ބަލިފެތުރުނަ ނުދިނުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ ވާޖިބުކަމެއްކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ އަދި އިސްލާމިކް ޔުނިވަރސިޓީގެ ކުރީގެ ޗާންސެލަރ، ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޑރ ޝަހީމް ކުރެއްވި ޓްވީޓެއްްގައި ވިދާޅުވީ ވަގުތާއި ޙާލަތާ ގުޅިގެން ފަތުވާ ބަދަލުވާން ޖެހޭނެކަމަށެވެ. އެއީ އައިބެެއް ހުރި ކަމެއް ނޫންކަމަށެވެ. ރާއްޖޭގެ ފަތުވާ މިކަމުގައި (ކޯވިޑްގެ ޙާލަތު ގޯސްވެގެންދާއިރުވެސް) ބަދަލު ނުވާތީވެ އަޖާއިބު ވެވަޑައިގަންނަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކޯވިޑްގެ ޙާލަތު ގޯސްވުމާ ގުޅިގެން މިހާރު ސަރުކާރުން ވަނީ ޚާއްޞަ ފިޔަވަޅުތަކެއްް ތަންފީޒު ކުރަން ފަށައިފައެވެ. އެ ފިޔަވަޅުތަކުގެ ތެރޭގައި މިސްކިތްތަކަށް ޚާއްޞަ ކޮށްގެން ވަކި ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފައެއް ނުވެއެވެ. ނަމަވެސް ކޯވިޑްގެ ޙާލަތު ފުރަތަމަ ގޯސްވެގެން ދިޔައިރު ފުރަތަމަ އެޅި ފިޔަވަޅުތަކުގެ ތެރޭގައި މާލެ ސަރަޙައްދުގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ކުރުން ވަނީ ހުއްޓާލައިފައެވެ. ކޯވިޑާ ގުޅިގެން ފުރަތަ ދިން ލުއިތަކުގެ ތެރޭގައި މިސްކިތްތައް ހުޅުވާލިއަސް މާލެ ސަރަޙައްދުގައި ޖަމާޢަތުގައި ނަމާދު ކުރަން ފަށައިފައިވަނީ ޖުލައި 10 ވީ ހުކުރު ދުވަހުން ފެށިގެންނެވެ. ނަމަވެސް ޖަމާޢަތުގައި ނަމާދު ކުރުމުގައި ގައިދުރުކަން ނުހުންނަ ކަން ފާހަގަ ކުރެވެއެވެ.