މުޞްޙަފް - 24

(23 މޭ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ބަސްހުއްޓާ ތަނުގެ ދިގުގޮނޑި މިހާރު ފެންނަނީ ވަރަށް ފަޅުކޮށެވެ. އެއްކަލަ ކަޅު އަންހެން ކުއްޖާ އެ ދުވަހުގެ ފަހަކުން ނާދެއެވެ. އެއީ ކާކު ކަމެއްވެސް ނޭނގެއެވެ. ދިޔައީ ކޮން ތަނަކަށް ކަމެއްވެސް ނޭނގެއެވެ. އޭނާއަށް އެ ކުއްޖާޔާ މެދު ވަރަށް ގިނައިން ވިސްނެއެވެ.

ބަހުން ފޭބުމަށް ފަހު އޭނާ ކަރު މައްޗަށް ނަގައިގެން ބަލައިލިއެވެ. އެ ދެ އިމާރާތް ހުރީ ޖެހިޖެހިގެންނެވެ. ހުމާޔޫން ދާވޫދްގެ މާސިންގާ ގެ ގާތްގަނޑަކަށްހެން ފޮރުވިފައި ވަނީ ބޮޑެތި ގަހުންނެވެ. އެ ގެޔާ ޖެހިގެން އެހެރަ ހުދު، އުސް އިމާރާތަކީ ކޮންމެވެސް ކަހަލަ ތައުލީމީ މަރުކަޒެކޭ އޭނާގެ ހިތަށް އެރިއެވެ.

"އެ ވިޔާނުދާ މީހާގެ ގެއަކަށް ދާނޭ ނެތެވެ. އަހަރެން ދާނީ މިސްކިތަށެވެ." އޭނާ ގޮސް ކަޅު ކުލައިގެ ދޮރާށީގެ ކައިރިއަށް ހުއްޓިއްޖެއެވެ. ދޮރާށިން އޭނާއަށް އޭނާގެ ސޫރަ ރީތިކޮށް ފެނެއެވެ. އޭނާ ހުރީ އޭނާގެ އާދައިގެ ހެދުމުގައެވެ. ކުރުތާއާއި ނޫކުލައިގެ ޖިންސެއް ލައިގެންނެވެ. ދޯޕައްޓާ އޮތީ ކަރުގައި އަޅުވައިފައެވެ. އިސްތަށިގަނޑު އޮތީ ގަތައިފައެވެ.

ދޮރާށީގެ އެއް ފަރާތުގައި ބޯޑެއް ހަރުކޮށްފައި ހުއްޓެވެ. އޭނާއަށް މީގެ ކުރިން އެ ބޯޑުގެ މައްޗަކަށް ސަމާލުކަމެއް ނުދެވެއެވެ. ބޯޑުގައި ލިޔެފައި އޮތެވެ. "މަރުކަޒަށް ފިރިހެނުން ވަނުން މަނާ." ބޯޑުގެ ކައިރީގައި އިށީނދެގެން މީހަކު އިނެވެ. އެއީ އެ އިމާރާތުގެ ވޮޗަރެވެ. އޭނާ ފުން ނޭވައެއް ލުމަށް ފަހު ދޮރާށިން އެތެރެއަށް ވަދެއްޖެއެވެ.

އޭނާ ފެންޑާއަށް އަރައިފިއެވެ. އެއީ ވަރަށް ބޮޑު ފެންޑާއެކެވެ. އޭނާއަކަށް މިހާރަކު އަލެއް ނޫނެވެ. ފެންޑާގައި ހުރި މޭޒެއްގެ ދޮށުގައި އަންހެން ކުއްޖަކު އިށީނދެގެން އިނެވެ. އެ ކުއްޖާ ލައިގެން އިނީ ކަޅުކުލައިގެ ޢަބާޔާއެކެވެ. ބޮލުގައި އޮތީ އަޅި ކުލައިގެ ބުރުގާއެކެވެ. ފޯނުން ކޮންމެވެސް މީހަކާ ވާހަކަ ދައްކަނީއެވެ.

ކުރިމަތީން ހުދުކުލައިގެ ޕާކިސްތާނު ހެދުމެއް ލައިގެން ހުރި އަންހެން ކުއްޖަކު އަންނާތީ ފެނެއެވެ. އެ ކުއްޖާ އަޅައިގެން ހުރީ ކަޅުރަތް ކުލައިގެ ބުރުގާއެކެވެ. އެއީ މިތާގެ ޔުނިފޯމުހެން ހީވެއެވެ. އެ ކުއްޖާ މެހެމަލާ އަރައި ހަމަވެފައި "އައްސަލާމް ޢަލައިކުމް." އޭ ބުނެލިއެވެ.

"ކީކޭ؟" އެ ކުއްޖާ މަޑުވެސް ކޮށްލުމެއް ނެތި އޭނާ ފަސްދީ ހިނގައްޖެއެވެ.

"އެ ކުއްޖާ ސަލާން ގޮވައިލީ ކީއްވެގެން ހެއްޔެވެ؟ އެ ކުއްޖާއަށް އަހަރެން އެނގެނީ ހެއްޔެވެ؟" އޭނާ ހައިރާން ވެފަައި ހުއްޓާ ސިހުނީ މޭޒު ދޮށުގައި އިން ކުއްޖާގެ އަޑަށެވެ.

"އައްސަލާމް ޢަލައިކުން. ކޮން ބޭނުމަކުތޯ؟"

"އަޅުގަނޑު ބޭނުން ވަނީ ފަރިޝްތޭއާ ބައްދަލު ކޮށްލާން." އޭނާ މޭޒު ދޮށަށް ޖެހިލުމަށް ފަހު ބުނެލިއެވެ.

"ފަރިޝްތޭދައްތަ މި ވަގުތު ހުންނަވާނީ ކުލާހުގައި. ކުރިމަތީގައި އެއޮތް ހަނި މަގުން ވަޑައިގަންނަވާ. ކަނާތްފާރުން ފުރަތަމަ ޖެހޭނީ އެ ކުލާސް."

"އެންމެ ރަނގަޅު."

އޭނާ އެ ކުއްޖާ ދެއްކި މަގުން ހިނގާފައި ގޮސް ކަނާތް ފަރާތުން ފުރަތަމަ ޖެހުނު ކުލާހުގެ ދޮރުމައްޗަށް ހުއްޓިއްޖެއެވެ. އެތެރެއިން ފަރިޝްތޭގެ ރީތި އަޑު ވަރަށް ބާރަށް އިވެއެވެ.

"مَرَّتَيْن... (މައްރަތައިނި) މީގެ މާނައަކީ ބަނީއިސްރާއީލުންގެ ދެ ފަސާދަ. މުފައްސިރުން ވިދާޅުވާ ގޮތުގައި ފުރަތަމަ ފަސާދައަކީ ޒަކަރިއްޔާގެފާނު އަވަހާރަކޮށްލުން. ދެވަނަ ފަސާދައަކީ ޢީސާގެފާނު އަވަހާރަކޮށްލާން ރޭވި ރޭވުން."

މެހެމަލް އެތެރެއަށް ބޯދީ ބަލައިލިއެވެ. ފަރިޝްތޭ އިނީ އިސްޓޭޖެއްގެ މަތީގައި ބަހައްޓައިފައި ހުރި މޭޒެއްގެ ދޮށުގައި އިށީނދެގެންނެވެ. އޭނާގެ ކުރިމަތީގައި އޮތް ފޮތަކުން، ކުރިމަތީގައި ތިބި ކުދިންނަށް ކިޔަވައިދެނީއެވެ. ކަޅުރަތް ކުލައިގެ ބުރުގާ އަޅައިގެން ތިބި އެތައް ކުދިންނެއް ފަރިޝްތޭގެ ފިލާވަޅު ނޯޓު ކުރަމުން ގެންދެއެވެ.

މެހެމަލް އެނބުރި އައި ކޮޅަށް ހިނގައިގެންފިއެވެ. ބޭރުގައި ހުރި މޭޒުގެ ކުރިމަތީގައި ހުރި ސޯފާގައި އޭނާ އިށީނދެއްޖެއެވެ. އަދި އެތަނުން ފެންނަ އެކި ހަރަކާތްތަކަށް ބަލާން ފަށައިފިއެވެ. އަންހެންކުދިން އެކި ދިމަދިމާއަށް އައިސްގޮސްވާތަން ފެނެއެވެ.

އޭނާއަށް ހީވާން ފެށީ މުޅީން އެހެން ދުނިޔެއެއްގައި އުޅެވެނީކަމުގައެވެ. ހުރިހައި ކަމެއް ހިނގަމުން ދަނީ ވަރަށް ބޮޑު ތަރުތީބެއްގެ މަތީންކަން އެނގޭވަރުވެއެވެ. އެތަނުން މުޅީންވެސް ފެންނަނީ އަންހެން ކުދިންނެވެ. ދަރިވަރުން ތިބީ ހުދު ހެދުމުގައެވެ. ކިޔަވައިދޭ މީހުންނާއި މުވައްޒަފުން ތިބީ ހެދުމުގެ މަތީން ކަޅު ކުލައިގެ ޢަބާޔާ ލައިގެންނެވެ. އެންމެންވެސް ތިބީ ބުރުގާ އަޅައިގެންނެވެ. ކުދިންގެ މޫނުމަތީން ފެންނަނީ އުފާވެރިކަމެވެ. ހަމަޖެހުމެވެ. މި މިސްކިތުގައި ނުވަތަ މި މަރުކަޒުގައި މެހެމަލަށް ނޭނގޭ އެތައް ކަމެއް އެބަ ހިނގައެވެ.

"އައްސަލާމް ޢަލައިކުން... ފޫހިފުޅުވާ ކަމަށް ވަންޏާ މި ފޮތް ބައްލަވައިލައްވާ."

"އާދެ." އޭނާ އެ އަންހެން ކުއްޖާ ދިން ފޮތުގައި ހިފައިފިއެވެ.

ދެތިން ގަނޑެއް އެއްލުމާއެކު އޭނާގެ ހަނދާނަށް އައީ އެއްކަލަ ރޭ އާޣާ ކަރީމް އޭނާގެ އަތުން މުޞްޙަފް ޖަހައިގަތް ރެއެވެ.

އޭނާގެ އަތުގައި މިހާރު އެ އޮތީ ޤުރްއާނުގެ ތަރުޖަމާއެކެވެ.

އޭނާ މެދު ތެރެއިން ހުޅުވައިގެން ކިޔާން ފަށައިފިއެވެ.

"އަދި  މުއްސަނދިކުރައްވަނީވެސް، އަދި ފަގީރު ކުރައްވަނީވެސް އެކަލާނގެއެވެ. އެކަލާނގެއީ، އައްޝުޢުރާއޭ ކިއުނު ތަރީގެ ވެރިރަސްކަލާނގެއެވެ. އަދި ކުރީގެ ޢާދްބާގައިމީހުން ހަލާކުކުރައްވައި ނެތިކުރެއްވީވެސް އެކަލާނގެއެވެ. އަދި ޘަމޫދްބާގައިމީހުންގެ އެކަކުވެސް ނުބަހައްޓަވައި ހަލާކުކުރެއްވިއެވެ. އަދި އޭގެކުރިން ނޫޙްގެފާނުގެ ގައުމުގެމީހުން ހަލާކުކުރެއްވިއެވެ. ހަމަކަށަވަރުން، އެއުރެންވީ އަނިޔާވެރިކަންބޮޑު، އަދި އުރެދުންބޮޑު ބަޔަކު ކަމުގައެވެ. އަދި ލޫޠްބާގައިމީހުންގެ ރަށް ބަންޑުންޖައްސަވައި ވައްޓަވައިލެއްވިއެވެ. ފަހެ، އެރަށަށް ޖެއްސެވި ޢަޒާބެއް ޖެއްސެވިއެވެ. ފަހެ، ތިބާ ޝައްކު ކުރަނީ ތިބާގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟ މިއީ (އެބަހީ: މުޙައްމަދުގެފާނީ) އިސްވެދިޔަ ނަޒީރުންފަދަ ނަޒީރެކެވެ. ޤިޔާމަތްދުވަސް ގާތްވެއްޖެއެވެ. اللَّه މެނުވީ އެދުވަސް ހާމަކުރާނޭ އެއްވެސްފަރާތެއް ނުވެއެވެ.     ފަހެ، ތިޔަބައިމީހުން އަޖައިބުވަނީ އަދި ނުރޮއި ހެނީ މިވާހަކަތަކާމެދުގައި (އެބަހީ: ޤުރްއާނާމެދުގައި) ހެއްޔެވެ؟"

 "އަހާނ... މެހެމަލް؟"

މެހެމަލް ހުރީ އެ ފޮތުގެ ތެރެއަށް ގެއްލިފައެވެ. ހޭވަރިކަންވީ މީހަކު ގޮވައިލީމައެވެ. އޭނާ ޤުރްއާން މޭޒުމަތީގައި ބާއްވައިފައި ކޮޅަށް ތެދުވެއްޖެއެވެ.

"އައްސަލާމް ޢަލައިކުމް. ކިހިނެއް ހާލު؟" ފަރިޝްތޭ އޭނާޔާ ކޮނޑާއިކޮނޑު ޖައްސައި ސަލާން ކޮށްލިއެވެ. އަދި ދެ ކޮނޑުގައި ހިފަހައްޓައިލުމަށް ފަހު ހިނިތުންވެލިއެވެ. ފަރިޝްތޭ އޭނާއަށްވުރެ ދެތިން އިންޗި ދިގެވެ. އޭނާގެ ބިއްލޫރި ދެ ލޯ ކޮންމެވެސް އެހެން މީހެއްގެ ލޮލާ ވަރަށް ވައްތަރު ކަމުގައި މެހެމަލަށް އިހުސާސް ކުރެވުނެވެ.

"ރަނގަޅު؟ ފަރިޝްތޭ ކިހިނެއް؟"

"اَلْحَمْدُ لِلَّـه. މި ފެނުނީ ހާދަހާ ދުވަހެއް ކޮށްފައޭ. ގޭގެ ކަންތައްތައް ރަނގަޅުތަ؟"

"ރަނގަޅު." އޭނާ އިސް ދަށަށް ޖަހައިލިއެވެ.

"ކަންބޮޑު ނުވޭ. ހުރިހައި ކަމެއް ރަނގަޅު ވެދާނެ."

"ފަރިޝްތޭގެ އެއްޗެއް އަހަރެންގެ އަތުގައި އޮތީމާ ދޭން މި އައީ..." އޭނާ ފަރިޝްތޭއަށް ކޮތަޅެއް ފޯރުކޮށްލިއެވެ.

"އަހަރެން ހީކުރީ އަހަންނަށް ދޭން ހަދިޔާއެއް ހިފައިގެން އައީ ކަމަށް." ފަރިޝްތޭ ހީނގެންފައި ކޮތަޅުގައި ހިފައިފިއެވެ. ދުރުކަމެއް ނެތެވެ. ފެންނަނީ އިޚްލާސްތެރިކަމާއި ތެދުވެރިކަމެވެ. "އެކަމަކު މި ހެދުން މެހެމަލްގެ އަތުގައި ބޭއްވިޔަސް އެންމެ ރަނގަޅ:ު."

"ނޫން. އަހަރެން މިއީ ޢަބާޔާ ކަހަލަ އެއްޗެހި ލާ މީހެއް ނޫން."

"އެންމެ ރަނގަޅު. ޝުކުރިއްޔާ." އޭނާ ހިނިތުންވެލީމާ މެހެމަލަށް ވަރަށް ކަމުދާގޮތް ވިއެވެ.

މާ ބޮޑަށް ދީނަށް ވަދެ ތިބޭ މީހުން އާއްމުކޮށް ފެންނަނީ ވަރަށް ސީރިއަސް ހަރުކަށި ބައެއްގެ ގޮތުގައެވެ. އެފަދަ މީސްމީހުންގެ ވާހަކަ ހުންނަނީ ހަމައެކަނި މުއުމިނަކީ ތިމަންނާއޭ ދެން ތިބެނީ ހައްތަހާވެސް ކާފަރުންނޭ ބުނާ ކަހަލަ ގޮތަކަށެވެ. އެކަހަލަ މީހުން ދެކެ މެހެމަލް ވަރަށް ބޮޑަށް ރުޅި އާދެއެވެ. އެއިން މީހެއްގެ ކުރިމައްޗަށް ނުކުމެވިއްޖެއްޔާ ތިމަން މިހިރީ ބޮޑު ފާފައެއް ކޮށްގެންނޭ ހީވާގޮތް ވެއެވެ. އެކަމަކު ފަރިޝްތޭވެސް އަދި މިތަނުން މި ފެންނަ އެހެން ކުދިންވެސް މުޅީން ތަފާތެވެ.

"މިއީ އޭނާގެ..." މެހެމަލް ދެވަނަ ކޮތަޅު ފަރިޝްތޭއަށް ފޯރުކޮށްލިއެވެ.

"ހުމާޔޫންގެ؟"

"އާނ."

"އެންމެ ރަނގަޅު. ހުމާޔޫން ވަރަށް ގިނައިން ރަށުން ބޭރުގައި އުޅޭނެ. އެހެންވީމާ އަހަންނާ އޭނާޔާ އެހައި ގިނައިން ދިމައެއް ނުވޭ. ރަނގަޅުވާނީ ވޮޗަރު އަތަށް ތިޔަ ކޮތަޅު ދިނިއްޔާ. އޭނާ ހަވާލު ކޮށްފާނެ."

"ފަވާދުބޭބެޔާއެކީ ކުރި މުއާމަލާތުގެ ވާހަކަ ހުމާޔޫން ފަރިޝްތޭ ގާތު ބުނިތަ؟"

"މުއާމަލާތެއް ހިނގީއެއް ނޫން. އޭނާ ހުރީ ފަވާދްގެ ކަންތައްތަކާ ހެދި ވަރަށް ކަންބޮޑުވެ ރުޅި އައިސްފައި. އޭނާ ބޭނުންވީ ގޭންގެއްގެ އަންހެން ކުއްޖެއްގެ ޒަރީއާއިން ފަވާދް މަޅީގައި ޖައްސައި ހައްޔަރު ކުރަން."

"އޭނާ ގޭންގެއްގެ ކުއްޖެއްގެ އިންތިޒާރުގައި ހުރިއްޔާ އަހަރެން މިއީ ފަވާދާ ދެބެއިންގެ ދެދަރި ކޮއްކޮއެއްކަން ފަރިޝްތޭއަށް އެނގުނީ ކިހިނެއް؟"

"އެއްކަލަ ރޭ ދަމު ނަމާދުކޮށް ނިމިގެން މެހެމަލް އެވާހަކަ އަހަރެން ގާތު ބުނީމެއްނު؟"

"އޯހ." މެހެމަލްގެ ސިކުނޑީގައި އޮތް އޮޅުން ފިލައިފިއެވެ. "އަހަރެން މިއީ ގޭންގެއްގެ ކުއްޖަކީމެއް ނޫން. އެހެން ވެއްޖެއްޔާ އޭނާ ފަވާދްބޭބެ ހައްޔަރުކުރީ ކިހިނެއް؟"

"ތިޔަ ސުވާލު ކުރަންވީ ހުމާޔޫނާ. އަހަރެން އޭނާޔާ ވާހަކަ ނުދައްކާތާވެސް އެތައް ދުވަހެއް ވެއްޖެ."

"އެންމެ ރަނގަޅު. މިހާރު ދޭއް ޖަހަނީ. އަހަރެން ދަނީ. އަދި ފަހުން އަންނާނަން." އޭނާގެ ހިތަށް އެރިއެވެ. ފަރިޝްތޭ ހުމާޔޫނާ ވާހަކަ ނުދައްކާތާ އެތައް ދުވަހެއް ވެއްޖެއެވެ. އެކަމަކު އޭނާގެ ހުރިހައި ކަމެއް އެބަ އެނގެއެވެ. ކިހައި ބޮޑު އަޖައިބެއް ހެއްޔެވެ؟

"މިތަނަށް އައިސް އަހަރެމެންނާ އެކީ މެހެމަލް ޤުރްއާން ކިޔަވާނޭ ދުވަހެއް ދައްކަވާތޯ އަހަރެން ދުޢާ ކުރާނަން."

"އަހަރެން ކަންތައް ކުރާނޭ ގޮތެއް ނޭނގޭ. މި ވިސްނަނީ ކުޑަ ދުވަސްކޮޅަކަށް އިނގިރޭސިވިލާތަށް ދާން."

"އޯހ." ފަރިޝްތޭގެ އަޑުގައި މާޔޫސީގެ އަސަރު ހުއްޓެވެ.

"ފަރިޝްތޭ މިސްކިތުގައި ޤުރްއާން ކިޔަވައިދެނީތަ؟"

"އާނ. މިއީ އިސްލާމީ އިސްކޫލެއް."

"އެހެން ދޯ..؟ ދެން ދަނީ..." ފަރިޝްތޭ އޭނާޔާއެކު ފެންޑާއާ ހަމައަށް އައެވެ.

"އެއްވެސް މީހަކު މެހެމަލް މި ފޮތާ ދިމާއަށް އަނބުރުވާކަށް މަސައްކަތެއް ނުކުރޭތަ؟" ހިނގައިގަތްތަނާ ފަރިޝްތޭ ކުރި ސުވާލަކުން އޭނާ ހުއްޓިއްޖެއެވެ. ހަނދާނުގެ ވާފަށްތައް ގުޅޭން ފަށައިފިއެވެ.

"މީހަކު މަސައްކަތް ކުރި. އެކަމަކު އަހަރެން ޚިޔާރު ކުރީ ހިތް. އަހަރެން ހުރީ ޚިޔާރު ކުރި ގޮތާ ރުހިގެން އުފަލުން. އޭނާ ބުނީ އެ ފޮތަކީ ޖާދޫއެއް ކަހަލަ ފޮތެކޭ. އެއްވެސް ކަހަލަ ޖާދޫއެއްގައި ޖެހުމަކީ އަހަރެން ބިރު ގަންނަ ކަމަކަށް ވީ."

"ފޮތަކީ ޖާދޫ ހަދާ އެއްޗެއް ނޫން. ފޮތް ކިޔާ މީހާއަށް އެކަހަލަ އިހުސާސްތަކެއް ކުރެވެނީ. ބަދަލެއްގެ އިހުސާސް ކުރެވެނީ."

"ތަފާތަކީ ކޮބާ؟"

"ވަރަށް ބޮޑު ތަފާތެއް އެބަހުރި. ލަފުޒުތައް ވަކިވަކިން ބަލައި ދަސްކުރެވޭތޯ ބަލާ. އެހެން ނޫނީ ދިރިއުޅުމަކީ ކޮބައިކަމެއް ރަނގަޅަކަށް ނޭނގޭނެ."

މެހެމަލް ފެންޑާއިން ނުކުތީމާ ފަރިޝްތޭ އެތެރެއަށް ވަދެއްޖެއެވެ.

އޭނާއަށް ދޮރާށްޓާ ހަމައަށް ނުދެވެނީސް އެތެރެއަށް ވަންނާން އައި ކާރު ކުޑަ އިރުކޮޅަކަށް މަޑުކޮށްލުމަށް ފަހު ބިއްލޫރިގަނޑު ތިރިކޮށްލީތަން ފެނުނެވެ. އިސްކޫލާއި އެގެޔާ ދެމެދަކު އިން ފާރެއް ނުހުރެއެވެ. ވަންނަނީ އެއް ދޮރާށްޓަކުންނެވެ. އެތެރެއިން ފެނުނީ ބޮލުގައި ރަސްމީ ތޮފި އަޅައިގެން ލޮލުގައި ކަޅު އައިނެއް އަޅައިގެން ހުރި ރީތި ދޮން މޫނެކެވެ. ހުމާޔޫން އޭނާޔާ ދިމާއަށް ބަލައިލިއެވެ. އެއަށް ފަހު ވަދެގެން ދިއުމުގެ ކުރިން ދޮރާށި ދޮށުގައި ހުރި ވޮޗަރާ ދިމާއަށް ކޮންމެވެސް އެއްޗެކޭ ބުންޏެވެ.

ވޮޗަރު މެހެމަލްގެ ކައިރިއަށް އައިސް ބުންޏެވެ. "ވެރިމީހާ ވިދާޅުވީ ކަމަނާ ގެންގޮސް ބޮޑު ކޮޓަރީގައި ބައިންދާށޭ."

"އަހަރެން އައީ އޭނާޔާ ބައްދަލު ކުރާށޭ ކަލޭގެ ވެރިމީހާގެ ހިތަށް އެރީ ކިހިނެއް؟ މީގައި ހިފާ. ގެންގޮސް ކަލޭގެ ވެރިމީހާއަށް ދީ. އަހަރެން ނޫޅެން އޭނާ ދެކޭ ހިތަކުންނެއް." އޭނާ އަތުގައި އޮތް ކޮތަޅު ވޮޗަރުގެ އަތަށް ދިނެވެ. އައި ގަދަ ރުޅިއެއްގައި އޭނާ ވާހަކަ ދެއްކީ ވަރަށް ބާރަށެވެ. އޭނާ ދެކޭ ގޮތުގައި ލިބުނު ހުރިހައި ގެއްލުމެއްގެ އެއް ސަބަބަކީ ހުމާޔޫނެވެ.

އެ ވަގުތު ކާރުން ފައިބައިގެން އެއް އަތުން ތޮފި ހިފައިގެން ބާރަށް ހިނގާފައި އައިސް ހުމާޔޫން އޭނާޔާ އަރައި ހަމަކޮށްފިއެވެ.

"ޚާން. ދޮރާށި ލައްޕާ. ބަތޫލް ގާތު ބުނޭ ސަޔާއި ހެދިކާ ގެންނާށޭ. މެހުމާނަކު އެބަހުއްޓޭ... މެހެމަލް އާދޭ." މި ފަހަރު ހުމާޔޫންގެ ރާގު ހުރީ ތަންކޮޅެއް މަޑުމައިތިރި ގޮތަކަށް ކަމުގައި އޭނާއަށް އިހުސާސް ކުރެވުނެވެ.

"އަހަރެން ބޭނުމެއް ނޫން އެތެރެއަށް ވަންނާކަށް."

"އެކަމަކު އާޣާ ފަވާދް މިނިވަންވީ ވާހަކަ އަޑުއަހަން ބޭނުމެއްނު؟"

އޭނާ ވިސްނާން ފެށީމާ ހުމާޔޫން ހިނިތުންވެލައިފައި އަތުން ގެޔާ ދިމާއަށް އިޝާރާތް ކޮށްލިއެވެ. ހިނގާށޭ ބުނާ ކަހަލަ ގޮތަކަށެވެ.

(ނުނިމޭ)

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.