ޝައިޠާނާ މާތް ﷲއަށް އުރެދި އެކަލޭގެ ބިންމައްޗަށް ފޮނުއްވުމަކީ މި ދުނިޔޭގައި އިންސާނުން އިމްތިހާނުކުރެއްވުމަށް މާތް ﷲ އިރާދަކުރައްވާފައިވާ ގޮތްތަކުގެ ތެރެއިން އެއް ގޮތެވެ. ޝައިޠާނާ ކެނޑިނޭޅި މަސައްކަތްކުރަނީ އޭނާގެ ފަރާތަށް އިންސާނުން އަނބުރައި މާތް ﷲއާއި ދުރުކޮށް މަގުފުރެއްދުމަށެވެ. މިއީ އެކަލޭގެ މާތް ﷲގެ ޙަޟްރަތުގައި ވެފައިވާ ވަޢުދެވެ. އެކަލޭގެ ދެއްކި ވާހަކަ ބަޔާންކުރައްވަމުން މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿قَالَ رَبِّ بِمَآ أَغْوَيْتَنِى لَأُزَيِّنَنَّ لَهُمْ فِى ٱلْأَرْضِ وَلَأُغْوِيَنَّهُمْ أَجْمَعِينَ﴾ (އެކަލޭގެ ދެންނެވިއެވެ. ތިމަންއަޅާގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ތިމަންއަޅާ މަގުފުރެއްދެވިކަމުގެ ސަބަބުން، ނުބައިކަމުގެ މަގު، ހަމަކަށަވަރުން، އެއުރެންނަށް ބިމުގައި ތިމަންއަޅާ ޒީނަތްތެރިކޮށްދޭހުށީމެވެ. އަދި ހަމަކަށަވަރުން، ތިމަންއަޅާ އެ އެންމެން މަގުފުރައްދާހުށީމެވެ.) (އަލްޙިޖްރު: 39)
އެކަލޭގެ މަގުސަދު ހާސިލުކުރުމަށް ޝައިޠާނާ މުސްލިމް އަޅާގެ ހިތަށް ވަސްވާސް ވައްދަން އެންމެ ބޮޑަށް ބޭނުން ހިފާ ވަގުތަކީ އޭނާއަށް މުޞީބާތާއި ހިތާމަ ކުރިމަތިވާ ވަގުތެވެ. މުޞީބާތާއި ހިތާމަ ކުރިމަތިވާ ވަގުތު މުސްލިމް އަޅާ މާޔޫސްވެ ގޮތް ހުސްވެއްޖެނަމަ، އެއީ ޝައިޠާނާއަށް ލިބޭ ރަނުގެ ފުރުސަތެކެވެ. އެވަގުތު އެކަލޭގެ އޭނާއަށް ވިސްނައިދޭން މަސައްކަތްކުރާނީ މާތް ﷲއަށް ކިޔަަމަންވެ އެކަލާނގެއަޅުވެތި ވުމުން ލިބުނު ފައިދާއެއް ނެތް ކަމާއި، ލިބުނީ ގެއްލުމާއި ހިތާމަަކަން އޭނާގެ ހިތަށް ވައްދައި ދިނުމަށެވެ.
ނަބީބޭކަލުންގެ ވާހަކަތަކަށް ބަލާއިރު، މާތް ﷲގެ އަމުރުފުޅަށް އެކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލުގެފާނު ޤުރުބާންކުރައްވަން އިބްރާހީމުގެފާނު ވަޑައިތް ހިނދު ޝައިޠާނާ އެކަލޭގެފާނުގެ ފަަހަތްޕުޅުން ގޮސް އެކަލޭގެފާނު އެކަމުން އެއްކިބާކުރަން ކުރި މަސައްކަތް ފާހަގަކުރެއެވެ. މިއަދު ޙައްޖުވެރިން ތިން ޖަމްރާއަށް ހިލައުކުމަކީ، އެކަލޭގެފާނު ޝައިޠާނާ ފައްސަވާލައްވަން ހިލަ އުއްކެވުމު ޒިކުރާ އާ ކުރަން ކުރެވޭ ކަމެކެވެ.
މާތް ﷲގެ ނަބިއްޔާ އައްޔޫބުގެފާނު އިމްތިޙާނުކުރެއްވި ހިނދު އެކަލޭގެފާނަށްވެސް ޝައިޠާނާގެ އުނދަގޫ ކުރިމަތިވިއެވެ. އެކަމުން ސަލާމަތްކުރެއްވުމަށް އެކަލޭގެފާނު މާތް ﷲއަށް ދެންނިވެއެވެ. އެ ވާހަކަ ބަޔާންކުރައްވަމުން މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. وَٱذْكُرْ عَبْدَنَآ أَيُّوبَ إِذْ نَادَىٰ رَبَّهُۥٓ أَنِّى مَسَّنِىَ ٱلشَّيْطَـٰنُ بِنُصْبٍ وَعَذَابٍ ﴿٤١﴾ (ތިމަންރަސްކަލާނގެ އަޅު أيـّوب ގެފާނު ހަނދުމަކުރައްވާށެވެ! (އެއީ) އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް دعاء ދެންނެވި ހިނދުގައެވެ. (އެކަލޭގެފާނު ދެންނެވިއެވެ.) އަޅުގެ ގައިގައި شيطان އާ ބީހި، އެކަލޭގެ ފަރާތުން އަޅާއަށް ވަރުބަލިކަމާއި ވޭން ލިބިއްޖެއެވެ.) (ޞާދު: 41)
ހިތާމައިގެ ވަގުތު މުސްލިމް އަޅާއަށް ވަސްްވާސްދީ އޭނާ މަގުފުރެއްދުމަށް ކުރާ މަސަައްކަތާ ކުރަމަތިލަން މުސްލިމުން ހަދަންވީ ގޮތް ބަޔާންކުރައްވަމުން މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿إِنَّمَا ٱلنَّجْوَىٰ مِنَ ٱلشَّيْطَـٰنِ لِيَحْزُنَ ٱلَّذِينَ ءَامَنُوا۟ وَلَيْسَ بِضَآرِّهِمْ شَيْـًٔا إِلَّا بِإِذْنِ ٱللَّهِ ۚ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ﴾ (إيمان ވި މީހުންނަށް ހިތާމަ ދިނުމަށްޓަކައި ސިއްރު ސައްލާކޮށް އުޅުމަކީ شيطان އާގެ ކިބައިން ވާކަމެއްކަން ކަށަވަރެވެ. އަދި اللَّه ގެ إذن ފުޅާލައިގެން މެނުވީ، އެ شيطان އާއަކަށް އެއްވެސްކަމަކުން އެއުރެންނަކަށް ގެއްލުމެއް ނުދެވޭނެތެވެ. ފަހެ، مؤمن ތަކުން ހަމައެކަނި اللَّه އަށް وكيل ކުރާހުށިކަމެވެ.) (އަލްމުޖާދަލާ: 10) މިއާޔަތުގައި ބަޔާންކުރައްވާފައިވާ ގޮތުގައި އެ ވަގުތު މުސްލިމުން ކުރަންވީ ކަމަކީ މާތް ﷲއަށް ވަކީލުކުރުމެވެ.
މުޞީބާތުގެ ވަގުތު ޝައިޠާނާގެ ނުބައިކަމުން ރައްކާތެރިވުމަށް އޮތް އެންމެ މޮޅު ހަތިޔާރަކީ މާތް ﷲއަށް އިޚްލާޞްތެރިވުމެވެ. ތިމާ ކުރާ ހުރިހާ އަޅުކަމެއް އެކަލާނގެއަށް ޚާލިޞްކޮށް، އިޙްލާޞްތެރި ހިތަކާއެކު އެކަލާނގެއަށް ދެންނެވުމެވެ. އަދި އިޚްލާޞްތެރި ހިތަކާއެކު ކެތްތެރިވެ އެކަލާނގެއަށް ވަކީލުކުރުމެވެ. އަޅާގެ އިޚްލާޞްތެރިކަން އެ ދަރަޖައަށް ދާއިރު، މާތް ﷲ ޚިޔާރުކުރައްވާފައިވާ އަޅުންގެ ތެރޭގައި އޭނާ ހިމެނިގެން ދާނެއެވެ. އެ ހިސާބުން ޝައިޠާނާއަށް އެއަޅާގެ ހިތާ ހަމައަށް ވާޞިލުނުވެވޭނެއެވެ. މުސްލިމް އަޅާ މަގުފުރެއްދުމަށް މާތް ﷲގެ ޙަޟްރަތުގައި ވައުދުވީ އިރު ޝައިޠާނާވެސް ވަނީ އެކަލޭގެއަށް މިފަދަ އަޅުން މަގުނުފުރެއްދޭނެކަން ގަބޫލުކޮށްފައެވެ. އިސްވެދިޔަ، ޙިޖްރު ސޫރަތުގެ 39 ވަނަ އާޔަތަށް ފަހު ދެން އަންނަ އާޔަތުގައި އެކަލޭގެ ވާހަކަ އައިސްފައި ވެެއެވެ. ﴿إِلَّا عِبَادَكَ مِنْهُمُ ٱلْمُخْلَصِينَ﴾ (އެއުރެންގެ ތެރެއިން، އިބަރަސްކަލާނގެ އަޅުންކުރެ خيار ކުރައްވާފައިވާ މީހުން މެނުވީއެވެ.) (އަލްޙިޖްރު: 40)
ޝައިޠާނާ ދެއްކި ވާހަކައަށް ރައްދުދެއްވަމުން ކީރިތި ﷲ ވަނީ މިކަން ބަޔާންކުރައްވާފައެވެ. އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ. ﴿إِنَّ عِبَادِى لَيْسَ لَكَ عَلَيْهِمْ سُلْطَـٰنٌ إِلَّا مَنِ ٱتَّبَعَكَ مِنَ ٱلْغَاوِينَ﴾ (ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އަޅުންގެ މައްޗަށް ކަލޭގެއަކަށް ބާރު ލިބިގެނެއްނުވެއެވެ. މަގުފުރެދިގެންވާ މީހުންގެތެރެއިން ކަލޭގެއަށް تبع ވާ މީހުން މެނުވީއެވެ.) (އަލްޙިޖްރު: 42)
އެހެންކަމުން، މުޞީބާތުގެ ވަގުތު ޝައިޠާނާގެ ވަސްވާހުން ސަލާމަތްވުމަށް އޮތް މަގަކީ އީމާންކަން ވަރުގަދަކޮށް، ތެދުވެރި ގޮތުގައި މާތް ﷲއަށް އަޅުކަން ކުރުމެވެ.