ސަފާރީތައް ރާއްޖޭގައި ބަނދަރު ކުރުން މަނާކޮށްފި

އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ރާއްޖެއަށް ސަފާރީތަކާއި ޔޮޓް ފަދަ އުޅަނދުފަހަރު އައުމާއި ބަނދަރުކުރުން ޑިރެކްޓަރޖެނެރަލް އޮފް ޕަބްލިކް ހެލްތު މަނާކުރައްވައިފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މިގޮތަށް ނިންމެވީ ރާއްޖެއިން ކޮވިޑް-19 ފެނި އެބަލިން ރައްކާތެރިވުމަށް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއްގެ ގޮތުގައެވެ. "އެހެން ގައުމަކުންފުރާ ޔޮޓާއި ސަފާރީ ފަދަ އުޅަނދުފަހަރު ރާއްޖެއައުމާއި ރާއްޖޭގެ އެއްވެސް ރަށެއްގައި ބަންދަރު ކުރުން މަނާ،" ޑީޖީ ސޮއި ކުރައްވައި ހެލްތު ޕްރޮޓެކްޝަން އެޖެންސީން ނެރެފައިވާ އެންގުމެއްގައި ވިދާޅުވެފައިވެއެވެ.

މި އެންގެވުން ތަންފީޒުކޮށް އެއަށް އަމަލު ކުރެއްވުމަށް އެންމެހާ އިދާރާތަކަށާއި ފަރާތްތަކަށް ޑިޖީ ވަނީ އަންގަވައިފައެވެ. "އަދި މިއެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާފިޔަވަޅުތަކާއި ދޭއިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް އެންމެހައި ފަރާތްތަކަށް އަންގަމެވެ." އޭގައި ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.