ކަރަންޓީނުގައި ތިބޭ މީހުންނަށް ދެވޭ ޞިއްޙީ ޚިދުމަތާ ގުޅޭ މަޢުލޫމާތު ނެޝެނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ(އެންއީއޯސީ) އިން ރައްޔިތުންގެ މަޖިލީހުގެ ހިޔުމަންރައިޓްސް އެނެޑް ޖެންޑަރ ކޮމެޓީއާ ހިއްސާކުރައްވައިފިއެވެ.
ހިޔުމަންރައިޓްސް އެންޑް ޖެންޑަރ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެންއީއޯސީ ގެ ތިން އޮފިޝަލަކު ވަނީ ކަރަންޓީން ފެސިލިޓީތަކުގައި ކަންކަން އިންތިޒާމުކޮށްފައިވާ ގޮތުގެ މަޢުލޫމާތު ކޮމެޓިއާ ހިއްސާ ކޮށްފައެވެ.
އޮފިޝަލުން ވިދާޅުވީ ކޮންމެ ކަރަންޓިން ފެސިލިޓީއެއްގައި ކޯޑިނޭޓްކުރާނެ މެނޭޖަރަކާއި މެޑިކަލް ޓީމެއްގެ އިތުރުން ސައިކޯ ސޯޝަލް ސަޕޯރޓްގެ ޚިދުމަތް ވެސް ދެމުންދާކަމަށެވެ. މީގެ އިތުރުން ރާއްޖެއިން ބޭސްފަރުވާއަށް ގޮސްތިބި މީހުންގެތެރެއިން އެނބުރި އަންނަން ބޭނުންވާ މީހުންގެ ހާލަތު ދެނެގަތުމަށް ރާއްޖެ އައުމުގެ ކުރިން އެމީހިންގެ ހާލަތު ދެނެގަތުމަށް ޚާއްޞަ ފޯމެއް ފުރަންޖެހޭކަމަށެވެ. ނަމަވެސް ބޭސްފަރުވާއަށް ގޮސްފައި އެނބުރި އައުމުގެކުރިން އެފޯމް ފުރިހަމަކޮށް މަޢުލޫމާތު ޙިއްސާ ނުކުރާތީ އެފަދަ ބަލި މީހުންނަށް ފަރުވާ ދީނުމަށް ގޮންޖެހުންތައް ކުރިމަތި ވާކަން އެންއީއޯސީގެ އޮފިޝަލުން ފާހަގަ ކުރެއްވިއެވެ. އެމީހުންގެ ޞިއްޙީ ހާލަތު ދެނެގަންނަމުންދަނީ އާސަންދައިން ލިބޭ މަޢުލޫމާތު ތަކަށް ރިޢާޔަތް ކޮށްކަމަށް އެންއޯސީގެ އޮފިޝަލް، ޑރ ޝަހީދު ވިދާޅުވިއެވެ. ނަމަވެސް އާސަންދައިން ލިބޭ މަޢޫލޫމާތުތަކަކީ އެމީހާ ފަރުވާއަށް ދިއުމުގެ ކުރިން ޞިއްޙީ ޙާލަތު ހުރިގޮތް އެނގޭ މަޢުލޫމާތުތަކަށް ވުމުން އެމީހުންގެ އަސްލު ހާލަތު އެމަޢުލޫމާތުން ދެނެނުގަނެވޭކަމަށެވެ. އެހެންކަމުން އެމްބަސީތަކުގެ ދައުރު ފުޅާކޮށްގެން ވިއަސް ފަރުވާ އަށް ގޮސް ތިބޭ ދިވެހިން އެނބުރި އައިމުގެ ކުރިން އެމީހުންގެ ހާލަތު ދެނެގަންނަ ފޯމް ފުރުމުގެ މުހިންމުކަން އެންއީއޯސީގެ އޮފިޝަލުން ފާހަގަ ކުރެއްވިއެވެ.
"އަޅުގަނޑުމެންގެ ވަރަށް ބޮޑު ރެކޮމެންޑޭޝަނެއް އޮންނާނެ، އައުމުގެ ކުރިން އެމީހުންގެ ޞިއްޙީ ޙާލަތު ދެނެގަތުން ފޯމެއް ފުރުން. އެ ފޯމަކީ ދަތުރު ކުރުމުގެ ކުރިން ފުރާފައި އެންއީއޯސީއަށް ފޮނުވުމުން އެނގޭ ރިސްކް އެސެސްކޮށްލެވޭނެ އެއްޗެއް." ޑރ ޝަހީދު ވިދާޅުވިއެވެ.
އެންއޯސީގެ އޮފިޝަލް ވިދާޅުވީ ރިސްކް އެސެސްކުރުމުގެ އެންމެބޮޑު ބޭނުމަކީ ހައިރިސްކް މީހުން ކަރަންޓީންކުރާއިރު މާލެއާއި ކައިރި ފެސިލީޓީތަކަށް ލުމެވެ. އޭނގެ ބޭނުމަކީ އެމީހުންނަށް ޚާއްޞަ ފަރުވާއެއް ބޭނުންވުމުން އަވަހަށް ޚިދުމަތް ފޯރިކޮށް ދެއްވުން ކަމަށެވެ.
ޑޮކްޓަރ ސަހީދު ވިދާޅުވީ ކަރަންޓީން ފެސިލިޓީތަކުގައި ތިބި ބަލިމީހުންގެ ތެރޭގައި ޑައެލިސިސް ހަދަންޖެހޭ ބަލި މީހުންނާއި ކެންސަރު ބަލީގެ މީހުންގެ އިތުރުން މާބަނޑު މީހުންވެސް ހިމެނޭކަމަށެވެ.
ކަރަންޓީނުގައި ތިބޭއިރު ކޮންމެ ދުވަހަކު ވެސް ހުރިހާ އެންމެންނަށް ފޯނުން ގުޅާ ކޮންސަލްޓޭޝަން ދެވޭކަމަށް ވިދާޅުވިއެވެ. އެގޮތުން ކުރެވޭ މުޢާމަލާތުތަކާ ގުޅިގެން އެމީހަކަށް ޒިޔާރަތްކޮށް ބަލަންޖެހޭ ޙާލަތެއްނަމަ މެޑިކަލް ޓީމުން އެމީހަކާ ބައްދަލުކޮށް ބަލި ހާލު ދެނެގަނެވޭ ކަމަށްވިދާޅުވިއެވެ. ކޮންމެ ފެސިލޓީއެއްގައިވެސް ޑޮކްޓަރަކާއި ނަރުހަކު ހުންނާނެކަމަށް ވިދާޅުވިއެވެ.
ކަރަންޓީން ފެސިލިޓީތަކުގައި ތިބި މީހުންގެ ތެރެއިން ތިން މީހަކު އައިޖީއެމްޗްގައި އެޑްމިޑްކޮށް ފަރުވާ ދެމުންދާކަމަށް ޑރ. ޝަހީދު ފާހަގަ ކުރެއްވިއެވެ. އޭގެތެރޭގައި ފުއްޕާމޭގެ ކެންސަރަށް ފަރުވާ ހޯދާ މީހަކާއި ކުޑަކުއްޖަކުވެސް ހިމެނެއެވެ. ކަރަންޓީންގައި ތިބޭ މީހުންގެ ތެރެއިން އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާ ދޭމީހުންނަށް ފަރުވާ ދެމުން ދަނީ އެހެން ބަލިމީހުންނާއި ވަކިން، ވަކި ނިޒާމެއްގެ ދަށުން ކަމަށް ވިދާޅުވިއެވެ. ކަރަންޓީންގެ މުއްދަތުގައި އެފަދަ ބަލިމީހުންނަށް ފަރުވާ ދިނުމުގައި ވެސް ގެންގުޅެނީ ބަލީގެ ޢަލާމަތެއް ފެނި ބަލިފެތުރުމުގެ ފުރުޞަތު އޮވެދާނެތީ ޚާއްޞަ އުޞޫލަކުން ކަމަށް ޑޮކްޓަރ ޝަހީދު ފާހަގަ ކުރެއްވިއެވެ.
ކަރަންޓީން ފެސިލީޓީތަކުގައި އައިވީއެފް ހަދައިފައިވާ ހަތަރު ފަސް ވަރަކަށް މީހުން ތިބިކަންވެސް ފާހަގަ ކުރެއްވިއެވެ. އެމީހުން ހަދަންޖެހޭ ޓެސްޓްތައްވެސް ބޭނުންވި ވަގުތު ހަދައި ދެވިފައިވާކަމަށް ވިދާޅުވިއެވެ. ނަމަވެސް އެންމެ ހިތްހަމަ ޖެހޭ ފެންވަރަށް ކަކަން ނުކުރެވިދާނެކަމަށް ޑރ. ޝަޙީދުވެސް ފާހަގަ ކުރެއްވިއެވެ.
ޑޮކްޓަރ ޝަހީދު ވިދާޅުވީ ބަލި މީހުން ކަމުގައި ވިއަސް ރައްކާތެރިކަމުގެ ގޮތުން ކަރަންޓީން ފެސިލީޓީއެއްގައި ބެހެއްޓުމަކީ މިވަގުތު ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށެވެ. ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ނާޅައިފިނަމަ ފަހުން ވާނެ ގެއްލުން ބޮޑުވެދާނެކަން ފާހަގަ ކުރެއްވިއެވެ. ކަރަންޓީން ފެސިލިޓީގައި ތިބޭ ބަލި ޙާލު ބޮޑު މީހެއްނަމަވެސް ނުވަތަ މުސްކުޅިވެ އެހެން މީހެއްގެ އެހީތެރިކަމަށް ބޭނުންވާ މީހަކު ނަމަވެސް އާއިލާގެ ފަރާތުން އެމީހަކާއެކު ހުންނަން ބޭނުންވާ މީހަކަށް ފުރުޞަތު ހޯއްދަވައި ދެއްވާ ކަމަށް ވެސް ޑރ ޝަހީދު ވިދާޅުވިއެވެ.
ހިޔުމަންރައިޓްސް އެންޑް ޖެންޑާ ކޮމެޓީން އެންއީއޯސީގެ އޮފިޝަލުންނާ ބައްދަލުކުރެއްވީ ދައިމީ ބައްޔަކަށް ފަރުވާހޯދަންޖެހޭ މީހުން ކަރަންޓީންގައި ތިބުމުގައި ދިމާވާ މައްސަލަތަކާ ގުޅޭ ކަންބޮޑުވުންތަކެއް ހުރުމުންނެވެ. އެކޮމެޓީން ހޯއްދެވި މަޢުލޫމާތު ތަކާ ގުޅިގެން އަވަސް ރިޕޯރޓެއް އެކުލަވާލެއްވުމަށް ވެސް މިއަދުގެ ބައްދަލުވުގައި ވަނީ ނިންމަވައިފައެވެ.