ހިތަކުން: ދަރިން ތަރުބިއްޔަތުކުރުން

Family Walk

ދަރިންނަކީ މާތް ﷲ މައިންބަފައިންނާ ހަވާލުކުރައްވާފައިވާ ލޮބުވެތިވެގެންވާ އަގުބޮޑު އަމާނާތެކެވެ.

އެހެންކަމުން އެދަރިން ދުނިޔެ އަށްއައުމުގެ މާކުރިން އެދަރިންގެ ތަރިބިއްޔަތުގެ ފުރަތަމަ ފިޔަވަޅު އަޅަންޖެހެއެވެ. އެއީ އެދަރިން ހެޔޮގޮތުގައި ތަރުބިޔަތު ކުރާނެ ހެޔޮލަފާ ޞާލިޙު މަޔަކާއި ބަފަޔަކު ހޯދުމެވެ. މިކަމަކީ ކޮންމެ ފިރިހެނަކާއި އަންހެނަކުގެ މައްޗަށް އޮތް ވާޖިބެކެވެ. ދީންވެރި ޞާލިޙު ރަނގަޅު މަޔަކާއި  ބަފައަކަށް ނޫނީ ދަރިން ހެޔޮގޮތުގައި ތަރުބިޔަތު ކުރާކަށްނޭގޭނެއެވެ. އެހެންކަމުން މައިންބަފައިން މިދުނިޔެ ދޫކޮށްފައިދާއިރު އެ ދެމީހުންގެ ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތުކޮށްފައި ދިއުމަކީ އެބައިމީހުންގެ މުޤައްދަޞް ޒިންމާއެކެވެ. ޒިންމާއަކަށްވުމުގެ އިތުރުން އެދަރިންނަކީ މާތްﷲ އެދެމަފިރިންނަށްދެއްވާ ބޮޑުވެގެންވާ ނިޢުމަތެކެވެ. އެހެނީ ދަރިންނަކީ މައިން ބަފައިންގެ ލޮލުގެ ފިނިކަމެވެ. ހިތުގެ ހިތްހަމަޖެހުމެވެ. ދިރިއުޅުމުގެ އުފަލެވެ. އެ ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމީ ދުނިޔެއާއި އާޚިރަތުގައިވެސް އެމީހުންނަށް މަތިވެރިދަރަޖަ ލިބިގެންވާ ކަމެކެވެ.

ކީރިތި މާތް ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީސް ކުރެއްވިއެވެ: (إِذا مَاتَ الإِنْسَانُ انْقَطَعَ عَنْهُ عَمَلُهُ إِلاَّ مِنْ ثَلاَثَةِ أَشْيَاءَ مِنْ صَدَقَةٍ جَارِيَةٍ أَوْ عِلْمٍ يُنْتَفَعُ بِهِ أَوْ وَلَدٍ صَالِحٍ يَدْعُو لَهُ ) [1].‏   މާނައީ އިންސާނަކު މަރުވުމުން އޭނާގެ ޢަމަލުތައް ތިން ކަމަކުންނޫނީ އޭނާގެ ކިބައިން ވަކިވެގެން ދެއެވެ. (އެޢީ): ދެމިގެންވާ ޞަދަޤާތަކުންނާއި ފައިދާކުރާ ޢިލްމަކުންނާއި ނުވަތަ އޭނާއަށް ހެޔޮ ދުޢާކުރާނެ ޞާލިޙު ދަރިއެކެވެ.

ދީންވެރި ޚުލްޤުހެޔޮ އަދި ކާމިޔާބު ދަރިއަކު އުފެއްދުމަށްޓަކައި ތަރުބިއްޔަތުގެ ގިނަ މާހިރުން ވިދާޅުވާ ގޮތުގައި ތަރުބިއްޔަތުގެ މަރުޙަލާތަށް ބައިތަކަކަށް ބެހިގެންދެއެވެ.

ދުނިޔެއަށް އުފަންވުމުގެ ކުރީގެ މަރުޙަލާ

މަތީގައި ކުރިންވެސް ބަޔާންކުރިފަދައިން ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތުކޮށް ދުނިޔެއާއި އާޚިރަތުގައިވެސް އެކުދިންނަކީ ކާމިޔާބުލިބިގެންވާ ބައެއްކަމުގައި ހެދުމަށްޓަކައި ދީންވެރި ޚުލްޤުހެޔޮ މަންމައަކާއި ބައްޕައެއް ހޯދުމަކީ އިސްލާމްދީން  ވަރަށް ބޮޑަށް ބާރުއަޅާ ކަމެކެވެ.

ކީރިތި ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީސް ކުރެއްވިއެވެ:  عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: ( تُنْكَحُ الْمَرْأَةُ لِأَرْبَعٍ : لِمَالِهَا ، وَلِحَسَبِهَا ، وَلِجَمَالِهَا ، وَلِدِينِهَا ، فَاظْفَرْ بِذَاتِ الدِّينِ تَرِبَتْ يَدَاكَ ) [2].

މާނައީ: أَبُو هُرَيْرَةَ رَضِيَ اللَّهُ عَنْهُ، النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ އަރިހުން ރިވާކުރެއްވިއެވެ. އެކަލޭގެފާނު ޙަދީސް ކުރެއްވިއެވެ: "އަންހެނަކާ ކާވެނި ކުރެވެނީ ތިން ކަމަކަށްޓަކައެވެ. އޭނާގެ މުދަލަށްޓަކައެވެ. އަދި އޭނާގެ ޙަސަބާއި ނަސަބަށްޓަކައެވެ. އަދި އޭނާގެ ރީތި ކަމަށްޓަކައެވެ. އަދި އޭނާގެ ދީންވެރި ކަމަށްޓަކައެވެ. ފަހެ ދީންވެރިޔާ އިޚްތިޔާރު ކުރާށެވެ. އޭރުން ހުރިހާކަމެއް ކާމިޔާބު ވާނެއެވެ."

ދަރިއަކު ލިބުމުގެ މާ ކުރިން، އެ ބޭނުންވާ ދަރިފުޅުގެ ތަރުބިޔަތުގެ ބިންގާ އަޅަންޖެހޭކަން މި ޙަދީސް ފުޅުން ހާމަވެގެން ދެއެވެ.  ހަމަ މިފަދައިން އަންހެންކުއްޖަކު މީހަކާ ކައިވެނިކުރާއިރުގައިވެސް ރަނގަޅު ފިރިއަކު ހޯދުމުގައި މި ޙަދީސްގައިވާގޮތަށް ޢަމަލުކުރުން އޭނާގެ މައްޗަށް ވާޖިބުވެގެންވެއެވެ.

ދަރިފުޅު ރަޙިމުގައި އަށަގަތީއްސުރެ ދުނިޔެއަށް ފުރަތަމަ ނޭވާލުމުގެ މަރުޙަލާއާއި ހަމައަށްވެސް އެއްވެސް އެހެންފަރާތެއްގެ ބާރަކާއިނުލާ އެކަނލާންގެ އެ ދަރިފުޅު ރައްކާތެރިކަންމަތީ ބަލަހައްޓަވައެވެ. އެއަށްފަހު ދުނިޔެއަށްލާ ފުރަތަމަ ނޭވާވެސް ލަނީ ފިޠުރަތުގެ ސާފުކަންމަތީގައެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ:

{وَلَقَدْ خَلَقْنَا الْإِنسَانَ مِن سُلَالَةٍ مِّن طِينٍ (12) ثُمَّ جَعَلْنَاهُ نُطْفَةً فِي قَرَارٍ مَّكِينٍ (13) ثُمَّ خَلَقْنَا النُّطْفَةَ عَلَقَةً فَخَلَقْنَا الْعَلَقَةَ مُضْغَةً فَخَلَقْنَا الْمُضْغَةَ عِظَامًا فَكَسَوْنَا الْعِظَامَ لَحْمًا ثُمَّ أَنشَأْنَاهُ خَلْقًا آخَرَ ۚ فَتَبَارَكَ اللَّهُ أَحْسَنُ الْخَالِقِينَ (14) ثُمَّ إِنَّكُم بَعْدَ ذَٰلِكَ لَمَيِّتُونَ (15)}[3] މާނައީ ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މަށީގެ خلاصة އިން އިންސާނާ (އެބަހީ: آدم ގެފާނު) ހެއްދެވީމެވެ. ދެން ތިމަންރަސްކަލާނގެ އެ އިންސާނާ، ރައްކާތެރިތަނެއްގައި، މަނިތިއްކެއްގެ ގޮތުގައި ލެއްވީމެވެ. ދެން ތިމަންރަސްކަލާނގެ އެ މަނިތިކި، ގަނޑުލޭކޮޅަކަށް ހެއްދެވީމެވެ. ދެން އެ ގަނޑުލޭކޮޅު، މަސްކޮޅަކަށް ހެއްދެވީމެވެ. ދެން އެ މަސްކޮޅު، ކަށްޓަށް ހެއްދެވީމެވެ. ދެން އެ ކަށީގައި މަސްލެއްވީމެވެ. ދެން އެހެންއުފެއްދެވުމަކުން އެ އިންސާނާ އުފެއްދެވީމެވެ. ފަހެ، އެންމެފުރިހަމައަށް ތަކެތި ހައްދަވާ اللَّه، މަތިވެރިވެވޮޑިގެންވެއެވެ. ދެން ހަމަކަށަވަރުން، ތިޔަބައިމީހުން އޭގެފަހުގައި މަރުވާނެކަންކަށަވަރެވެ.

ދަރިފުޅު ދުނިޔެއަށް އުފަންވުމުގެ ކުރީގެ މަރުޙަލާގެ ތެރެއިން ދެމަފިރިން ދަރިޔަކު ދުނިޔަށް އުފަންކުރުމަށް ނިޔަތްގަންނަ ހިސާބުންވެސް ރޫހާނީ ގޮތުން އެދަރިފުޅުގެ ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށްޓަކާ އެހެން ހުރިހާ ޙާލަތެއްގައި ވެސް ދުޢާތައް ދަސްކޮށްދެއްވާފައި ވާފަދައިން ދެމަފިރިން ޖިމާޢުވުމުގެ ކުރިން ކިޔަންޖެހޭ ދުޢާވެސް އަހަރުމެންގެ ލޮބުވެތި ރަސޫލާ އުގަންނައިދެއްވާފައި ވެއެވެ.  بِاسْمِ اللَّهِ اللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبْ الشَّيْطَانَ مَا رَزَقْتَنَا " رواه البخاري فتح رقم 138 . މާނައީ اللَّهގެ އިސްމުފުޅުގެ ބަރަކާތުން ފަށަމެވެ. ހައްދަވާ ބޮޑު ކުރެއްވި اللَّهއެވެ! އަޅަމެން ޝައިޠާނާގެ ކިބައިން ދުރުކުރައްވާށިއެވެ. އަދި އަޅަމެނަށް (ދެއްވާ ދަރިފުޅުގެ ކިބައިން) ޝައިޠާނާ ދުރު ކުރައްވާށިއެވެ.

އެއަށްފަހު ދަރިފުޅު މައިމީހާގެ ބަނޑުގައި ގަރުބަގަތްކަން ދެމަފިރިންނަށް އެނގޭހިސާބުން ފެށިގެންވެސް އެ ދެމަފިރިންގެ މައްޗަށްވާ މަސްއޫލިއްޔަތު ތަކެއްވެއެވެ. އެގޮތުން އެންމެ ފުރަތަމަކަމަކީ ދެމަފިރިން ދީނީ ކަންކަމަށް އިސްކަންދިނުމެވެ. އަދި ވަކިން ޚާއްޞަކޮށް ނަމާދަށް ފަރުވާ ބެހެއްޓުމެވެ.  އެއަށްފަހު ދަރިފުޅުގެ ދުޅަހެޔޮކަމަށްޓަކައި މައިމީހާ ރަނގަޅުކާނާ ކައި ޑޮކްޓަރުގެ ލަފާގެ މަތިން ބަރާބަރަށް ޑޮކްޓަރަށް ދެއްކުން ހިމެނެއެވެ. އޭގެއިތުރުން އެންމެ މުހިންމު އެއްކަމެއް ކަމުގައި އެ ދަރިފުޅުގެ (ޖިސްމާނީ އަދި ނަފްސާނީ) ދުޅަހެޔޮކަމާއި ދުނިޔެއާއި އާޚިރަތުގައިވެސް ކާމިޔާބު ލިބިގެންވާ ދަރިއަކުކަމުގައި ލެއްވުމަށްއެދި ދެމަފިރިން އަބަދުވެސް ދުޢާކުރުންހިމެނެއެވެ. އަދި ދީނީ އެހެނިހެން ވާޖިބުތަކަށް ވެސް ސަމާލުކަން ދޭންވާނެއެވެ. އެހެނީ މިހުރިހާ ކަމެއްގެ އަސަރު ބަނޑުގައިވާ ދަރިފުޅަށް ކުރާނެކަން ތަޖުރިބާ ތަކުން ކަށަވަރުވެއެވެ.ަަޙަ


[1] - أخرجه مسلم في صحيحه  (3/ 1255)

[2]- رواه البخاري (4802) ومسلم (1466)

[3]- سورة المؤمنون، الآية: 12- 15.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.