
ކޮވިޑް 19 ރާއްޖެއިން ފެނުމުން އެބަލިން ރައްކާތެރިވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާ ސަރުކާރުން މިއަދު ފޮނުވި ޑޮކްޓަރުންގެ ޓީމުން މާދަމާއިން ފެށިގެން ހަރަކާތްތެރިވާން ފަށާނެއެވެ.
ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނިއުސް ބްރީފިންގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުހައްމަދު މަބްރޫކް ޢަބްދުލް ޢަޒީޒު ވިދާޅުވީ އެ ޓީމް މާދަމާއިން ފެށިގެން ހަރަކާތްތެރިވާނީ އައިޖީއެމް ހޮސްޕިޓަލުގައި ކަމަށެވެ.
ދިވެހި ސަރުކާރުގެ އެދުމުގެ މަތީން މިއަދު ފޮނުވި ޓީމުގައި ޖުމްލަ 14 މީހުން ހިމެނެއެވެ. އޭގެ ތެރޭގައި އެތެރެހަށީގެ އެކި ކަންކަމަށް ޚާއްސަ ޑޮކްޓާރުންނާއި ހޭނައްތާ ޑޮކްޓަރުން ވެސް ހިމެނެއެވެ. އަދި ނަރުހުން ވެސް ހިމެނެއެވެ.
ކޮވިޑް 19 ގެ ސަބަބުން އިންޑިއާއިން ބޭސް ބޭރުކުރުން ހުއްޓާލިޔަސް ތިން މަހަށް ބޭނުންވާ ބޭސް ހިލޭ ރާއްޖެއަށް ދޭނެ ކަމަށް އިންޑިއާ ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އިންޑިއާއަކީ މިފަދަ ކޮންމެ ވަގުތެއްގައި ވެސް ރާއްޖެއަށް އެންމެ ގާތުން އެންމެ އަވަހަށް އެހީތެރިވާ ގައުމެވެ.