(8 ޖޫން 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ފަރިޝްތޭއަކަށް މެހެމަލް އައި ތަނެއް ނުފެނެއެވެ. އޭނާ އައީ އެހެން މުދައްރިސަކާ ވާހަކަ ދައްކަމުންނެވެ. މެހެމަލް އެނބުރި ތަންކޮޅަކަށް ގޮސްފައި ފަރިޝްތޭއަށް ފުރަގަސް ދީގެން ހުއްޓި ހުރެއްޖެއެވެ. ކަންތައް ވެގެން ދިޔައީ އޭނާ އުއްމީދުކުރި ގޮތަށެވެ. އޭނާ އެތާގައި ހުރިކަންވެސް ނޭނގި ފަރިޝްތޭ ސިޑިން ފައިބައިގެން ހިނގައްޖެއެވެ.
ތިރީގައި ބޮޑު މާލަމުގައި މިއަދު އޮތީ ގައުމުގެ އެންމެ މަޝްހޫރު އެއް ދީނީ އިލްމުވެރިޔަކު ކަމުގައިވާ ޑޮކްޓަރ ސަރްވަރް މިރްޒާގެ ދަރުހެކެވެ. މެހެމަލްވެސް މަޑުމަޑުން އައިސް ތަންކޮޅެއް ފަހަތުގައި އިށީނދެއްޖެއެވެ. ދަރުސް އަދި ނުފަށްޓައެވެ. އޭނާ ޖީބުން ޖީބުޚަތިމެއް ނަގައިގެން ހުޅުވައިލިއެވެ.
"ފަރިޝްތޭ އެހެން ހެދީ ކީއްވެގެން ހެއްޔެވެ؟" މި ސުވާލު އޭނާގެ ސިކުނޑިން ފިލައިދާ ގޮތެއް ނުވިއެވެ.
މެހެމަލްގެ މުދަލުން ހިއްސާއެއް ދޭށޭ އޭނާ އާޣާ ކަރީމް ގާތު ބުނީ ކީއްވެގެން ހެއްޔެވެ؟ ފަރިޝްތޭ ކަހަލަ ކުއްޖަކު އެހައި ބޮޑަށް މާއްދިއްޔަތަށް އެނބުރިފައިވާ ކުއްޖަކަށް ވެދާނޭ ހެއްޔެވެ؟ އެއީ އެކަހަލަ ކުއްޖަކަށް ވެދާނޭ ކަމަކަށް އޭނާ ފަހަރެއްގައިވެސް ހިއެއް ނުކުރެއެވެ.
އޭނާ ޚަތިމު ހުޅުވައިލުމަށް ފަހު މިއަދުގެ ފިލާވަޅުގައި ކިޔައިދޭނޭ ކަމަށް ބުނެފައި އޮތް އާޔަތްތައް ކިޔަވާން ފަށައިފިއެވެ. އެ އާޔަތަތްކުގެ ތަފުސީރު މިއަދު ކިޔަވައި ނުދިނީ ޑޮކްޓަރ ސަރްވަރްގެ ދަރުސް އޮތީމައެވެ.
"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންނަށް އެކަންކަން ފާޅުކުރައްވައިފިނަމަ، ތިޔަބައިމީހުންނަށް އުނދަގޫވެ، ނުރުހުންވާނޭ ކަންކަމާމެދު ތިޔަބައިމީހުން ސުވާލުނުކުރާށެވެ." (އަލްމާއިދަތު ސޫރަތުގެ 101 ވަނަ އާޔަތުގެ ބައެއް)
"އޯހ." މެހެމަލް ފުން ނޭވައެއް ލުމަށް ފަހު ޚަތިމު ލައްޕައިލިއެވެ. "އަހަރެންގެ އެއްވެސް ކަމަކީ ސިއްރެއް ނޫނެވެ." އޭނާ އިސް އުފުލައިލިއެވެ. އަދި މައްޗަށް ބަލައިލުމަށް ފަހު ހިނިތުންވެލައިފައި އަނެއްކާވެސް އިސްޖަހައިލިއެވެ. މިފަދަ ކޮންމެ ފަހަރަކު އޭނާ ކީރިތި ޤުރްއާން ދެކެވާ ލޯބި އިތުރު ވެގެން ދެއެވެ. އޭނާއަށް ގަބޫލު ކުރެވޭ ގޮތުގައި ދުނިޔޭގައި މިހައި ހަލުވި މުވާސަލާތީ ވަސީލަތެއް އަދި އީޖާދު ކުރެވިފައެއް ނެތެވެ.
"އަހަންނަށް އުނދަގޫވާނޭ އަދި ނުރުހުންވާނޭ ކަހަލަ ޖަވާބަކީ ކޮބައި ހެއްޔެވެ؟"
ބޭނުން ނުވިޔަސް އޭނާއަށް އެކަމާމެދު ވިސްނައި ފިކުރު ކުރެވޭ ގޮތް އެބަވެއެވެ.
ޑޮކްޓަރ ސަރްވަރް ދަރުސް ފަށްޓަވައިފިއެވެ. މުޅި މާލަން އޮތީ ފުރިފައެވެ. ދުރުދުރަށް ދާންދެން ފެންނަނީ މަޑުފިޔާތޮށި ބުރުގާއެވެ. އިސްޓޭޖުމަތީގައި ހުރި ގޮނޑިތަކުގައި ތިބީ މަރުކަޒުގެ މުވައްޒަފުންނެވެ. އެތަނުން ގޮނޑިއެއްގައި އިށީނދެގެން އިނދެ ފަރިޝްތޭ ދަރުސް ނޯޓު ކުރަމުން ގެންދަނީއެވެ. މެހެމަލް ޑޮކްޓަރ ސަރްވަރާ ދިމާއަށް ބަލައިލިއެވެ. އޭނާ ޕޯޑިއަމްގެ ކައިރީގައި ހުންނަވައިގެން ވާހަކަފުޅު ދައްކަވަނީއެވެ. އެއީ ވަރަށް މަޝްހޫރު ދަންނަބޭކަލެކެވެ. މީހުން އިތުބާރުކުރާ މޮޅު ބޭފުޅެކެވެ.
ސިކުނޑީގައި އެ ވަގުތު އޮތް ފިކުރު އެއްފަރާތް ކޮށްލުމަށް ފަހު އޭނާ ދަރުސް އަޑުއަހާން ފަށައިފިއެވެ.
"ޤުރްއާން ކިޔަވައިގެން ބައެއް މީހުން މަގުއޮޅޭގޮތްވޭ. މިއީ ހަގީގަތެއް." އޭނާގެ ޚާއްސަ ރާގުގައި ދަރުސް ކުރިއަށް ގެންދެވިއެވެ. "އެހެންވީމާ އެންމެ ރަނގަޅު އަދި އެންމެ ރައްކާތެރި ގޮތަކީ ތަޢައްސުބުން އެއްކިބާވެފައިވާ ޢިލްމުވެރިއެއްގެ އެހީތެރިކަމާއެކު އެއް ފަހަރުނަމަވެސް ޤުރްއާން އެކީގައި ކިޔެވުން. މި ބުނަނީ ފަހަރެއްގައިވެސް ވަކި މީހެއްގެ ފަސްބައިގައި އެލިގަނެގެން އޮންނާށެކޭ ނޫން. އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ނޫން. ތަޢައްސުބުން އެއްކިބާ ވެފައިވާ ތަފުސީރެއް ކިޔައިގެންވެސް ކޮންމެވެސް ވަރަކަށް ޤުރްއާން ފަހުމުކޮށްގަނެވިދާނެ. ޤުރްއާން ކިޔަވައިގެން އޭގެ ކޮންމެ އާޔަތަކުން އަހަރެމެންގެ ހާލަތާ ގުޅޭ މާނައެއް ނެރެވިދާނެ. އެއީ ކޮށްގެން ނުވާނޭ ކަމެއް ނޫން. ނުބައި ކަމެއްވެސް ނޫން. އެކަމަކު ވަންހަނާ ވެފައިވާ ކަންކަމާއި ފައުޅު ކުރައްވައިފައިވާ ކަންކަން މަސްހުނިކޮށް ޝައްކު އުފެއްދުމަކީ ރަނގަޅު ކަމެއް ނޫން. މިސާލަކަށް މޫސާ ޢަލައިހިއްސަލާމް މެދުވެރި ކުރައްވައި ﷲ ތަޢާލާ ބަނީއިސްރާއީލަށް އެންގެވީ ގެރިއެއް ކަތިލާން. މިއީ އަހަރެމެން އެންމެން ދަންނަ ކަމެއް. މި ވާގިއާއިން އަހަރެމެންނަށް ފިލާވަޅެއް ލިބިގަނެވިދާނެ. މާ ގިނައިން ސުވާލު ކުރުމުގެ ސަބަބުން ޙުކުމް އޮޅޭގޮތްވެސް ވެދާނެ. އެކަމަކު އޭގެ މާނައަކީ ވާގިއާގައި ބަޔާން ކުރައްވައިފައިވާ ގެރީގެ ވާހަކައަކީ ވަކި މީހެއްގެ ވާހަކަކަމުގައި ކިޔާންފެށުމެއް ނޫން. ނަޢޫޒުބިއްލާހި. މިހާރަކަށް އައިސް ބައެއް މީހުން ދެކޭ ގޮތުގައި ޤުރްއާނުގައި ބަޔާން ކުރައްވައިފައިވަނީ ގެރިއެއްގެ ވާހަކައެއް ނޫން. މީހެއްގެ ވާހަކަ. އަދި އެހެން މިސާލެއްވެސް ކިޔައިދޭނަން. ޙިޖްރް ސޫރަތުގައި ބަޔާން ވެފައި އޮންނަނީ ޔަގީން ވެގެންވާ ކަންތައް އަންނާންދެން ނުވަތަ ޔަގީންވާންދެން އަޅުކަން ކުރާށޭ."
"މިތާގައި ޔަޤީން މި ބަހުގެ މާނައަކީ މަރު. މާނައަކީ މަރު އަތުވެއްޖައުމަށް ދާންދެން އަޅުކަން ކުރާށޭ. މަރު ދުވަހާ ހަމައަށް އަޅުކަން ކުރުމުގައި ދެމިހުންނާށޭ. އެކަމަކު ބައެއް މީހުން މި އާޔަތުގައިވާ ޔަޤީން މި ބަހުގެ މާނައަކީ އީމާންކަން ކަމުގައި ބަލާ. އެހެންވީމާ އީމާންކަން ކަށަވަރުވީމާ އަޅުކަން ކުރުން ހުއްޓުނީކަމަށް އެބަ ގަބޫލު ކުރޭ. މާނައަކީ އަޅުކަން ކުރެވޭ ކަމުގެ ފުރިހަމަ ޔަގީންކަން ލިބުނީމާ އަޅުކަން ފުރިހަމަ ވީއޭ. އެ އޮތީ ނިމިފައޭ."
"ހިޖްރް ސޫރަތް ކޮބައި ހެއްޔެވެ؟" މެހެމަލް ޚަތިމުގެ ގަނޑުތައް އުކާން ފަށައިފިއެވެ. އޭނާ ޑޮކްޓަރ ސަރްވަރް އެ ވިދާޅުވާ އާޔަތް ހޯދައިފިއެވެ. އެއީ އެ ސޫރަތުގެ އެންމެ ފަހު އާޔަތެވެ. 99 ވަނަ އާޔަތެވެ. އާޔަތުގައި ކަނޑައެޅިގެން ޔަޤީން މި ލަފުޒު އެބައޮތެވެ. އޮތީ حتّى يأ تيك اليقين މިހެންނެވެ. މާނައަކީ ޔަޤީންކަން ނުވަތަ ޔަޤީން ވެގެންވާ ކަމެއް އަތުވެއްޖައުމަށް ދާންދެން... އެވެ.
"ޔަޤީން..؟" އޭނާ اليقين އެ ލަފުޒުގައި އިނގިލި ޖައްސައިލިއެވެ. އަދި ސުވާލު އުފެދޭ ކަހަލަ ގޮތަކަށް ޑޮކްޓަރ ސަރްވަރާ ދިމާއަށް ބަލައިލިއެވެ.
"މިތާގައި ޔަޤީން މި ލަފުޒުގެ މާނައަކީ މަރު. އެހެންވީމާ ޤުރްއާނުގެ ލަފުޒުތަކުން އެމީހަކު ބޭނުންވާހައި މާނައެއް ނެރެގެން އުޅުމަކީ މަގު އޮޅިދާނޭ ކަމެއް. އެއްވެސް ކުއްޖަކު ކުރަން ބޭނުން ސުވާލެއް އެބައޮތްތަ؟" އޭނާ މާލަމުގައި ތިބި ކުދިންނާ ދިމާއަށް ބައްލަވައިލެއްވިއެވެ.
މެހެމަލް އަތް ހިއްލައިލިއެވެ.
"އާނ..." ޑޮކްޓަރ ސަރްވަރް އިޝާރާތެއް ކޮށްލެއްވިއެވެ.
މެހެމަލް ޚަތިމު ހިފައިގެން ކޮޅަށް ތެދުވެއްޖެއެވެ. "ސަރ. އަޅުގަނޑަށް އޮޅުންއަރާ ކަމެއް އެބައޮތް. އަޅުގަނޑުގެ އަތުގައި މިއޮތީ ޚަތިމެއް. މިއީ ތަރުޖަމާއެއް ނޫން. އަޅުގަނޑު ބަލައިލީއިރު ދެންމެ ތިޔަ ވިދާޅުވީ އާޔަތުގައި ޔަޤީން މި ލަފުޒު ވަރަށް ފާޅުކޮށް ބަޔާންވެފައި އެބައޮތް. އެހެންވީމާ އެ ލަފުޒުގެ މާނައަކީ މަރު ކަމުގައި ވީދާޅުވަނީ ކީއްވެގެންތޯ؟ ދެ ލަފުޒަކީ ވަރަށް ތަފާތު ބޮޑު ދެ ލަފުޒެއް ނޫންތޯ؟"
"އެ ލަފުޒުގެ މާނައަކީ މަރު ކަމުގައި ވާ ސަބަބަކީ..." އޭނާ މެހެމަލާ ދިމާއަށް ފުންކޮށް ބަލައިލިއެވެ. "އެ ލަފުޒުގެ މާނައަކީ މަރު ކަމުގައި އަހަރެން ބުނުން."
"އާދެ... އަޅުގަނޑުގެ ސުވާލަކީ ތިޔަ ވިދާޅުވާ ބަސްފުޅުގެ ދަލީލަކީ ކޮބައިތޯއޭ."
"ދަލީލަކީ އަހަރެން... ޑޮކްޓަރ ސަރްވަރް މިރްޒާ އެހެން ބުނުން. ޔަޤީން ގެ މާނައަކީ މަރުކަމުގައި ކަނޑައެޅުން. އަހަރެން މިއީ މި ރާއްޖޭގައި ހުރި އެންމެ ބޮޑު އިސްލާމީ ޢިލްމުވެރިޔާ. އަހަންނާ ބެހޭ މައުލޫމާތު ކަރުދާސް ބަލައިލާ. އަހަރެންގެ ޑިގްރީތައް ހުރިވަރު ބަލައިލާ. އަހަރެންގެ ބަހަކީ ދަލީލެއް ކަމުގައި ނުފުދޭތަ؟"
އެހެން ކުދިން މެހެމަލާ ދިމާއަށް ބަލާން ފަށައިފިއެވެ.
"ސަރ. މަނިކުފާނުގެ ވާހަކަފުޅަކީ މުހިއްމު ވާހަކަފުޅެއް ކަމާ މެދަކު އަޅުގަނޑު ޝައްކެއް ނުކުރަން. އެކަމަކު ޤުރްއާނުގެ ތަފްސީރަކީވެސް ޚުދު ޤުރްއާން. ޙަދީސުންވެސް ކަންތައް ކޮށްފައިވާ ގޮތަކީ އެއީ. ޤުރްއާނުގައި ނުވަތަ ހަދީސުގައި ތިޔަ ވިދާޅުވާ ވާހަކަ އެބައޮތްތޯ؟ ޔަޤީނަކީ މަރޭ ބަޔާން ވެފައި އެބައޮތްތޯ؟" އޭނާ ސުވާލު ކުރަމުން ގެންދިޔައެވެ.
ޑޮކްޓަރ ސަރްވަރްގެ މޫނުފުޅުމަތީން ނުރުހުމުގެ އަސަރު ފެންނާން ފަށައިފިއެވެ. "ތިޔަ ބުނަނީ އަހަރެން ދަލީލެއް ނުދެއްކިއްޔާ ކަނބުލޮ އަހަރެންގެ ވާހަކަ ގަބޫލު ނުކުރާނަމޭތަ؟ އަހަރެންގެ ވާހަކައިގެ މައްޗަށް އިތުރު ދަލީލެއް ބޭނުމޭތަ؟"
"އާދެ." މެހެމަލް ބޯ ޖަހައިލިއެވެ.
މުޅި ތަނަށް ހިމޭންކަން ވެރިވެއްޖެއެވެ. ހުރިހައި ކުދިންގެ މޫނުމަތީން ފެންނަނީ ކަންބޮޑުވުމުގެ އަސަރެވެ.
"ކަނބުލޮ ބޮޑު ދަންނަބޭކަލަކަށް ގޮން ޖަހަނީތަ؟"
"ނޫން ސަރ. އަޅުގަނޑު މި ދަންނަވަނީ ދަލީލެއް ދައްކަވާށޭ."
"އަހަރެން ޤުރްއާނާއި ހަދީސުން ދަލީލެއް ނުދެއްކިއްޔާ ޔަޤީންގެ މާނައަކީ މަރުކަމުގައި ގަބޫލު ކޮށްފާނަންތަ؟"
"ނޫން ސަރ. އެއްގޮތަކަށްވެސް ގަބޫލެއް ނުކުރާނަން."
"ހޫނ..." ޑޮކްޓަރ ސަރްވަރް ފުން ނޭވައެއް ލެއްވުމަށް ފަހު މާލަމަށް ނަޒަރު ހިންގަވައިލެއްވިއެވެ. "ތިމާގެ އުމުރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައި ހުރި ދަންނަބޭކަލަކަށް ގޮން ޖަހައިލާނޭ އެހެން ކުއްޖަކު އެބަހުރިތަ؟ ދަލީލެއް ބޭނުންވާ އެހެން ކުއްޖަކު އެބަހުރިތަ؟"
އެއްވެސް ކުއްޖަކު އަނގަޔަކުން ނުބުންޏެވެ. ކޮޅަށް ހުރީ މެހެމަލް އެކަންޏެވެ.
"މާނައަކީ ދަލީލެއް ބޭނުންވަނީ ތިން ސަތޭކަ ކުދިންގެ ތެރެއިން އެންމެ ކުއްޖަކަށޭ؟ މި މިސްކިތުގައި ކިޔަވައިދޭ އެއްޗަކީ މިއީތަ؟ ކުލާހުގެ އިސް ދާރިސަކީ ކާކު؟"
މެޑަމް މިޞްބާޙް ތެދުވެއްޖެއެވެ.
"ކުރިމަތީން މި ފެންނަ ނާކާމިޔާބީގެ ޒިންމާ ނަންގަވަމުތޯ؟ ތިންސަތޭކަ ކުދިންގެ ތެރެއިން އެންމެ ކުއްޖަކު؟"
"އާދެ." މެޑަމް މިޞްބާޙް އިސްޖަހައިލިއެވެ.
ޑޮކްޓަރ ސަރްވަރް މެހެމަލާ ދިމާއަށް ބައްލަވައިލެއްވިއެވެ. "ކަނބުލޯ. އަދިވެސް ދަލީލެއް ބޭނުންތަ؟"
"އާދެ.. ސަރ."
އޭނާ ކުޑަ އިރުކޮޅަކު މެހެމަލްގެ މޫނަށް ބައްލަވާން ހުންނެވިއެވެ. އެޔަށް ފަހު ކުޑަކޮށް ހިނިތުންވެލެއްވިއެވެ.
"ދަލީލު ނަގައިފައި ވަނީ ޤުރްއާނުގެ އަލްމުއްދަސިރް ސޫރަތުން. އެ ސޫރަތުގެ 47 ވަނަ އާޔަތް ބަލައިލާ. ޔަޤީން މި ލަފުޒު އޮންނާނެ. ސޫރަތް ކިޔައިލީމާ އެއީ މަރުގެ ވާހަކަކަން އެނގޭނެ. ހުތުރުނުވެ އަދަބާއި ސަދަބުގެ ދާއިރާއިން ބޭރުނުވެ ކަނބުލޮ ދަލީލަކަށް އެދުނީތީ އަހަރެން ވަރަށް ބޮޑަށް އުފާކޮށްފިން. އަހަރެން ހިތާމަ ކުރަނީ ތިން ސަތޭކަ ކުދިންގެ ތެރެއިން އެންމެ ކުއްޖަކަށް ދަލީލުގެ ވާހަކަ ދައްކާން ކެރުނީތީ. އެހެން ހުރިހައި ކުދިން ހިމޭނުން ތިބީ. ދުއިސައްތަ ނުވަދިހަ ނުވަ ކުދިންގެ ހިމޭން ކަމަކީ ޤުރްއާން ކުލާހުގެ ނާކާމިޔާބީއެއް. މީހަކު ތިޔަ ކުދިންގެ ކުރިމައްޗަށް ހުއްޓި ފާހާއި ޑިގްރީ ދައްކައިފައި ތިމަން މިއީ އެންމެ މޮޅު މީހާއޭ ކިޔައިފައި ވާހަކަ ދައްކާން ފެށީމާ ދަލީލަކާ ނުލައި އެމީހެއްގެ ވާހަކަ ގަބޫލު ކުރާނީތަ؟ ދަލީލަކީ ހަމައެކަނި ކީރިތި ޤުރްއާނާއި ހަދީސޭ އެންމެ ފުރަތަމަ ދުވަހު ތިޔަ ކުދިން ގާތު މީހަކު ނުބުނޭތަ؟ އެއްވެސް ޢިލްމުވެރިއެއްގެ ވާހަކައަކީ ދަލީލެއް ނޫން. އެހެންވީމާ އެއްވެސް މީހެއްގެ ވާހަކައަކީ ދަލީލެއް ނުދައްކައި ދައްކާ ވާހަކައެއް ނަމަ އެއީ ގަބޫލު ކުރަން ޖެހޭ ވާހަކައެއް ނޫން."
މެހެމަލް އިށީނދެއްޖެއެވެ. ގިނަ ކުދިން އިސްޖަހައިލައިގެން ތިބީއެވެ.
ޑޮކްޓަރ ސަރްވަރް ދަރުސް ކުރިއަށް ގެންދަވަނީއެވެ. އެކަމަކު މެހެމަލް އިނީ އަލްމުއްދަސިރް ސޫރަތުން އެ ވިދާޅުވީ އާޔަތްތައް ހޯދާށެވެ. އެއީ ތެދު ވާހަކަފުޅެކެވެ.
"މެހެމަލް."
ދަރުސް ނިމުނީމާ މެހެމަލް ފެންޑާގައި ހިނގައިފައި ދަނިކޮށް ފަރިޝްތޭ ފަހަތުން ގޮވައިލިއެވެ. އޭނާ ހުއްޓިއްޖެއެވެ. އެކަމަކު އެނބުރި ބަލައެއް ނުލައެވެ. ފަރިޝްތޭ ވަރަށް ބާރަށް އައިސް އޭނާގެ ކައިރިއަށް ހުއްޓިއްޖެއެވެ.
"މެހެމަލް. މެހެމަލް ކަންތައް ކުރި ގޮތުގެ މައްޗަށް އަހަރެން ފަޚުރުވެރިވަން. ވަރަށް ބޮޑަށް އުފާވެއްޖެ." ހަގީގަތުގައިވެސް އޭނާ އުފާވެފައި ހުރިކަން އެނގެއެވެ. މޫނުމަތީން ފެންނަނީ އާދަޔާ ޚިލާފު އުފާވެރި ކުލަވަރެކެވެ.
މެހެމަލް ބީރައްޓެހި ގޮތަކަށް ފަރިޝްތޭއާ ދިމާއަށް ބަލައިލިއެވެ.
"ޑޮކްޓަރ ސަރްވަރްވެސް ހުންނެވީ ވަރަށް އުފަލުން. ސެމިނާރެއްގައި ބައިވެރިވާން މެހެމަލަށް ދައުވަތުވެސް ދެއްވައިފި. ސެމިނާރަށް ދާނީ ދެމީހުން. ވާހަކަ ދެއްކުމުގެ ފުރުސަތު އަހަރެމެން ދެމީހުންނަށްވެސް ލިބޭނެ."
"ފަރިޝްތޭއާ އެކީގައި؟" މެހެމަލްގެ އަޑުގައި ހުރީ ހިތިކަމެވެ. "އެހެން ވެއްޖެއްޔާ އަހަރެން ނުދާނަން."
"ކީކޭ؟ އެއީ ކީއްވެގެން؟" ފަރިޝްތޭގެ ހިނިތުންވުން ފަނޑު ވެއްޖެއެވެ. މިހާރު އޭނާގެ މޫނުމަތީން ފެންނަނީ ހައިރާންކަމުގެ އަސަރެވެ.
"ދޮގުހަދާ މީހުން އަހަންނަކަށް ކަމަކު ނުދޭ."
"މެހެމަލް." ފަރިޝްތޭ ކުޑަކޮށް ނުރުހުން ވެއްޖެއެވެ. "އަހަރެން ހެދީ ކޮން ދޮގެއް؟"
"ތިޔަ ސުވާލު އަމިއްލަ ނަފުސާ ކޮށްލާ."
"މީހަކު މެހެމަލް ގާތު އެއްޗެކޭ ބުނީތަ؟"
"ފަރިޝްތޭ އަހަރެންގެ އާޣާޖާނާ ބައްދަލު ކުރަން ދިޔައީ ކީއްކުރަން؟ އެއީ މެހެމަލްގެ ކާކު؟ އަހަރެން މިއީ ޔަތީމް ކުއްޖަކީން. ޔަތީމް ކުއްޖެއްގެ މުދަލުން ހިއްސާ ބޭނުން ވެގެން އުޅެނީ ކީއްވެގެން؟ އެކަހަލަ ވިޔާނުދާ ކަމެއް ކުރީ ކީއްވެގެން؟ އަހަރެން ފަރިޝްދޭ ވަޑުވައިގެން ހުރީ ވަރަށް އުހުގައި. ތިޔަ ވެއްޓިގަތީ ވަރަށް ދަށު ދަރަޖައަކަށް. މިކަހަލަ ކަމެއް ކޮށްފާނެއެކޭ އަހަރެން އެއްގޮތަކަށްވެސް ހިތަކަށް ނާރާ. އަހަންނާ ފަރިޝްތޭއާ އޮތީ ކޮން ގުޅުމެއް؟ ފަރިޝްތޭ ދޮގެއް ނުހަދާ. އެކަމަކު ތެދު ފޮރުވުމަކީވެސް ދޮގުހެދުމެއް ނޫންތަ؟ ފަރިޝްތޭގެ ބޮޑުދައިތަގެ ދަރީގެ ނަމަކީ ކޮބައިހޭ އަހަރެން އެހިން. ޖަވާބެއް ނުދިނީމެއްނު؟ އެއީ ކީއްވެގެން؟ ބުނެބަލަ... ކީއްވެގެން؟"
ފަރިޝްތޭގެ މޫނު ހުދު ވެއްޖެއެވެ. ވަކި ކަހަލަ ޖަޒުބާތެއް ފޮރުވާން މަސައްކަތް ކުރާކަން ރީތިކޮށް އެނގެއެވެ. އޭނާ ހުރީ އެސްފިޔަވެސް ޖަހައިނުލައި މެހެމަލާ ދިމާއަށް ބަލަހައްޓައިގެންނެވެ. އިރުކޮޅަކު އެހެން ހުރުމަށް ފަހު މަޑުމަޑުން ބުނެލިއެވެ.
"އަހަރެންގެ ބޮޑުދައިތަގެ ދަރިފުޅުގެ ނަމަކީ ފާއިޤާ."
"ކީކޭ؟" މެހެމަލްގެ ބޮލުގައި ބަރު އެއްޗަކުން ޖެހުނުހެން ހީވިއެވެ.
"މެހެމަލަކަށް އޭނައެއް ނޭނގޭނެއޭ އަހަރެން ބުނީމެއްނު؟ އަހަރެންގެ ބޮޑުދައިތަގެ ދަރިފުޅުގެ ނަމަކީ ފާއިޤާ. އަހަރެންގެ ނަމަކީ ފަރިޝްތޭ އިބްރާހީމް. އަހަރެންގެ ބައްޕަގެ ނަމަކީ އާޣާ އިބްރާހީމް. މެހެމަލް އިބްރާހީމަކީ އަހަރެންގެ ކޮއްކޮ. ފަރިޝްތޭ އިބްރާހީމަކީ މެހެމަލް އިބްރާހީމްގެ ދައްތަ. ދޭ... ގެއަށް ގޮސް ގޭގެ ބޮޑުން ގާތު އަހާ... ސުވާލު ކުރިޔަސް އެމީހުންނެއް ނުބުނާނެ. އެމީހުން އަހަރެންގެ ހައިސިއްޔަތު ގަބޫލެއް ނުކުރޭ. އެކަހަލަ ބަޔަކު މެހެމަލްގެ ސުވާލަށް ޖަވާބު ދޭނެތަ؟"
(ނުނިމޭ)
އަނެއް ބައި؟
Mauloomaat varah mussadi