ވިހަން އެންމެ ހަފުތާއެއްހާ ދުވަހަށް ވެފައިވާ ދަރިފުޅުގެ ވިންދު ހުއްޓި، މަރާ ކުރިމަތިލި ޚަބަރު ލިބުމުން އެ ދެމަފިރިންނަށް ހީވީ ދުނިޔެ ހުއްޓުނުހެންނެވެ. އެދެމަފިރިންގެ ވިންދުވެސް ހުއްޓުހެންނެވެ. ލޭގެ ހިންގުން ހުއްޓުނުހެންނެވެ. ބަސް ހުއްޓުނުހެންނެވެ.
އެއީ ދެމަފިރިއެއްގެ ހަޔާތުގައި ދިމާވާނެ އެންމެ ހިތްދަތި އެންމެ ހިތާމަވެރި ވަގުތުކޮޅެވެ. އެއީ ދުނިޔޭގައި ދެމަފިރިއަކަށް ދިމާވާނެ ލޭކަރުނައިގެ ހިނދުކޮޅެވެ.
"މިހާރު ބޭނުމީ އެ ހިތްދަތި ވާހަކަ ތަކުރާރު ކުރާކަށްނޫން! މިހާރު ބޭނުމީ އިންސާފުގެ ވާހަކަދައްކަން." އަނބިމީހާގެ ބަނޑުގައި އޮތް ނުވަ މަހުގެ ނާޒުކު ނާޒުކު ދަރިފުގެ މަރާ ބެހޭ ގޮތުން ށ. ނަރުދޫ ރަބީޢުގޭ ޙަސަން ޝުޖާޢު ވިދާޅުވިއެވެ. "އަޅުގަނޑުމެންނަށް އިންސާފު ބޭނުން. ގަބޫލުކުރެވެނީ މީހެއްގެ ނުވަތަ ބައެއްގެ އިހުމާލު މިކަމުގައި އެބައޮތް ކަމަށް. އިންސާފު ބޭނުން ވަނީ ހަމައެކަނި އަޅުގަނޑުމެންނަށް ޓަކައެއްނޫން! އިންސާފު ބޭނުން ވަނީ ގައުމުގެ ހައްގުގައި."
ޝުޖާއު ވިދާޅުވި ގޮތުގައި އޭނާގެ އަންހެނުން ބަލިވެއިންކަން އެނގުނު ދުވަހުން ފެށިގެން ރާއްޖެއާއި ރާއްޖެއިން ބޭރުން އެތައް ޑޮކްޓަރުންނަކަށް ދެއްކިފައިވާއިރު ބަނޑުގައި އޮތް ދަރިފުޅާމެދު ލިބިފައި ވަނީ އުފާވެރި ޚަބަރުތަކެވެ. ފެންނަމުން ދިޔައީ އުފާވެރި ހުވަފެންތަކެވެ. އެކަމަކު ވަށައިގެން ޑޮކްޓަރުން ތިބެ، ޑޮކްޓަރަކަށް ނުދެއްކި އޭނާގެ ދަރިފުޅު މާބަނޑަށް މަރުވެގެންދިޔައީއެވެ.
"އަޅުގަނޑު މިއުޅެނީ ބަޔަކު ކުށްވެރިކުރާކަށެއް ނޫން! އަޅުގަނޑު މިއުޅެނީ ބައެއްގެ އަތުން ބަދަލު ހޯދާކަށެއް ނޫން! އަޅުގަނޑު ބޭނުންވެގެން މިއުޅެނީ އެ ހާދިސާގެ އިންސާފުވެރި ތަހުގީގެއް ކުރުވަން." ފެންކަޅިވެފައިވާ ޝުޖާޢު ވިދާޅުވިއެވެ. "އަޅުގަނޑުގެ ދަރިފުޅު އެނބުރިއެއް ނާންނާނެ! އެކަމަކު އަޅުގަނޑުގެ ދަރިފުޅު އޭނާގެ މަންމަގެ ބަނޑަށް މަރުވެގެންދިޔަ ގޮތަށް އެހެން މީހުންގެ ދަރިން މަރުވެގެން ދާކަށް އަޅުގަނޑު ބޭނުމެއްނޫން. ބޭނުމީ އިންސާފުވެރި ތަހުގީގަކަށްފަހު ބައެއްގެ އިހުމާލުން އަޅުގަނޑުގެ ދަރިފުޅު މަރުވެފައިވާނަމަ، ރާއްޖޭގައި އެފަދަގޮތަކަށް އެހެން މީހެއްގެ ނުވަތަ އެހެން ބައެއްގެ ދަރީން މަރުނުވާނޭ ގޮތެއް ރޭވި ހަމަޖެހިގެންދިއުން. ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ވާތަން ދެކެން."
ޝުޖާޢުއާއި އޭނާގެ އަނބިމީހާ ނަރުދޫ ލުނބޯގަސްދޮށުގޭ މަރިޔަމް ސާދުނާގެ ކައިވެންޏަށް ނުވަ އަހަރުވީއިރު ލިބިފައިވަނީ އެންމެ ކުއްޖެކެވެ. ދެމަފިރިންނަކީ ތެލެސީމިއާއަށް ވާރުތަކުރާ ދެމަފިރިން ކަމަށްވުމުން ފުރަތަމަ ލިބުނު ދަރިފުޅުވީ ލޭއަޅާ ކުއްޖަކަށެވެ.
▐ ކޮވިޑްގެ ދުވަސްވަރު ބޯމަތިވެފައިވިޔަސް ރާއްޖޭގައި މާބަނޑު އަންހެނަކު ޑޮކްޓަރަކަށް ދެއްކޭނެ މަގު ތަނަވަސްނުވެގެން 45 ދުވަސްވާނދެން ގަނަތެޅެން ޖެހުމަކީ ކޮންމެވެސް ބައެއްގެ އިހުމާލުން މެދުވެރިވި ކަމެއްކަމުގައި ނޫނީ ނުވާނެއެވެ.
ދެވަނަ ދަރިފުޅަށް ސާދުނާ ބަލިވެއިންކަން އެނގުނު ހިސާބުން ފެށިގެން އެ ދެމަފިރިން އައީ ބަނޑުގައިއޮތް ދަރިފުޅާމެދު ވަރަށް ހާއްސަ ސަމާލުކަމެއްދީ ދަރިފުޅުގެ ހާލުއަހުވާލު ބަލަމުންނެވެ. ޓެސްޓްކޮށް ސްކޭން ކުރަމުންނެވެ. އެކި ހޮސްޕިޓަލްތަކުގެ އެކި ޑޮކްޓަރުންނަށް ދައްކައި އެމީހުންގެ ޚިޔާލާއި ލަފާ ހޯދަމުންނެވެ. އަދި އެ ދަރިފުޅަކީ ލޭއަޅާ ކުއްޖަކަށް ނުވާނެކަން އެނގުމުން ދެމަފިރިންނަށާއި އާއިލާއަށް އާދަޔާ ޚިލާފު އުފަލަކާއި ހިތްހަމަޖެހުމެއް ލިބުނެވެ.
ސާދުނާގެ ބަނޑުގައި އޮތް ދަރިފުޅަކީ ލޭއަޅަން ނުޖެހޭ ކުއްޖެއްކަން އެނގުނީ އިންޑިއާގެ ޓެމިލްނާޑޫގެ ވެއްލޫރުގައި ހުންނަ ސީ. އެމް. ސީ ހޮސްޕިޓަލުން ޕްރީނޭޓަލް ޑައިގްނޯސިސް ހެދުމުންނެވެ.
އެޓެސްޓް ހެދުމަށް ޝުޖާޢުގެ ދެމަފިރިން ވެއްލޫރުގައި ގިނަ ދުވަސްތަކެއް ވާނދެން ތިބެންޖެހުނެވެ. ގިނަ ޚަރަދުތަކެއް ކުރަންޖެހުނެވެ.
"ސީ.އެމް.ސީ ހޮސްޕިޓަލުން ޑައިގްނޯސިސް ހެދުމުން ބަނޑުގައި އޮތީ ލޭއަޅާ ކުއްޖެއް ނޫންކަން އެންގުމުން ވަރަށް ފަރުވާތެރިކަމާއެކު ހުރިހާ ގޮތަކުން ރައްކާތެރިވުމާއެކު ފަރުވާ ހޯދަމުން ގެންދިޔައީ." ޝުޖާޢު ވިދާޅުވިއެވެ.
ޝުޖާޢު ވިދާޅުވި ގޮތުގައި އޭނާގެ އަނބިމީހާ ވިހަން ހަފުތާއަކަށް ކުޑަތަންވެފައިވަނިކޮށް މާބަނޑަށް ދަރިފުޅު މަރުވީކަމުގެ ހިތާމަވެރި އަދި ބިރުވެރި ޚަބަރު ލިބުނީ ޑޮކްޓަރަކަށް ދައްކަން އަންނާށޭ ބުނި ދުވަހަށް ޑޮކްޓަރަށް ދައްކަން ށ. އަތޮޅު ހޮސްޕިޓަލަށް ދާން އުޅެއުޅެ ދިއުމުގެ ހުއްދަ ނުލިބިގެން، ނުދެއްކިގެން ތެޅިތެޅި އެކަކަށް ގުޅާފައި އަނެކަކަށް ގުޅާފައި އެއް ސިއްހީ މަރުކަޒަށް ގުޅާފައި އަނެއް ސިއްހީ މަރުކަޒަށް ގުޅަގުޅާ ތިބޭތާ 45 ދުވަސްފަހުންނެވެ.
ކޮވިޑްގެ ދުވަސްވަރު ބޯމަތިވެފައިވިޔަސް ރާއްޖޭގައި މާބަނޑު އަންހެނަކު ޑޮކްޓަރަކަށް ދެއްކޭނެ މަގު ތަނަވަސްނުވެގެން 45 ދުވަސްވާނދެން ގަނަތެޅެން ޖެހުމަކީ ކޮންމެވެސް ބައެއްގެ އިހުމާލުން މެދުވެރިވި ކަމެއްކަމުގައި ނޫނީ ނުވާނެއެވެ.
"މިއީ އިންތިހާއަށް ދެރަކަމެއް. އަނބިމީހާ ޑޮކްޓަރަށް ނުދެއްކުނީ ކީއްވެގެން ކާކުގެ އިހުމާލުންތޯ ކޮންބައެއްގެ ފަރުވާކުޑަކަމުންތޯ ބަލަންޖެހޭ. ހަމަ އެކަން ބަލަން އެބަޖެހޭ. އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ދަރިފުޅު ނުލިބުނަސް އަނބިމީހާ ޑޮކްޓަރަށް ނުދެއްކި އެތައް ދުވަހެއްވީ ކީއްވެގެންކަން އިންސާފުވެރި ތަހުގީގަކުން ބަލަން އަޅުގަނޑުމެން ބޭނުން." ޝުޖާޢު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި މައިމީހާގެ ބަނޑަށް ދަރިފުޅުމަރުވި މައްސަލަ އެޗްއާރުސީއެމާއި ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. އެކަން ކުރިއަށް ދާގޮތެއް އޭނާއަކަށް އެނގިވަޑައެއް ނުގަންނަވައެވެ. އަދި އެހެން ބަޔަކަށް ވެސް ނޭނގެއެވެ.
ސިއްހީ ހިދުމަތް ދިނުމާއި ދޭން އުޅުމުގައި އިހުމާލުން ދެރަ ގޮތްތައް މެދުވެރިވެއެވެ. އެއީ ގަބޫލު ކުރަންޖެހޭ ހަގީގަތެކެވެ. ރާއްޖޭގައި މާބަނޑު އަންހެނުންގެ ބަނޑަށް ދަރިން މަރުވަނީ ކީއްވެގެންކަން ބަލައި އެކަންކަން ރަނގަޅު ކުރެވޭނީ މިފަދަ ހާދިސާތައް ބަލައި ތަހުގީގުކޮށް އިސްލާހީ ފިޔަވަޅުތައް އެޅިގެންނެވެ.
ޝުޖާޢުގެ އަނބިމީހާގެ ބަނޑުގައި އޮތް ނުވަ މަހުގެ ނާޒުކު ނާޒުކު ދަރިފުގެ މަރާ ބެހޭ ފުރިހަމަ ތަހުގީގެއް ނުހިންގައި ލަސްކުރުމަކީ އަދުލުއިންސާފަށް ލިބޭ ބޮޑު ހުތުރެކެވެ.