ސާކްގެ ސެކްރެޓަރީ ޖެނެރަލް، ރައީސްގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފި

ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ ސެކްރެޓަރީ ޖެނެރަލް، ހިޒް އެކްސެލެންސީ އެމް.ޑީ. ގޯލަމް ސަރުވަރު، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލު ކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ސެކްރެޓަރީ ޖެނެރަލްގެ ދައުރުގައި އެމަނިކުފާނު ކޮށްދެއްވި އިޚްލާޞްތެރި ޚިދުމަތްތަކާއި ދެއްވި އެއްބާރުލެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. އަދި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައިދާނުގައި ސާކް އަދާކުރާ މުހިއްމު ދައުރުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. މީގެ އިތުރުން، ސާކް ވަރުގަދަކުރުމަށް ދިވެހި ސަރުކާރުން ދޭ ސަމާލުކަން ތަކުރާރުކުރައްވައި، ސެކްރެޓަރީ ޖެނެރަލްގެ ހިންގުންތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ ތަޢުރީފު ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ސާކްގެ ސެކްރެޓަރީ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ފަރާތުން ލިބެމުންދާ ދެގޮތެއްނުވާ އެއްބާރުލުމަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ. އަދި ސާކް އުފެއްދި މެންބަރު ޤައުމެއްގެ ޙައިސިއްޔަތުން ދިވެހިރާއްޖެއަކީ، އެ ޖަމްޢިއްޔާއަށް ނުހަނު މުހިއްމު ޤައުމެއްކަން ފާހަގަކުރައްވައި، ޖަމްޢިއްޔާގެ މަސައްކަތްތައް ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތްޕުޅުތަކަށް ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާއާއި ސެކްރެޓަރީ ޖެނެރަލް ވަނީ، ސާކްގެ މުހިންމު މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި، ސަރަޙައްދީ ގުޅުން ބަދަހިކުރުމާއި، ކުރިއަށް އޮތް ތަނުގައި އެންމެން ގުޅިގެން ކުރިއެރުން ހޯދޭނެ މަގުތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ، ސެކްރެޓަރީ ޖެނެރަލްގެ ކުރިމަގުގެ މަސައްކަތްތަކަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. އަދި މެންބަރު ޤައުމުތަކުގެ މެދުގައި އޮންނަ ގާތްގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރެއްވުމުގެ ޝައުޤުވެރިކަންވެސް އެމަނިކުފާނު ވަނީ ފާޅުކުރައްވާފައެވެ.

ދިވެހިރާއްޖެއަކީ ސާކް އުފެއްދުމުގައި ބައިވެރިވި ޤައުމުތަކުގެ ތެރޭގައި ހިމެނޭ މެންބަރު ޤައުމެކެވެ. ސާކް ރަސްމީކޮށް އުފެދުނީ 8 ޑިސެމްބަރު 1985 ގައި ބަންގްލަދޭޝްގެ ޑާކާގައި ސާކް ޗާޓަރުގައި ސޮއިކުރުމާ ގުޅިގެންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.