އެމްބީއެސްއަށް މިއަދު 59 މީހަކު ލޭ ހަދިޔާ ކޮށްފި

މޯލްޑިވިއަން ބުލަޑު ސަރވިސަސް (އެމްބީއެސް) އަށް މިއަދު 59 މީހުން ލޭ ހަދިޔާ ކޮށްފި ކަމަށް އެތަނުން ވިދާޅުވެއްޖެއެވެ.

އެމްބީއެސްގެ ފަރާތުން ވާހަކަ ދައްކަވަމުން ޑރ. ޢުމަރު ވިދާޅުވީ މިއަދު އެ އަދަދަށް މީހުން ލޭ ހަދިޔާ ނުކުރިނަމަ ވަރަށްބޮޑު ދަތިތަކާ ކުރިމަތިލާން ޖެހުނީސް ކަމަށެވެ. ފާއިތުވި ހަފްތާއެއްހާ ދުވަސް ތެރޭގައި ވެސް ލޭ އެޅުމުގެ ކަންކަން ހަމަޖައްސަވަމުން ގެންދެވީ ބެލެނިވެރިން ގެންނަ ޑޯނަރުންގެ ފަރާތުން ކަމަށް ޑރ. ޢުމަރު ވިދާޅުވިއެވެ.

ޑރ. ޢުމަރު ވިދާޅުވީ މިއަދު ލޭ ހަދިޔާ ކުރި މީހުންގެ ތެރެއިން 21 މީހުންނަކީ ވޮލަންޓިއަރ ކޮށްގެން ލޭ ދެއްވި މީހުންކަމަށެވެ. އެމްބީއެސްއިން މިހާރުވަނީ ލޭ ހަދިޔާ ކުރަން ބޭނުންވާ މީހުންނަށް އެޕޮއިންޓުމެންޓް އުސޫލުން އެފުރުސަތު ދޭން ނިންމައިފައެވެ. އެގޮތުން  އެޕޮއިންޓް 3306089 ނަމަބަރަށާއި 3333886 ނަމްބަރަށް ގުޅުއްވައި އެޕޮއިންޓުމެންޓް ހަދަމުން ގެންދިއުމަށް އޭނާ އެދިވަޑައިގެންނެވިއެވެ. އެހެންނަމަވެސް މާދަމައަށް މިހާރު ވަނީ އެޕޮއިންޓްމެންޓް ފުލްވެފައެވެ. އެހެކަމުން މާދަމާ އެޕޮއިންޓްމެންޓް ނަގާނީ މާދަން ނޫން އަނެއް ދުވަހަށް ކަމަށް އޭނާ ވިދާޅުވިއެވެ. ދުވާލަކު 60 އެޕޮއިންޓްމަންޓް ދޫކުރައްވާނެ ކަމަށް ވެސް ޑރ. ވިދާޅުވިއެވެ. ލޭހަދިޔާ ކުރުން ކުރިއަށްދާނީ ހެނދުނު 8:00 އިން ހަވީރު 3:00 އަށެވެ.

ތެލެސީމިއާ ކުދިންގެ ތެރޭގައި 635 ކުދިން މިހާރު ދުނީޔޭގައި އެބަތިއްބެވެ. އޭގެ ތެރެއިން 303 ކުދިންނަކީ މާލެ ސަރަހައްދަށް ނިސްބަތްވާ ނުވަތަ އެސަރަހައްދުން ޚިދުމަތް ހޯދަމުންދާ ކުދިންނެވެ. ޑރ. ޢުމަރު ވިދާޅުވީ ރަށްރަށުގައި ތިބި ކުދިންގެ ތެރެއިން އެހެން ރަށަކަށް ގޮސް އެޚިދުމަތް ހޯދަންޖެހޭ ކުދިން ލޭއަޅަންދާ ރަށަށް ދަތުރު ކުރުމަށް އެންއީއޯސީއާ ވާހާކަ ދައްކައިގެން ވަރަށް އަވަހަށް ގޮތްތަކެއް ހަމަޖެހިގެންދާނެ ކަމަށެވެ. ކޮވިޑް-19 ގެ ސަބަބުން އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުން ވަނީ ވަގުތީ ގޮތުން ހުއްޓުވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.