މުޞީބާތުގެ ވަގުތު ތަކުގައި ކެތްތެރިވާނީ އިމްތިޙާނުގައި ކާމިޔާބުވާ އަޅުންނެވެ. ކެތްތެރިކަމަކީ ކޮބައިތޯއެވެ؟
ކެތްތެރިވުމަކީ ތިމާއަށް ދިމާވާ ދަތި އުނދަގޫ ވަގުތު ތަކުގައި ނުވަތަ ބަލިމަޑުކަމުގައި ނުވަތަ މުޞީބާތް ތަކުގައި އެކަމުން ސަލާމަތް ވުމަށްޓަކައި ސަބަބުތަކުގައި ހިފައިގެން މީހުންގެ ގާތުގައި ޝަކުވާ ނުކޮށް އެކަމުގައި ﷲއަށް ވަކީލު ކުރުމެވެ. ސަބަބުތަކުގައި ހިފުމަކީ، މިސާލަކަށް ބަލިން ސަލާމަތްވުމަށްޓަކައި ޑޮކްޓަރުންނާ ސިއްޙީ މާހިރުން ދޭ ލަފަޔާ އެއްގޮތަށް ޢަމަލު ކުރުމެވެ. ތަދުމަޑުކަމުން އަރައިގަތުމަށްޓަކައި ރިޒުޤު ހޯދެންހުރި މަގުތަކުން މަސައްކަތް ކުރުމެވެ. އަޅުން ކުރާނީ މަސައްކަތެވެ. ތައުފީޤާއި ޝިފާ ދެއްވަނީ މާތް ﷲ އެވެ. އެހެންކަމުން އެފަދަ ކަންކަމުގައި އޮންނާނީ (އަސްބާބު) ސަބަބުތަކުގައި ހިފައިގެންތިބެ ޙާލަތު ބަދަލުކޮށް ދެއްވުން އެދި މާތް ﷲގެ ހަޟްރަތުގައި ދުޢާ ދެންނެވުމެވެ.
މުޞީބާތުގެ ވަގުތުގައި ހެޔޮވިސްނޭމީހުންނާއި އެނޫން މީހުން ވަކިވާނެއެވެ. މިގޮތުން ބައެއްމީހުން ކުޅަދުންވަންތަ އިލާހަކު ވާކަން ހަނދާނެއް ނުހުރެއެވެ. ތިމާގެ ނުކުޅެދުންތެރިކަމުން އެހެންފަރާތެއްގެ އެހީއާ ނުލައި ތިމާއަށް ކުރެވޭ އެއްވެސް ކަމެއް ނެތްކަން ހަނދާނެއް ނުހުރެއެވެ. އެފަދަ މީހުން ﷲގެ މިފަދަ އިމްތިޙާން ތަކުގައި ފެއިލްވެގެންދެއެވެ. ނަމަވެސް ތިމާއަށް ﷲ ދެއްވި ސަލާމަތް ބުއްދީގެ ބޭނުން ހިފާ ހެޔޮވިސްނޭ މީހުންނަކީ މާތްﷲ އަންގަވާފައިވާގޮތަށް އުޅޭ ޞާލިޙްއަޅުންނެވެ. އެފަދަ މީހުން މުޞިބާތްތަކަށް ކެއްތެރިވާނެއެވެ. އަދި އެމީހުންނަކީ މާތްﷲގެ ބަސްފުޅު ހަނދާން ނައްތާނުލާ މީހުންނެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ: {وَلَنَبْلُوَنَّكُم بِشَيْءٍ مِّنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِّنَ الْأَمْوَالِ وَالْأَنفُسِ وَالثَّمَرَاتِ ۗ وَبَشِّرِ الصَّابِرِينَ الَّذِينَ إِذَا أَصَابَتْهُمْ مُصِيبَةٌ قَالُوا إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ} (سورة البقرة 155-156) މާނައީ ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން امتحان ކުރައްވާހުށީމެވެ. (އެއީ) ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ خبر، ކަލޭގެފާނު ދެއްވާށެވެ! އެއުރެންނީ އެއުރެންނަށް مصيبة އެއް ޖެހިއްޖެނަމަ، ހަމަކަށަވަރުން ތިމަންމެންނީ، اللَّه އަށް މިލްކުވެވޮޑިގެންވާ ބަޔެކޭ، އަދި ހަމަކަށަވަރުން ތިމަންމެންނީ، އެކަލާނގެ حضرة އަށް އެނބުރިދާނޭ ބަޔެކޭ ބުނާ މީހުންނެވެ.
މިއަދު މުޅި ދުނިޔެއަށް މިވަނީ ނުރައްކާތެރި ވަބާއަކާ ކުރިމަތި ވެފައެވެ. އެކަން އެއްބައި މީހުން ދެކެނީ އެއީ ބާރުގަދަ ބަޔަކު އެމީހުންގެ ދުޝްމަނުންނާ އިދިކޮޅަށް އުފެއްދި ބައިލޮޖިކަލް ހަތިޔާރެއްގެ ގޮތުގައެވެ. އެހެންކަމުން އެކަމުގެ ޒިންމާ އެފަރާތަކުން ނަގަންޖެހޭނެކަމަށްބުނެ އަޑު އުފަލަމުން ގެންދެއެވެ. އަނެއްބަޔަކު ބުނަމުންދަނީ އެއީ ޖަނަވާރަކުން އަމިއްލައަށް އުފެދިގެން އިންސާނުންނަށް ޖެހިގެންއުޅޭ ނުރައްކާތެރި ބައްޔެއް ކަމަށެވެ. އަދި މިކަމަކީ އެއަށް ވެކްސިނެއް އަދި ޚާއްޞަ ބޭހެން އުފެއްދިފައި ނެތުމުން ކޮންމެ މީހަކަށްވެސް ޖެހިދާނެ ބައްޔެއް ކަމަށެވެ. ނަމަވެސް އަޅުގަނޑުމެން މުސްލިމުންގެ ނަޒަރިއްޔާ މިކަމުގައި ވަރަށް ތަފާތެވެ. އެހެނީ އިންކާރު ކުރެވެންނެތް ޙަޤީޤަތަކީ މިދިޔަ އަހަރު ތަކާއި ދުވަސް ތަކަކީ ދުނިޔޭގައި މީހުން ނުބައިވެ ފަސާދައިގާ ހައްދު ފަހަނަ އަޅައި ދިޔަ ދުވަސްތަކެކެވެ. އެއްވެސް ބަލާލުމެއްނެތި ﷲ އުފައްދަވައި މާތްކުރެއްވި އާދަމުގެ ދަރިންތައް އެއްވެސް ޙައްޤަކާ ނުލައި މަރައި ރަޙުމުކުޑަ ލާއިންސާނީ ޖަރީމާތައް ހިންގުމުގައި ބޮޑެތި ދައުލަތްތައް އިސްވެ އޮވެގެން ހައްދު ފަހަނައަޅައި ގޮސްފައިވި ދުވަސްތަކެކެވެ. ވިސްނާލަމާތޯއެވެ. ނޫޙުގެ ފާނުގެ ޤައުމު ހަލާކު ކުރެއްވީ ކީއްވެގެންތޯއެވެ؟ ލޫޠުގެ ފާނުގެ ޤައުލު ހަލާކު ކުރެއްވީ ކީއްވެގެންތޯއެވެ؟ ޞާލިޙުގެ ފާނުގެ ޤައުމު ހަލާކު ކުރެއްވީ ކީވެގެންތޯއެވެ؟ ފިރުޢައުނު ހަލާކު ކުރެއްވީ ކީއްވެގެން ތޯއެވެ؟ އެޤައުމުގެ އަހުލުވެރިން ހިންގި ނުބައި ފާޙިޝް ޢަމަލު ތަކުގެ ތެރެއިން މިދިޔަ ދުވަސްތަކުގައި އިންސާނުން ނުކުރާ ނުހިންގާ ޖަރީމާއެއް އެބަ އޮތްތޯއެވެ؟ ހަމައެޤައުމުތަކަށް ޢަޒާބު ފޮނުއްވި ކުޅާދުއްވަންތަ އިލާހު މިއަދުވެސް ވޮޑިގެން ނުވޭތޯއެވެ؟ މީސްތަކުން ހިންގަމުންދާ ޖަރީމާތަކާމެދު ﷲ ކޯފާވެ ވޮޑި ނުގަންނަވާނެތޯއެވެ؟ ނަމަވެސް ﷲ މުޙައްމަދުގެ ފާނުގެ އުއްމަތުގައި އަސްތަޣުފާރު ކުރާބަޔަކު ތިބިހާހިނދެއްގައި އެބައިމީހުން އެއްކޮށް ހަލާކު ނުކުރައްވާނެ ކަމުގެ ވަޢުދުފުޅު އޮތުމުގެ ސަބަބުން ﷲ ގެ ދީލަތި ވަންތަކަމާއި އޯގާވަންތަ ކަމާއި ރަޙުމަތް އެއިލާހުގެ ޞާލިޙު އަޅު ތަކުންނަށް އޮންނާނެއެވެ. އެބައި މީހުންގެ ދުޢާތަކާއި ގިސްލުމުގެ އަޑުތައް ﷲ އައްސަވާ ވޮޑިގެންވެއެވެ. އެހެންކަމުން މިފަދަ ނުރައްކާތެރި ވަބާތަކުން ގިނަބަޔަކު ﷲ ސަލާމަތް ކުރައްވާނެކަން ކަށަވަރެވެ. އަދި މިފަދަ ވަބާ ތަކުގައި މަރުވެގެންދާ މުސްލިމުންނަކީ ޝަހީދުން ކަމުގައި ކީރިތި ރަސީލާ صلى الله عليه وسلم ގެ ބަސްފުޅުން އެގޭކަމަށް ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. އެހެނީ އެއީ ސުވަރުގެވަންތަ ވެރިންނެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ: "الشُّهَدَاءُ خَمْسَةٌ: المـَطْعُونُ، والمـَبْطُونُ، والغَرِيقُ، وَصَاحِبُ الهَدمِ، والشهِيدُ في سَبِيلِ اللهِ". މާނައީ ޝަހީދުން ވަނީ ފަސް ބަޔަކަށެވެ: އެއީ ޒަޚަމުކޮށްލައިގެން މަރާލި މީހާއާޢި ބަނޑުގެ ބައްޔެއްގައި މަރުވި މީހާއާއި ކަނޑުވެގެން މަރުވި މީހާއާއި އެއްޗެއްގެ ދަށުވެ މަރުވިމިހާއައި ﷲގެ މަގުގައި ޖިހާދު ކޮށް މަރުވިމީހާއެވެ. މިޙަދީސްފުޅުގެ ޝަރަޙައިގާ މިޞްރުގެ ދާރުލްއިފްތާ އިން ފަތުވާ ދެއްވާފައި ވަނީ ކޮވިޑް19ގައި މަރުވާ މުސްލިމުންނަކީ ޝަހީދުންގެ ދަރަޖަ ލިބިގެންވާ ބައެއްކަމުގައެވެ.
މުސްލިމުންނަށް މުޞީބާތްތައް ކުރިމަތި ވެފައިވާ އެކިފަހަރުމަތިން ﷲގެ ލޯބިވެ ވޮޑިގެންވާ އަޅުތަކުންނަށް ވެސް އިމްތިޙާނުތަކާ ކުރިމަތިވެފައިވެއެވެ. ނަބީ ބޭކަލުންނާއި ރަސޫލުބޭކަލުންނަށް ބޮޑެތި އިމްތިޙާނުތައް ކުރިމަތި ވެފައިވެއެވެ. ނަމަވެސް އެބޭކަލުން ވަނީ އެ އިމްތިޙާނުތަކުގައި ކާމިޔާބު ހޯއްދަވާފައެވެ.