ގަދަކީރިތިވަންތަ ﷲ އިންސާނުންގެ މައްޗަށް މުޞީބާތް ފޮނުއްވާ ސަބަބުތަކާއި، މުޞީބާތުގައި މުސްލިމުންނާއި ޣައިރު މުސްލިމުންގެ ސުލޫކާއި، މުޞީބާތްތަކުން ލިބިގަންނަންވީ ބައެއް ފިލާވަޅުތަކަށް ބަލައިލުމަށް ފަހު، ދެން އިސްލާމީ ތާރީޚުގައި މުސްލިމުންނަށް ކުރިމަތިވި ބައެއް މުޞީބާތްތަކަށް ބަލައިލާނަމެވެ.
ކީރިިތި ރަސޫލާ صلى الله عليه وسلم ގެ ސީރަތަށާއި، އިސްލާމީ ތާރީޚަށް ބަލާއިރު، މުސްލިމުންނަށް ކުރިމަތިވި އެންމެ ބޮޑު އެއް މުޞީބާތަކީ އުޙުދު ހަނގުރާމައިގެ ދުވަހު އެބައިމީހުންނަށް ކުރިމަތިވި ބޮޑު ހިތާމައެވެ.
މި ހިތާމަ ކުރިމަތިވީ މުސްލިމުންގެ ތެރެއިން ބަޔަކު ރަސޫލުﷲ صلى الله عليه وسلم ގެ އަމުރުފުޅާ ޚިލާފުވުމުންނެވެ. ހަނގުރާމަ ފެށުނު އިރު މުސްލިމުންގެ ލަޝްކަރުގެ ފަަހަތް ބަލަަހައްޓަން އިތުރު އެކަލޭގެފާނު ވަނީ މުސްލިމުންގެ ފަހަތުގައި ހުރި ކުޑަ ފަރުބަދައެެއްގެ މަތީގައި ތީރުއުކުންތެރިން ބައިތިއްބަވާފައެވެ. އަދި އެކަލޭގެފާނު ނައަންގަވަނީސް އެ ފަރުބަދައިގެ މަތިން ނުފޭބުމަށް އެބައިމީހުންނަށް އަމުރުކުރައްވާފައެވެ. އެހެންނަމަވެސް، ހަނގުރާމައިގެ ވަކި ހިސާބަކުން މުޝްރިކުން ބަލިވާން ފެށުމުން ފަރުބަދަމަތީގައި ތިބި ތީރުއުކުންތެރިން ވަނީ ފަރުބަދައިގެ މަތިން ފައިބާފައެވެ. އެތަން ފެނި، މުޝްރިކުންގެ ލަޝްކަރު އެނބުރި އައިސް މުސްލިމުންގެ ފަހަތުން އެބައިމީހުންނަށް ހަމަލާދިނެވެ.
މާތް ﷲ ވަނީ އެދުވަހުގެ ބޮޑު ހިތާމަ މުޞީބާތުގެ ގޮތުގައި ސިފަކުރައްވާފައެވެ. އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ. ﴿أَوَلَمَّآ أَصَـٰبَتْكُم مُّصِيبَةٌ قَدْ أَصَبْتُم مِّثْلَيْهَا قُلْتُمْ أَنَّىٰ هَـٰذَا ۖ قُلْ هُوَ مِنْ عِندِ أَنفُسِكُمْ ۗ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ﴾ (މިކަންތައްއައީ ކޮންތާކުންހޭ ތިޔަބައިމީހުން ބުނީ، ތިޔަބައިމީހުންނަށް مصيبة އެއް އައިސް ޖެހުނީމާ ހެއްޔެވެ؟ ހަމަކަށަވަރުން، އެ مصيبة ގެ ދެގުނަ (އެއުރެންނަށް) ތިޔަބައިމީހުންވަނީ ޖައްސާފައެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއީ، ތިޔަބައިމީހުންގެ އަމިއްލަ نفس ގެ ފަރާތުން އައިކަމެކެވެ. ހަމަކަށަވަރުން، اللَّه އީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.) (އާލުޢިމްރާން: 165)
އުޙުދު ހަނގުރާމައިގައި ޖެހުނު މުޞީބާތުގައި އަޞްޙާބު ބޭކަލުންގެ ތެރެއިން 70 ބޭކަލަކު ޝަހީދުވެވަޑައިގަތެެވެ. އެބޭކަލުންގެ ތެރޭގައި ކީރިތި ރަސޫލާ صلى الله عليه وسلم ގެ ބޮޑުބޭބޭފުޅު ޙަމްޒާ ބިން ޢަބްދުލްމުއްޠަލިބު ވެެސް ހިމެނިވަޑައިގަތެވެ. އަދި އެދުވަހު އިތުރު އެކަލޭގެފާނުގެ އިސްތަށިފުޅު ފަޅައިގެން ގޮސް، ދަތްޕުޅެއް ބިނދި، އެކަލޭގެފާނުވެސް ޒަޚަމްވެވަޑައިގަތެެވެ.
ފުން ހިތާމައިގެ އެ ދަނޑިވަޅު ރަސޫލުﷲ صلى الله عليه وسلم އަށް މިފަަދައިން ޙަދީޘުކުރެއްވުނެެވެ. " كَيْفَ يُفْلِحُ قَوْمٌ شَجُّوا نَبِيَّهُمْ وَكَسَرُوا رَبَاعِيَتَهُ وَهُوَ يَدْعُوهُمْ إِلَى اللَّهِ " (އެކަލޭގެފާނު އެބައިމީހުންނަށް ﷲގެ މަގަށް ގޮވައިލައްވަމުން ދަނިކޮށް އެބައިމީހުންގެ ނަބިއްޔާގެ އިސްތަަށިފުޅު ފަޅާލައި، އެކަލާގެފާނު މެދު ދަތްޕުޅު ބިންދާލި ބަޔަކު ދިންނަވާނީ ކިހިނަކުން ހެއްޔެވެ.) (އަނަސު ބިން މާލިކު އަރިހުން ރިވާވެފައިވާ ޙަދީޘެއް- ޞަޙީޙު މުސްލިމް، ޙަދީޘު: 1791)
މުސްލިމުންނަށް އެ ދުވަހު މި ބޮޑު މުޞީބާތް ކުރިމަތިވީ އެބައިމީހުން ނަބިއްޔާގެ އަމުރުފުޅާ ޚިލާފުވެ، ދުނިޔޭގެ ފައިދާ (ޣަނީމާ މުދާ) ހޯދުމަށް އަވަސްވެގަތުމުންނެވެ. މިކަން ބަޔާންކުރައްވަމުން މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿وَلَقَدْ صَدَقَكُمُ ٱللَّهُ وَعْدَهُۥٓ إِذْ تَحُسُّونَهُم بِإِذْنِهِۦ ۖ حَتَّىٰٓ إِذَا فَشِلْتُمْ وَتَنَـٰزَعْتُمْ فِى ٱلْأَمْرِ وَعَصَيْتُم مِّنۢ بَعْدِ مَآ أَرَىٰكُم مَّا تُحِبُّونَ ۚ مِنكُم مَّن يُرِيدُ ٱلدُّنْيَا وَمِنكُم مَّن يُرِيدُ ٱلْءَاخِرَةَ ۚ ثُمَّ صَرَفَكُمْ عَنْهُمْ لِيَبْتَلِيَكُمْ ۖ وَلَقَدْ عَفَا عَنكُمْ ۗ وَٱللَّهُ ذُو فَضْلٍ عَلَى ٱلْمُؤْمِنِينَ﴾ (ހަމަކަށަވަރުން اللَّه، ތިޔަބައިމީހުންނަށް، އެކަލާނގެ وعد ފުޅު ފުއްދަވައި ދެއްވިއެވެ. އެކަލާނގެ إذن ފުޅާލައިގެން ތިޔަބައިމީހުން އެ كافر ން قتل ކޮށް ނެތިކުރަމުން ދިޔަހިނދުގައެވެ. ތިޔަބައިމީހުން ހިތްއެދޭ ކަންތައް ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދެއްކެވުމަށްފަހު، ތިޔަބައިމީހުން އުރެދި، އަދި (رسول އާ އެންގެވި) ކަންތަކުގައި ތިޔަބައިމީހުން ދެބަސްވެ، ފިނޑިވެއްޖައުމަށް ދާނދެނެވެ. ތިޔަބައިމީހުންގެ ތެރޭގައި ދުނިޔެ އެދޭ މީހުންވެއެވެ. އަދި، ތިޔަބައިމީހުންގެ ތެރޭގައި آخرة އެދޭމީހުންވެސްވެއެވެ. ދެން، އެ كافر ންގެ ކިބައިން ތިޔަބައިމީހުން އެއްކިބާ ކުރެއްވިއެވެ. އެއީ، ތިޔަބައިމީހުން امتحان ކުރެއްވުމަށްޓަކައެވެ. އަދި، ހަމަކަށަވަރުން އެކަލާނގެ ތިޔަބައިމީހުންނަށް عفو ކުރެއްވިއެވެ. اللَّه އީ، مؤمن ތަކުންގެ މައްޗަށް فضل ވަންތަވެރި ރަސްކަލާނގެއެވެ. (އާލުޢިމްރާން: 152)
މުސްލިމުންެ ތެރެއިން ބަޔަކު ރަސޫލާ އަށް އުރެދުމުން، މިފަދަ ބޮޑު އިމްތިޙާނަކުން މާތް ﷲ އެބައިމީހުން އިމްތީޙާނުކުރެއްވީ ވަރަށް މަތިވެރި މަޤްޞަދަކަށްޓަކައެެވެ. އެއީ ހަގީގީ މުއުމިނުންނާ މުނާފިޤުން ވަކިކުރެއްވުމަށެވެ. މިކަން ބަޔާންކުރައްވަމުން މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿وَمَآ أَصَـٰبَكُمْ يَوْمَ ٱلْتَقَى ٱلْجَمْعَانِ فَبِإِذْنِ ٱللَّهِ وَلِيَعْلَمَ ٱلْمُؤْمِنِينَ * وَلِيَعْلَمَ ٱلَّذِينَ نَافَقُوا۟ ۚ﴾ ((أُحد ހަނގުރާމައިގައި) ދެ لشكر ބައްދަލުވި ދުވަހު، ތިޔަބައިމީހުންނަށް ޖެހުނުކަންތައް (ދަންނާށެވެ!) ފަހެ، އެއީ اللَّه ގެ إذن ފުޅާ ލައިގެން ޖެހުނުކަމެކެވެ. އަދި، (ތެދުވެރި) مؤمن ން ދެނެވޮޑިގެންވެ، އެކަން ހާމަކުރެއްވުމަށްޓަކައެވެ. * އަދި، منافق ވި މީހުން އެކަލާނގެ ދެނެވޮޑިގެންވެ، އެކަން ހާމަކުރެއްވުމަށްޓަކައެވެ. (އާލުޢިމްރާން: 166-167)
ކީރިތި ރަސޫލު ގެ ޙަޔާތްޕުޅުގައި މުސްލިމުންނަށް ކުރިމަތިވި މި ބޮޑު މުޞީބާތުން ލިބޭ އެންެމެ ބޮޑު ފިލާވަޅަކީ މާތް ﷲއާއި އެކަލާނގެ ރަސޫލާއަށް އުރެދުމަކީ މުޞީބާތް ފޮނުއްވާ އެެއް ސަބަބަށް ވުމެވެ.