ޤާނޫނާއި ޤަވާޢިދާ ޚިލާފަށް، ބެލެހެއްޓުމެއް އަދި ރިޕޯޓްކުރުމެއް ނެތި ކުރާ މަސްވެރިކަން ހުއްޓުވުމަށް ދިވެހިރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ތަޢުރީފް ކޮށްފިއެވެ.
ޤަވާޢިދާ ޚިލާފަށް ކުރާ މަސްވެރިކަން ހުއްޓުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް ރާއްޖެއަށް ތަޢުރީފް ކުރީ ޔޫރަޕިއަން ޔޫނިއަންގެ ޑިރެކްޓަރ ޖެނެރަލް އޮފް މެރިޓައިމް އެފައަރޒް އެންޑް ފިޝަރީޒް (ޑީޖީ-މާރޭ) ގެ ޤާނޫނާއި ޤަވާއިދާ ޚިލާފަށް، ބެލެހެއްޓުމެއް ނެތި އަދި ރިޕޯޓްކުރުމެއް ނެތި ކުރާ މަސްވެރިން ހުއްޓުވުމަށް މަސައްކަތްކުރާ ވަފުދު (އައި.ޔޫ.ޔޫ މިޝަން) އިންނެވެ. އެވަފުދު ރާއްޖެއަށް ޒިޔާރަތްކުރީ މިމަހު 23 އިން 25 އަށެވެ. ވަފުދުގެ ދަތުރު ނިންމަވާލެއްވުމަށްފަހު މިހާރުވަނީ ފުރައިފައެވެ. މީގެ ކުރިން އެފަދުވަނީ ރާއްޖެއަށް ތިން ފަހަރަކު ޒިޔާރަތް ކޮށްފައެވެ.
ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ އެމިމިޝަންގެ މައިގަނޑު މަޤްޞަދަކީ، ޤާނޫނާއި ޤަވާއިދާ ޚިލާފަށް، ބެލެހެއްޓުމެއް ނެތި އަދި ރިޕޯޓްކުރުމެއް ނެތި ކުރާ މަސްވެރިކަން ހުއްޓުވުމަށްޓަކައި ޔޫރަޕިއަން ޔޫނިއަންއިން އެކުލަވާލާފައިވާ [ރެގިއުލޭޝަން ޓު ޑިޓަރ އެންޑް އެލިމިނޭޓް އިލީގަލް، އަންރިޕޯޓެޑް އަންރެގިއުލޭޓެޑް އަދި ފިޝިންގް] ގެ ދަށުން އެސަރަޙައްދަށް މަސް އެކްސްޕޯޓްކުރާ ޤައުމެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއިން ތަންފީޒުކުރުން ލާޒިމްކުރާ ކަންތައްތައް ފުރިހަމަކުރަމުން ދޭތޯ ބެލުމާއި އިތުރަށް ހަރުދަނާ ކުރަން ޖެހޭކަންތައްތައް ފާހަގަކޮށް އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުން ކަމަށެވެ.
މި ދަތުރުގައި އީ.ޔޫގެ ވަފުދުން ވަނީ ފިޝަރީޒް މިނިސްޓްރީއާއެކު ޓެކްނިކަލް އިވެލުއޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. އެއަށްފަހު މިޝަންގެ ފަރާތުން ހުށަހެޅި ފައިނަލް ސްޓޭޓްމަންޓްގައި، ދިވެހިރާއްޖޭގައި ކުރެވެމުންދާ ތިމާވެއްޓާއި ރައްޓެހި ސާފު މަސްވެރިކަމަކީ ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް ބެލެހެއްޓިގެން އަދި ރިޕޯޓްކުރެވިގެން ކުރެވޭ (އައި.ޔޫ.ޔޫ ފްރީ) މަސްވެރިކަމަށް ހެދުމަށްޓަކައި ފާއިތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތައް ފާހަގަކޮށް އެކަމަށް ތަޢުރީފު ކޮށްފައިވެއެވެ. "ވަކިން ޚާއްޞަގޮތެއްގައި މަސްވެރިކަމާއި ގުޅޭ ޤާނޫނީ އޮނިގަނޑު އެކުލަވާލައި ހަރުދަނާކުރުމުގެ ގޮތުން ކޮށްފައިވާ އަދި ކުރެވެމުންދާ މަސައްކަތްތަކާއި، މަސްވެރިކަން ރާވާ ހިންގާ ބެލެހެއްޓުމުގެ ނިޒާމަށް ގެނެސްފައިވާ ހެޔޮ ބަދަލުތަކާއި ކުރިއެރުންތައް އަދި މަސްވެރިކަމުގެ ތަފާސް ހިސާބު ނަގައި ބެލެހެއްޓުމަށް ޤާއިމްކޮށްފައިވާ ޒަމާނީ ވަޞީލަތްތައް ވަފުދުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ."
އޭގެ އިތުރުން އެ ކަންތައްތައް ދަމަހައްޓައި ތަންފީޒުކުރުމަށްޓަކައި ސަރުކާރުން ކަނޑައަޅާފައިވާ ބަޖެޓާއި އިންސާނީ ވަސީލަތްތަކުން، ޕޮލިސީ ލެވަލްގައި އެ ކަންތައްތައް ތަންފީޒުކުރުމަށް ދޭ އަހައްމިޔަތުކަން ދޭހަވެގެންދާކަމުގައި އެވަފުދުން ފާހަގަ ކުރިކަމަށް ވެސް މިނިސްޓްރީން ވިދާޅުވިއެވެ. މަސްވެރިކަމުގެ އާ ޤާނޫނު މިސަރުކާރުގެ ފުރަތަމަ 12 މަސް ދުވަހުގެ ތެރޭގައި ވުޖޫދަށް ގެނައުން ފާހަގަކޮށް، ސިޔާސީ ގޮތުންވެސް މިކަމަށް ދީފައިވާ އަހައްމިއްޔަތުކަން ވެސް އެވަފުދުން ފާހަގަ ކުރި ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. އަދި މިނިސްޓްރީން ޤާނޫނާއި ގުޅޭގޮތުން އެކުލަވާލަމުންދާ ޤަވާޢިދުތައް އެކުލަވާލުމުގެ މަސައްކަތްކުރަމުންދާގޮތާއި އެމަސައްކަތް ކުރިއަށް ގެންގޮސްފައިވާ މިންވަރާއި މެދު ހިތްހަމަޖެހޭކަމަށް ވެސް ވަފުދުގެ ފަރާތުން ފާހަގަކުރި ކަމަށް ވެސް މިނިސްޓްރީން ވިދާޅުވިއެވެ.
މަސްވެރިކަމުގެ ޤާނޫނީ ފްރޭމްވޯކް އެކުލަވާލުމުގައި މަސައްކަތް ގޮސްފައިވާ މިންވަރާއި، މަސްވެރިކަމުގެ ލައިސަންސް ދިނުމާއި، މަޢުލޫމާތު ރިޕޯޓްކޮށް ރިޕޯޓްކުރުމަށް އަދި ކެޗް ސެޓްފިކޭޓް ދިނުމަށްޓަކައި އެކުލަވާލާފައިވާ ފިޝަރީޒް އިންފޮމޭޝަން ސިސްޓަމް އިތުރަށް ތަރަޤީކުރުމުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރާއި ގުޅޭގޮތުން އެ މިޝަނުން މަޝްވަރާ ކުރިއެވެ. އަދި މަސްވެރިކަމުގެ ހަރަކާތްތައް މޮނިޓަރކޮށް އުޅަނދުފަހަރު އިންސްޕެކްޓްކުރުމަށް ޤައުމީ ޕްލޭނެއް އެކުލަވާލުމާއި ގުޅޭގޮތުން ވެސް މަޝްވަރާ ކުރި ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އޭގެ އިތުރުން ޤަވާޢިދާ ޚިލާފަށް އިންޑިއާ ކަނޑުގައި ހަރަކާތްތެރިވާ ބޭރުގެ މަސްވެރި އުޅަނދުފަހަރުން ދިވެހިރާއްޖޭގެ ބަނދަރުތައް ތަފާތު ބޭނުންތަކަށް ބޭނުންކުރުން ހުއްޓުވުމަށް ބަނދަރުތަކުގައި އިތުރު ފިޔަވަޅުތައް އެޅުމާއި ގުޅޭގޮތުން ވެސް މަޝްވަރާ ކުރިއެވެ.