(26 ޖޫން 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"އަހަރެން ތިނެކާ ހަމަޔަށް ގުނާނަން. ފަރިޝްތޭ. އަހަރެން ބަޑި ޖަހައިފިއްޔާ ކަލޭގެ ކޮއްކޮ އެނބުރިއެއް ނާންނާނެ."
"ދައްތާ." މެހެމަލްގެ އަޑު ހުރީ ކުރެހިފައި ކަހަލަ ގޮތަކަށެވެ. "އަހަންނަށްޓަކައި ދައްތަގެ ހައްގު ދޫކޮށްލާ. ބޭނުންވާ ވަގުތު ޖެހުނީމާ ދައްތައަށްޓަކައި އަހަރެންގެ ހައްގު ދޫކޮށްލާނަން. ﷲ ގަންދީ ހުވައި ކުރަން."
"ނޫން... އަހަރެން ސޮޔެއެް ނުކުރާނަން."
"އެންމެ ރަނގަޅު. އަހަރެން ތިނެކާ ހަމަޔަށް ގުނާނަން."
ފަރިޝްތޭ ބަލައިލިއެވެ. ފަވާދްގެ އިނގިލި ހުރީ ފިސްތޯލައިގެ ޓްރިގަރުގައެވެ. އޭނާ އެހެރީ ބަޑި ޖަހަން ތައްޔާރު ވެގެންނެވެ.
"އެކެއް..."
ފަރިޝްތޭގެ ހިތުގެ ހިނގުން އަވަސް ވާން ފަށައިފިއެވެ. އޭނާ ބަޑި ޖަހައިފިއްޔާ މެހެމަލް މަރުވާނެއެވެ. އޭގެ ފަހުން ހުމާޔޫން ގެނަޔަސް، ކޯޓަށް ގޮސް ދަޢުވާ ކުރިޔަސް މެހެމަލް ދިރިގެންނެއް ނާންނާނެއެވެ. އޭނާގެ ކޮއްކޮ އެނބުރިއެއް ނާންނާނެއެވެ.
"ދޭއް..."
ފަވާދަށް މަރުގެ އަދަބު ލިބޭނެއެވެ. ހުރިހައި މުދަލެއް ފަރިޝްތޭއަށް ލިބިދާނެއެވެ. އެކަމަކުވެސް އޭނާގެ ކޮއްކޮއެއް އެނބުރިއެއް ނާންނާނެއެވެ.
"ތިނެއް..."
"މަޑުކުރޭ... އަހަރެން ސޮއިކޮށްދޭނަން." އޭނާ މާޔޫސީގެ ރާގަކަށް ބުންޏެވެ. "އެކަމަކު އަހަރެންގެ ޝަރުޠެއް އެބައޮތް. މެހެމަލްގެ ކާވެނި ހަމަ މި ވަގުތު މިގޭގައި ކުރަން ވާނެ. ކާވެނި ކޮށްދޭނީ އަހަރެން ބުނާ މީހަކާ. އާއިލާގެ އެންމެން ކާވެނީގައި ބައިވެރިވާންވާނެ. މެހެމަލް އަނތްބެއްގެ ގޮތުގައި ނުކުމެގެން ދާނީ މިގެއިން. ފުރިހަމަ އިއްޒަތާއި ޝަރަފާއެކު."
"އެއްބަސް." ފަވާދް އެއްވެސް ވިސްނުމަކާ ނުލައި ބުނެލިއެވެ.
މެހެމަލް ދެލޯ ބޮޑުކޮށްގެން ފަރިޝްތޭއާ ދިމާއަށް ބަލަން ފަށައިފިއެވެ. ފަރިޝްތޭ ކިޔަން އެ އުޅެނީ ކީކޭ ކަމެއް އޭނާއަކަށް ނޭނގެއެވެ. ދެން މެހެމަލް ބަލައިލީ ޙަސަނާ ދިމާއަށެވެ. ޙަސަން އިސްޖަހައިލައިގެން ހުއްޓެވެ. ފިޒާ ހުރީ ދެއަތުން އޭނާގެ މުލައްދަނޑީގައި ހިފަހައްޓައިގެންނެވެ. ބަލިކަށި... ފިނޑި ފިރިހެނުން... ފޮނިކަނޑަކަނޑާފައި ކަމަކާ ޖެހުނީމާ ތެތް ފިޔޮކަކަށް ވެދެއެވެ.
"އެންމެ ރަނގަޅު. ކާވެނިކުރާ މީހުން ގެނުވާ. އަހަރެން މި ގުޅަނީ ޙުމާޔޫނަށް." ފަރިޝްތޭ މޭޒުމަތީގައި އޮތް ފޯނު ނަގައިފިއެވެ.
"ހުމާޔޫން؟ ހުމާޔޫން ދާވޫދްތަ؟" ފަވާދަށް ހީވީ ކަރަންޓުގައި ޖެހެވުނު ހެންނެވެ.
"އާނ... ހުމާޔޫން ދާވޫދް." ފަރިޝްތޭ ހިތި ގޮތަކަށް ހިނިތުންވެލިއެވެ. "ބުނޭ. އަހަރެންގެ ޝަރުޠަށް އެއްބަސްވަންތަ؟"
"އެ ފުލުސް..؟"
"ތިޔަ ކަމެއް ނުވާނެ."
އަޑު އައި ދިމާއަށް އެންމެންގެ ނަޒަރު ހުއްޓިއްޖެއެވެ. އެއީ އާޣާ ކަރީމްގެ އަޑެވެ. "އެކަލޭގެ މިގެޔަށް ވަދެގެން ނުވާނެ. އެއީ އަހަރެންގެ ދަރިފުޅު ޖަލަށްލީ މީހާ. ކަލޭ ސޮއި ނުކުރަންޏާ ނުކުރޭ. މެހެމަލް އެކަލޭގެޔަކާ ނުދެވާނަން."
"އަޅުގަނޑު މި ވާހަކަ ދައްކަނީ އާޣާޖާނަކާ ނޫން. އަޅުގަނޑު މި މުޢާހަދާ ކުރަނީ އާޣާ ފަވާދާއެކީ. އޭނާއަށް ވާހަކަ ދެއްކިޔަ ދެއްވާ."
"އެކަމަކު..."
"ބައްޕާ... އެއީ އެވަރުގެ ކަމެއް ނޫން. ހުމާޔޫން ގެނޭ. އަހަރެމެން ގަބޫލު." ފަވާދްގެ ތުންފަތްމައްޗަށް ލުއްޗާ ހިނިތުންވުމެއް ވެރިވިއެވެ.
"ފަވާދް. މާދަމާ މި މަންޖެ އެއްބަސްވުމާ ދެކޮޅު ހަދައިފިއްޔާ..؟" އާޣާ ކަރީމް ކަންބޮޑުވެފައި ފަވާދްގެ ކޮނޑުމަތީގައި އަތް ބާއްވައިލިއެވެ.
"އޭނާ ދެކޮޅެއް ނުހަދާނެ. އެއީ އިރާދަކުރެއްވީތީ... ބަރާބަރު އިސް... ލާމެއް. ވަޢުދަކާ ޚިލާފެއް ނުވާނެ." ފަވާދް އިސްލާމެކޭ ބުނީ މަލާމާތުގެ ރާގަކަށެވެ. ފަރިޝްތޭގެ މޫނުމަތީން ފެންނަނީ ނަފުރަތުގެ ކުލަވަރެވެ.
"ހުމާޔޫނަށް އަވަހަށް ގުޅާ. ކާވެނި އޮންނާނީ މިއަދު... މިހާރު. ގާޒީން ގޮވައިގެން އަސަދުބޭބެ މިހާރު އަންނާނެ." ޣަފްރާން މިހެން ބުނެފައި ދޮރާށްޓާ ދިމާއަށް ހިނގައިގެންފިއެވެ. އޭނާގެ ނޭވާވެސް ހަށްޓައް ފެތިއްޖެއެވެ. ފިޒާއަށްވެސް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. އުފާވެރިކަން ފޮރުވާން އުޅުނަސް މޫނުމަތީން ވަރަށް ސާފުކޮށް ފެންނާން ހުއްޓެވެ. އެ ދެމަފިރިންގެ ދަރި ސަލާމަތް މިވީ ކިރިޔާއެވެ. އެކަމަކު އަދިވެސް ޙަސަނުގެ އަތަކުން ދުލެއް ނުކުރެއެވެ. އޭނާ ދެން ކަމެއް ނުކުރާނޭކަން އެނގޭ އިރުވެސް މެއެވެ. އެހެރީ ވައިހިނދި އިނދަޖެހިފައެވެ.
"މެހެމަލް. އެތެރެއަށް ހިނގާ." ފަރިޝްތޭ ވަރުބަލިވެފައިވާ ހިނގުމެއްގައި މެހެމަލްގެ އަތުގައި ހިފައިގެން ގޮސް ގޭތެރެއަށް ވަދެއްޖެއެވެ. ދެމީހުން ދާތަން ބަލަން އެހެން މީހުން ތިބީއެވެ. މުޅި ގެއަށް ވެރިވެފައި ވަނީ އަޖައިބެއްފަދަ ހަމަހިމޭންކަމެކެވެ.
ހުރިހައި ކަމެއް ހިނގައިދިޔައީ ހުވަފެނެއް ފަދައިންނެވެ. އެއީ އޭނާއަށް ވަރަށް ބޮޑު އަގެއް އަދާކުރާން ޖެހުނު އުފާވެރި ހުވަފެނެކެވެ. ވަރަށް ގިނަ ހުވަފެން ވިއްސިވިހާލި ކުރާން ޖެހުނެވެ. އެކަމަކު އެއީ އެ ވަގުތު އެންމެ ރަނގަޅު ގޮތް ކަމަށް އޭނާއަށް ފެނުނު ގޮތެވެ. އެހެން ނުހެދި ނަމަ އޭނާ ބަދުނާމުކުރާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. މަރްޙޫމް ބައްޕަގެ ނަން ކިޔައި ބަދުނާމު ކުރަމުން ބަޔަކު ދުވާތަން ދެކެން ހުރުމަކީ އޭނާއަކަށް ކެތްކުރެވޭވަރުގެ ކަމަކަށް ނުވާނެއެވެ. އެންމެ ބޮޑު ސަބަބަކީ އެއީ ބާވައެވެ؟ އޭނާ އެކަމާ ޖެހިލުންވާނޭ ވަރު ފަވާދަށް އެނގޭތީ އެ ސަބަބުގެ ބޭނުން ހިފީ ހެއްޔެވެ؟ މެހެމަލްގެ ބަލިފަޔަކީ އެއީ ހެއްޔެވެ؟ މުދަލާއި ފައިސާއަށްވުރެ އޭނާގެ ގާތުގައި އަގުބޮޑީ އަބުރާއި އިއްޒަތުގެއެވެ. ފަވާދުގެ ބިރުދެއްކުމުގެ ދަށުވާން ޖެހުނީ އެހެން ވެގެންނެވެ. އެއީ ޖަޒުބާތީ ނިންމުމެކެވެ. އެކަމަކު ރަނގަޅު ނިންމުމެއް ކަމަށް އޭނާއަށް ގަބޫލު ކުރެވެއެވެ.
އޭގެ ފަހުން ހިނގި ހުރިހައި ކަމެއް ހިނގީ ނިދީގެ ހާލަތުގައި ކަހަލައެވެ.
އޭނާ ރީތިކޮށް، ނަލަ ކުރާން އައި މީހުންނާއެކު ފަރިޝްތޭ އޭނާގެ މޫނު ރީތިކޮށް ހެދުން އަޅުވައި ހަދަމުން ގެންދަނީއެވެ. އަދި މެހެތާބް ގެނެސްދިން ހުރިހައި ގަހަނާއެއް ނަގައި އެއް ފަރާތުގައި ބެހެއްޓުމަށް ފަހު އޭނާގެ މަންމަގެ ގަހަނާ އަޅުވައިފިއެވެ. ހުރިހައި ކަމެއް ކުރަނީ ފަރިޝްތޭއެވެ. ހިނިތުންވޭވެފައި ވާހަކަވެސް ދައްކަމުން ގެންދިޔައެވެ. އެކަމަކު މެހެމަލަކަށް އަޑެއް ނީވެއެވެ. ހުރިހައި އަޑެއް ވަނީ ކެނޑިފައެވެ. ކުރިމަތީގައި އެތައް ކަމެއް އެބަ ހިނގައެވެ. އޭނާ ބުދެއްހެން ބަލަހައްޓައިގެން އިނީއެވެ.
އެއީ ރީތި ހުވަފެނެކެވެ. އެކަމަކު އޭނާގެ ހިތަކު އެއްވެސް އެއްޗެއް ނެތެވެ. ހިތް ވަނީ ހުސް ވެފައެވެ. ހުރިހައި ޖަޒުބާތެއް މަރުވެއްޖެއެވެ. އެދުންތަކުގެ އަލިފާންކޮކާ އުދުހިގެން ހިނގައްޖެއެވެ.
އެއީ އަހަރެމެންގެ އާދަކަމުގައި ވެދާނެއެވެ. އަހަރެމެންނަކީ އުފާ ދެކެ ލޯބިވާ ބަޔަކީމެއް ނޫނެވެ. އަހަރެމެން ލޯބި ވަނީ އުފަލުގެ އެދުން ދެކެއެވެ. ލޯބި ވަނީ ހަމައެކަނި އެދުން ދެކެއެވެ. އެއީ މީހަކު ހާސިލުކޮށްގަތުމުގެ އެދުން ކަމުގައި ވެދާނެއެވެ. ނުވަތަ ކޮންމެވެސް އެއްޗެއް ހޯދުމުގެ އެދުން ކަމުގައިވެސް ވެދާނެއެވެ. ލޯތްބަކީ ހަމައެކަނި އެދުން ދެކެވާ އެއްޗެކެވެ. ތަކެއްޗާއި މީހުން ދެކެވާ އެއްޗެއް ނޫނެވެ.
އޭނާއަށް މިހާރު ފެންނަނީ އޭނާގެ އެދުންތައް އުނގަށް ވެއްޓޭ ތަނެވެ. އެކަމަކު އިސްޖަހައިގެން ހުރީމާ އެ އެދުންތަކެއްވެސް ސާފުކޮށް ފެންނަ ގޮތެއް ނުވެއެވެ.
އޭނާގެ ކުރިމަތީގައި ކާވެނީގެ ލިޔުންތަކުގައި ސޮއި ކުރެވެމުން ދަނީއެވެ.
ފަރިޝްތޭ އޭނާގެ އަތުގައި ހިފައިގެން ނުކުންނާން ހިނގައިގަތް ވަގުތު އޭނާ އިސްއުފުލައި ބަލައިލިއެވެ.
އޭނާ އެހެރީ މެހެމަލްގެ ކުރިމަތީގައެވެ. މުށިކުލައިގެ ޕާކިސްތާނު ހެދުމެއްގައެވެ. އޭނާ ރީތި ނޫނީ ކިހިނެއް ހުރީމާ ހެއްޔެވެ؟ މިހާރުވެސް ހީވަނީ ރަހެއް ހެންނެވެ. މޫނުމަތީން ފެންނަނީ ސީރިއަސްކަމެވެ. މެހެމަލް އިސްޖަހައިލިއެވެ. ސީރިއަސްކަން ދެކެ އޭނާ ބިރުގަނެއެވެ. ހުމާޔޫނަށްވެސް މީހަކު މަޖުބޫރު ކުރީ ހެއްޔެވެ؟ މެހެމަލް ވާނީ ބޭނުން ނުވާ އަނތްބަކަށް ހެއްޔެވެ؟ އޭނާގެ ބޮލަށް ވައްޓައިލެވުނު މުސީބާތަކަށް ހެއްޔެވެ؟
މެހެމަލް ބޭނުންވީ އަގު ވެއްޓުމާއި ތައުހީނުގެ އިހުސާސް ކުރާށެވެ. އެކަމަކު އޭނާގެ ހުސް ހިތަކަށް އެއްވެސް އެއްޗެއް ނޭރިއެވެ.
ވަށައިގެން ތިބި މީހުން އެކި ކަހަލަ ވާހަކަ ދައްކަމުން ދިޔައެވެ. އެކަމަކު އަޑު ހުރީ ކެނޑިފައެވެ. އޭނާ މަޑުމަޑުން ގޮސް ކާރުގެ ފަހަތު ގޮނޑިއަށް އަރައި އިށީދެއްޖެއެވެ. ދިރިއުޅުމުގެ ބުރަ މުސީބާތާ ކުރިމަތިލާން އޭނާ ތައްޔާރުވީއެވެ. ކުރިއަށް އޮތީ ކަށިކުނބުރު ޖަންގައްޔެކޭ އޭނާގެ ހިތަށް އެރިއެވެ.
ފަނަރަ
މެހެމަލް އިނީ ބޮޑު އާގުބޯޓެއް ވަރުގެ އެނދެއްގެ މަގަތުގައި އިށީނދެގެން އިސް ޖަހައިލައިގެންނެވެ. އޭނާ ކޮޓަރިއަށް ވައްދައިފައި ފަރިޝްތޭ ނުކުމެގެން ދިޔަތާ ކިތަންމެ އިރެކެވެ. ހުމާޔޫން ކާރު ފޭބި ފަހުން ނުއެއް ފެނެއެވެ. ފައިބައިގެން ވަރަށް ބާރަށް ގޮސް އޭނާ ގެއަށް ވަދެއްޖެއެވެ. އޭގެ ފަހުން ޚަބަރެއް ނުވެއެވެ.
އޭނާގެ ހިތަށް އެކި ބާވަތުގެ ޚިޔާލުތައް ވަންނާން ފަށައިފިއެވެ. އޭނާ އިނީ އިރުއިރުކޮޅާ އަޢޫޒު ކިޔަކިޔައެވެ. ހިތަށް ވަސްވާސް ވަންނަމުން ދާތީ ހަދާނޭ ގޮތް ބޮޑުވެފައެވެ.
އޭނާޔާ އިންނާން ހުމާޔޫން ބޭނުން ނުވާ ކަމުގައިވެސް ވެދާނެއެވެ. އޭނާޔާ މީގެ ފަހުން ދުވަހަކުވެސް އަނގައިން ނުބުނުމަކީ އެކަށީގެންވާ ކަމެކެވެ. މާދަމާ ވަރިވެސް ކޮށްފާނެއެވެ. ފަހަރެއްގައި...
އެކަހަލަ ކިތަންމެ ޚިޔާލެއް އޭނާގެ ބޮލަށް އުނދަގޫ ކުރަމުން ދިޔައެވެ. އެއީ ހައްތަހާވެސް ސުވާލެވެ. އެ ސުވާލުތަކުގެ ސަބަބުން އޭނާގެ ހިތް މަޑުމަޑުން ގެނބެމުން ދާން ފަށައިފިއެވެ. މާޔޫސީގެ ތެރެއަށް ވަންނާން ފަށައިފިއެވެ.
އެ ވަގުތު ކޮޓަރީގެ ދޮރު ހުޅުވިއްޖެއެވެ. އޭނާއަށް އެއްވެސް އިޚްތިޔާރަކާ ނުލައި އިސް އުފުލައި ބަލައިލެވިއްޖެއެވެ.
ކޮޓަރިއަށް އެ ވަނީ ހުމާޔޫނެވެ.
އޭނާގެ ހިތުގެ ހިނގުން ބަންދު ވެއްޖެއެވެ. ހުމާޔޫން ހަދާނީ ކިހިނެއް ބާވައެވެ؟
ދޮރު ލެއްޕުމަށް ފަހު އޭނާޔާ ދިމާއަށް ބަލައިލާފައި ކުޑަކޮށް ހިނިތުންވެލިއެވެ.
"އައްސަލާމް ޢަލައިކުމް. ކިހިނެއް؟" އޭނާ އެނދުކައިރީގައި ހުރި ތިރި މޭޒުގެ ވަތްގަނޑު ހުޅުވައިލިއެވެ. މެހެމަލް އަނގައިން ނުބުނެ ބަލަހައްޓައިގެން އިނީއެވެ.
އޭނާ ވަތްގަނޑުން ކޮންމެވެސް އެއްޗެއް ހޯދަނީއެވެ.
"މެހެމަލް މިހާރު ހުންނާނީ ވަރުބަލިވެފައި. އެހައި ވަރުގަދަ ޑްރާމާއަކުން ނުކުމެވޭއިރު ކޮންމެ މީހަކުވެސް ހުންނާނީ ވަރުބަލި ވެފައި. ކަންބޮޑު ނުވޭ. ހުރިހައި ކަމެއް ރަނގަޅުވެ ހަމަޔަކަށް އެޅިދާނެ."
މިހާރު ހުމާޔޫން ބަލަނީ ދެވަނަ ވަތްގަނޑެވެ. އެ ވާހަކަތަކަށް ސަމާލުކަން ދޭން ބޭނުން ވިޔަސް ބެލެނީ ހުމާޔޫންގެ އަތަށެވެ. އިރުކޮޅަކުން ފެނުނީ ވަތްގަނޑުން ފިސްތޯލައެއް ނެގި ތަނެވެ.
އޭގައި އުންޑަ ހުންނާނެ ހެއްޔެވެ؟ އޭނާ އެ އުޅެނީ އަހަރެން މަރާލަން ހެއްޔެވެ؟
މެހެމަލްގެ ހިތަށް އެކި ބާވަތުގެ ވަސްވާސް ވަންނާން ފަށައިފިއެވެ. ފިސްތޯލަ ނެގުމަށް ފަހު އޭނާ އެނބުރި ބަލައިލިއެވެ.
"މާފު ކުރޭ. ހުރިހައި ކަމެއް ކުރަން ޖެހުނީ ތެޅިގަނެގެން ކަހަލަ ގޮތަކަށް. ކުއްލިއަކަށް. މެހެމަލް ހުރީ މި ކަހަލަ ކަމަކަށް ތައްޔާރު ވެގެން ނޫންކަން އަހަންނަށް އެނގޭ."
ހުމާޔޫން ގެންދިޔައީ ވާހަކަ ދައްކަމުންނެވެ. މެހެމަލް އޭރުވެސް ބަލަމުން ގެންދިޔައީ އޭނާގެ އަތަށެވެ. އެ ފިސްތޯލައަށެވެ.
"އަހަރެން އަދި މިހިރީ ޑިއުޓީގައި. ތަނަކަށް ދާން ޖެހިފައި އެބައޮތް. މިރޭ ފަރިޝްތޭ މި ގޭގައި އޮންނާނެ. އަހަންނަށް އެނބުރި އާދެވޭނީ މާދަމާ ނޫން އަނެއް ދުވަހު ހަވީރު. ކަންބޮޑުނުވާތި."
މެހެމަލް އާގަމަވެފައި ބަލަހައްޓައިގެން އިނެވެ.
މިއީ އަޖައިބެއް ކަހަލަ ކާވެންޏެކެވެ. އަޖައިބެއް ކަހަލަ އަނތްބެކެވެ. އަޖައިބެއް ކަހަލަ ފިރިއެކެވެ. ހުރިހައި ކަމެއްވެސް ހިނގަމުން މިދަނީ އަޖައިބުވާ ކަހަލަ ގޮތަކަށެވެ.
(ނުނިމޭ)
Faristhayah saabas.....