ނަރުދޫގައި ދުވަސް ފުރެން ގާތް ވެފައިވާ އަންހެންމީހާގެ ބަނޑަށް ދަރިފުޅު މަރުވުމާ ގުޅިގެން އެމައްސަލަ ހިޔުމަންރައިޓްސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.
އާފަތިހާ ވާހަކަ ދައްކަމުން އަންހެން މީހާގެ ފިރިމީހާ ޙަސަން ތަޢުފީޤު ބުނީ މައްސަލަ މިހާރު ވަނީ ހިއުމަންރައިޓްސް ކޮމިޝަނަށް ހުށަހަޅައިފައިކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ހިޔުމަންރައިޓްސް ކޮމެޓީއަށް ވެސް އެމައްސަލަ ހުށަހަޅާނެ ކަމަށެވެ. އަމިއްލަ ދަރިފުޅު އަނބުރާ ނުލިބުނު ނަމަވެސް އެހެން މީހަކަށް އެފަދަ ކަމެއް މެދުވެރިވާން ނޭދޭކަމަށް އޭނާ ބުންޏެވެ.
ނަރުދޫގައި ބަނޑަށް ދަރިފުޅު މަރުވި އަންހެންމީހާގެ ފިރިމީހާ ޙަސަން ޝުޖާއު ބުނީ އޭނާގެ އަންހެނުން މާބަނޑުވީއްސުރެ ޤަވާއިދުން ދައްކަމުން އައީ ށ. އަތޮޅު އަތޮޅު ހޮސްޕިޓަލަށް ކަމަށެވެ. އެންމެ ފަހުން ޑޮކްޓަރަށް ދެއްކުމަށް ފަހު 15 ދުވަސް ފަހުން ދައްކަން ބުނި ކަމަށެވެ. ނަމަވެސް ޑޮކްޓަރަށް ދައްކަން ޖެހޭ ދުވަސް ޖެހުނު އިރު ކޮވިޑާ ގުޅިގެން ނަރުދޫ އޮތީ ފުރަބަންދުގައި ކަމަށެވެ. ރަށު ކައުންސިލުން ފުރުމުގެ ހުއްދަ ދިންނަމަވެސް ށ. އަތޮޅު ހޮސްޕިޓަލުން ވެސް އަދި މިލަންދޫއިން ވެސް ލިބެންޖެހޭ ހުއްދަ ނުލިބިގެން ޑޮކްޓަރަށް ދައްކަން ދެ ރަށުން ކުރެ އެއްވެސް ރަށަކަށް ނުދެވުނު ކަމަށެވެ. އެ މައްސަލައިގައި ހެލްތް މިނިސްޓްރީއާ ވާހަކަ ދައްކައިގެން މިލަންދޫއަށް ދިއުމުގެ ހުއްދަ ލިބުނީ 25 ވަނަ ދުވަހަށްކަމަށް އޭނާ ބުންޏެވެ. ބަނޑުގައި އޮތް ދަރިފުޅުގެ ވިންދު ނެތްކަން އެނގުނީ އެތަނުގެ އަންހެނުންގެ ޚާއްޞަ ޑޮކްޓަރަށް ދެއްކުމުންކަމަށެވެ. އެޑޮކްޓަރުގެ ލަފާގެ މަތިން އެދުވަހު ކުޅުދުއްފުށްޓަށް ގޮސް ޑޮކްޓަރަށް ދެއްކުމުން ވަނީ ދަރިފުޅު ބަނޑަށް މަރުވެފައިވާކަން ކަށަވަރު ކޮށްދެއްވައިފައި ކަމަށެވެ. އަދި އޮޕަރޭޝަންކޮށް އަންހެން މީހާގެ ބަނޑުން މަރުވެފައިވާ ދަރިފުޅު އެދުވަހު ވަނީ ނަގާފައެވެ.
ނަރުދޫ މާބަނޑު މީހާ ކުޅުދުއްފުށްޓަށް ދިއުމަށް ރިފާކުރީ އޮޕްރޭޝަން ތިއޭޓަރު ބަންދުކޮށް މަރާމާތު ކުރަމުންދާތީ ކަމަށް ށ. އަތޮޅު ހޮސްޕިޓަލުން ނެރުނު ނޫސް ބަޔާނެއްގައި ވަނީ ބުނެފައެވެ. މާބަނޑުމީހާ ށ. އަތޮޅު ހޮސްޕިޓަލުގެ އަންހެނުންގެ ޑޮކްޓަރަށް ދެއްކުމަށް މިމަހު 23 ވަނަ ދުވަހަށް ހަމަޖެހިފައިވާ އެޕޮއިންޓްމަންޓް ކެންސަލް ކުރައްވައިފައި ވަނީ އެ ހޮސްޕިޓަލުގައި ކުރެވެމުންދާ މަރާމާތުގެ މަސައްކަތާގުޅިގެން އޮޕަރޭޝަން ތިއޭޓަރުބަންދުކޮށްފައި ވާތީ ކަމަށެވެ. އަދި އެއަންހެން މީހާގެ ބަނޑަށް 40 ހަފްތާ ވެފައި ވާތީ، އެ ހާލަތުގައި ކޮންމެ ވަގުތެއްގައި ވެސް ވިހާފާނެކަމަށް ލަފާކުރެވޭތީވެ، އެކަށީގެންވާ ފަރުވާ ދެވެން ނެތުމުގެ ސަބަބުން ކަމަށެވެ. މިމަޢުލޫމާތު ނަރުދޫ ޞިއްޙީމަރުކަޒު މެދުވެރިކޮށް ބަލިމީހާއަށް ފޯރިކޮށްދީފައި ވާނެކަމަށް ވެސް ނޫސް ބަޔާނުގައި ވެއެވެ. މާބަނޑުމީހާ ކުޅުދުއްފުއްޓަށް ދިއުމަށް ޑރ. ލަފާދެއްވީ، ކޮންމެ ވަގުތެއްގައިވެސް ވިހަން ޖެހިދާނެތީ އޮޕަރޭޝަން ތިއޭޓަރުގެ ޚިދުމަތް ލިބެންނެތް ވަގުތެއްގައި ށ. ފުނަދޫ ހޮސްޕިޓަލަށް ގެނައުމަކީ ރައްކާތެރިކަމަކަށް ނުވާނެތީކަމަށް ވެސް ނޫސްބަޔާނުގައި ވެއެވެ. ޑޮކްޓަރަށް ދެއްކުމަށާއި ވިހެއުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ފޮނުވުމަށް އާސަންދައިގެ ދަތުރުތައް ހަމަޖެއްސުމަށް ލަފާ ދެއްވައިފައި ވާނެކަމަށް ވެސް ނޫސްބަޔާނުގައި ވެއެވެ. 24 މޭގައި ދަތުރު ހަމަޖެއްސުމަށްފަހު ނަރުދޫ ޞިއްޙީ މަރުކަޒުން ބަލިމީހާއަށް އެންގުމުން ދަތުރު ލަސްކޮށް ދިނުމަށް އެދިފައިވާތީ އާސަންދައަށް އެކަން އަންގައިފައިވާ ކަމަށް ނަރުދޫ ހެލްތް ސެންޓަރުން މަޢުލޫމާތު ދީފައިވާކަމަށް ވެސް ނޫސްބަޔާނުގައި ވެއެވެ.
ނަރުދޫ ޞިއްހީ މަރުކަޒުން ބުނީ 20 މެއިގައި ށ. އަތޮޅު ހޮސްޕިޓަލަށް އަންހެންމީހާ ދެއްކުމަށް އެޕޮއިންޓްމަންޓެއް ހޯދާދިނުމަށް އެދުނު ކަމަށެވެ. ނަމަވެސް އެޕޮއިންޓްމަންޓް ލިބުނީ 23 ވަނަ ދުވަހަށް ކަމަށެވެ. މެއި 23 ވަނަ ދުވަހު އެ ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރުގައި ކުރެވުނު މަރާމާތުގެ މަސައްކަތަކާ ގުޅިގެން އެޕޮއިންޓްމަންޓް ކެންސަލް ކޮށް ކުޅުދުއްފުށްޓަށް ދެއްކުމަށްލަފާ ދީފައިވާކަމަށެވެ. އަދި މިލަންދޫގައި ހުންނަ އަންހެނުންގެ ޚާއްޞަ ޑޮކްޓަރަށް ދެއްކުމަށް ވެސް މަސައްކަތް ކުރެވުނުކަމަށް ނަރުދޫ ޞިއްޙީ މަރުކަރުގެ ނޫސް ބަޔާނުގައި ބުނެފައި ވެއެވެ. ނަމަވެސް މިލަންދޫ ޞިއްޙީ މަރުކަޒުގައިވެސް އޮޕަރޭޝަންކުރެވޭނެ އިންތިޒާމާއި ވަޞީލަތްތައް ނެތުމުން އެޚިދުމަތް ލިބޭ ހޮސްޕިޓަލަކަށް ދިއުމަށް މިލަންދޫ ޞިއްޙީ މަރުކަޒުންވެސް ލަފާ ދިން ކަމަށް ނޫސް ބަޔާނުގައިވެއެވެ. އަދި 24 މޭއަށް ކުޅުދުއްފުށްޓަށް ދިއުމުގެ ދަތުރު އާސަންދައިން ހަމަޖެއްސި ކަމަށް ވެސް ބުނެފައި ވެއެވެ. ނަމަވެސް މާބަނޑު މީހާގެ ފިރި މީހާ ބޭނުންވީ 25 ވަނަ ދުވަހު މިލަންދުއަށް ދެއްކުމަށްފަހު ކުޅުދުއްފުށްޓަށް ދިއުމަށް ކަމަށް ވެސް ނަރުދޫ ޞިއްޙީ މަރުކަޒުގެ ނޫސްބަޔާނުގައި ވެއެވެ. 25 ވަނަ ދުވަހުގެ ހެދުނު މިލަންދޫ ޞިއްޙީ މަރުކަޒަށް ދެއްކުމުން އަންހެން މީހާގެ ބަނޑުގައިވާ ދަރިފުޅުގެ ވިންދު ނެތުމުން ވަޞީލަތްތައް ހުރި ތަނަކަށް ދިއުމަށް އެންގިކަމަށެވެ. އެނބުރި ނަރުދުއަށް އައިސް އެދުވަހު 12:00 ނަރުދޫ ޞިއްހީ މަރުކަޒަށް ދެއްކި ކަމަށް ނޫސް ބަޔާނުގައި ވެއެވެ. ނަރުދޫ ޞިއްޙީ މަރުކަށުގެ ނަރުހަކާއި ފޫޅުމައަކާއި އޮކްސިޖަން ގުޅޭނެ އިންތިޒާމާއެކު 25 ދުވަހުގެ 13:35 ގައި އާސަންދައިގެ ދަށުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް މާބަނޑު މީހާ ފޮނުވިކަމަށް ވެސް ނަރުދޫ ޞިއްޙީ މަރުކަޒުގެ ނޫސްބަޔާނުގައި ވެއެވެ.
މާބަނޑު މީހާގެ ފިރިމީހާ ޝުޖާއު ބުނީ އާސަންދައަށް ގުޅައިގެން ވިހަން ކުރަންޖެހޭ ދަތުރުގެ ކަންކަން އޭނާ މާކުރިން ވާނީ ނިންމައިފައި ކަމަށެވެ. މިމަހު 23 ވަނަ ދުވަހުގެ އެޕޮއިންޓްމަންޓަކީ އަންހެނުން ބަނޑުގައި ރިއްސާތީ ވިހަން ދާން އުޅުނު ދަތުރެއް ނޫންކަމަށެވެ. ބަނޑުގައިވާ ދަރިފުޅުގެ ހާލަތަކީ ކޮބައިކަންނޭގޭތީ އެކަން ދެނެގެނެވޭނީ އަންހެނުންގެ ޚާއްޞަ ޑޮކްޓަރެއްގެ ޤާތަށް ގޮސްގެން ކަމަށްވާތީ އެކަމަށްޓަކައި ހޯދި އެޕޮއިންޓް މެންޓެއް ކަމަށެވެ. އޮޕްރޭޝަން ތިއޭޓަރުގެ މަސައްކަތެއް ކުރުމަކީ އަންހެން މީހާގެ ބަނޑުގައި އޮތް ދަރިފުޅުގެ ޙާލަތު ބަލާލުމަށް ބަހަނާއެއް ކަމަށް ޤާބޫލެއް ނުކުރެވޭ ކަމަށް އޭނާ ބުންޏެވެ. އެދުވަހު ޑޮކްޓަރ ބަލާލާފައި ވަގުތުން ކުޅުދުއްފުށްޓަށް ދާން ބުންޏަސް ދެވުނީސް ކަމަށް އޭނާ ބުންޏެވެ. އަންހެނުން ދުވަސް ފުރެނީ މޭމަހުގެ 30 ގައި ކަމަށްވެފައި ވިހަން ފެންނަ އެއްވެސް އަލާމާތެއް ނުފެންނަތީ ކުރީބައިގައި ގޮސް ކުޅުއްދުއްފުށީގައި ތަންތަން ކުއްޔަށް ހިފައިގެން ތިބުމަކީ ވެސް ފަސޭހަ ކަމަކަށް ނުވާނެކަމަށް އޭނާ ބުންޏެވެ.
"ޑޮކްޓަރ އެދުވަހު ބައްލަވާފައި ކުޅުދުއްފުށްޓަށް ދާން ބުނި ނަމަވެސް އަޅުގަނޑުމެންނަށް ވަގުތުންވެސް ދެވުނީސް" ޝުޖާއު ބުންޏެވެ.
ޝުޖާޢުގެ ވާހަކައިން ވަނީ ކަންބޮޑުވާންޖެހޭ އެހެން ތުހުމަތު ތަކެއް ފާހަގަ ވެފައެވެ. އެއީ މާބަނޑު އަންހެން މީހާއަކީ ނަރުދޫގައި ކޮވިޑަށް ޕޮސިޓިވް މީހަކާ އެއްބަޑުއެއްބަފާ މީހަކަށް ވުމުން، އޭނާއަށް ފަރުވާ ހޯދުމަށް ދިއުމަށް ކުރިމަތިވި ހުރަސްތަކެވެ. "އަޅުގަނޑުމެން މިއުޅެނީ ވެސް ވަކި ގެއެއްގައި އަނެއްކާ އަޅުގަނޑުމެން ޓެސްޓް ހެދިއިރު ނަތީޖާވެސް ނެގެޓިވް. އެހެންވީމާ ފަރުވާދޭން ދެކޮޅު ހަދަން ޖެހޭ ސަބަބެއް ނެތް." ތަޢުފީޤް ވަރަށް އަސަރާ އެކު އާފަތިސް އޮންލައިންނަށް ކިޔައި ދިނެވެ.
ނަރުދުއަކީ މާލެ ފިޔަވައި ކޮވިޑްގެ އެންމެ ގިނަ ޕޮޒިޓިވް ކޭސް ފެނިފައިވާ ރަށެވެ. އެރަށުގެ 11 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. އަދި 50 ހަށް ވުރެ ގިނަ މީހުންގެ ސާމްޕަލް ނަގައި ޓެސްޓް ހެދިއެވެ. އެރަށް ފުރަބަންދުގައި އޮންނަތާ މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. މާލެ ފިޔަވައި ފުރަބަންދުގައި އޮންނަތާ އެންމެ ގިނަ ދުވަސް ވެފައި ވަނީ ވެސް ނަރުދޫއެވެ.