ސަމާ އައިލެންޑުން ކޮވިޑަށް ޝައްކު ކުރެވުނު ހަތް މީހުން އެއަށް ނެގެޓިވް: އެޗުޕީއޭ

ކޯވިޑް 19 އަށް ޝައްކު ކުރެވިގެން ސަމާ އައިލެންޑް ރިސޯޓުން އެކަހެރި ކުރި 7 މީހުން ވެސް ވަނީ އެބައްޔަށް ނެގެޓިވް ވެފައި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އެ މީހުން އެބައްޔަށް ޝައްކު ކުރެވުމުން އެރިސޯޓަށް އަރައިފޭބުން ފޭބުން މަނާކުރިއެވެ. އެހެންނަމަވެސް އެމީހުން އެބައްޔަށް ނެގެޓިވް ވުމުން އެރަށަށް އަރައިފޭބުން މަނާކޮށްފައި އޮތް އޮތުން ވަނީ ހުއްދަ ކޮށްފައެވެ.

" ކޯވިޑް 19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ސަމަރ އައިލަންޑް ރިސޯޓުން ސާމްޕަލް ނަގާ ޓެސްޓްކުރި 7 މީހުން ވަނީ ކޯވިޑް 19 އަށް ނެގަޓިވް ވެފައި. ޓެސްޓްގެ ނަތީޖާއާއި ވިދިގެން، ސަމަރ އައިލަންޑް ރިސޯޓަށް އަރާ ފޭބުމުގެ އެއްވެސް ހުރަހެއް ނެތްކަމަށް އަންގަން،" އެޗުޕީއޭއިން ވިދާޅުވިއެވެ.

އަރިއަތޮޅު އުތުުރުބުރި، ސޭންޑީޒް ބަތަލާ އައިލަންޑް ގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ އިޓަލީވިލާތުގެ ފަތުރުވެރިއަކު ވެސް ކޯވިޑް 19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިގެން ވަނީ މޮނިޓަރކުރުމާއި ޓެސްޓު ހެދުމުގެ މަސައްކަތް ފަށައިފައި ކަމަށް އެޗުޕީއޭ އިން ވިދާޅުވިއެވެ. ޝައްކު ކުރެވޭ މީހަކު ފެނުމުން އަމަލު ކުރަން އޮންނަ އުސޫލުގެ ދަށުން އެރަށަށް ވެސް އަރައި ފޭބުން މިހާރުވަނީ ވަގުތީ ގޮތުން މަނާ ކޮށްފައެވެ.

މިހާތަނަށް ރާއްޖެއިން ވަނީ ދެ މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައެވެ. އެމީހުން މިހާރުވަނީ އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސް ބަލަހައްޓަން ފަށައިފައެވެ. ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ ޅ. ކުރެއްދޫގައި މަސައްކަތް ކުރާ ދެ ބިދޭސީންނެވެ. އުސޫލުގެ ދަށުން އެމީހުންގެ ޤައުމާއި ނަން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ހާމައެއް ނުކުރެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.