ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ޙުކުމް އިއްވުމަށް ކްރިމިނަލް ކޯޓުގައި މިއަދަށް ތާވަލް ކޮށްފައިވާ ޝަރީޢަތް މަޑުޖައްސާލަންއެދި ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ކްރިމިނަލްކޯޓަށް ހުށަހަޅައިފިއެވެ.
ޝަރީޢަތް މަޑުޖައްސާލަން އެދުނުއިރު ރައީސް ޔާމީންގެ ފަރާތްޕުޅުން އިއްޔެވަނީ އެމަނިކުފާނުގެ މައްސަލަ ބެލުމަށް އެކުލަވާލައްވައިފައިވާ ފަނޑިޔާރުންގެ ބެންޗުގެ މައްސަލާގައި ސްޕްރީމްކޯޓަށް މައްސަލައެއް ވައްދައިފައެވެ.
އެމަނިކުފާނުގެ ޤާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙުމަދު ވިދާޅުވެފައިވަނީ އެމަސައްލަ ކޯޓަށް ވެއްދީ ބެންޗުއެކުލަވާލައިފައިވަނީ ކޯޓުތަކުގެ ޤާނޫނާ ޚިޅާފަށް ކަމަށްވާތީއެވެ. ފަނޑިޔާރުންގެ ބެންޗު އެކުލަވާލަންވާނީ ފަނޑިޔާރުންގެ ބެންޗަކުން ކަމަށާއި އެހެންނަމަވެސް އެބެންޗު އެކުލަވާލައްވައިފައިވަނީ ކްރިމިނަލްލޯޓު ހިންގެވުން ވަގުތީ ގޮތުން ޙަވާލު ކުރައްވާފައިވާ ފަނޑިޔާރު ޢަލީ ރަޝީދު ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އަމިއްލައަށް ބެންޗު އެކުލަވާލައި އަދި އެ ބެންޗުގައި ޢަލީ ރަޝީދު އަމިއްލައަށް އިންނެވުމަކީ ޤާނޫނީ މައްސަލައެއް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ޔާމީނަށް ހުކުމް އިއްވުމުގެ ޝަރީއަތް ތާވަލް ކޮށްފައި ވަނީ މިއަދު މެންދުރު 1:30 އަށެވެ. ޑރ. ޖަމީލް އަހްމަދު ވިދާޅުވީ ރައީސްޔާމީނަށް ޙުކުމް އިއްވާ ޝަރީޢަތުގެ އަޑު އެހުން މަޑުޖައްސާލަން އެދުނީ އެފަދަ އިޖުރާއީ މައްސަލަތަކެއް ހުރެގެން ކަމަށެވެ. އިއްޔެ ސްޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވާތީ ކްރިމިނަލް ކޯޓުގެ މިއަދުގެ ޝަރީޢަތް ކުރިއަށް ގެންދިއުމަކީ އުސޫލީ ހަމައެއްނޫންކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ. އެހެންނަމަވެސް ކްރިމިނަލް ކޯޓުން ވެސް އަދި ސްޕްރީމް ކޯޓުން ޖަވާބެއް ލިބިފައި ނުވާކަމަށް ވިދާޅުވިއެވެ.