ކޮވިޑް-19: ރިސްކު ކުޑައެއް ނޫން، ފެހި ސިގްނަލް ލިބެންދެން ކުރިއަށްދާންޖެހޭ: ޑރ. މުރާދު

ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ގެ ރިސްކު އަދިވެސް ކުޑައެއް ނޫންކަމަށް އެތެރެހަށީގެ ބަލިތަކާބެހޭ އައިޖީއެމްއެޗުގެ ޑޮކްޓަރެއް ކަމަށްވާ ޑރ. މޫސާ މުރާދު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި އޭނާ ވިދާޅުވީ މިބަލިން ރާއްޖޭގެ ރައްޔިތުން ސަލާމަތް ކުރުމަށް އަޅުއްވަމުން ގެންދަވާ ފިޔަޅުތަކަށް އަދިވެސް ގެންދަވަނީ ހަރުދަނާ ކުރައްވަމުން ކަމަށެވެ. ރާއްޖެއިން ޕޮޒިޓިވްވި 17  މީހުންގެ ތެރެއިން 13 މީހަކު މިހާރު ވަނީ ބަލިން ފަސޭހަވެފައެވެ. ދެ މީހަކު ވަނީ އެ ދެމީހުންގެ ގައުމު ކަމަށްވާ އިޓަލީއަށް ގޮސްފައެވެ. މިހާރު ފަރުދެމުން ގެންދަނީ މިބައްޔަށް މިހާތަނަށް ޕޮޒިޓިވްވި ހަމައެކަނި ދެ ދިވެހީންނަށެވެ. އެދެމީހުންގެ ޙާލުވެސް ރަނގަޅު ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ. ރާއްޖެއިން މިހާތަނަށް ފެނިފައިވާ ކޭސްތަކަކީ ބޭރުން އިމްޕޯޓުވެފައިވާ ކޭސްތަކެއް ކަމަށާއި، މުޖުތަމައުގެ ތެރެއަށް ބަލި ނުފެތުރި ހިފެހެއްޓިފައިވަނީ ޑޮކްޓަރުންނާއި އެކަމުގައި އުޅުއްވާ އެންމެންގެ ބުރަ މަސައްކަތުން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން ﷲ އަށް ޙަމްދުކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

" އަޅުގަނޑުމެންނަށް އޮތް ރިސްކް ކުޑަ ކަމަކަށް ގަބޫލެއް ނުކުރަން. ފެހި ސިގްނަލް ލިބެންދެން މިހާރުގެ ފިޔަވަޅުތަކާއެކު ކުރިއަށްދިއުމަކީ އެދޭ އެދުމެއް،" ޑޮކްޓަރ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.