާވެސް އެ އާޔަތްތައް ކިޔަވައިލިއެވެ. އެއީ މަޒުމޫނެއް ނޫނެވެ. އެ ފޮތް ވާހަކަ ދައްކަނީއެވެ. ޔާ ރައްބީ... އޭނާގެ ހިތް ބާރަށް ތެޅިގެންފިއެވެ.
"މި ފޮތް އަހަންނާ ވާހަކަ ދައްކަނީ."
ޖެހިގެން އިން ކުއްޖާ އިސް އުފުލައި ބަލައިލިއެވެ.
"ތިޔައީ ކަލާމުފުޅު. ކަލާމް... ބަސްފުޅު. މި ފޮތަށް ބަރަކާތްތެރި ކަލާމްފުޅޭ ކިޔަނީ އެހެން ވެގެން." އެ ކުއްޖާ ސާދާ ރާގަކަށް މިހެން ބުނެފައި އަނެއްކާވެސް ފޮތާ ދިމާއަށް ބަލާން ފަށައިފިއެވެ.
މެހެމަލް ފޮތް ލައްޕައިލިއެވެ. އަދި އޭނާ ގެނައި ހުރިހައި އެއްޗެއް ހުރި ތާގައި ބަހައްޓައިފައި ސިޑިއާ ދިމާއަށް ދުއްވައިގެންފިއެވެ.
ފަރިޝްތޭ އޮފީހަށް ވަންއިރު އޭނާ އިނީ އިންތިޒާރުގައެވެ.
"މެހެމަލް. ކިހިނެއްވީ؟"
"އަހަރެން... އަހަރެން ދެނެއް ނާންނާނަން. މިސްކިތް ދޫކޮށްލަނީ." އޭނާ ކަންބޮޑުވެފައި ހުރެގެން އިށީނދެ އިން ގޮނޑިން ތެދުވެއްޖެއެވެ. އޭނާގެ ލޮލުން ފެންނަނީ އަޖައިބެއް ފަދަ ބިރެއްގެ އަސަރެވެ. ފަރިޝްތޭ އަތުގައި އޮތް ފައިލު މޭޒުމަތީގައި ބާއްވައިފައި ގޮސް މޭޒުގެ އަނެއް ފަރާތުގައި ހުރި އޭނާގެ ގޮނޑީގައި އިށީނދެއްޖެއެވެ. ކުޑަދޮރުގެ ފޮތިގަނޑު ހުރީ ލައްޕައިފައެވެ.
"އަހަރެންގެ ވާހަކަ އަޑު އިވޭތަ؟"
"އިށީނދޭ." އޭނާ ވަތްގަނޑު ހުޅުވައިގެން ކޮންމެވެސް އެއްޗެއް ހޯދާން ފަށައިފިއެވެ. މެހެމަލް ގޮނޑީގައި އިށީނދެއްޖެއެވެ. އޭނާގެ ތުރުތުރުއެޅުމެއް އަދިވެސް ނުހުއްޓެއެވެ. އޭނާ ބޭނުން ވަނީ މިތަނުން ނުކުމެގެން ދުވެ ފިލާށެވެ. އެކަމަކު ހިރިވެސް ލެވޭ ގޮތެއް ނުވިއެވެ.
"ފަރިޝްތޭ. އަހަރެން ދެނެއް ނާންނާނަން." މެހެމަލް ތަކުރާރުކޮށް ބުނެލިއެވެ.
ފަރިޝްތޭ އަދިވެސް އެ ހޯދާ އެއްޗެއް ހޯދަނީއެވެ. "ދެން ދާނީ ކޮން ތަނަކަށް؟"
"އަހަރެން ޤުރްއާން ދޫކޮށްލާނީ."
"މެހެމަލް. ޤުރްއާން ދޫކޮށްލާފައި މެހެމަލް ދާނީ ކޮން ތަނަކަށް؟" ވަތްގަނޑުން ކަރުދާސްތަކެއް ނެގުމަށް ފަހު އޭނާ މެހެމަލާ ދިމާއަށް ބަލައިލިއެވެ.
"އަހަރެންގެ އާދައިގެ ދިރިއުޅުމަށް."
"މިއީ އާދަޔާ ޚިލާފު ދިރިއުޅުމެކޭ ހީވަނީތަ؟"
"އެ ފޮތް އަހަންނާ ވާހަކަ ދައްކަނީ." އޭނާގެ އަނގައިން އަޑުމަޑު ހަޅޭކެއްގެ އަޑު ނުކުތެވެ. "އަހަރެން މިހާރު އުފުލާ އުނދަގޫ ފަރިޝްތޭއަކަށް އިހުސާސެއް ނުކުރެވޭނެ. އަހަންނަކަށް ކެތެއް ނުކުރެވޭނެ. ފަރިޝްތޭއަކަށް ނޭނގޭނެ."
"އަހަންނަށް އެނގޭ. ޤުރްއާން މީހަކާ ވާހަކަ ދައްކާން ފެށްޓީމާ ފުރަތަމަ ވާނީ ތިޔަ ކަހަލަ ގޮތެއް."
"ނޫން." އޭނާ ބޯ ހޫރައިލިއެވެ. "އަހަންނަށް މިވާ ގޮތެއް އެހެން މީހަކަށް ނުވާނެ. ފަރިޝްތޭއަކަށް ނޭނގޭނެ."
"މެހެމަލް ތިޔައީ ތިޔަފަދަ ގޮތެއްވީ ފުރަތަމަ މީހާކަމަށް ހީކުރަނީތަ؟"
މެހެމަލް ފުން ނޭވައެއް ލުމަށް ފަހު ލޯ މަރައިލިއެވެ. އަދި ދެއަތުން ބޮލުގައި ހިފަހައްޓައިލިއެވެ.
"ތިޔަ ބުރަ އުފުލެނީ އިންސާނަކަށް ވީތީ. ތިޔަހައި ބަލިކަށި ވެގަންނަނީ ކީއްވެގެން؟ ތިޔަ ބުރަ އުފުލުމުގެ ގާބިލުކަން ދެއްވައިފައި ވަނީ އިންސާނުންނަށް. ފަރުބަދައަކަށް ތިޔަ ހާލަތު ދިމާވީނަމަ އެ ފަރުބަދަ ކުދިކުދިވެގެން ހިނގައްޖައީސް."
އޭނާ މަޑުމަޑުން އިސް އުފުލައިލިއެވެ. މިވީ ކުޑަ ވަގުތުކޮޅުގެ ތެރޭގައި ފަރިޝްތޭއަށް އޭނާ ފެންނަނީ ބަލިމީހެއްގެ ސިފައިގައެވެ.
"ކޮންމެވެސް މީހަކު އަހަރެންގެ ސިކުނޑި އެބަ ބަލާ. އަހަރެންގެ ހިތަށް އަރާ އެއްޗެއް އެބަ ކިޔާ."
"މެހެމަލް. އެއީ މަޚްލޫޤެއް ނޫން. އެއީ ކަލާމުފުޅު. ބަސްފުޅު. ﷲ ގެ ބަސްފުޅު. މީސްމީހުންގެ ހިތާއި ސިކުނޑީގައި ހުންނަ އެއްޗެއް ދެނެވޮޑިގެން ވަނީ ހަމައެކަނި ﷲ."
(ނުނިމޭ)