ކޮވިޑް- 19 އާ ގުޅިގެން ރާއްޖޭގެ ރިސޯރޓް ތަކަށް އަރައި ފޭބުން ދެހަފަތާއަށް މަނާކޮށްފިއެވެ. ރިސޯރޓްތަކަށް އަރައި ފޭބުން މަނާކޮށްފައިވަނީ މިއަދު ހަވީރު ހަޔަކުން ފެށިގެނެންނެވެ.
ރިސޯރޓް ތަކަށް އަރައި ފޭބުން މަނާކޮށްފައިވާ ގަޑި ނުޖެހުނަސް މިހާރުން ފެށިގެންވެސް ރިސޯރޓްތަކުގެ ދަތުރު ފަތުރު ހުއްޓާލުމަށް އެދި ވަޑައި ގަންނަވާކަމަށް ޕްރެސް ކޮންފަރެންސްގައި ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވި އެވެ.
ރިސޯރޓް ތަކަށް އަރައި ފޭބުން މަނާކޮށްފައި ވަނީ އާއްމު ޞިޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި އިޢުލާން ކޮށްފައިވުމާ ގުޅިގެން އާއްމު ޝިއްޙަތު ރައްކާތެރިކުރުމާ ބެހޭ ޤާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ޤާނޫނީ ބާރުގެ ދަށުންނެވެ.
މިއަދުގެ ޕްރެސް ކޮންފަރެންސްގައި ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވީ މިހާތަނަށް ރާއްޖޭގެ ރިސޯރޓްތަކަށާއި ޞިއްޙީ ޚިދުމަތްދޭ ތަންތަނަކަށް ކޮވިޑް 19 އާ ގުޅިގެން ގިނަ ޢަދަދެއްގެ ސާރކިއުލާތައް ވާނީ ފޮނުވިފައި ކަމަށެވެ. އެސާރކިއުލާތަކާ ޚިލާފަށް ޢަމަލުކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެކަމަށް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވިއެވެ.
މާލޭ ސަރަހައްދުގެ ސިޓީ ހޮޓާތަކާއި، ގެސްޓްހައުސްތަކާއި އެފަދަ އެހެންތަންތަން ވެސް މިރޭ 12 ގެ ފަހުން ބަންދުކުރާ ގޮތަށްވަނީ ހަމަޖެހިފައެވެ. މިވަގުތު އެތަންތާގައި ތިބި މީހުންގެ ބުކިންގެ މުއްދަތު ހަމަވަންދެން އެތާގައި ތިބުން މައްސަލައެއްނޫންކަމަށް އެޗުޕީއޭއިން ވަނީ ވިދާޅުވެފައެވެ.
ކޮވިޑް- 19 އަށް މިހާތަނަށް ރާއްޖޭގައި 10 މީހުން ވަނީ ޕޮސިޓިވް ވެފައެވެ. މިއަދު މިބައްޔަށް ޕޮސިޓިވް ވިކަމަށް އެޗްޕީއޭ އިން އިޢުލާން ކުރި މީހާއާއެކު އެންމެ ފުރަތަމަ ރާއްޖެއިން މިބަލި ފެނުނު ކުރެއްދޫ ރިސޯޓުން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ ފަހަކަށް އަރާފައެވެ.
އަލާމާތްތައް ފެނިގެން އެ ރިސޯޓުން އެންމެފަހުން އެކަހެރިކޮށް ޓެސްޓްކުރި 10 މީހުންގެ ނަތީޖާގެ ތެރެއިން ބައްޔަށް ޕޮސިޓްވީ އެކަކެވެ. އަނެއް ނުވަ މީހުންގެ ނަތީޖާ ނެގަޓިވް އެވެ.