
ރާއްޖޭގެ ހޯމް މިނިސްޓަރު އަދި ޢަދާލަތު ޕާޓީގެ ރައީސް އައްޝައިޚް ޢިމްރާން ޢަބްދުﷲ މެލޭޝިއާގެ ވެރިކަންކުރާ ކޯލިޝަންގެ ލީޑަރު އަންވަރު އިބްރާހީމާ ބައްދަލު ކުރައްވައިފިއެވެ.
ޢިމްރާން، އަންވަރާ ބައްދަލުކުރެއްވީ އެމަނިކުފާނު މިހާރު މެލޭޝިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ.

ޢަދަލާތު ޕާޓީން ވިދާޅުވެފައިވަނީ މި ބައްދަލުވުމުގައި ދެބޭފުޅުންވަނީ ދީނީ ޙަރަކާތްތަކަށް މިހާރު ދިމާވަމުންދާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފައި ކަމަށެވެ. އަދި ދެ ޤައުމަށް ފައިދާހުރި ކަންކަމަށް ގުޅިގެން މަސައްކަތް ކުރެއްވުމަށް ވެސް ދެބޭފުޅުން އެއްބަސްވެ ވަޑައިގެންނެވި ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ޝައިޚް ޢިމްރާނާ ބައްދަލުވެ ވަޑައިގެންނެވުމުން އުފާފުޅު ކުރައްވާ ކަމަށް ވެސް އަންވަރު ވިދާޅުވި ކަމަށް ޢަދާލަތުގެ ޓްވީޓުގައި ވެއެވެ. އަދި ޝައިޚް ޢިމްރާނަށާއި، ދިވެހިރާއްޖެއަށް ހެޔޮއެދުންތައް ރައްދުކުރެއްވި ކަމަށް ވެސް ޢާދާލަތު ޕާޓީން ވިދާޅުވެފައިވެއެވެ.