ބޭރުގައި ތިބި ދިވެހީން ގެނައުމުގެ މަސައްކަތަކީ ހުއްޓާލާނެ މަސައްކަތެއް ނޫން: މަބްރޫކް

ރާއްޖެއިން ބޭރުގައި ތިބި ދިވެހީން ގެނައުމުގެ މަސައްކަތް އެއީ ސަރުކާރުން ހުއްޓާލާނެ މަސައްކަތެއް ނޫން ކަމަށް ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުޙައްމަދު މަބްރޫކް ޢަބްދުލް ޢަޒީޒު ވިދާޅުވެއްޖެއެވެ.

މަބްރޫކް ވިދާޅުވީ ސަރުކާރުން އަބަދުވެސް ބައްލަވަމުން ގެންދަވަނީ ފުރުސަތަކަށް ކަމަށެވެ. އެފުރުސަތު ލިބުނުހާ އަވަހަކަށް ރާއްޖެއިން ބޭރުގައި ތިބި ދިވެހީން ރާއްޖެއަށް ގެންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް މިވަގުތު ގިނަ ގައުމުތައް ލޮކްޑައުންކޮށް އެއާޕޯޓު ބަންދުކޮށްފައިވާތީ ދަތިތަކެއް ކުރިމަތިވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ މިކަންކަމަށް ފަހި މަގެއް ފެނޭތޯ ފޮރިން މިނިސްޓްރީން ވެސް ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މިފަދަ ޙާލަތުގައި އެއްވެސް ފަރާތްތަކުން ދޮގު މަޢުލޫމާތު ނުފެތުރުމަށާއި ރާއްޖެއިން ބޭރުގައި މިވަގުތު ތިބި ދިވެހީންނަށް ކަށަވަރުނުވާ އުންމީދުތަކެއް ނުދިނުމަށް ވެސް އޭނާ އެދިވަޑައިގެންނެވިއެވެ. ކިރިޔާވެސް ފުރުސަތެއް ނުވަތަ ޖާގައެއް ލިބޭއިރަށް މީހުން ގެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މޯލްޑިވިއަންއިން މިއަދު ކޮލަމްބޯއަށް ދެ ދަތުރު ކުރާނެ އެވެ. އެ ދެ ދަތުރުން 100 މީހުން ރާއްގެ ގެނެވޭނެ ކަމަށް މޯލްޑިވިއަން އިން ވަނީ ވިދާޅުވެފައެވެ. އަދި މާދަމާ ކޮޗިނަށް ދަތުރެއް ކުރާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އެދަތުރު ކުރާނީ 200 މީހުންގެ ޖާގައިގެ ބޯޓަކުން ކަމަށް ވެސް އެތަނުން ވިދާޅުވެފައިވެއެވެ. މީގެ އިތުރުން ޓްރިވެންޑްރަމާއި މެލޭޝިއާއިގައި ތިބި ދިވެހީން ރާއްޖެ ގެނައުމުގެ މަސައްކަތް ވެސް މޯލްޑިވިއަން ކުރައްވާނެ ކަމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.