މުޞްޙަފް - 11

(10 މޭ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އަހަރެން މި ދެއްކީ ހައިރާން ވާން ޖެހޭ ކަހަލަ ވާހަކައެއްތަ؟" ފަވާދް ތެދުވެ، މެހެމަލްގެ ކައިރިއަށް ޖެހިލިއެވެ. ހަމަ ހަގީގަތުގައިވެސް އޭނާ އިސްކޮޅުން ދިގު ކަމަށް މެހެމަލަށް ފާހަގަ ކުރެވުނެވެ.

"ނޭ...ނޭނގެ."

"ވިޔަފާރިއާ ހަވާލުވާން މެހެމަލް ބޭނުންތަ؟"

"ހަވާލުވާން ބޭނުން. އެކަމަކު އެއީ ކިހިނެއް ވާނޭ ކަމެއް؟"

"ހަމަ ހަގީގަތުގައިވެސް ހަވާލުވާން ބޭނުންތަ؟" ފަވާދްގެ މޫނުމައްޗަށް އުފާވެރި ހައިރާންކަމެއްގެ ކުލަވަރު އެރިއެވެ. "މާނައަކީ އަހަރެން މެހެމަލް އޮފީހަށް ގެންދިޔައީމާ އަހަންނާ އެކީ މަސައްކަތް ކުރާނަމޭތަ؟"

"އާނ... އާނ." އޭނާގެ ހިތް ވަރަށް ބާރަށް ތެޅޭން ފަށައިފިއެވެ. ހަށިގަނޑުގައިވެސް ކުޑަކުޑަ ތުރުތުރެއް އުފެދިއްޖެއެވެ.

"އެންމެ ރަނގަޅު. އަހަރެން ބައްޕަޔާ ވާހަކަ ދައްކާނަން."

"އާޣާޖާން ހުއްދަ ދެއްވާނެތަ؟" އޭނާގެ ހިތުގައި ޝައްކު އުފެދޭން ފަށައިފިއެވެ.

"އާނ... ހުއްދަ ނުދެއްވާންވީ ކީއްވެގެން؟" ފަވާދް ހިނިތުންވެލިއެވެ.

އުފާ ފާޅު ކުރާންވީ ކަމެއް ނޫން ކަމެއް އޭނާއަކަށް ވިސްނައެއް ނުގަނެވުނެވެ. ކުއްލިއަކަށް އޭނާގެ މުށުތެރެއަށް ހުރިހައި ކަމެއް އައުމުގެ ކުލަވަރު ފެންނާން ފަށައިފިއެވެ.

މުދަލާއި ފައިސާ... ލޯބިވެރިޔާ... ފައިދަށުގައި...

އެ ކަޅު އަންހެން ކުއްޖާގެ ފޮތުގެ ބޭނުމެއް ދެނެއް ހަމަގައިމުވެސް ނޯންނާނެއެވެ.

އޭނާ ކޮޓަރިއަށް އެނބުރި އައީ ވައިގެ ތެރޭގައި އުދުހެމުން ކަހަލަ ގޮތަކަށެވެ.

އޭނާ ވިޔަފާރީގައި ބައިވެރި ކުރާ ވާހަކަ އެރޭ އާޣާ ކަރީމް ގާތު ފަވާދް ބުނީމާ އެންމެ ފުރަތަމަ އެކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކީ ޙަސަނެވެ.

"ތިޔައީ ކީއް ކުރަން ކުރާ ކަމެއް؟ މި ވަގުތު މެހެމަލް އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ އޭނާގެ ކިޔެވުމަށް." ޙަސަންގެ ވާހަކައިގެ ސަބަބުން މެހެމަލް ނުރުހުންވިއެވެ. މި ވަގުތު ގޭގެ އަންހެންވެރިން ނެތްކަން ނަސީބެވެ. އެމީހުން ތިބި ނަމަ މިހާރު އޮތީހީ ބޮޑު ހަނގުރާމައެއް ފެށިފައެވެ.

"ޙަސަން. ކަލޭ މި ވާހަކައިގެ ތެރެއަށް ނުވަދޭ. އަހަރެން މި ވާހަކަ ދައްކަނީ ބައްޕަޔާ."

"ތިޔަ ދައްކާ ވާހަކައިގެ ބޭނުން އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ." ޙަސަން މެހެމަލާ ދިމާއަށް ބަލައިލުމަށް ފަހު ބުނެލިއެވެ. "ތިޔަ ކުޅެން އުޅެނީ ކޮން ކަހަލަ ކުޅިއެއްކަން އަހަންނަށް އެނގޭ."

"އަނގަމަޑުކޮށްގެން ހުރޭ." ފަވާދް ތެދުވެއްޖެއެވެ.

އާޣާ ކަރީމް ދެމީހުންނާ ދިމާއަށް ބަލައިލައިފައި ބުންޏެވެ. "ކަލޭމެން ދެމީހުންވެސް އަނގަ މަޑު ކުރޭ. ޙަސަން ކަލޭ ކޮޓަރިއަށް ދޭ."

ޙަސަން އަނގައިންވެސް ނުބުނެ ތެދުވެގެން ހިނގައްޖެއެވެ.

"ފާދީ. ޙަސަން އެ ދެއްކީއަކީ ދޮގު ވާހަކައެއް ނޫން. މެހެމަލާ އޮފީހާ އޮތީ ކޮން ގުޅުމެއް؟ އޭނާ އޮފީހަކަށް ނުދާނެ."

"އެކަމަކު ބައްޕާ. އަޅުގަ..."

"އާޣާބޭބެ އެ ދައްކަވަނީ ހެޔޮ ވާހަކަ. މެހެމަލް އޮފީހަށް ގެންދަނީ ކީއްކުރަން؟"

"އާނ. އަންހެނުން ބޭރަށް ނުކުމެ އެކި ތަންތާ ގަނަތެޅޭނެ ކަމެއް ނެތް." ޣަފްރާނާއި އަސަދާ ދެމީހުންވެސް އާޣާ ކަރީމް ދެއްކި ވާހަކައަށް ތާއީދު ކޮށްފިއެވެ.

މެހެމަލް އެހީތެރިކަމަށް އެދޭ ކަހަލަ ގޮތަކަށް ފަވާދާ ދިމާއަށް ބަލައިލިއެވެ.

"އެންމެ ރަނގަޅު. ބައްޕަ ބުނުއްވި ގޮތެއް." ފަވާދް މިހެން ބުނެފައި ގުދު ވެގެން އޮވެ ބޫޓުގެ ނާޑުވާ އައްސާން ފަށައިފިއެވެ.

މެހެމަލްގެ ހިތް ފުން ވަޅުގަނޑަކަށް ވެއްޓުނު ކަހަލައެވެ. ދުވެފައި އެ ދިޔަ ގޮތަށް ބަދިގެއަށް ވަދެ، ސިންކު ކައިރިއަށް ގޮސް ބާރަށް ރޯން ފަށައިފިއެވެ. ކަރުނަޔާއެކު އޭނާގެ ހުރިހައި ހުވަފެނެއް ސިންކު ތެރެއަށް ފައިބާން ފަށައިފިއެވެ. އެތައް އިރަކު ރުއިމަށް ފަހު އިސްކުރު ދޫކޮށްގެން މޫނު ދޮވެލިއެވެ.

މިއަދު މިއީ ރޯނޭ އެންމެ ފަހު ދުވަސް ކަމުގައި އޭނާ ކަނޑައަޅައިފިއެވެ. މިއަދަށް ފަހު ދުވަހަކުވެސް ނުރޯނެއެވެ. އޭނާ ވިސްނައިފައި އޮތީ ސުލްހަވެރި ޖާއިޒު ގޮތުގައި އޭނާގެ ހައްގުތައް ހޯދާން މަސައްކަތް ކުރާށެވެ. އެކަމަކު ސުލްހަވެރިކަމާއި ޖާއިޒު ގޮތްގޮތަކީ މި ގޭގައި މި އުޅޭ މީހުން ދަންނަ ގޮތްގޮތެއް ނޫނެވެ. އެހެންވީމާ ދެން އޮތީ އެހެން ގޮތެއް ޚިޔާރު ކުރުމެވެ. އެންމެ ރަނގަޅު ގޮތެއް ކަމުގައި އޭނާއަށް ފެނުނީ އެއްކަލަ ކަޅު އަންހެން ކުއްޖާ ގެންގުޅޭ ފޮތް ހޯދުމެވެ. އެ ފޮތުގައި ހުރި ފަންޑިތައާއި ސިހުރުގެ ބޭނުން ކުރުމެވެ.

މިހާރު އޭނާ އިންތިޒާރު ކުރަނީ ފަތިހަށެވެ. މާދަމާ ބަސް ހުއްޓާ ތަނަށް ގޮސް އެ ކުއްޖާ އަތުން ފޮތް އަތުލާށެވެ.

ހެޔޮ ގޮތް ނޫނިއްޔާ ނުބައި ގޮތް އޮންނާނެތާއެވެ!

ފިނި ފެނުން މޫނު ދޮންނަމުން ދިޔައިރު މި ކަހަލަ އެތައް ޚިޔާލެއް އޭނާގެ ހިތަށް އަރައި ފައިބަމުން ދިޔައެވެ.

* * *

ހެނދުނު އޭނާ ކޮލެޖަކަށް ދާކަށް ނުޖެހެއެވެ. އިމްތިހާނު ނިމިއްޖެއެވެ. އެކަމަކު ބަހަނާއެއް ދައްކައިފައި އެހެން ދުވަސް ދުވަހަށްވުރެ ބައިގަޑި އިރު ކުރިން އޭނާ ބަސް ހުއްޓާ ތަނަށް އަތުވެއްޖެއެވެ. އިށީނުމުގެ ބަދަލުގައި ދިގުގޮނޑީގެ ވަށައިގެން ހިނގައިލަހިނގައިލާ ހުރީއެވެ.

ކަޅު އަންހެން ކުއްޖާ އަދި ނާދެއެވެ. މެހެމަލް އަތުކުރީ ގަޑިއަށް ބަލަބަލައިފައި ދެކޮޅަށް ކުރުކާލި ކަނޑަމުން އެކި ދިމަދިމާއަށް ބަލަމުން ގެންދަނީއެވެ. މިއަދު އެ ކުރާ ވަރަކަށް އޭނާ ދުވަހަކުވެސް މީހަކަށް އިންތިޒާރެއް ނުކުރެއެވެ. ކޮންމެ މިނިޓެއް ސައުވީސް ގަޑިއިރަށްވުރެ ދިގުހެން އެބަ ހީވެއެވެ.

އެންމެ ފަހުން ދިގުގޮނޑީގައި އިށީނދެ ކުޑަކޮށް ގުދުވެލުމަށް ފަހު ބޮލުގައި ދެ އަތުން ހިފަހައްޓައިލިއެވެ.

"ތިޔަ އިންތިޒާރު ކުރަނީ އަހަންނަށް ދޯ؟" މީހަކު ފުރަގަހުން އޭނާގެ ކޮނޑުމަތީގައި އަތް ބާއްވައިލިއެވެ.

މެހެމަލް ފުންމައިގެން ތެދުވެއްޖެއެވެ. އޭނާގެ ކުރިމަތީގައި ހިނިތުން ވޭވެ އެހެރީ ކަޅު އަންހެން ކުއްޖާއެވެ. "އަހަރެން އިންތިޒާރު ކުރާތާ ކިތަންމެ އިރެއް."

"ތިޔަ އިންތިޒާރު ކުރަނީ ކީއްވެގެންކަން އަހަންނަށް އެނގޭ." އޭނާ ގޮނޑީގައި އިށީނދެ ކޮނޑުގައި އެލުވައިފައި އޮތް ދަބަސް ނަގައި ހުޅުވައިލިއެވެ. އަދި ދަބަހުން އެއްކަލަ ފޮތް ނަގައި އުނގުމަތީގައި ބާއްވައިލިއެވެ.

"ވަރުބަލި ވެއްޖެ ދޯ؟"

"އާނ. އަހަރެން ވަރުބަލި ވެއްޖެ. މި ދުނިޔެއަކު އަހަރެންގެ އެއްވެސް އެއްޗެއް ނެތް. އަހަރެންގެ މީހަކު ނެތް."

"ނޫނޭ. ތިޔަހެން ނުބުނޭ. އަދި ލިބިގަންނާން ޖެހޭ ވަރަށް ގިނަ އެއްޗެހި އެބަހުރި. ލޯ ތަރަތަރަ ޖަހައިގެން ދާ ވަރުގެ ނޫރެއް އެއީ. ހެޔޮ ރާސްތާއަކަށް ތިޔަ ނުކުމެވުނީ އަދި ކިރިޔާ."

"ހެވާއި ނުބައި އަހަންނަކަށް ނޭނގޭ. ހެޔޮ ނުބައި ވަކި ކުރާކަށް އަހަރެން ބޭނުމެއްވެސް ނޫން." މެހެމަލް އެ ކުއްޖާޔާ ދިމާއަށް ނުބަލައި ބުނެލިއެވެ. އޭނާގެ ހިތުގައި އޮތް އެއްޗެއް އަންގާކަށް އޭނާ ބޭނުމެއް ނުވެއެވެ.

"އެއީ މާ ބޮޑު ކަމެއް ނޫން. ކަން ބޮޑު ނުވޭ. ފަށައިގަންނަ އިރު މި ފޮތް ކުޑަކޮށް އުނދަގޫ ވާނެ. ޢަޒާބެކޭ ނުވަތަ ގައިދެކޭ ހީވާ ގޮތް ވެދާނެ. އެކަމަކު ފަހުން އާދަ ވެދާނެ." އެ ކުއްޖާ ހިނިތުންވެލިއެވެ.

"ތިޔަ ފޮތް އަހަންނާ ދައްކާނީ ކޮން ކަހަލަ ވާހަކައެއް؟" މެހެމަލް ހުރީ އެ ކުއްޖާގެ އުނގުމަތީގައި އޮތް ފޮތަށް ބަލަހައްޓައިގެންނެވެ.

"ކޮންމެ ދުވަހަކު މި ފޮތުން އެއް ސަފުހާ ކިޔައިލާ. އެއްވެސް ކަހަލަ އުނދަގުލަކާ ދިމާ ވެއްޖެއްޔާ  މި ފޮތާ ބެހޭ އިލްމު އުނގެނިގެން، އުނގަންނައިދޭން ތިބޭ ޚާއްސަ ބަޔަކާ ބައްދަލު ކުރެވޭނޭ ގޮތް އަހަރެން ހަދައި ދޭނަން. އެ މީހުން ވަރަށް ރަނގަޅަށް އެކަން ކުރިއަށް ގެންދާނެ. އިޝްތިހާރެއް ނުކުރާނެ. އަހަރެން މެހެމަލް ގޮވައިގެން އެތަނަށް ދާނަން. އެ މީހުން މެހެމަލަށް މި ފޮތުގެ ބަސް ދަސްކޮށް ދޭނެ. އެއީ މި ފޮތް ލިޔެފައި އޮތް ބަސް. އަމިއްލައަށް ކޮންމެ ދުވަހަކު ސަފުހާއެއް ކިޔައިލެވުނީމާ އިއްޔެގެ ހާލަތާއި މާދަމާގެ ތަދުބީރު މި ފޮތުން ވަރަށް ރީތިކޮށް ފެންނާން ފަށާނެ."

"އަހަރެން އެއް ސަފުހާއަށް ވުރެ ގިނައިން ކިޔައިފިއްޔާ ކުރިއަށް އޮތް ހުރިހައި ދުވަހެއްގެ ކަންތައް އެނގޭނެތަ؟"

"ނޫނޭ. އެއް ދުވަހުން މުޅި ފޮތް އެކީގައި ކިޔައި ނިންމައިލިޔަސް އެނގޭނީ މާދަމާގެ ކަންތައް. އެކަމަކު އެ ސަފުހާ މާދަމާ ކިޔައިފިއްޔާ މާދަމަޔާ ގުޅިގެން އޭގެ އަނެއް ދުވަހަށް ތައްޔާރު ވާނޭ ގޮތް އެނގޭނެ."

"ކީކޭ؟" އޭނާއަށް އޮޅުން އަރާގޮތް ވެއްޖެއެވެ. "އެއް ސަފުހާގައި ހުންނަ ވާހަކަތަކުގެ މާނަ އެއް ދުވަހުން އަނެއް ދުވަހަށް ބަދަލު ވަނީ ކިހިނެއް؟"

"އެހެން ނުވާނަމަ މެހެމަލް މިއަދު މި ފޮތާ ދިމާއަށް އަންނާނެތަ؟"

"ތިޔަ ދައްކަނީ ހަމަ ރަނގަޅު ވާހަކައެއްތަ؟" އޭނާ ހުރީ ބިރުންނެވެ. އެކަމަކު އެ ބިރުން ހުރިކަން ނުދައްކާން ވަރަށް މަސައްކަތް ކުރިއެވެ.

"ޝައްކު ކުރެވެނީތަ؟"

"ޝައްކު ވަނީއެއް ނޫން. އެކަމަކު އަހަންނަށް ތިޔަ ފޮތް ދޭން އުޅެނީ ކީއްވެގެން؟ ކޮން ކަހަލަ ފައިދާއެއް ވާތީ؟" މެހެމަލް ބުއްދިވެރިކަމާއެކު ސުވާލު ކޮށްލިއެވެ.

"ބޮޑު ފައިދާ އޮތީ އަހަންނަށް." އޭނާ އަނެއްކާވެސް ހިނިތުންވެލިއެވެ. "މެހެމަލަށް ލިބޭ އެއްޗެއްގެ ކޮންމެވެސް ހިއްސާއެއް އަަހަންނަށްވެސް ލިބޭނެ."

"ހިއްސާއޭ؟" އޭނާ ހައިރާން ވިއެވެ. "ކީކޭ ތިޔަ ކިޔަނީ؟ ކިހައި ވަރެއްގެ ހިއްސާއެއް؟"

"ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ކަމަށްވެސް ވެދާނެ. އެއަށްވުރެ ތަންކޮޅެއް މަދުވެސް ވެދާނެ. އެކަމަކު އެކަމާ މެހެމަލް ވިސްނާކަށް ނުޖެހޭނެ. އަހަރެންގެ ހިއްސާ އަހަންނަށް ލިބެމުން ދާނެ. މި ފޮތް އަމިއްލައަށް އަހަރެންގެ ގާތަށް އައިސް އަހަރެންގެ ހިއްސާ ލިބޭނޭ ގޮތް ހަދައި ދޭނެ."

"އެހެންތަ؟ އަހަރެން ތިޔަ ފޮތް ގެންދަންވީތަ؟"

"ފުރަތަމަ ވަރަށް ރަނގަޅަށް ވިސްނައިލާ."

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.