ކޮވިޑް-19: އަމިއްލަ ނަފްސަށް ގެއްލުންދޭނެ ކަމަށް ބުނި މީހަކު ބަންދުކޮށްފި

ވ. ސިނަމަން ވެލިފުށި ރިސޯޓުގެ މުވައްޒަފަކު އެރިސޯޓުން ފައިބަން މެޑިކަލް ލެޓަރއެއް ނުދީފިނަމަ އަމިއްލަ ނަފްސަށް ގެއްލުންދޭނެ ކަމަށްބުނުމުން ފުލުހުންގޮސް އޭނާ ބަންދުކޮށްފިއެވެ.

އެމީހާ އަމިއްލަ ނަފްސަށް ގެއްލުންދޭނެ ކަމަށް ބުނެ އިންޒާރު ދީފައި ވަނީ އިއްޔެގެ ވަގިތެއްގައެވެ. ކޯޓުން އަމުރެއް ހޯދައިގެން ފުލުހުން އެރަށަށް ގޮސް އޭނާ ބަންދު ކޮށްފައިވަނީ ވެސް އިއްޔެއެވެ. އެމީހާއަކީ އުމުރުން 33 އަހަރުގެ ދިވެއްސެކެވެ. އެމީހާ "އަމިއްލަ ނަފްސަށް ގެއްލުން ދޭނެ ކަމަށް ބުނުމުން އޭނާއަށް ކަމެއް ދިމާވުމުގެ ކުރިން ކޯޓު އަމުރެއްގެ ދަށުން" އެމީހާ ބަންދުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅަމުން ގެންދާ ފިޔަވަޅުތަކުގެ ތެރެއިން އެއްވެސް ރިސޯޓަކުން އެހެން ރަށްރަށަށް ދިއުމާއި އެހެން ރަށްރަށުން ރިސޯޓުތަކަށް ދިއުން ޑިރެކްޓަރޖެނެރަލް އޮފް ޕަބްލިކް ހެލްތު ވަނީ މަނާ ކުރައްވައިފައެވެ. އަދި ވަކިގޮތެއް އަންގަންދެން ރިސޯޓުތަކުގައި ތިބުމަށް ޑީޖީ ވަނީ އަމުރު ކުރައްވައިފައެވެ. މިއަމުރާ ޚިލާފުވި އެހެން މީހުންވެސް ފުލުހުންވަނީ ބައެއް ރިސޯޓުތަކުން ބަންދުކޮށް މައްސަލަ ބަލަން ފަށައިފައެވެ.

ރާއްޖޭގެ ޕޮރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެފައިވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އަމުރާ ޚިލާފުވާ މީހުންނާ ދެކޮޅަށް ދަޢުވާ ކުރައްވާނެ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.