ތަމްރީނަށްފަހު ފީލްޑު އޮފިސަރުން ރާއްޖެ އަތުވެއްޖެ

މުޙައްމަދު އުމަރު މަނިކު ފައުންޑޭޝަންގެ އެހީގައި ހިންގި ފީލްޑް އޮފިސަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ފުރިހަމަކުރެއްވި ހަ މީހުން ތަމްރީނަށް ފަހު ރާއްޖެ އަތުވެއްޖެއެވެ.

އެ މީހުން ތަމްރީން ފުރިހަމަ ކުރައްވާފައިވަނީ އިންޑިޔާގެ ޓަމިލްނާޑޫ އެގްރިކަލްޗަރ ޔުނިވާސިޓީގައި ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ވިދާޅުވިއެވެ.

ހަ މަސްދުވަހުގެ މިކޯސް ފުރިހަމަ ކުރައްވާފައިވަނީ އެ މިނިސްޓްރީގެ މުވައްޒަފަކާއި ހއ. ކެލާ، ހދ. ނެއްލައިދޫ، ރ. ވާދު، ގއ. މާމެންދޫ އަދި ފުވައްމުލަކުން ޖުމްލަ 6 މީހެކެވެ. ކޯހުގެ ބައިވެރިންގެ ދަތުރުފަތުރާއި ހުރުމާއި ކެއުން އަދި ޔުނިވާސިޓީއަށް ކުރަންޖެހޭ އެންމެހާ ޚަރަދުތައް ކުރައްވާފައިވަނީ މުޙައްމަދު އުމަރު މަނިކު ފައުންޑޭޝަންގެ ފަރާތުންނެވެ.

މިއީ ދަނޑުވެރިކަމުގެ މަޢުލޫމާތު ވީހާވެސް ކައިރިން ދަނޑުވެރިންނަށް ފޯރުކޮށްދެވޭނެ މަގު ފަހިކުރުމަށްޓަކައި ކަމުގެ ފަންނީ މީހުން ބިނާކުރުމަށް މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ހިންގަމުން ގެންދާ ތަފާތު ޕްރޮގްރާމް ތަކުގެ ތެރެއިން އެކި ރަށްރަށުގައި ޤާއިމްވެ ތިބޭނެ ފީލްޑް އޮފިސަރުން ތަމްރީން ކުރުމަށް ހިންގި ޕްރޮގާރާމެކެވެ.

މިކޯހަކީ އިންޑިޔާގެ އުނިވާސިޓީއެއްގައި ފުރިހަމަކުރި ކޯހެއް ކަމުގައިވިޔަސް، ކޯހުގައި ކިޔަވާދެއްވި މައިގަނޑު ބައިތައް ބައްޓަންކޮށްފައިވަނީ ދިވެހި ރާއްޖޭގެ ދަނޑުވެރިންނަށް ބޭނުންވާނެ އެހީތެރިކަން ފޯރުކޮށްދިނުމަށް އެންމެ އެކަށީގެންވާ ގޮތަށް މިނިސްޓްރީގެ ޢިލްމީ އަދި ފަންނީ މުވައްޒަފުންގެ ލަފާގެ މަތީންނެވެ. އަދި މިއީ ސެޓްފިކެޓް ލެވެލް ކޯހެއް ނަމަވެސް ކޯހުގައި ކިޔަވާދެއްވާފައިވަނީ ކޮންމެ ދާއިރާއަކުންވެސް ޕީއެޗްޑީ ޙާޞިލް ކުރައްވާފައިވާ އިންޑިޔާގެ ފުންނާބު އުސް މާހިރުން ކަމަށް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މިޕްރޮގްރާމްގެ ބައިވެރިންނާ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ  ޒަހާ ވަޙީދާއި ޔުނިވާސަލް ފައުންޑޭޝަންގެ އިސް ބޭފުޅުން މިއަދު ވަނީ ބައްދަލު ކުރައްވާފައެވެ. މިބައްދަލު ކުރެވުމުގައި ކޯހާއި ގުޅޭ ކުރު ޕްރެޒެންޓޭޝަނެއް ބައިވެރިންގެ ފަރާތުން ވަނީ ހުށަހަޅާދެއްވާފައެވެ. މިކޯހަކީ ގިނަ އަދަދެއްގެ ތިއަރީ އަދި ޕްރެކްޓިކަލް ކްލާސްތަކުގެ އިތުރުން ތަޖުރިބާ ދަތުރުތަކުން މުއްސަނދިވެފައިވާ ކޯހެއްކަން އެ ޕްރެޒެންޓޭޝަނުން އެނގިގެން ދިޔަ ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

 ކޯސް ނިމިގެންދިޔައިރު ބައިވެރިން ވަނީ ދިވެހި ދަނޑުވެރިން އާންމުކޮށް ތަޖުރިބާ ކުރަމުން އަންނަ ތަފާތު ބަލިތައް ތިމާވެއްޓާއި ރައްޓެހި އުކުޅުތައް ބޭނުންކޮށްގެން ކޮންޓްރޯލް ކުރަން ދަސްކޮށްފައެވެ. އަދި ހަމައެއާއެކު ދަނޑުވެރި ރަށްރަށުގެ ފެންފަށަލައަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުން ރައްކާތެރިވެ ތިބުމަށް، އެންމެ އެކަށީގެންވާ ގޮތެއްގައި ފެނުގެ ވަޞީލަތް މެނޭޖްކޮށް ބަލަހައްޓާނެ ގޮތްތަކާއި، ފަސް ގަނޑުގެ މުއްސަނދިކަން ދެމެހެއްޓުމަށް ކުރަންޖެހޭ ކަންކަމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެފަދަ ޖަޒީރާ ޤައުމެއްގެ ދަނޑުވެރިކަމަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ވީހާވެސް ކުޑަވާނެހެން މަސައްކަތްތައް ބައްޓަން ކުރާނެ އުކުޅުތައް ބައިވެރިން ވަނީ ވަރަށް ރަނގަޅަށް ދަސްކޮށްފައި ކަމަށް ވެސް މިނިސްޓްރީން ވިދާޅުވިއެވެ.

މިކޯހުން ލިބުނު މައުލޫމާތާއި ހުނަރުގެ ބޭނުން ފުރިހަމަޔަށް ހިފައިގެން ދަނޑުވެރިންނަށް ޚިދުމަތް ކުރުމުގައި ނަމޫނާ ދައްކައިދީ ދަނޑުވެރިކަމުގެ ސިނާޢަތު އިތުރު ހަރުފަތަކަށް ގެންދިއުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގައި ހުރިހާ ބައިވެރިންގެ ފުރިހަމަ އެއްބާރުލުން ދެއްވުމަށް މި ބައްދަލުވުމުގައި މިނިސްޓަރ ޒަހާ ވަނީ އެދިވަޑައިގެންފައެވެ.

މިކޯހަކީ މުޙައްމަދު އުމަރު މަނިކު ފައުންޑޭޝަންގެ ދީލަތި އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ކޯހެއް ކަމަށާއި އެތަނުން ދަނޑުވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކޮށް އެ ފައުންޑޭޝަންގެ ޗެއަރމަން މުޙައްމަދު އުމަރު މަނިކަށް މިނިސްޓަރ ޒަހާވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ކޯހުގެ ބައިވެރިންނަށް އެ ފައުންޑޭޝަންއިން ކުރެއްވީ ބޭކާރު ޚަރަދަކަށް ވިޔަ ނުދެއްވާނެ ކަމަށާއި މިނިސްޓްރީން ހިންގާ އެކި ޕްރޮގްރާމްތަކުގައި އެކުދިންގެ ބޭނުން ހިފަމުން ގެންދާނެ ކަމުގެ ޔަޤީންކަން މިނިސްޓަރ މިއަދު ވަނީ ދެއްވާފައެވެ. ހަމަ އެފަދައިން  ކޯސް ފުރިހަމަކޮށް ރާއްޖެ އައިސް ކައުންސިލްތަކާއި ގުޅިވަޑައިގަންނަވާ، ނުވަތަ ރަށްރަށަށް އެނބުރި ވަޑައިގަންނަވާ ކުދިންގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިއްޕެވުމަށާއި އެކުދިންނާއި ދަނޑުވެރިން ގުޅުވައިދިނުމަށް ކައުންސިލްތަކަށް މިނިސްޓަރ ވަނީ ޚާއްޞަ އިލްތިމާސެއް ކުރައްވާފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.