ކޮވިޑަށް ޓެސްޓްކުރެވޭ މިންވަރު އިތުރުވާއިރު ބައްޔަށް ޕޮޒިޓިވްވާ ކޭސްތައް ދަށަށްދާން ފަށައިފިއެވެ.
އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު 24 ގަޑިއިރުގެ ތެރޭގައި 934 ސާޕަލްގެ ނަތީޖާ ލިބިފައިވާއިރު އޭގެތެރެއިން ބައްޔަށް ޕޮޒިޓިވް ވެފައިވަނީ 26 މީހެކެވެ. މިއީ ވޭތުވެދިޔަ ތިން ދުވަހު ފެނުނު ކޭސްތަކުގެ އަދަދުތައް އެއްކޮށްލުމުން އަރާ ވަރަށް ވުރެ ބޮޑު އަދަދަކެވެ. ކޮވިޑަށް ޓެސްޓް ކުރުމަށް މިއަދު އެކަނިވެސް 809 ސާމްޕަލް ނަގައިފައިވާ ކަމަށް ނެޝެނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) އިން ވިދާޅުވިއެވެ.
ޕޮޒިޓިވް ކޭސްތައް ދަށަށް ގޮސްފައިވަނީ މީހުން ދިރިއުޅުމުގެ ވަށްޓަފާޅިއަށް އައި ހެޔޮ ބަދަލުގެ ސަބަބުން ކަމަށް އެންއީއޯސީން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ކޮވިޑް ފެތުރޭ މިންވަރު ދަށަށް ދަނީ ކަމަށް ވިދާޅުވަން އަދި މާއަވަސް ކަމަށް އެސެންޓަރުން ވަނީ ވިދާޅުވެފައެވެ.
24 ގަޑިއިރު ތެރޭގައި 85 މީހަކު ބަލިން ރަނގަޅުވެ ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ޢަދަދު ވަނީ 922 އަށް އަރާފައެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ ގޮތުން ބަލި ޖެހިފައިވާ މީހުންނަށް ވުރެ ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ އިތުރު ވެފައެވެ. ރަނގަޅުވި މީހުންގެ ޢަދަދު 1010 އަކަށް އިތުރުވެފައިވާއިރު ބައްޔަށް ފަރުވާދެމުން ދަނީ 922 މީހުންނަށެވެ. އެންމެ ފަހުގެ 24 ގަޑިއިރުގެ ތެރޭގައި ބަލި ޖެހިފައިވަނީ ވަނީ 26 މީހަކަށެވެ. މީގެ ތެރޭގައި ހިމެނެނީ، 19 ދިވެހިންނާއި، ހަތް ބަންގްލަދޭޝް ރައްޔިތުންނެވެ. މިކޭސްތަކާ ގުޅިގެން 70 ކޮންޓެކްޓެއް ފާހަގަކުރެވިފައިވާކަމަށް އެންއީއޯސީގެ ތަރުޖަމާނު ވިދާޅުވިއެވެ.
ޓްރީޓޮޕްގައި ފަރުވާ ދެމުންދާ 10 މީހުންގެ ތެރެއިން އައިސީޔޫގައި ފަރުވާ ދެމުންދަނީ އެންމެ މީހަކަށެވެ. 532 ދެމީހަކު ކަރަންޓީންގައި ތިބިއިރު އައިސޮލޭޝަންގައި 939 މީހުން އަދި ޓްރާންސިޓް ކަރަންޓީންގައި ނުވަތަ އަނބުރާ ރަށަށް ދާން ބޭނުވެ ކަރަންޓީންގައި 1666 މީހުން އެބަ ތިބި ކަމަށް މަބަރޫކް ވިދާޅުވިއެވެ. އެންމެ ފަހު 24 ގަޑިއިރުތެރޭގައި 524 މީހަކު ސާމްޕަލަތައް ނަގެޓިވްވުމާ ގުޅިގެން ކަރަންޓީނުނުނާއި އައިސޮލޭޝަނުން ވަނީ ދޫކޮށްލައިފައެވެ. އަދި 70 އަށް ވުރެ ގިނަ މީހުންގެ ސާމްޕަލް އިއްޔެވެސް ނަގައިފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ. ކޮވިޑާ ގުޅިގެން މޮނިޓަރިންގައި ހުރީ 485 ތަނެކެވެ.