މި ސަރުކާރަށް ލިބުނީ ނުނިމި އޮތް ބްރިޖެއް: މެންބަރު ރާޝިދު

މި ސަރުކާރަށް ލިބުނީ ނުނިމި އޮތް ބްރިޖެއް ކަމަށާއި އެ ބްރިޖް ނިންމަން ޖެހުނީ މި ސަރުކާރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޝިދު ވިދާޅުވެއްޖެއެވެ.

ރާޝިދު މިފަދައިން ވިދާޅުވީ ސަރުކާރުގެ ދަރަނި އަދާކުރުމުގައި ކަންކަން ކުރުމަށް މަޖިލީހުން ލަފާދީފައިވާ ގޮތަށް ކަންކަންނުކުރާތީ ކަންބޮޑުވުން ފާޅުކޮށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ހުށަހެޅުއްވި ޤަރާރަށް ބަހުސްކުރައްވަމުން މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރާޝިދު ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރުތަކުން ނެގި ލޯނުތަކުން ކުރި އެއްވެސް ކަމެއް ފެންނާކަށް ނެތެވެ. މި ސަރުކާރުން ނެގި ލޯނުތަކުން ކުރާ ކަންތައް ލޯ މައްޗަށް ފެންނާން އެބަހުއްޓެވެ.

"ހާއަލިފު ތުރާކުނުން ފެށިގެން އައްޑޫއާ ހަމައަށް އަޅުގަނޑުމެން ބަލާލާއިރު، ކުރީ ސަރުކާރުތަކުން 20 ބިލިއަނުން 30 ބިލިއަނުން 40 ބިލިއަނުން ލޯނުތައް ނަގާފައި ހުރިއިރު އެ ލޯނުތައް އެޅީ ކޮންތަނަކަށްކަން ފެންނާކަށް ނެތް،" ރާޝިދު ވިދާޅުވިއެވެ.ރާޝިދު ވިދާޅުވި ގޮތުގައި ލޯނު ނުދެއްކިގެން ކަންތައްތައް ގޯހުން ގޯހަށް ދާ މަންޒަރެއް ނުފެނެއެވެ. ލޯނު ނަގައިގެން ރައްޔިތުންނަށް ފައިދާހުރި ކަންތައްތައް ކޮށްދޭ ކަމުގައި ވަންޏާ އެއްވެސް މައްސަލައެއް ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.