ކޮވިޑް-19 އިން ރާއްކާތެރިވުމަށް ބޭނުން ކުރާނެ ބައެއް ސާމާނު އެމެރިކާއިން ރާއްޖަށް ހަދިޔާކޮށްފިއެވެ. މިއީ ދިވެހި ސަރުކާރުގެ އެދުމުގެ މަތީން އެމެރިކާއިން ހަދިޔާ ކުރެއްވި ސާމާނެވެ.
އެމެރިކާއިން ހަދިޔާ ކޮށްފައިވާ ތަކެތީގެ ތެރޭގައި އަންގިއާއި، ބޫޓާއި، 400 ކޮވަރޯލް ހިމެނެއެވެ. މިތަކެއްޗާ ރާއްޖެއިން ހަވާލުވެފައިވަނީ އެމްއެންޑީއެފުންނެވެ. އެމެރިކާގެ ފަރާތުން މިތަކެތި ރާއްޖެއާ ހަވާލުކޮށްދެއްވީ އެގައުމުން ރާއްޖެއަށާއި، ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކަށް އެހީވުމަށްޓަކައި މިއަދު ވަނީ އިންޑިއާގެ ޑޮކްޓަރުންނާއި ނަރުހުންގެ ޓީމެއްވެސް ރާއްޖެ އައިސްފައެވެ. އެއީ ދިވެހި ސަރުކާރުގެ އެދުމުގެ މަތީން އިންޑިއާ ސަރުކާރުން ރާއްޖެއަށް ފޮނުވި ޓީމެކެވެ. އެޓީމުގައި 14 މީހުން ހިމެނެއެވެ. މި ޓީމުގައި އެކި ކަންކަމަށް ޚާއްސަ ޑޮކްޓަރުން ހިމެނެއެވެ. އިންޑިއާއިން ވަނީ ރާއްޖެއަށް ބޭނުންވާ ތިންމަސް ދުވަހުގެ ބޭސް ހިލޭދޭނެކަންވެސް އަންގައިފައެވެ.
ރައީސް އިބްރާހީމް މުޙައްމަދު ސާލިހު އިއްޔެ ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އަވަށްޓެރި ގައުމުތަކުން އެހީތެރިކަން ލިބޭނެކަން ވަނީ އަންގައިފައެވެ.
ރާއްޖޭގެ ތިން ރިސޯޓަކުން 9 މީހަކު މިހާތަނަށް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އެ 9 މީހުންގެ ތެރޭގައި ހިމެނެނީ ފަތުރުވެރިންނާއި ބިދޭސީ މުވައްޒަފުންނެވެ. މިހާތަނަށް އެއްވެސް ދިވެއްސަކު ކޮރޯނާއަށް ޕޮޒިޓިވް ވެފައިވާ ކަމެއް އެނގިފައެއް ނުވެއެވެ.