އިޤްތިޞާދު ކޮޅަށް ޖެހުމަށް އެކުވެރި ޤައުމުތަކުން މާލީ އެހީތެރިން ހޯދަންޖެހޭކަމަށް އައްޑޫ މަރަދޫ ދާއިރާ މެންބަރު އިބްރާޙިމް ޝަރީފް ވިދާޅުވެއްޖެއެވެ.
އެނޭ މިހެން ވިދާޅުވީ ކޮވިޑާ ގުޅިގެން މާލިއްޔަތު ކޮމެޓީން އެކުލަވައިލި ރިޕޯޓާ ގުޅިގެން މަޖިލިހުގައި ކުރިއަށްދާ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. އެންމެ މުހިންމީ ވިހާވެސް އަވަހަށް އިޤްތިޞާދީ ޙަރާކާތްތައް ފެށުން ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މިހާރުން މިހާރަށް ކުރެވެން ހުރި މުހިންމު ކަންކަމަށް ފޯކަސް ކޮށްގެން ކުރިއަށް ދާންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. މުޅި ޤައުމުގައި ހުރި އެސެޓްތައް ހަލާކުވިޔަ ނުދީ ސަލާމަތް ކުރަން ޖެހޭކަމަށް ވިދާޅުވިއެވެ.
މިހާރު އޮތް ރަމްޒީ ޢަދަދުން އިޤްތިޞާދު ކޮޅަށް ނުޖެހޭ ނެކަމަށާއި އިތުރު ސްޓިމިއުލަސް ޕެކޭޖްތައް ތަޢާރަފް ކުރަންޖެހޭ ކަމަށް މެންބަރު ޝަރީފް ވިދާޅުވިއެވެ. އިޤްތިޞާދަށް 20-15 ބިލިއަން ރުފިޔާ ހޭދަކޮށްގެން ނޫނީ ރައްޔިތުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތް ކޮޅަށް ޖެހޭނެ ގޮތެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.
މިވަގުތަކީ އެކުވެރި ދައުލަތް ތަކުން މާލީ އެހީތެރިކަން ހޯދަންޖެހޭ ވަގުތެއް ކަމަށް މެންބަރު ޝަރީފް ވިދާޅުވިއެވެ. އެހެންޤައުމުތަކުން ވެސް އިޤްތިޞާދު ކޮޅަށްޖެހުމަށް ބޭރުގެ އެހީތެރިކަން ހޯދައިފައިވާކަން ޝަރީފް ފާހަގަ ކުރެއްވިއެވެ. މީގެ ކުރީ އަހަރުތަކުގައި އެކުވެރި ދައުލަތްތަކުން ގިނަ ޢަދަދެއްގެ ލޯންތައް ރާއްޖެއިން ވެސް ނަގައިފައިވާކަން ޝަރީފް ފާހަގަ ކުރެއްވިއެވެ. މިވަގުތު މީހުންނަށް ސަލާންޖެހުން ނޫން ގޮތެއް ނެތްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އަޚް ޗައިނާއާއި އިންޑިއާފަދަ ޤައުމުތަކުން ލޯނުތައް ނަގަން ޖަހޭ. ޗައިނާއިން 500 މިލިއަން ޑޮލަރުގެ ލޯން އިންޑިއާއިން ވެސް ނެގީ އިހަށް ދުވަހު. ސްރީލަންކާއިންވެސް (ލޯން) ނެގި. ރާއްޖެއިން ވެސް އެމަގަށް ނުދާންވީ ސަބަބެއް ނެތް" ކަމަށް މެންބަރު ޝަރީފް ވިދާޅުވިއެވެ.
ޑަބްލިޔޫޓީއޯއާއި އަޔާޓާ ފަދަ ޖަމާޢަތްތަކުން ލަފާކުރާ ގޮތުން ދުނިޔޭގެ ދަތުރުފަތުރުގެ ކަންތައް އާންމު ޙާލަތަށް އެޅޭނީ 2022 ވަނަ އަހަރު ކަމަށް ފާހަގަ ކުރައްވާ އެކަންކަމަށް ބަލާ އިޤްތިޞާދު ބައްޓަންކުރަންޖޭކަމަށް އޭނާ ވިދާޅުވިއެވެ.
އިޤްޞާދީ ގޮތުން ސަރުކާރުން އެކުލަވާލައުފައި ވަނީ މުޅިންވެސް މެދުރާސްތާ އާއި ދިގުރާސްތާ ޕްލޭންތައްކަން ފާހަގަ ކުރައްވާ ޝަރީފް ވިދާޅުވީ މިހާރުން މިހާރަށް އާމްދަނި ހޯދަން ކުރެވެން ހުރި ކަންކަމަށް ފޯކަސް ކުރަންޖެހޭ ކަމަށެވެ. އެކިއެކި ސަބަބުތަކާ ހުރެ ބައިވަރު މަސްދޯނި ފަހަރު ހުށްޓި މަހަށް ނުފުރިފައިވާ ކަމަށް ވިދާޅުވިއެވެ. ރިސޯރޓް ތަކުގެ ބޯއިން ކުރާނެ ކަމެއްނެތި ތިބުމުގެ ބަދަލުގައި ރަށްރަށުގައި ތިބެ ކުރެވޭނެ އިޤްތުޞާދީ މަސައްކަތެއް ދައްކަންޖެހޭ ކަމަށް މެންބަރު ޝަރީފް ވިދާޅުވިއެވެ. ތިންމަސް ދުވަހަށް އެމީހުންނަށް ދޭ އެލަވަންސުން ފުއްދައިލައިގެން ނޫޅެވޭނެކަމަށް ވިދާޅުވިއެވެ. އެގޮތުން ބަލާއިރު މިހާރުން މިހާރަށް ވެސް ކުރެވޭނެ އެންމެ ފައިދާ ހުރި މަސައްކަތަކަށް ވާނީ މަހަށް ނުފުރި ހުރި ދޯނި ފަހަރަށް އިންވެސްޓްކޮށްދީގެން މަހަށް ފުރުވޭނެ ގޮތެއް ހޯދުން ކަމަށް އޭނާ ވިދާޅުވިއެވެ. އައްޑޫ މަރަދޫ އަކީ މަސްވެރި ރަށެއްކަން ފާހަގަކުރައްވައި އެރަށުގައި އަދިވެސް އިތުރު 5 ދޯނި ދުއްވޭނެކަން މަރަދޫ ދާއިރާގެ މެންބަރު ޝަރީފް ފާހަގަ ކުރެއްވިއެވެ.