
ދިވެހިރާއްޖެއާއި އިންޑިއާ ދެމެދުއޮތް ގުޅުން ރައީސް ޔާމީންގެ ވެރިކަމުގައި ހީނަރުވުމަށްފަހު މިހާރު އަލުން ބަދަހިވަމުން އަންނަނީ ދެ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމުގެ ވިސްނުމުގެތެރެއިން ކަމަށް ރާއްޖޭގެ ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އިމްރާން އަބްދުﷲ އެހެން ވިދާޅުވީ އިންޑިއާގެ ހޯމް މިނިސްޓަރ އަމިތު ޝާހުގެ ދައުވަތަކަށް މިއަދު އިންޑިއާއަށް ފުރާވަޑައިގެނެވުމުކުރިންނެވެ. ހޯމް މިނިސްޓްރީން އާއްމުކޮށްފައިވާ ޓުވީޓުކޮށްފައިވާ ވީޑިއޯ އިންޓަވިއުއެއްގައި މިނިސްޓަރު އިމްރާން ވިދާޅުވީ ރާއްޖެއާއި އިންޑިއާ ދެމެދު އަބަދުވެސް އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށެވެ. އެ ގައުމަކީ އެކިކަންކަމުގައި ޒަމާނުއްސުރެން ރާއްޖެއަށް އެހިވާ ޤައުމެއް ކަމަށް ވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ. އަދި ރާއްޖޭގެ ދާޚިލީ ސަލާމަތަށް ވެސް އިންޑިއާއިން އެހީދެއްވާ ކަމަށް ވިދާޅުވިއެވެ.
މި ދަތުރުފުޅުގައި މިނިސްޓަރ ޢިމްރާން އިންޑިއާގެ ހޯމް މިނިސްޓަރާ ބައްދަލުކުރައްވާނެއެވެ. މިދަތުރުފުޅުގައި ދެގައުމުގެ ކަނޑުގެ ސަލާމަތީ ކަންކަމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރައްވާނެއެވެ.
މިދަތުރުފުޅުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި ސްޓޭޓު މިނިސްޓަރ އޮފް ހޯމް އެފެއާޒު ޢަލީ ނަޒީރު ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ. މިދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށްވެއެވެ.