ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ބާއްވައިިފި

ރައީސް އަބްދުﷲ ޔާމީން

ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ މައްޗަށް ކުރައްވާފައިވާ ފަސް އަހަރުގެ ޖަލުޙުކުމާބެހޭ އިސްތިއުނާފީ އަޑު އެހުމެއް ހައިކޯޓުގައި މިއަދު ބާއްވައިފިއެވެ.

މަނީލްޑަރ ކުރުމުގެ މައްސަލަ އެމަނިކުފާނުގެ މައްޗަށް ސާބިތުކުރެވި ކްރިމިނަލް ކޯޓުން ވަނީ އެމަނިކުފާނު 5 އަހަރަށް ޖަލަށް ލެއްވުމަށް ޙުކުމް ކުރައްވައިފައެވެ. އެމަނިކުފާނު މިހާރު ގެންދަވަނީ މާފުށީ ޖަލުގައި ޙުކުމް ތަންފީޒު ކުރައްވަމުންނެވެ. ފަސް އަހަރުގެ ޙުކުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުން އެމަނިކުފާނު ވަނީ ޖޫރިމަނާ ވެސް ކުރައްވައިފައެވެ.

މީގެ ކުރިން ވެސް މިމައްސަލައިގެ ދެ އަޑުއެހުމެއް ވަނީ ބާއްވައިފައެވެ. އެތަނުން އެއް އައަޑު އެހުމެއްގައި ރައީސް ޔާމީން ވިދާޅުވެފައިވަނީ ޖަލުގައި ހުންނަވައިގެން ޖޫރިމަނާ ގެ ފައިސާ އިންތިޒާމް ކުރައްވަން ނުވަތަ ހޯއްދަވަން ދަތިފުޅު ކަމަށެވެ.  މިއަދުގެ އަޑުއެހުން ބާއްވާފައިވަނީ 1:00 ގައެވެ.

އެންމަފަހުން ބޭއްވި އައްޑުއެހުމުގައި ކޯޓުންވަނީ ރައީސް ޔާމީން އެދިވަޑައިގެންނެވި ގޮތަށް ޙުކުމް ތަންފީޒު ކުރުން ފަސްކުރެވެންނެތް ކަމަށާއި އަދި ކަފާލާތުގެ ދަށުން ދޫކޮށްލެވެންނެތް ކަމަށް ޙުކުމްކުރައްވައިފައެވެ.

މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ އެމަނިކުފާނުގެ ދިފާޢުގައި 75 ނުކުތާއެއް ފާހަގަކޮށް ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅުއްވަން މަސައްކަތް ކުރައްވައިފައެވެ. އެހެންނަމަވެސް އެ ޕޮއިންޓްތައް ހުށަހަޅައި ނިމުމުގެ ކުރީން ވަގުތު ހަމަވުމުން ޝަރީޢަތްވަނީ ހުއްޓާލައްވައިފައެވެ.

ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލަ ބައްލަވަމުން ގެންދަވަނީ ހައިކޯޓުގެ ތިން ފަނޑިޔާރެއްގެ ބެންޗަކުންނެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން އެމަނިކުފާނުގެ ޤާނޫނީ ވަކީލުން ހުށަހެޅުއްވި ނުކުތާތަކުގެ ތެރޭގައިވަނީ އެމަނިކުފާނަށް ޙުކުމްކުރެއްވި ބެންޗުގައި ހިމެނިވަޑައިގެންނެވި އިސްގާޒީ ޢަލީ ރަޝީދު ގެ ޢަދުލުވެރިކަމާމެދު ސުވާލު އުފައްދަވައިފައެވެ. އަދި އެމައްސަލަ ބެއްލެވި ބެންޗު އޭނާ އެކުލަވާލެއްވީ ވެސް ޤާނޫނާ ޚިލާފަށް ކަމަށް ފާހަގަކުރައްވާފައިވެއެވެ. އެ ނުކުތާއަކީ ކުރިމިނަލް ކޯޓުގައި ވެސް ރައީސް ޔާމީންގެ ފަރާތްޕުޅުން ނެންގެވި ނުކުތާއެކެވެ. އެކަމާމެދު އެމައްސަލަ ބެއްލެވި ބެންޗުން ނިންމެވީ ބެންޗު އެކުލަވާލައްވާފައިވަނީ ރަނގަޅަށް ކަމަށެވެ. އެމަނިކުފާނުގެ ފަރާތްޕުޅުން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ މައްޗަށް ކުށްސާބިތު ކުރުމުގައި، އެމަނުކުފާނު ކުށްކުރި ތަނަކާއި ވަގުތެއް ވެސް ބުނެފައި ނުވާކަމަށެވެ. އަދި ކުށަކީ ކޮބައިކަންވެސް ދައުކަތަށް ބުނެދެވިފައި ނުވާކަމަށެވެ. ހައިކޯޓަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި ގިނަ ނުކުތާއަކީ ކްރިމިނަލް ކޯޓުގައި ޝަރީޢަތް ހިނގަމުންދިޔާއިރު ވެސް ފާހަގަކުރެއްވި ނުކުތާތަކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.