އެންމެ ފުރިހަމަ ގޮތުގައި އިންސާނާ ހައްދަވައި، އެކަލާނގެއަށް އަޅުކަންކުރުމުގެ މަޤްޞަދުގައި އިންސާނާ މި ދުނިޔެއަށް ފޮނުވީ ގަދަކީރިިތިވަންތަ ﷲއެެވެ. އޭނާއަށް މަގުދައްކަވައި، ބޭނުން ގޮތަކަށް ކުރިއަށް ދިއުމުގެ އިޚްތިޔާރުދެއްވީ އެކަލާނގެއެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿إِنَّا هَدَيْنَـٰهُ ٱلسَّبِيلَ إِمَّا شَاكِرًا وَإِمَّا كَفُورًا﴾ (ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އޭނާޔަށް މަގުދެއްކެވީމެވެ. (އެއީ) އޭނާ شكر ވެރިވުމަށްޓަކައެވެ. ނޫނީ އޭނާ ދެކޮޅުވެރިވެ، كافر ވުމަށްޓަކައެވެ.) (އަލްއިންސާން: 3)
އިންސާނާ ދުނިޔެއަށް ފޮނުއްވުމަށް ފަހު އޭނާގެ ހުރިހާ ކަމެއް ދާއިމަށް ބައްލަވައި ވޮޑިގަތުމުގައި އެންެމެ ގާތުގައި ވޮޑިގެންވަނީ މާތް ﷲއެވެ. އޭނާ ފާޅުގައި ކުރާ ޢަަމަލުތަކުގެ އިތުރަށް، އޭނާގެ ހިތުުގެ ތެރޭގައި ހިނގާ ޚިޔާލުތައްވެެސް މާތް ﷲ ދެނެވޮޑިގެން ވެއެވެ. އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ. ﴿وَلَقَدْ خَلَقْنَا ٱلْإِنسَـٰنَ وَنَعْلَمُ مَا تُوَسْوِسُ بِهِۦ نَفْسُهُۥ ۖ وَنَحْنُ أَقْرَبُ إِلَيْهِ مِنْ حَبْلِ ٱلْوَرِيدِ﴾ (އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ. އަދި އޭނާގެ نفس އޭނާޔަށް ވަސްވާސްދޭ ކަންތައް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. އަދި އޭނާގެ ކަނދުރާގެ މައިނާރަށްވުރެވެސް ތިމަންރަސްކަލާނގެ އޭނާޔާ ކުއްތަންވެވޮޑިގަތުން ބޮޑެވެ.) (ޤާފު: 16)
މި އާޔަތުގެ ތަފްސީރުގައި ޢިލްމުވެރިން ވިދާޅުވާ ގޮތުގައި 'ކުއްތަންވެވޮޑިގަތުން' މި ބަހުގެ މާނައަކީ މާތް ﷲ އެކަލާނގެ ޒާތުފުޅާއެކު ކޮންމެ އިންސާާނަކާ ކުއްތަންވެ ވޮޑިގަތުމެއް ނޫނެވެ. އެކަލާނގެ ޢިލްމުފުޅާއި، ކުޅަދުންވަންތަކަން އޭނާއާއި އެންމެ ގާތުގައި ވުމެވެ. އޭނާގެ މައި ނާރަށްވުރެވެސް ކައިރީގައެވެ.
އެހެންކަމުން، އިންސާނާ އެނގި ކަށަވަރުކުރަންވީ ކަމަކީ، އޭނާއަށް މުޞީބާތް ކުރިމަތިވެ އެންމެ ދަތި ޙާލުގައި ޖެހޭއިރުވެސް އޭނާއާއި އެންމެ ގާތުގައި ވޮޑިގެންވާނީ އޭނާގެ ވެރިރަސްކަލާނގެ ކަމެވެ. ދުނިޔޭގައިވާ އެހެން އެއްވެސް ފަރާތަކަށްވުރެ ގާތުން އޭނާގެ ވެރިރަސްކަލާނގެ އޭނާއާ ގާތުގައި ވޮޑިގެންވާ ކަމެވެ. އިންސާނާއަށް މިކަން އިޙްސާސުކުރެވޭ ހިނދު މުޞީބާތުގެ ވަގުތުގައި އެކަމުން ސަލާމަތްކޮށްދެއްވުމަށް އެދި އޭނާ ދަންނަވާނީ ގަދަކީރިތިވަންތަ ﷲއަށެވެ. އެހެނީ، ދުނިޔަވީ ނަޒަރަކުން ވިސްނިޔަސްް އެންމެ އަވަަހަށް މަދަދާއި، އެހީތެރިކަން ދެވޭނީ އެންމެ ގާތުގައިވާ ފަރާތަށެެވެ.
މާތް ﷲއަށް އީމާންނުވާ މުޝްރިކުންނަށްވެސް މުޞީބާތުގައި ޖެހޭ ވަގުތު މިކަން އިޙުސާސުކުރެވި އެބައިމީހުންވެސް އެހީއަށް އެދި ދަންނަވަނީ އެބައިމީހުންގެ ވެރިރަސްކަލާނގެއަށެވެ. އެކަލާނގެ އެއްކައުވަންތަކަން ޤަބޫލުނުކުރާ ހާލުވެސް އެ މުޝްރިކުން އާދޭސް ދަންނަވަނީ އެކަލާނގެއަށެވެ. މިކަން ބަޔާންކުރައްވަމުން މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿فَإِذَا رَكِبُوا۟ فِى ٱلْفُلْكِ دَعَوُا۟ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ فَلَمَّا نَجَّىٰهُمْ إِلَى ٱلْبَرِّ إِذَا هُمْ يُشْرِكُونَ﴾ (ފަހެ، އެއުރެން ނަވަށް އެރިހިނދު، އެކަލާނގެއަށް إيمان ކަން خالص ކުރާ حال ގައި، اللَّه އަށް އެއުރެން دعاء ކުރެތެވެ. ފަހެ އެކަލާނގެ އެއުރެން ސަލާމަތް ކުރައްވައި، އެއްގަމަށް ގެންނެވިހިނދު، އެއުރެން (އެކަލާނގެއަށް) شريك ކުރެތެވެ.) (އަލްޤަޞަޞު: 65)
މުޞީބާތުގެ ވަގުތު އިންސާނާ އޭނާގެ ވެރި އިލާހަށް އެދި ދަންނަވާކަން ބަޔާންކުރައްވަމުން އަދިވެސް މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿وَإِذَا مَسَّ ٱلْإِنسَـٰنَ ٱلضُّرُّ دَعَانَا لِجَنۢبِهِۦٓ أَوْ قَاعِدًا أَوْ قَآئِمًا فَلَمَّا كَشَفْنَا عَنْهُ ضُرَّهُۥ مَرَّ كَأَن لَّمْ يَدْعُنَآ إِلَىٰ ضُرٍّ مَّسَّهُۥ ۚ كَذَٰلِكَ زُيِّنَ لِلْمُسْرِفِينَ مَا كَانُوا۟ يَعْمَلُونَ﴾ (އަދި އިންސާނާއަށް އުނދަގުލެއް ޖެހިއްޖެނަމަ، އޮށޯވެ އޮވެގެން ނުވަތަ އިށީނދެ އިނދެގެން، ނުވަތަ ކޮޅަށް ހުރެގެން، ތިމަންރަސްކަލާނގެ حضرة އަށް دعاء ކުރެތެވެ. ފަހެ، ތިމަންރަސްކަލާނގެ އެމީހެއްގެ ކިބައިން އެ އުނދަގޫ ފިއްލަވައިފުމުން، އޭނާ (އެދާ މަގުން) ހިނގައިދެއެވެ. އުނދަގުލެއްޖެހިގެން ތިމަންރަސްކަލާނގެ حضرة އަށް دعاء ވެސް ނުކުރާކަހަލައެވެ. كافر ންނަށް އެއުރެން ކޮށްއުޅުނު عمل ތައް ޒީނަތްތެރިި ކުރައްވާފައިވަނީ އެފަދައިންނެވެ.) (ޔޫނުސް: 12)
ދުނިޔޭގައި ކުރިމަތިވާ މުޞީބާތާއި، ދައްޗާއި، ހިތާމައިގައި މުސްލިމުންނާ ކާފަރުން އެންމެ ބޮޑަށް ތަފާތުވާ އެއްކަމަކީ މަތީގައި ބަޔާންވެދިޔަ އާޔަތުގައި އެވާ ކަމެވެ. ކާފަރުންވެސް މުޞީބާތުގެ ވަގުތު މާތް ﷲ އަށް އެދި ދެންނެވިއެވެ. އެހެންނަމަވެސް، އެ އުނދަގޫ ފިލައި ދިއުމުން އެބައިމީހުން އަނެއްކާވެސް ކާފަރުކަމަށް އެނބުރި ދަނީއެވެ. އެހެނަސް، މުސްލިމުން އެބައިމީހުންގެ އީމާންކަން މަތީ ދެމިތިބެއެވެ. އަބަދުވެސް އެބައިމީހުންގެ ކަންކަން އެންމެ ގާތުން ބައްލަވައި ވޮޑިގަތުމުގައި އެކަލާނގެ ވޮޑިގެންވާކަން އެބައިމީހުން ހިތުގެ އަޑިން ޤަބޫލުކުރާތީއެވެ.
މުޞީބާތުގެ ވަގުތުވެސް އަދި އެނޫން ވަގުތުތަކުގައިވެސް މުސްލިމުން ހަނދާން ބަަހައްޓަންވީ ކީރިތި ﷲގެ މި ވަޙީބަސްފުޅެވެ. ﴿وَإِذَا سَأَلَكَ عِبَادِى عَنِّى فَإِنِّى قَرِيبٌ ۖ أُجِيبُ دَعْوَةَ ٱلدَّاعِ إِذَا دَعَانِ ۖ فَلْيَسْتَجِيبُوا۟ لِى وَلْيُؤْمِنُوا۟ بِى لَعَلَّهُمْ يَرْشُدُونَ﴾ (އަދި ތިމަންރަސްކަލާނގެއާމެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާ سؤال ކޮށްފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަންރަސްކަލާނގެ حضرة އަށް دعاء ކޮށްފިނަމަ دعاء ކުރި މީހާގެ دعاء ތިމަންރަސްކަލާނގެ އިޖާބަ ކުރައްވަމެވެ. ފަހެ، އެއުރެން (އެބަހީ: ތިމަންރަސްކަލާނގެ އަޅުން) ތިމަންރަސްކަލާނގެއަށް އިޖާބަދޭހުށިކަމެވެ! އަދި އެއުރެން ތިމަން ރަސްކަލާނގެއަށް إيمان ވާހުށިކަމެވެ! (އެއީ) އެއުރެންނަށް ތެދުމަގު ލިބުމަށްޓަކައެވެ.) (އަލްބަޤަރާ: 186)