ޣައިރު މުސްލިމުންނާއި ހުޅަނގުގެ ބައެއް ފިކުރުތައް ބުނާގޮތުން އަންހެނުންގެ ޙައްޤުތައް އެންމެ ފުރިހަމައަށް ހިމާޔަތްކޮށްފައިވަނީ އެބައިމީހުން ހަދައިގެން އުޅޭ ވަޟުޢީ ޤާނޫނުތަކުގައެވެ. ނަމަވެސް އެބައިމީހުންގެ އެބަސްތައް މުގުރާލާނެ ބާރުގަދަ އެތައް ދަލީލުތަކެއް އިސްލާމީ ޝަރީޢަތުން ފެންނަން އެބަހުއްޓެވެ. ތިރީގައި މިބަޔާންކުރާ ތިން ޙަދީސްއަށް ބަލާ ލުމުން އެކަން ކަށަވަރު ވެގެން ދާނެ ކަމާމެދު ޝައްކެއް ނެތެވެ.
1- އަންހެން ދަރިއަކު ދުނިޔެއަށް އުފަންވުމަށް ފަހު އެދަރިފުޅު އޭނަގެ މައިންބަފައިންނަށް ސުވަރުގޭގެ ދޮރު ހުޅުވާލަދެއެވެ.
بقوله صلى الله عليه وسلم: ((مَنْ كَانَ لَهُ ابْنَتَانِ فَأَحْسَنَ إِلَيْهِمَا كُنَّ لَهُ سِتْرًا مِنْ النَّارِ)) މާނައީ: ކީރިތި ރަސޫލާ صلى الله عليه وسلم ގެ ބަސްފުޅެއްގައި ވެއެވެ. "މީހަކު އޭނާގެ ދެ އަންހެންކުދިންތިއްބެވެ. ދެން އެދެކުދިންނަށް އިޙްސާންތެރި ވެއްޖެނަމަ އެދެކުދިން އޭނާއާއި ނަރަކައާ ދެމެދުގައިވާ ހުރަހަކަށްވާނެތެވެ." މިހަދީސް ޝަރަޙަކުރައްވާ ގިނަ ޢިލްމުވެރިން ވިދާޅުވާގޮތުގައި މީހެއްގެ ހުރި އެންމެ އަންހެންކުއްޖަކަށް އިޙްސާތެރި ވީ މީހާ އަށްވެސް މިޝަރަފު ލިބޭނެތެވެ. އެހެނީ މިތަނުގައި މުހިއްމު ވަނީ ޢަދަދެއް ނޫނެވެ. އަންހެން ޖިންސެވެ.
އަންހެން ދަރިއަކު ދުނިޔެއަށް އުފަންވެ އެކުއްޖާ ރަނގަޅު ގޮތުގައި ތަރުބިއްޔަތުކޮށް ބިކުރުވެރި އަންހެން ކުއްޖެއްގެ ގޮތުގައި ރަނގަޅު ފިރިހެނަކާ ކައިވެނި ކޮށްދީފިނަމަ، އެމައިންބަފައިންނަށްޓަކައި މާތްﷲ ސުވަރުގޭގެ ދޮރު ކޮޅު ހުޅުއްވައި ދެއްވާނެކަން މިދަލީލުންނާއި ޝަރުޢީ އެހެން މަސްދަރުތަކުން ވެސް ސާބިތުވެއެވެ.
އެހެންކަމުން އެލިބޭ އަންހެންދަރިން ނަރަކައާއި އެ މައިންބަފައިންނާއި ދެމެދު ހުރަހަކަށްވާނީ ހަމަކަށަވަރުން އެމައިންބަފައިންވެސް މަސައްކަތްތަކެއް ކޮށް ވަރަށް ގިނަ ޤުރުބާނީ ތަކެއް އެދަރުފުޅަށްޓަކައި ވެގެންނެވެ. ހަމައެކަނި އަންހެން ދަރިއަކު އުފަންކޮށް، އެދަރިފުޅުގެ ޙައްޤުތަކާމެދު އިހުމާލުވުމުގެ ސަބަބުން އެކުއްޖާ މަގު ގެއްލި ހަލާކުވެގެން ގޮސްފިނަމަ މި މިންގަޑަށް އެމައިންބަފައިން ނުފެތޭނެކަން ކޮންމެ މީހަކަށްވެސް ޤަބޫލު ކުރެވޭނެއެވެ. އެހެންކަމުން އަޅުގަނޑުމެންނަށް އޮތީ އަންހެން ދަރިންނަށް އަޅާލައި މި ޙަދީސްގައިވާ ފަދަ އަންހެން ދަރިންނަށް ހެދުމަށް މަސައްކަތް ކުރުމެވެ. މާތްﷲ އެފަދަމީހެއްގެ އެޢަމަލު ގެއްލެނި ނުކުރައްވާނެއެވެ.
2- އަންހެން ދަރިއަކު ބާލިޣުވެ ކައިވެނި ކޮށްފި ނަމަ އޭނަގެ ފިރިމީހާގެ ދީނުގެ ދެބައިކޮށްފަ އެއްބައި ފުރިހަމަ ކޮށްދެއެވެ.
وَقَدْ رَوَى الْحَاكِمُ فِي الْمُسْتَدْرِكِ عَنْ أَنَسٍ مَرْفُوْعاً : " مَنْ رَزَقَهُ اللهُ اِمْرَأَةً صَالِحَةً فَقَدْ أَعَانَهُ عَلَى شَطْرِ دِيْنِهِ فَلْيَتَّقِ اللهِ فِي الشَّطْرِ الْبَاقِي "އަލްޙާކިމު އެކަލޭގެފާނުގެ އަލް މުސްތަދްރިކު އެވެ ކިޔުނު ފޮތުގައި އަނަސްގެފާނުގެ އަރިހުން މަރުފޫޢުކޮށް ރިވާ ކުރައްވާފައިވެއެވެ: "ﷲ ސުބްޙާނަހޫ ވަތަޢާލާ މީހަކަށް ޞާލިޙު އަންބަކު މިންވަރު ކުރެއްވުމަކީ އޭނާއަށް އޭނާގެ ދީނުގެ ދެބައިކުޅައެއްބައި މިންވަރު ކުރެއްވުމެވެ. ފަހެ އެއަށްފަހު އޭނާ އޭނާގެ ދީނުގެ ބާކީބައިގައި ﷲ އަށް ބިރުވެތިވެ ކާމިޔާބު ހޯދާށެވެ."
ދީންވެރި ސޯލިހު އަދި ޢިލްމާއި ޙިލްމު ލިބިގެންވާ އަންހެން ދަރިއަކު ކައިވެނިކޮށްފި ނަމަ އެކުއްޖަކު އޭނަގެ ފިރިމީހާއާއި ދަރިން ހެޔޮގޮތުގައި ބަލަހައްޓާނެއެވެ. އެބަހީ އޭނާ އަދާކުރަންޖެހޭ މަސްއޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާކުރާނެއެވެ. ޢަރަބި ބަހުގައި އަނބިންނަށް ނިސްބަތް ކޮށްފައިވަނީ "ރައްބަތުލް ބައިތި" ގެ ނަމުންނެވެ. އިނގިރޭސި ބަހުން ބުނާނަމަ "ކުއީން އޮފް ދަ ހައުސް" އެހެނީ ގޭގެ ރާނީއެވެ.
3- އަންހެން ދަރިއަކު ބާލިޣުވެ ތަސައްރަފު ފުދި ކައިވެނިކޮށް މަންމައަކަށް ވެއްޖެނަމަ ސުވަރުގެ ވަނީ އެމައިމީހާގެ ފައިތިލަ ދަށުގައެވެ. رَوَىَ ابْنُ مَاجَه وَالنَّسَائِي وَالْحَاكِمُ وَصَحَّحَهُ أَنَّ رَجْلاً قَالَ: يَا رَسُوْلَ اللهِ أَرَدْتُ أَنْ أَغْزُوَ، فَقَالَ لَهُ:" هَلْ لَكَ مِنْ أمٍّ؟" قَالَ: نَعَمْ:قَالَ:" فَالْزِمْهَا فَإِنَّ الْجَنَّةَ تَحْتَ رِجْلِهَا" އިބުންމާޖާ އާއި އައްނަސާއީ އާއި އަލްޙާކިމު ޞައްހަ ކުރައްވާފައި ވެއެވެ. "ހަމަކަށަވަރުން މީހަކު ކީރިތި ރަސޫލާ ގެ އަރިހަށް އައިސް ދެންނެވިއެވެ: އޭ ﷲގެ ރަސޫލާއެވެ. އަޅުގަނޑު (ﷲގެ މަގުގައި) ޖިހާދު ކުރަން ދިއުމަށް ޤަޞްދު ކޮށްފީމެވެ. ދެން ކީރިތި ރަސޫލާ އޭނާއަށް ޙަދީސް ކުރެއްވިއެވެ. ތިބާއަށް މަންމައަކުވޭހެއްޔެވެ. އޭނާދެންނެވިއެވެ: އާދޭހެވެ. ދެން ކީރިތި ރަސޫލާ ޙަދީސް ކުރެއްވިއެވެ: ފަހެ އޭނާގެ ޚިދުމަތުގައި ތިބާވާށެވެ. (އެބަހީ: ޖިހާދަށް ދިއުމުގެ ބަދަލުގައި ތިބާގެ މަންމަ އަށް ޚިދުމަތް ކުރުމުގައި ތިބާ ދެމި ހުންނާށެވެ.) ފަހެ ހަމަކަށަވަރުން ސުވަރުގެ ވަނީ އޭނާގެ (އެބަހީ:މަންމަގެ) ފައި ދަށުގައެވެ." މިޙަދީސްފުޅުން އެނގިގެން މިދިޔައީ ﷲގެ މަގުގައި ޖިހާދު ކުރުމަށްވުރެ މަންމައަށް ޚިދުމަތް ކުރުމުގެ ސަވާބާއި ދަރުމަ މާބޮޑުކަމެވެ.
އިސްވެބަޔާންކުރި 3 ޙަދީސްއަށް ވިސްނާލުމުންވެސް އިސްލާމްދީނުގައި އަންހެނުންނަށް ދެއްވާފައިވާ މަޤާމު އެނގިގެން ހިގައްޖެއެވެ. މިފަދަހައްޤުތަކެއް އެހެން އެއްވެސް ފަލްސަފާއެއްގައި އަންހެނުންނަށް ލިބިފައި ނޯންނާނެ ކަން ކަށަވަރެވެ.