
ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފަށައިފިއެވެ.
މިއީ އޭސީސީން އިސްނަންގަވައިގެން މޯލްޑިވިއަން ބުލަޑް ސާވިސްއާ ގުޅިގެން ގެންދާ ކޭމްޕެކެވެ. އޭސީސީން ވިދާޅުވެފައިވަނީ މިއީ ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ އިޖުތިމާޢީ ޙަރަކާތެއް ކަމަށެވެ.
މޯލްޑިވިއަން ބުލަޑް ސާވިސްގެ ޑިރެކްޓަރ ނަޔާޒު އަޙުމަދު ވިދާޅުވީ އޭސީސީން އިސްނަންގަވައިގެން މިފަދަ ކޭމްޕެއް ބާއްވާތީ އުފާ ކުރައްވާ ކަމަށެވެ. "އަޅުގަނޑުގެ އިލްތިމާސަކީ ކޭމްޕަށްފަހު ވެސް ލޭ ހަދިޔާ ކުރެއްވުން ކުރިއަށް ގެންދަވާށޭ،" ނަޔާޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ހަމައެކަނު މާލޭގައި އުޅެމުންދާ ތެލަސީމިއާ ކުދިންނަށް އެކަނިވެސް ހަފްތާއަކު 150 ޔުނިޓް ލޭ ބޭނުންވާ ކަމަށެވެ. މިވަގުތު ލޭއަޅާ 634 ކުދިން އެބަތިބި ކަމަށާއި އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ކުދިން އުޅެމުންދަނީ މާލޭގައި ކަމަށް ނަޔާޒު ވިދާޅުވިއެވެ.