މުޞީބާތް ޖައްސަވައި ހަލާކުކުރެއްވި ގައުމުތަކުގެ ތެރެއިން: (2) ޘަމޫދު ބާގަ

ޘަމޫދު ބާގައިގެ މީހުން ފަރުބަދަ ކަނޑައިކޮށައިގެން ބިނާކޮށްފައިވާ ގެތައް

ޘަަމޫދު ބާގައިގެ މީހުން ނިސްބަތްވަނީ ސަލާމްލެއްވި ނޫޙުގެފާނުގެ ސާމުދަރިކޮޅުން އައި ޘަމޫދަށެވެ. އެބައިމީހުން އުޅުނީ ޢީސާގެފާނަށްވުރެ ކުރިން އަށްވަނަ ގަރުނާއި، ތިންވަނަ ގަރުނާއި ދެމެދު ޙިޖާޒުކަރައިގެ ޙިޖްރާއި އެރަށުގެ ވަށަގެންވާ ސަރަަޙައްދުގައެވެ. (މިހާރުގެ ސަޢޫދީ ޢަރަބިއްޔާގެ މަދާއިނު ޞާލިޙަކީ އެބައިމީހުން އުޅުނު ސަރަޙައްދެވެ.) އެބައިމީހުންނަކީ އިމާރާތްކުރުމުގެ ފަންނުގައި ކުރިއަރައި ތިބި ބައެކެވެ. އެބައިިމީހުން ފަރުބަދަތައް ކަނޑައިކޮށައިގެން ގެތައް ބިނާކޮށް އުޅުނެވެ. އެބައިމީހުންނާ ބެހޭގޮތުން މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿وَلَقَدْ كَذَّبَ أَصْحَـٰبُ ٱلْحِجْرِ ٱلْمُرْسَلِينَ * وَءَاتَيْنَـٰهُمْ ءَايَـٰتِنَا فَكَانُوا۟ عَنْهَا مُعْرِضِينَ * وَكَانُوا۟ يَنْحِتُونَ مِنَ ٱلْجِبَالِ بُيُوتًا ءَامِنِينَ﴾ (ހަމަކަށަވަރުން، حِجْر ގެ أهل ވެރިން (އެބަހީ: ثمود ބާގައިމީހުން) رسول ން ދޮގުކުޅައޫއެވެ. * އަދި އެއުރެންނަށް ތިމަންރަސްކަލާނގެ ހެކިތައް ގެނެސްދެއްވީމެވެ. ފަހެ، އެ ހެކިތަކަށް ފުރަގަސްދޭ ބަޔަކުކަމުގައި އެއުރެންވޫއެވެ. * އަދި އަމާންވެގެން ތިބިކަމަށް (ހީކޮށް) ފަރުބަދަތަކުން ކަނޑައިކޮށައިގެން، ގެތައް ހަދާބަޔަކު ކަމުގައި އެއުރެންވޫއެވެ.) (އަލްޙިޖްރު: 80-82)

ޘަމޫދު ބާގައިގެ މީހުން ބުދަށް އަޅުކަންކުރަމުން ދިއުމުގެ ސަބަބުން، އެބައިިމީހުންނަށް ތެދުމަަގަށް ގޮވައިލެއްވުމަށް މާތް ﷲ އެބައިމީހުންގެ ގާތަށް އެކަލާނގެ ރަަސޫލާ، ސަލާމްލެއްވި ޞާލިޙުގެފާނު ފޮނުއްވިއެވެ. އެކަލޭގެފާނު އެބައިމީހުންނަށް މާތް ﷲގެ ނިޢުމަތްތައް ހަނދާކޮށްދެއްވައި އެބައިމީހުން ތެދު މަގަށް އެނބުރޭތޯ މަސައްކަތްކުރެއްވިއެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿وَٱذْكُرُوٓا۟ إِذْ جَعَلَكُمْ خُلَفَآءَ مِنۢ بَعْدِ عَادٍ وَبَوَّأَكُمْ فِى ٱلْأَرْضِ تَتَّخِذُونَ مِن سُهُولِهَا قُصُورًا وَتَنْحِتُونَ ٱلْجِبَالَ بُيُوتًا ۖ فَٱذْكُرُوٓا۟ ءَالَآءَ ٱللَّهِ وَلَا تَعْثَوْا۟ فِى ٱلْأَرْضِ مُفْسِدِينَ﴾ (އަދި عاد ބާގައިމީހުންގެ ފަހުން، خليفة އިން ކަމުގައި އެކަލާނގެ ތިޔަބައިމީހުން ލެއްވިކަމާއި، ބިމުގައި ތިޔަބައިމީހުން ވަޒަންވެރި ކުރެއްވިކަން ހަނދުމަކުރާށެވެ! އެތާނގެ ހަމަބިންތަކުން ގަނޑުވަރުތައް ތިޔަބައިމީހުން ހަދަމުއެވެ. އަދި ފަރުބަދަތައް ކަނޑައިގެން، ގެތައްވެސް ތިޔަބައިމީހުން ހަދަމުއެވެ. ފަހެ، اللَّه ގެ نعمة ތައް ތިޔަބައިމީހުން ހަނދުމަކުރާށެވެ! އަދި فاسد ން ކަމުގައިވެތިބެ، ތިޔަބައިމީހުން ބިމުގައި فساد ނުކުރާހުށިކަމެވެ!) (އަލްއަޢުރާފު: 74)

ޞާލިޙުގެފާނުގެ ގޮވައިލެއްވުމަށް ފުރަގަސްދީ އެބައިމީހުން އެދުނީ އެކަލޭގެފާނުގެ ރަސޫލުކަން ތެދުކުރާ މުޢުޖިޒާތެއް ދެއްކެވުމަށެވެ. މާތް ﷲ ކޮންމެ ގައުމަކަށް ވެސް މުޢުޖިޒާތް ފޮނުއްވަނީ އެބައިމީހުން އެކަމެއްގައި އެންމެ ކުރިއަރާފައިވާ ކަމަކާ ގުޅުވައިގެންނެވެ. ޘަމޫދު ބާގައި މީހުންނަކީ ހިލަ ފަރުބަދަތައް ކަނޑައިކޮށައިގެން ގެތައް ބިނާކުރި ބަޔަކަށް ވާތީ މާތް ﷲ ކަޅު ހިލަގަނޑެއް ފަޅުއްވައި އެ ހިލަނގަނޑުން ޖަމަލެއް ނެރުއްވިއެވެ. އަދި އެ ޖަމަލަށް އެއްވެސް ގެއްލުމެއް ނުދިނުމަށް އެބައިމީހުންނަށް އެންގެވިއެވެ. އަދި އެެއަށް ގެއްލުމެއް ދީފިނަމަ މާތް ﷲގެ ޢަޛާބު އެބައިމީހުންގެ މައްޗަށް ހައްގުވާނެކަން އެންގެވިއެވެ. އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ. ﴿وَيَـٰقَوْمِ هَـٰذِهِۦ نَاقَةُ ٱللَّهِ لَكُمْ ءَايَةً فَذَرُوهَا تَأْكُلْ فِىٓ أَرْضِ ٱللَّهِ وَلَا تَمَسُّوهَا بِسُوٓءٍ فَيَأْخُذَكُمْ عَذَابٌ قَرِيبٌ﴾ (އޭ އަހުރެންގެ قوم ގެމީހުންނޭވެ! މިއޮތީ ތިޔަބައިމީހުންނަށް ހެތްކެއްގެ ގޮތުގައި އޮތް اللَّه ގެ جمل އެވެ. ފަހެ، اللَّه ގެ ބިމުގައި، އެ جمل ކައިއުޅޭން އޭތި ދޫކޮށްލާށެވެ! އަދި އެއަށް އެއްވެސް ގޯނާއެއް ނުކުރާށެވެ! ފަހެ، (އެކަންކޮށްފިނަމަ) ގާތްވެގެންވާ عذاب އެއް އައިސް ތިޔަބައިމީހުންނަށް ޖެހިދާނެތެވެ.) (ހޫދު: 64)

އެގައުމުގެ ފެން ނަގާ ވަޅުތަކުން އެއް ދުވަހު ފެންބޮނީ އެ ޖަމަލު އެކަންޏެވެ. އަނެއް ދުވަހު ގައުމުގެ މީހުންނެވެ. ޖަމަލު ފެންބޯ ދުވަހު ގައުމުގެ އެންމެންނަށް ފުދޭވަރަށް އެ ޖަމަލުން ކިރު ލިބެއެެެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿قَالَ هَـٰذِهِۦ نَاقَةٌ لَّهَا شِرْبٌ وَلَكُمْ شِرْبُ يَوْمٍ مَّعْلُومٍ﴾ (އެކަލޭގެފާނު ވިދާޅުވިއެވެ. މިއޮތީ جمل އެކެވެ. އެ އެއްޗަށް ބޯފެނުގެ حصّة އެއް ވެއެވެ. އަދި ތިޔަބައިމީހުންނަށްވެސް ކަނޑައެޅި އެނގިގެންވާ ދުވަހެއްގެ ބޯފެނުގެ حصّة އެއް ވެއެވެ.) (އައްޝުޢަރާއު: 155)

ޢަޛާބު އަންނާނެކަމުން އިންޒާރާއެކުވެސް، ޘަމޫދު ބާގައިގެ މީހުން އެބައިމީހުންގެ ވެރިރަސްކަލާނގެއަށާއި، އެކަލާނގެ ފޮނުއްވި ރަސޫލާއަށް ނުކިޔަމަންތެރިވެ ބޮޑާކަން ދެއްކިއެވެ. އަދި އެ ޖަމަލު މަރައިލިއެވެ. ދެން މާތް ﷲ އެބައިމީހުންގެ މައްޗަށް ފޮނުއްވި މުޞީބާތަކީ ބިރުވެރިކަން ބޮޑު މުޞީބާތެކެވެ. ދުނިޔެ މަތީގައި ދެއްކެވި ޢަޛާބެއްގެ ގޮތުގައި ފޮނުއްވި އެ މުޞީބާތުގައި އެބައިމީހުން އެންމެން ނެތިދިޔައެވެ. ﴿فَعَقَرُوهَا فَقَالَ تَمَتَّعُوا۟ فِى دَارِكُمْ ثَلَـٰثَةَ أَيَّامٍ ۖ ذَ‌ٰلِكَ وَعْدٌ غَيْرُ مَكْذُوبٍ * فَلَمَّا جَآءَ أَمْرُنَا نَجَّيْنَا صَـٰلِحًا وَٱلَّذِينَ ءَامَنُوا۟ مَعَهُۥ بِرَحْمَةٍ مِّنَّا وَمِنْ خِزْىِ يَوْمِئِذٍ ۗ إِنَّ رَبَّكَ هُوَ ٱلْقَوِىُّ ٱلْعَزِيزُ * وَأَخَذَ ٱلَّذِينَ ظَلَمُوا۟ ٱلصَّيْحَةُ فَأَصْبَحُوا۟ فِى دِيَـٰرِهِمْ جَـٰثِمِينَ * كَأَن لَّمْ يَغْنَوْا۟ فِيهَآ ۗ أَلَآ إِنَّ ثَمُودَا۟ كَفَرُوا۟ رَبَّهُمْ ۗ أَلَا بُعْدًا لِّثَمُودَ ﴾ (ނަމަވެސް، އެއުރެން އެ جمل މަރައިލީއެވެ. ދެން އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންގެ ގެދޮރުގައި، ތިންދުވަސްވަންދެން ތިޔަބައިމީހުން އުފާކޮށް އުޅޭށެވެ! އެއީ ދޮގުނުކުރެވޭނެ وعد އެކެވެ. * ދެންފަހެ، ތިމަންރަސްކަލާނގެ (عذاب ގެ) أمر ފުޅު އައިހިނދު، صالح ގެފާނާއި، އެކަލޭގެފާނުގެ އަރިހުގައި إيمان ވި މީހުން، ތިމަންރަސްކަލާނގެ حضرة ންލެއްވި رحمة އާއެކު، އެދުވަހުގެ ނިކަމެތިކަމުން ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ބާރުވެރިވަންތަ، ގަދަފަދަވަންތަ ރަސްކަލާނގެއެވެ. * އަދި (ބިރުވެރި) އަޑުއައިސް އަނިޔާވެރިވި މީހުން ހަލާކުކުރިއެވެ. ދެން ހެނދުންވީއިރު، އެއުރެންގެ ގޯތިގެދޮރުގައި، އެއުރެން ތިބީ، ކަކޫ މައްޗަށް ތިރިވެ، މަރުވެފައެވެ. * އެއުރެން އެތާ އުޅެފައި ނުވާކަހަލައެވެ. ދަންނާށެވެ! ހަމަކަށަވަރުން، ثمود ބާގައިމީހުން، އެއުރެންގެ ވެރިރަސްކަލާނގެއަށް كافر ވޫއެވެ. ދަންނާށެވެ! ثمود ބާގައިމީހުންނަށް ހަލާކާއި ގެއްލުން ހުށްޓެވެ. (ހޫދު: 65-66)

މާތް ﷲ އެބައިމީހުންގެ ގާތަށް ސަލާމްލެއްވި ޖިބްރީލުގެފާނު ފޮނުއްވުމުން އެކަލޭގެފާނު ގަދަފަދަ އަޑެއްގެ ސަބަބުން އެބައިމީހުން ހިތްތައް ފަޅައިގެން ގޮސް އެެންމެން މަރުވިއެވެ. އެބައިމީހުން ފަރުބަދަ ކަނޑައިކޮށައިގެން ބިނާކުރި ގޮތަށް މިއަދާ ހަަމައަށްވެސް ޢިބުރަތެއްގެ ގޮތުގައި ފެންނާން އެބަހުއްޓެވެ. ސަޢޫދީ ޢަރަބިއްޔާގެ މަދާއިނު ޞާލިޙުގައި އެ ގެތައް ފެންނާން އެބަހުއްޓެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.