(16 މޭ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ފަވާދް ދައްކާން އެ އުޅެނީ ކޮން ވާހަކައެއް ބާވައެވެ؟ ކޮންފަދަ ޚާއްސަ ކަމެއް މެދުވެރިވީ ބާވައެވެ؟ އޭނާ ސައިބޯން އިން އިރު ވިސްނަމުން ގެންދިޔައެވެ. އޭނާ ހުރީ ޓެރަސް މަތީގައެވެ. އެހެން ހުރެފައި އެއްލި ކަޅިއަކުން ފެނުނީ ކުރިމަތީގައި ހުރި ގޭގެ ގޯތި ތެރެއެވެ. ގޯތި ތެރޭގައި ހައްދައިފައި އޮތް ވިނަގަނޑުމަތީގައި ހުދު ރިޔަލެއް ކަހަލަ އެއްޗެއް ފަތުރައިފައި އޮތެވެ. އެ ރިޔާ މަތީގައި ހުދުކުލައިގެ ހެދުން އަޅައިގެން ތިބި ކުދިން އިށީނދެގެން ތިއްބެވެ. އެ ކުދިން ތިބީ ޤުރްއާން ކިޔަވާށެވެ. ކައިރީގައި ހުރި މޭޒެއްގެ މަތީގައި ޚަތިމުތަކެއް ބަހައްޓައިފައި ހުއްޓެވެ. ދެން ހުރީ ދުންދަނޑި މުޖުމަރާއެކެވެ.
އެއްވެސް ގަސްތަކާ ނުލައި އޭނާގެ ނަޒަރު ހުއްޓުނީ ޚަތިމުތަކަށެވެ. އެޔާއެކު އޭނާގެ ކުރިމަތީގައި ސިފަ ވެގެން ދިޔައީ އެއްކަލަ އަންހެން ކުއްޖާއެވެ.
އެ ކަޅު އަންހެން ކުއްޖާގެ މޫނެވެ. އެ ކުއްޖާގެ ކަޅު ދެ ލޮލެވެ. ބޯ ތުންފަތެވެ. އެ ކުއްޖާ ޚަތިމު މޭގައި ޖައްސައި ބާރުކޮށްގެން ކޮރު ޖަހަމުން ހިނގައިފައި ދަނީއެވެ. މެހެމަލްގެ ހިތަށް އެރިއެވެ. އެ ކުއްޖާ ދިޔައިރު ލޮލުން ކަރުނަ ފައިބައެވެ. އެ ކުއްޖާ ރުއީ ކީއްވެގެން ބާވައެވެ؟
އޭނާ ހުރީ ބަލަހައްޓައިގެންނެވެ. ކިޔަވަން ތިބި ކުދިންގެ ތެރެއިން އެއް ކުއްޖަކު އެހެން ކުދިންނާ ދިމާއަށް ބަލައިލާފައި އެއްގަނޑުގެ ބަދަލުގައި ދެ ގަނޑު އެބަ އެއްލިއެވެ. އެހެން ކުޑަ އިރުކޮޅަކު ހުރެފައި އަނެއްކާވެސް ދެގަނޑު އެއް ފަހަރާ އެއްލައިފިއެވެ. އަދި ބާރަށް ކިޔަވާން ފަށައިފިއެވެ.
މެހެމަލް ގާތަށް ހިނި އަތުވެއްޖެއެވެ. އެ ކުޑަ ކުއްޖާ އެތާގައި ތިބި އެހެން ކުދިންނަށް މަކަރު ހަދަނީ ބާވައެވެ؟ ނުވަތަ ﷲ އަށް މަކަރު ހަދަނީ ބާވައެވެ؟ މެހެމަލަކަށް ވިސްނައެއް ނުގަނެވުނެވެ.
ކުދިން ކިޔަވަން ތިބި ފޮތްތައް ގެންގޮސް މޭޒުމަތީގައި ބަހައްޓާން ފަށައިފިއެވެ. ހުރިހައި ކުދިން ފޮތް ބަހައްޓައި ނިމުނީމާ ގާރީ އޭނާގެ ކައިރީގައި ހުރި ނޯކަރަކާ ދިމާއަށް ބަލައިލިއެވެ.
"ފޮތްފޮށި ކިޔަވައި ނިމުނީ. ދުޢާގައި ބައިވެރިވެ ލައްވަން ދުރުވާށޭ ބްރިގޭޑިއަރަށް ނަންގަނޭ."
ނޯކަރު ބޯ ޖަހައިލައިފައި އެތެރެއަށް ވަދެގެން ހިނގައްޖެއެވެ.
މެހެމަލް ފަވާދްގެ މަތީން ހަނދާން ނައްތައިލާފައި ޗެންޗޭނުގައި އަތް އަޅުވައިލައިގެން ގުދުވެގެން އޮވެ މަންޒަރު ބަލަނީއެވެ. ސައި ތަށިވެސް މިހާރު އަތަކު ނެތެވެ.
މާ ގިނަ އިރުތަކެއް ނުވެ އެއްކަލަ ނޯކަރު އެނބުރި އަތުވެއްޖެއެވެ. ގާރީ އިންތިޒާރުކޮށްގެން ހުރީ އެހެން މީހަކަށެވެ. އެހެންވީމާ ސުވާލުގެ ނަޒަރަކުން ނޯކަރާ ދިމާއަށް ބަލައިލިއެވެ.
"ވެރިމީހާ ބުނުއްވީ މި ވަގުތު އުޅުއްވަނީ އަވަދިނެތިއޭ. އެހެންވީމާ ދުޢާގައި ބައިވެރިވެއެއް ނުލެއްވޭނެއޭ. އެކަމަކު ފޮތްފޮށި ނިންމެވީތީ ޝުކުރިއްޔާއޭ ބުނުއްވި. ބުނުއްވީ އެންމެ ބޮޑު މައްސަލައަކީ ސުކޫން ނެތުމޭ. ހިތްހަމަ ޖެހިއެއް ނުލައްވައޭ. އެހެން ހުރިހައި ކަމެއް ރަނގަޅޭ. އެހެންވީމާ ސުކޫން ލިބިލައްވާތޯ ދުޢާކޮށް ދެއްވާށޭ."
ގާރީ ފުން ނޭވައެއް ލުމަށް ފަހު ދުޢާ ކުރުމަށްޓަކައި ދެއަތް އުފުލައިލިއެވެ.
އެ މަންޒަރު ބަލަން ހުރި އިރު އޭނާގެ ހިތުގައި ނޭނގޭ ބާވަތެއްގެ ހިތްދަތިކަމެއް އޮތެވެ. އަޖައިބެއްފަދަ ނިކަމެތި ކަމެއް އިހުސާސް ކުރެވުނެވެ. އެއީ ކޮން ކަހަލަ އިހުސާސްތަކެއް ކަމެއް ފާހަގަ ކުރާކަށް އޭނާއަކަށް ނޭނގުނެވެ. އެހެންވީމާ ދުރުގައި ބަހައްޓައިފައި ހުރި ސައި ތަށި ހިފައިގެން އޭނާ ތިރިއަށް ފައިބާން ހިނގައިގެންފިއެވެ.
މެންދުރު ވީއިރު އޭނާގެ ހަނދާނުން އެ ހުރިހައި ކަމެއް ފިލައިފިއެވެ.
ހަމަޖެހިފައިވާ ގަޑި ޖެހުުމާއެކު ބަސް ހުއްޓާ ތަނާ ދިމާއަށް ފަވާދްގެ މާސިޑީޒް ކާރު އަންނަތަން ފެނިއްޖެއެވެ. އޭނާ އުފަލުން ފޮޅިފައި ހުރެގެން ގޮނޑިން ތެދުވެއްޖެއެވެ.
މެހެމަލް ކާރަށް އަރައި ހަމަޖެހިލީމާ ފަވާދް އަހައިލިއެވެ. "ކިހިނެއް؟"
"ރަނގަޅު. ފަވާދްބޭބެ ކިހިނެއް؟" އޭނާ ސާދާ ގޮތަކަށް އަހައިލުމަށް ފަހު ކޮނޑުގައި އޮތް ދަބަސް ނަގައި ފަހަތު ގޮނޑީގައި ބާއްވައިލިއެވެ. ފަވާދާ މެދު ހިތުގައި ހިނގާ ޝުއޫރެއް އޭނާ ފަހަރެއްގައިވެސް ފާޅެއް ނުކުރެއެވެ. މޫނުމަތީން އެކަހަލަ އަސަރެއްވެސް ނުދައްކައެވެ. އޭނާ އަބަދުވެސް ދައްކައި ދެވޭތޯ އުޅެނީ ފަވާދްގެ އިހުސާންތެރިކަމުގެ އަސަރު ކޮށްފައި ހުރި މިންވަރެވެ.
"މެހެމަލް. މިއަދަކީ ވަރަށް ޚާއްސަ ދުވަހެއް." ކާރު ދުއްވަމުން ދިޔައި އިރު ފަވާދްގެ މޫނުމަތީން އުފާވެރިކަމުގެ އަސަރުތައް ފެންނާން ހުއްޓެވެ. "މިއަދު އަހަރެން ދައްކަން ބޭނުން ވަރަށް ގިނަ ވާހަކަ އެބަހުރި."
"ދައްކާ."
"އަދި ނުވޭ. ވަރަށް ޚާއްސަ ކަމެއް އެބައޮތް. އެކަމަކު ސިއްރު ފާޅު ކުރާކަށް އަދިއެއް ނުވޭ."
"އެހެންތަ؟ އެއީ ކޮން ކަމެއް؟"
"އެކަމާ ޖެހުނީމަ އެނގިދާނެ. އިހަށް ކެތްކޮށްލާ. ފުރަތަމަ މި ދަނީ ބާޒާރު ކޮށްލަން. މެހެމަލަށް ދޭން ޚާއްސަ އެއްޗެއް ގަންނަން އެބަޖެހޭ."
"ހެދުން؟ ޚާއްސަ ކަމެއް ފާހަގަ ކުރާކަށް އަދިއެއް ނެތެއްނު؟"
"އެބައޮތް. މިއަދު. ވަރަށް ޚާއްސަ ކަމެއް."
"އެހެންތަ؟ ބައިވެރިވަނީ ކޮން ބައެއް؟"
"އަހަރެމެން ދެމީހުން އެކަނި." ފަވާދް ހިނިތުން ވެލައިފައި އޭނާޔާ ދިމާއަށް ބަލައިލިއެވެ.
"އޮފީހުގައިތަ؟" ވާން އުޅޭގޮތް އޭނާއަށް ކޮންމެވެސް ވަރަކަށް އެބަ އެނގެއެވެ. އެކަމަކު ނޭނގޭ ކަމަށް ހެދިގެންފިއެވެ.
"ނޫން. އަހަރެމެން ދާނީ މެރިއެޓް ހޮޓަލަށް. މިރޭ ކާނީ ދެ މީހުން އެކީގައި."
"މެރިއެޓަށޭ؟" ހިނދުކޮޅަކަށް އޭނާއަށް ނޭވާ ހިފަހައްޓައިލެވުނެވެ. ފަވާދް އެ ދައްކަނީ މެރިއެޓް ހޮޓަލަށް ކާން ދާ ވާހަކައެވެ. ކެއުން ކީއްކުރަން ހެއްޔެވެ؟ އޭނާ ދުވަހަކުވެސް އެ ހޮޓަލުގެ އެތެރެއެއް ނުދެކެއެވެ. އުފާވެރި އިހުސާސެއް ކުރެވުނު ނަމަވެސް ރޭގަނޑު ކެއުމުގެ ވާހަކަ ދެއްކީމާ ކަންބޮޑުވާ ގޮތް ވެއްޖެއެވެ.
"ފަވާދްބޭބޭ. އެހައި ގިނަ އިރު ބޭރުގައި އުޅެފައި ގެއަށް ގޮސް އަހަރެން ބުނާނީ ކީކޭ؟"
"ހޮޓަލުގައި މާ ގިނަ އިރެއް ނުކުރާނަން. މިރޭ މެހެމަލް ގޮވައިގެން ގެއަށް ދާނީ އަހަރެން. އެންމެންގެ ކުރިމަތީގައި. އެކަމަކު އެއީ މެހެމަލްގެ ޖަވާބަށް ފަހު."
"ޖަވާބޭ؟ ކޮން ވާހަކައެއްގެ ޖަވާބެއް؟"
"އަހަރެން ކުރާ ސުވާލެއްގެ ޖަވާބު."
އޭނާގެ ހިތް ބާރަށް ތެޅޭން ފަށައިފިއެވެ. އޭނާއަށް ކުރެވޭ ލަފައަކީ ހެޔޮ ލަފައެއް ބާވައެވެ؟
"ކޮން ސުވާލެއް؟"
"ސުވާލު ކުރާނީ ހޮޓަލުގައި. ފުރަތަމަ ހިނގާ ރީތި ހެދުމެއް ގަންނާން." ކާރު ހުއްޓައިލުމަށް ފަހު އޭނާ ގޮނޑީގެ ކަމަރު ނައްޓައިލިއެވެ.
"މި ހެދުން ރަނގަޅެއްނު؟" އޭނާ މާ ބޮޑު ބާރެއް ނެތް ކަހަލަ ރާގަކަށް ބުނެލިއެވެ.
"ނޫނޭ. މިއަދު ޚާއްސަ ގޮތަކަށް ނަލަހެދިލާން ވާނެ." ފަވާދްގެ އަޑުގައި ހުރީ އިޚްލާސްތެރިކަމުގެ އަސަރެވެ.
މެހެމަލް މަޑުމަޑުން ކާރުން ފައިބައިފިއެވެ.
ދެ މީހުން ގޮސް ވަނީ އަގުބޮޑު ފިހާރައަކަށެވެ. ހެދުމުގެ ރީތިކަމުން އާސޯޚުވާ ވަރަށްވުރެ ބޮޑަށް އޭގެ އަގު ބޮޑުކަމުން ހައިރާންވާހައި ވެއެވެ. ފަވާދް ހެދުންތައް ބަލަމުން ގޮސްގޮސް ހުރެފައި ހުއްޓިއްޖެއެވެ. އަދި އޭނާޔާ ދިމާއަށް ބަލައިލާފައި އަހައިލިއެވެ. "މެހެމަލަށް ސާޅި ކަމުދޭތަ؟"
"ސާޅިއޭ؟" މެހެމަލް ހައިރާންވިއެވެ. "ކަމުދޭ. އެކަމަކު އެއީ މާ ރަސްމީ..."
"އެކަމަކު މިކަމަކުއެއް ކިޔާނެ ކަމެއް ނެތް. މި ސާޅި ރީތިތޯ ބަލައިލަބަލަ." އޭނާ ކަޅު ކުލައިގެ ސާޅިއެއް ދައްކައިލިއެވެ. އެއީ ވަރަށް ރީތި ސާޅިއެކެވެ.
"ރީތި. އެކަމަކު ވަރަށް އަގު ބޮޑެއްނު؟"
"މެހެމަލަކަށްވުރެ އަގު ބޮޑެއް ނޫން. މި ސާޅި ނަގާ..."
އެއަށްފަހު ދިޔައީ ބޫޓު ގަންނާށެވެ. ބޫޓާއި ހެދުމާ ގުޅޭ ގަހަނާ ގަންނަން އެތައް ވަގުތެއް ހޭދަ ވެގެން ހިނގައްޖެއެވެ. ރަން ފިހާރައަކަށް ވަދެވުނު އިރު ހަވީރު ވަނީއެވެ. އެ ފިހާރައަށް ވަދެގެން ދިޔައިރު މެހެމަލްގެ ހިތުގެ ހިނގުން ހުރީ އާދަޔާ ޚިލާފަށް އަވަސް ވެފައެވެ. އޭނާއަށްޓަކައި އެހައި އަގު ބޮޑު އެއްޗެއް ގަންނާން ފަވާދް އެ އުޅެނީ ކީއްވެގެން ހެއްޔެވެ؟ އޭނާއަކީ ފަވާދަށް އެހައި ޚާއްސަ މީހަކީ ބާވައެވެ؟
"ޖަވާހިރު ޖެހި އަނގޮޓި ދައްކައިލަބަލަ." ފަވާދް ގޮނޑިއެއްގައި އިށީނުމަށް ފަހު ބުނެލިއެވެ. ފަވާދްގެ އަޑުގައި ހުރީ އަމުރުވެރިކަމެވެ.
ކަލާނގެ މިފަދަ ގޮތަކަށް ކުއްލިއަކަށް އުއްމީދުތައް ފުރިހަމަ ކޮށްދެއްވާ ކަމެއް މީގެ ކުރިއަކުން އޭނާއަކަށް އެނގިފައެއް ނެތެވެ. އެކަން އިހުސާސް ކުރެވޭގޮތް މިވީ މިއަދުއެވެ.
ފަވާދްގެ ކުރިމަތީގައި ހުރީ ކަޅު ކުލައިގެ ފޮށިފޮށީގައި ހުރި އެކި ބާވަތުގެ ޖަވާހިރު ޖެހި އަނގޮޓިއެވެ. ކޮންމެ އަނގޮޓިއެއް ނަގައިފައި މެހެމަލަށް ދައްކައިލައެވެ. އަދި ރީތިތޯ އަހައިލައެވެ. އޭނާއަކަށް ބުނާނޭ އެއްޗެއް ނޭނގެއެވެ. އެއް އަނގޮޓިއަށް ފަހު އަނެއް އަނގޮޓި ބަލަމުން ދަނީއެވެ. ރަނގަޅު އަނގޮޓިއަކާ ދިމައެއް ނުވެއެވެ. އެ ފިހާރައަކުން ފަވާދްގެ ހިތް ހަމަ ޖެހޭ ވަރުގެ އަނގޮޓިއެއް ނުފެނުނެވެ.
"އެންމެ ފުރަތަމަ މެހެމަލް ތައްޔާރު ވެލާ. އަނގޮޓި ފަހުން ބަލާނީ." ފިހާރައިން ނުކުމެ ފަވާދް ބުނެލިއެވެ. "ހަޔަކުން ހަތަކަށް އަހަރެންގެ ބައްދަލުވުމެއް އެބައޮތް. އެއީ ވަރަށް މުހިއްމު ބައްދަލުވުމެއް. ހަޔަކުން ހަތަކަށް މެހެމަލްވެސް ހުންނާން ވާނީ އަހަންނާ އެކީ އޮފީހުގައި. ހަތެއް ޖެހީމާ ދެމީހުން އެކީގައި މެރިއަޓަށް ދާނީ. އެހެންވީމާ މިހާރު ތައްޔާރު ވެލާ."
"ތައްޔާރު ވާނީ ކޮން ތަނެއްގައި؟" އޭނާ ހައިރާން ވެފައި އަހައިލިއެވެ.
"ޕާލަރުގައި. އަހަރެން އޮންނާނީ ގަޑި ހަމަޖައްސާފައި، މެހެމަލް އެތަނަށް ވަނީމާ އެ ނިމުނީ. އެމީހުން ތައްޔާރު ކުރުވާނެ."
ފަވާދް އޭނާ ގޮވައިގެން ދިޔައީ ބިއުޓީ ޕާލަރަކަށެވެ. ކަންތައް ހިނގައި ދިޔައީ ފަވާދް ބުނި ގޮތަށެވެ. ގަޑިއެއްހައި އިރު ފަހުން ތައްޔާރުވެ ނިމުނީމާ އޭނާ ގޮސް މޫނުބަލާ ލޯގަނޑެއްގެ ދޮށަށް ހުއްޓިއްޖެއެވެ. ލޯގަނޑުން ފެންނާން ހުރި އަންހެން ކުއްޖާ ރީތިކަމުން ޚުދު އޭނާގެ ހިތުގައިވެސް ހަސަދަވެރިކަން އުފެދުނެވެ.
މެހެމަލް ނުކުތް އިރު ފަވާދް ކާރަށް ލެނގިލައިގެން އޭނާގެ އިންތިޒާރުގައި ހުއްޓެވެ. ފަވާދް އޭނާޔާ ދިމާއަށް ފުންކޮށް ބަލައިލިއެވެ.
"މެހެމަލް... ހާދަހާ ރީއްޗޭ. މިއޮތް ހުރިހައި ދުވަހު މެހެމަލްގެ ރީތިކަން ފާހަގައެއްވެސް ނުކުރެވުނު." ފަވާދް ހިނިތުންވެލިއެވެ.
"ހިނގާ." އޭނާ ލަދުރަކި ހިނިތުންވެލުމަކާއެކު ބުނެލިއެވެ.
"އާނ. އަހަރެންގެ ބައްދަލުވުން ފެށޭކަށް މާ ގިނައިރެއްވެސް ނެތް. އަވަހަށް ހިނގާ." އަނެއްކާވެސް އޭނާ ހިނިތުންވެލިއެވެ. ކާރުގެ ދޮރުފަތް ހުޅުވާން ހިފައިލީ ވަގުތު އޭނާގެ ފޯނު ރަނގަބީލު ވާން ފަށައިފިއެވެ.
"މިހާރު މި ގުޅަނީ ކާކުބާ؟" އޭނާ ފޯނަށް ބަލައިލިއެވެ. އެޔާއެކު ކުޑަކޮށް ސިހިފައި ފޯނު ނެގިއެވެ.
"އާނ. މަލިކް... ކިހިނެއްވީ؟ ކީކޭ؟" ފަވާދް ދަތްކުނޑި ވިކައިލިއެވެ. "ތިމަން މި އައީ އަހަރެން ފޮނުވީމައޭ އޭނާ ގާތު ބުނިންތަ؟ ކީއްވެގެން؟ ސޮއި ނުކުރީ ކީއްވެގެން؟" ފަވާދްގެ މޫނުމައްޗަށް ވެރިވީ ރުޅީގެ އަސަރު މެހެމަލަށް ފާހަގަ ކުރެވުނެވެ. "މަލިކަކީ އާދައިގެ މުވައްޒަފަކަށް ވިޔަސް ބޮޑު މީހަކަށް ވިޔަސް އެއީ އޭނާޔަކާ ބެހޭ ކަމެއް ނޫނެއްނު؟ މަލިކަށް އެނގޭތަ..؟ އޭނާ ތިޔަ ލިޔުމުގައި ސޮއި ނުކުރިއްޔާ މާދަމާ އަރާ އިރާއެކު އަހަރެމެންގެ ކާރުޚާނާ ބަންދު ވާނެ. އަހަރެމެން ބަނގުރޓޫވެ ހުލިވާނެ." އޭނާ އިރުކޮޅަކު އަޑު އަހާން ހުރެފައި އަނެއްކާވެސް ވާހަކަ ދައްކާން ފަށައިފިއެވެ. "ކީކޭ؟ މި ވަގުތު އަހަރެން ދާނީ ކިހިނެއް؟ ސިއްދީޤީއާއެކު އަހަރެން ބާއްވަން ހަމަޖެއްސި ބައްދަލުވުން ހަޔެއް ޖަހާއިރު އޮންނާނެ. ހަޔަކުން ހަތަކަށް... މި ވަގުތު އެސްޕީއާ ބައްދަލު ކުރާކަށް އަހަންނަކަށް ނުދެވޭނެ. ތިޔައީ ކޮން ކަހަލަ ވިޔާނުދާ ވާހަކައެއް؟" އޭނާ ދަތްކުނޑި ވިކައިލުމަށް ފަހު ފޯނު ކަނޑައިލިއެވެ.
"ކިހިނެއްވީ؟" މެހެމަލް ބިރުން ހުރެ އަހައިލިއެވެ.
(ނުނިމޭ)