މާލެއާއި ހުޅުމާލެއިން ޖަރާސީމު ފިލުވުމުގެ މަސައްކަތް ފަށްޓަވައިފި

މިހާރު ރާއްޖެއިން ވެސް ފެނިފައިވާ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މާލެއާއި ހުޅުމާލެއިން ޖަރާސީމު ފިލުވާލުމުގެ މަސައްކަތް ފަށްޓަވައިފިއެވެ.

މާލޭގައި މިމަސައްކަތް ކުރިއަށް ގެންދަނީ ދިވެހި ސިފައިންނާއި މާލޭ ސިޓީކައުންސިލް ގުޅިގެންނެވެ. ހުޅުމާލޭގައި ޖަރާސީމު ނައްތާލުމުގެ މަސައްކަތް ކުރަމުންދަނީ ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންނެވެ.

މާލެ ސިޓީ ކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައި ވާގޮތުން ޖަރާސީމު ނައްތާލުމަށް މާލޭގެ މަގުތަކަށް ޖަހާނީ ކްލޯރިންނެވެ. އަދި ކުނި ހަރުލާގޮތަށް މާލޭގެ މަގުތަކުގައި ބަހައްޓައިފައިހުރި ޕެލެޓާއި ހަލާކުވެފައި ހުންނަ ޕެލެޓްފަދަ ތަކެތިވެސް މިމަސައްކަތް ކުރަމުންދާއިރު ނަގާނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް މުޅި މާލެ ސަރަޙައްދުގައި ޑިސް އިންފެކްޓްކުރުން ނުވަތަ ޖަރާސީމު ނައްތާލުމުގެ މަސައްކަތް ކުރުމުގެ މަސައްކަތް ސިފައިންނާ ސިޓީކައުންސިލް ގުޅިގެން ކުރިއަށް ގެންދިއުމަށް ނިންމައިފައިވާކަމަށް ސަރުކާރުން ވެސް ވަނީ ވިދާޅުވެއެވެ.

ކޮވިޑް 19 އަށް ރާއްޖެއިން 13  މީހުން ޕޮސިޓިވްވިނަމަވެސް ތިން މީހަކު އެބަލިން ރަނގަޅުވުމުން މިހާރު ބަލިޖެހިފައިވާ މީހުންގެ ޢަދަދު ވަނީ 10 ށް ތިރިވެފައެވެ. ބަލިޖެހުނު މީހުންގެ ތެރޭގައި އެއްވެސް ދިވެއްސަކު ނެތެވެ. އަދި މިބައްޔަށް މީހަކު ޕޮސިޓިވް ނުވާތާ މިހާރު ވަނީ ހަފަތާއެއް ވެފައެވެ.

ކޮވިޑް- 19 އާ ގުޅިގެން ދުނިޔޭގެ އެހެން ޤައުމުތަކޭ އެއްފަދައިން ރާއްޖޭގައި ވެސް ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން ރާއްޖޭގައި ވަނީ އާއްމުޞިއްޙަތުހެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައެވެ. އަދި ރާއްޖޭގެ ރިސޯރޓްތަކުން އަރައި ފޭބުން މަނާކޮށް ރާއްޖެ އަންނަ ފަތުރުވެރިން ނޫން ހުރިހާ އެންމެން 14 ދުވަހަށް ކަރަންޓީން ކުރުމަށް ނިންމައި އެކަން ގެންދަނީ ތަންފީޒު ކުރަމުންނެވެ. ސްކޫލުތަކާ މަތީތަޢުލީމުދޭ މަރުކަރުތައް ދެހަފްތާއަށް ބަންދުކޮށް ސަރުކާރުވެސް ވަނީ 10 ދުވަހަށް ބަންދުކޮށްފައެވެ. މީގެ އިތުރުން ޓޭކްއަވޭ ފިޔަވައި ކާބޯތަކެތި ވިއްކާ ތަންތަނުގެ ޚިދުމަތްވެސް ވަނީ ހުއްޓުވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.